ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ.ތިނަދޫ ގެ ފަޅުގައި އުޅަނދުފަހަރު އެޅުމަށް ފައްތިޔާ ދޫކުރުމުގެ އުޞޫލް

ގދ.ތިނަދޫ ގެ ފަޅުގައި އުޅަނދުފަހަރު އެޅުމަށް ފައްތިޔާ ދޫކުރުމުގެ އުޞޫލް

ތަޢާރަފް:

މިއީ ޤާނޫނު ނަންބަރު 07/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫން) ގެ 151 ވަނަ މާއްދާއިން ކައުންސިލަށް ލބިދޭ ބާރުގެ ދަށުން، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ މަޝްވަރާއާއިއެކު އެމާއްދާގެ (އ) ގެ ދަށުން ކައުންސިލުން އެކުލަވާލައިފައިވާ ކަނޑުތޮށީގައްޔާއި އެއްގަމުތޮށީގައި އުޅނަދުފަހަރު އެއްސުމާއި، ފަޅުތެރޭގައި އުޅަނދުފަހަރު ދުއްވުމާއި، އެޅުމާއި އެކަންކަމަށް ފީ ނެގުމާއިބެހޭ ޤަވާޢިދުގެ 12 ވަނަ މާއްދާ އަށް ރިޢާޔަތްކޮށް ގދ.ތިނަދޫ ފަޅުތެރޭގައި  / އެއްގަމު ތޮށީގައި ފައްތިޔާ އަޅައިގެން އުޅަނަދު ފަހަރު އެޅުމުގެ ހުއްދަދިނުމުގައި ޢަމަލުކުރާނެ ގޮތްތައް ބަޔާންކޮށްފައިވާ އުޞޫލެވެ.

  1. ފައްތިޔާ  އަލަށް ދޫކުރުމަށް ތިނަދޫ ކައުންސިލުން އިޢުލާންކުރާ ތާރީޚުގެ ކުރިން ފަޅުގައި ފައްތިޔާ އަޅައިފައިވާ އުޅަނދު ފަހަރު ތަކުގެ ތެރެއިން އެއުޅަނދެއް އެޅުމަށް ކަޑައެޅިފައިވާ ޞަރަޙައްދުގެ ތެރޭގައި (ކުރިން ކައުންސިލް އިދާރާއާއި މަޝްވަރާކުރެވިގެން) ފައްތިޔާ އަޅައިފައިވާ އުޅަނަދުފަހަރަށް އެއުޅަނދުފަހަރު އަޅައިފައިވާ ފައްތިޔާގައި ބޭއްވުމުގެ ފުރުޞަތު އެފަރާތްތަކަށް ދެވޭނެއެވެ. ނަމަވެސް އެފަދަ ފަރާތްތަކުންވެސް މިހާރުއެޅިފައިވާ ފައްތިޔާގައި އުޅަނދުބޭއްވުމަށްޓަކައި އަލަށް ފައްތިޔާފަޅުހުއްދަ ދޫކުރާ ތާރީޚުން ފެށިގެން ފައްތިޔާ ފަޅުހުއްދައަށް އެދެންވާނެއެވެ. އަދި ކަޑައެޅިފައިވާ ގޮތުގެ މަތިން ފައްތިޔާ ފަޅުހުއްދައަށް ދައްކަންޖެހޭ ފައިސާ ދައްކަންވާނެއެވެ.
  2. މިއުޞޫލުގެ 01 ވަނަ ނަންބަރުގައި ބަޔާން ކޮށްފައިވާ ފަރާތްތައް ފިޔަވައި މިހާރު ފައްތިޔާ އަޅާއިފައިވާ ޞަރަޙައްދު ބަދަލުކުރަންޖެހޭ ފަރާތްތަކައި އަލަށް ކަޑައެޅޭ ޞަރަޙައްދުތަކުގައި ފައްޔިޔާ އެޅުމުގެ ހުއްދައަށް އެދޭ ފަރާތްތަކަށް ފައްތިޔާ އެޅަންޖެހޭ ތަން ކަޑައަޅާނީ ޤުރުއަތުލައިގެންނެވެ.
  3. ފަޅުތެރޭގައި ނުވަތަ އެއްގަމު ތޮއްޓަށް ވާއައްސާ ގޮތަށް އުޅަނދުފަހަރު ފަޅުގައި ވަކިތަނެއްގައި ނުވަތަ ދާއިމީ ކޮށް ވަކިތަނެއްގައި އެޅުމަށް ބޭނުންވާ ފަރާތްތަކުން އެފަދަ އުޅަނަދުތައް އެޅުމަށް ފައްތިޔާ ކުއްޔަށް ނަގަންވާނެއެވެ.
  4. ފައްތިޔާ ކުއްޔަށް ދޫކުރެވޭނީ ޢާއްމު ގޮތެއްގައި ރަށުގައި ދުއްވާ ނުވަތަ ކަޑައެޅިފައިވާ ދުވަސްތަކެއްގައި ފަޅުގައި އަޅާ އުޅަނދު ފަހަރަށެވެ.
  5. ފައްތިޔާ ކުއްޔަށް ދޫކުރެވޭނީ ފައްތިޔާ ފަޅުހުއްދަ އަށް އެދޭ ފޯރމް ތިނަދޫ ކައުންސިލް އިދާރާއަށް ހުށަހެޅުމުންނެވެ.
  6. ފައްތިޔާ ކުއްޔަށް ކުއްޔަށް ދޫކުރެވޭނީ 02 އަހަރު ދުވަހުގެ މުއްދަތަކަށެވެ.
  7. ފައްތިޔާ ފަޅުހުއްދަ ދޫކުރެވިފައިވާ މުއްދަތު ހަމަވުމުގެ 10 ދުވަސް ކުރިން ފައްތިޔާގެ މުއްދަތު އައުކުރުމަށް ތިނަދޫ ކައުންސިލް އިދާރާއަށް ހުށަހަޅުއްވަންވާނެއެވެ.
  8. އެއްވެސް ސަބަބަކާހުރެ ފައްތިޔާގެ މުއްދަތު ހަމަވުމުގެ ކުރިން ފައްތިޔާ ކުއްޔަށް ހިފާފައިވާ ފަރާތުން ފައްތިޔާ ދޫކޮށްލަން ބޭނުންވެޖެނަ ފައްތިޔާއަށް ދައްކާފައިވާ ފައިސާއެއް އަބުރާނުލިބޭނެއެވެ.
  9. ފައްތިޔާ ކުއްޔަށް ހިފާފައިވާ ފަރާތުން ފައްތިޔާ އިތުރު ފަރާތަކަށް ކުއްޔަށް ދޫކުރުމަކީ މަނާކަމެކެވެ. އަދި އެފަދަކަމެއް ފައްތިޔަ ކުއްޔަށް ހިފާފައިވާ ފަރާތަކުން ކޮށްފިނަމަ އެފަރާތެއް މިއުޞޫލާއި ޚިލާފްވިކަމަށް ބަލައި) އެފަރާތަކާއިމެދު ފިޔަވަޅުއެޅޭނެއެވެ.
  10. ފައްތިޔާގެ މުއްދަތު ހަމަވުމުގެ 10 ދުވަހުގެ ކުރިން ފައްތިޔާފަޅު ހުއްދަ އައު ކުރުމަށް ހުށަހަޅައިފައިނުވާނަމަ މުއްދަތު ހަމަވުމަށްފަހު އެފައްތިޔާފަޅުހުއްދައިގެ މުއްދަތު އެފަރާތައް އިތުރުކޮށްދެވޭނީ (ފައްތިޔާއެޅުމުގެ ޖާގަނެތްނަމަ) ފައްތިޔާ ފަޅުހުއްދައަށް އެދޭ އިތުރު ފަރާތެއް ނެތްކަމުގައިވާނަމައެވެ. އިތުރުފަރާތެއް ނުވަތަ އިތުރު ފަރާތްތަކެއް ފަޅުހައްދައަށް އެދޭނަމަ ފައްތިޔާ ފަޅުހުއްދަ ދޫކުރެވޭނީ އެކަމަށް އެދޭ ފަރާތްތަކަށް ފުރުޞަތު ހުޅުވާލުމަށްފަހު އެކަމަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅާ ހުށަހެޅުންތަކަށް ބެލުމަށްފަހު ފައްތިޔާފަޅުހުއްދަ ދިނުމަށް ބޮޑަށް އިސްކަންދޭންޖެހޭ ފަރާތެއް ކަޑައެޅުމަށްފަހު އެފަރާތަކަށެވެ.
  11. ފައްތިޔާ ފަޅު ހުއްދަ ދޫކުރެވޭ ފަރާތްތަކަށް ތިނަދޫ ކައުންސިލް އިދާރަގެ ފަރާތުން ފައްތިއާ އަޅައިދެވޭނެއެވެ. އަދި އަމިއްލައަށް ފައްތިޔާ އަޅަންބޭނުންވާ ފަރާތްތަކަށް ކައުންސިލް އިދާރާގެ މަޝްވަރާއާއި އެކު ފައްތިޔާ އެޅުމުގެ ހުއްދަ ދެވިދާނެއެވެ.
  12. ފައްތިޔާ  ދޫކުރެވޭނީ އެކަމަށް ކަޑައެޅިފައިވާ ފީއެއް ތިނަދޫ ކައުންސިލް އިދާރާއަށް ދެއްކުމުންނެވެ.
  13. ފައްތިޔާ  ލިބިގެން ފަޅުގައި އަޅައިފައިހުންނަ އުޅަނދުފަހަރަށް " ޤާނޫނު ނަންބަރު 07/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫން) ގެ 151 ވަނަ މާއްދާއިން ކައުންސިލަށް ލބިދޭ ބާރުގެ ދަށުން، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ މަޝްވަރާއާއިއެކު އެމާއްދާގެ (އ) ގެ ދަށުން ކައުންސިލުން އެކުލަވާލައިފައިވާ ކަނޑުތޮށީގައްޔާއި އެއްގަމުތޮށީގައި އުޅނަދުފަހަރު އެއްސުމާއި، ފަޅުތެރޭގައި އުޅަނދުފަހަރު ދުއްވުމާއި، އެޅުމާއި އެކަންކަމަށް ފީ ނެގުމާއިބެހޭ ޤަވާޢިދުގައި" ލާޒިމްކުރާ އެއްވެސް ކަމަކުން އިސްތިސްނާ ނުވާނެއެވެ. 
  14. ފައްތިޔާ ދޫކުރެވިފައިވާ އެއްވެސް ފަރާތަކުން " ޤާނޫނު ނަންބަރު 07/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫން) ގެ 151 ވަނަ މާއްދާއިން ކައުންސިލަށް ލބިދޭ ބާރުގެ ދަށުން، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ މަޝްވަރާއާއިއެކު އެމާއްދާގެ (އ) ގެ ދަށުން ކައުންސިލުން އެކުލަވާލައިފައިވާ "ކަނޑުތޮށީގައްޔާއި އެއްގަމުތޮށީގައި އުޅނަދުފަހަރު އެއްސުމާއި، ފަޅުތެރޭގައި އުޅަނދުފަހަރު ދުއްވުމާއި، އެޅުމާއި އެކަންކަމަށް ފީ ނެގުމާއިބެހޭ ޤަވާޢިދު" އާއި ޚިލާފް ވާނަމަ އެޤަވާޢިދުގައި ކަޑައެޅިފައިވާ ޖޫރިމާނާކުރުމާއި އެކު އެކަން ތަކުރާރު ވާނަމަ އެފަރާތަކަށް ދޫކުރެވިފައިވާ ފައްތިޔާ ފަޅުހުއްދަ ބާޠިލްކުރުމުގެ އިޚްތިޔާރު ތިނަދޫ ކައުންސިލަށް ލިބިގެންވެއެވެ. އަދި މިގޮތަށް ފައްތިޔާ ހުއްދަ ބާޠިލްކުރެވިއްޖެނަމަ ފައްތިޔާ ފަޅުހުއްދަ އަށް ދައްކައިފައިވާ ފައިސާ (ފައްތިޔާ ފަޅުހުއްދައިގެ މުއްދަތު ހަމަނުވިޔަސް) އެފަރާތަކަށް އަބުރާ ނުލިބޭނެއެވެ.
  15. ފައްތިޔާ ދޫކުރުމުގެ އުޞޫލާއި އެއްވެސް ފަރާތަކުން ޚިލާފުވެއްޖެނަމަ އެފަރާތަކަށް ފުރަތަމަ ފަހަރު ނަސޭހަތް ދެވޭނެއެވެ. އަދި އެކަން ތަކުރާރުވެއްޖެނަމަ 500.00 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. އަދި 03 ވަނަ ފަހަރަށް ޤަވާޢިދާއި ޚިލާފުވެއްޖެނަމަ 1000.00 ރުފިޔާ އިން ޖޫރިމަނާ ކުރެވޭނެވެ. 
  16. ފައްތިޔާ ދޫކުރެވޭ ފަރާތްތކާއިއެކު ތިނަދޫ ކައުންސިލް އިދާރާއިން އެއްބަސްވުމެއް އެކުލަވާލެވޭނެއެވެ. ފައްތިޔާ ފަޅުހުއްދައަށް އެދޭ ފަރާތްތަކަށް އެހުއްދަ ލިބިގެންދާނީ އެއްބަސްވުމުގައި ސޮއި ކުރުމަށްފަހުގައެވެ.
  17. ފައްތިޔާތަކަށް އަގުނެގުން:
    • އުޅަނދުގެ ދިގުމިނުގެ ކޮންމެ ފޫޓަކަށް 25 ލާރި (ދުވާލަކަށް)
  18. ފައްތިޔާ އަށް ފީނެގޭނީ މަދުވެގެން 01 އަހަރު ދުވަހުގެ މުއްދަށެވެ.
  19. މިއުޞޫލަށް ޢަމަލުކުރަންފަށާ ދުވަހުން ފެށިގެން މިއުޞުލާއި ޚިލާފްވާ ފަރާތްތަކާއިމެދު ތިރީގައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅޭނެއެވެ.
  • ޖޫރިމާ:
    • ފުރަތަމަ ފަހަރަށް  500.00 ރުފިޔާ
    • 02 ވަނަ ފަހަރަށް 1000.00 ރުފިޔާ
    • އިތުރުވާ ކޮންމެ ފަހަރަކަށް 1500.00 ރުފިޔާ

 

  • މިއުޞޫލަށް ޢަމަލު ކުރަންފަށާނީ މިއުޞޫލް ގެޒެޓްކުރާ ދުވަހުން ފެށިގެންނެވެ.

 

18 އޮކްޓޫބަރު 2018
ހޯދާ