މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންޝަން ސްކީމްގެ ގަވާއިދަށް އިޞްލާޙު ގެނައުމާގުޅޭ

ނޫސްބަޔާން

ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންޝަން ސްކީމްގެ ގަވާއިދަށް އިޞްލާޙު ގެނައުމާ ގުޅޭ

ގަވާއިދު ނަންބަރު R-20/2014 (12 މާރިޗު 2014)  (ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންޝަން ސްކީމްގެ ގަވާއިދު) އަށް އެއްވަނަ އިޞްލާޙު ގެނެސް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށް 23 އޮކްޓޫބަރު 2016 މި ތާރީޚުން ފެށިގެން މި އިޞްލާޙަށް މިހާރު ވާނީ ޢަމަލުކުރަން ފަށާފައެވެ. އެގޮތުން އެ ގަވާއިދުގެ 31 ވަނަ މާއްދާއާއި 34 ވަނަ މާއްދާގެ ދަށުން ކުރަމުން އައި ޖޫރިމަނާތަކުގެ އަދަދުތައް މިހާރު ވާނީ ކުޑަކުރެވިފައެވެ.

މި އިޞްލާޙުގެ މަޤުޞަދަކީ އެކިއެކި ސަބަބުތަކާހުރެ، މި ސްކީމުގައި ބައިވެރިނުވެ ތިބި ފަރާތްތައް ސްކީމުގައި ބައިވެރިވުމަށް ހުރި ދަތިތަކަށް އިދާރީ ގޮތުން ލުޔެއް ދިނުމެވެ. މިކަމުގެ ސަބަބުން މިހާތަނަށް ސްކީމުގައި ބައިވެރިނުވެ ތިބި ފަރާތްތަކަށް ސްކީމުގައި ބައިވެރިވުމަށް ހިތްވަރު ދީ، ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ އެންމެހައި މުވައްޒަފުންނަކީ ވެސް މި ސްކީމުން ފައިދާ ލިބެމުންދާ މުވައްޒަފުން ކަމުގައި ވުމަށް ބާރަކަށްވެގެން ދިޔުމެވެ. ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންޝަން ސްކީމުގައި ބައިވެރިނުވާ ފަރާތަކުން ބައިވެރިނުވެ ފާއިތުވެގެންދާ ކޮންމެ މަހަކަށް ނެގުމަށް ހަމަޖެހިފައިވަނީ -/500 (ފަސް ސަތޭކަ) ރުފިޔާއެވެ. ނަމަވެސް، މިހާރު ގަވާއިދަށް މިގެނެވުނު އިޞްލާޙާ ގުޅިގެން ވަޒީފާދޭ ފަރާތްތައް މި ސްކީމުގައި ބައިވެރިނުވާ ނަމަ، ޖޫރިމަނާ ގޮތުގައި ނެގޭނީ ޖުމުލަ -/500 ރުފިޔާއެވެ. މީގެ އިތުރުން ވަޒީފާ ދޭ ފަރާތުން މި ގަވާއިދުގެ ދަށުން ބަލަހައްޓަންޖެހޭ ރެކޯޑުތައް ބަލަހައްޓަމުން ގެންގޮސްފައި ނުވާތީ، ކުރިން ޖޫރިމަނާ ކުރެވެމުން ދިޔަ އަދަދަށް ވެސް ވަނީ ބަދަލު ގެނެވިފައެވެ. މިގޮތުން ކުރިން ޖޫރިމަނާ ކުރެވުނީ ކުށުގެ ކުޑަބޮޑު މިނަށް ބަލައި، -/500 ރުފިޔާއާއި -/50,000 (ފަންސާސް ހާސް) ރުފިޔާ ދެމެދު އަދަދެވެ. ނަމަވެސް، މިގެނެވުނު އިޞްލާޙާ ގުޅިގެން ވަޒީފާ ދޭ ފަރާތް މިހާރު ޖޫރިމަނާ ކުރެވޭނެ ޖުމުލަ އަދަދަކީ -/1,000 (އެއްހާސް) ރުފިޔާއެވެ.

ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންޝަން ސްކީމުގެ ގަވާއިދަށް އިޞްލާޙު ގެނެސް އެ ގަވާއިދުގެ ދަށުން ކުރެވޭ ބައެއް ޖޫރިމަނާތައް ކުޑަކުރެވިފައިވީނަމަވެސް މިކަމުގެ ސަބަބުން މި ސްކީމުގެ ބައިވެރިން ކަމުގައިވާ ވަޒީފާ އަދާކުރާ ފަރާތްތަކަށް އެކަމުގެ އެއްވެސް ގެއްލުމެއް ލިބެމުންނެއް ނުދާނެއެވެ. އެފަރާތްތަކަށް ޙައްޤުވާ މަންފާ އެފަރާތްތަކަށް މިހާރުވެސް ލިބެމުންދާ ގޮތުގެ މަތީން ބަރާބަރަށް ލިބެމުންދާނެއެވެ.

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހަކީ، ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުން ބާރު ލިބިގެން 2009 ވަނަ އަހަރު އުފައްދާފައިވާ މުއައްސަސާއެކެވެ. މި އޮފީހުގެ މައިގަޑު މަޤުޞަދަކީ:

- ޕެންޝަން ސްކީމުތައް ބެލެހެއްޓުމާއެކު ދެމެހެއްޓެނިވި ގޮތެއްގައި ޕެންޝަން ސްކީމުގެ ބައިވެރިންނަށް މަންފާ ކުރަނިވި ނިޒާމެއްގެ ތެރެއިން ޕެންޝަން ފޯރުކޮށްދީ، ދުޅަހެޔޮ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރުމެވެ.

19 މުޙައްރަމް 1438

20 އޮކްޓޫބަރު 2016
ހޯދާ