އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ބައި-އިލެކްޝަން

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ބައި-އިލެކްޝަން – 13 ޖޫން 2015

ރައްޔިތުންގެ މަޖިލީހުން ހުސްވެފައިވާ ދިއްގަރު ދާއިރާގެ ގޮނޑިއަށް މެންބަރަކު އިންތިޚާބު ކުރުމަށް ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ބައި-އިލެކްޝަން، 2015 ޖޫން 13 ވާ ހޮނިހިރުދުވަހު ބާއްވާގޮތަށް ހަމަޖައްސައިފީމެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޤާނޫނުގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މިދަންނަވާ ޝަރުޠުތައް ފުރިހަމަވާ ފަރާތްތަކުންކުރެ، ރައްޔިތުންގެ މަޖިލީހުން ހުސްވެފައިވާ ދިއްގަރު ދާއިރާގެ ގޮނޑިއަށް ކުރިމަތިލުމަށް އެދޭ މީހުންނަށް، 2015 އެޕްރީލް 15 ވާ ބުދަދުވަހުގެ ހެނދުނު 8:00 ން ފެށިގެން، 2015 އެޕްރީލް 28 ވާއަންގާރަ ދުވަހުގެ ހަވީރު 3:00 އާ ހަމަޔަށް އެ ފުރުޞަތު ހުޅުވާލައިފީމެވެ.

1. ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޤާނޫނުގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލާ މީހެއްގައި އަންނަނިވި ޝަރުޠުތައް ފުރިހަމަވާންވާނެއެވެ.

(ހ)

  1. ދިވެހިރައްޔިތަކަށްވުން.
  2. ބޭރު ޤައުމެއްގެ ރައްޔިތަކަށް ނުވުން.
  3. މުސްލިމަކު ކަމުގައި ވުމާއި، ސުންނަތް ޖަމާޢަތުގެ މީހަކު ކަމުގައިވުން.
  4. އުމުރުން 18 (އަށާރަ) އަހަރުވެފައިވާ މީހަކު ކަމުގައިވުން.
  5. ބުއްދި ހަމައަށް ހުރި މީހަކު ކަމުގައިވުން.

(ށ) ބޭރު ޤައުމެއްގެ ރައްޔިތަކު ދިވެހި ރައްޔިތަކަށް ވެފައިވާނަމަ، އެމީހަކަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ކުރިމަތިލެވޭނީ، އެމީހަކު ދިވެހިރައްޔިތަކަށްވީތާ 5 (ފަހެއް) އަހަރު ފުރުމަށްފަހުއެވެ. އަދި އެ މީހަކީ ދިވެހިރާއްޖޭގައި ދިރިއުޅެމުންދާ މީހަކުކަމުގައިވާންވާނެއެވެ.

(ނ) އަންނަނިވި ޙާލަތްތަކުންކުރެ ޙާލަތެއްގައިވާ މީހަކަށް މި އިންތިޚާބުގައި ބައިވެރިއެއް ނުވެވޭނެއެވެ.

  1. އަދާކުރާންޖެހޭސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، ޙުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުންނުދާ މީހަކު ކަމުގައިވުން
  2. ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ 12 (ބާރަ) މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ޙުކުމެއް ތަންފީޛުކުރަމުންދާ މީހަކު ކަމުގައިވުން.
  3. ޖިނާއީކުށެއް ކުރިކަން ސާބިތުވެ 12 (ބާރަ) މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ޙުކުމެއް ކުރެވިފައިވާ މީހަކު ނަމަ، އެ ޙުކުމެއް ތަންފީޛުކޮށް ނިމުނުތާ، ނުވަތަ އެ ޙުކުމުން ކަނޑައެޅުނު އަދަބު މަޢާފުކުރެވުނުތާ 3 (ތިނެއް) އަހަރު ނުވާ މީހަކު ކަމުގައިވުން.
  4. ފަނޑިޔާރަކު ކަމުގައިވުން.

2. ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލުމަށް އެދޭމީހާ، އިންތިޚާބަށް ކުރިމަތިލުމަށް އެދޭއިރު، އަންނަނިވި ލިޔުންތަކާއި ތަކެތި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ވާނެއެވެ.

1.

ފުރިހަމަ ނަން

2.

އުފަން ތާރީޚު

3.

ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު (ދިވެހިރައްޔިތެއްކަން އަންގައިދޭ މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ސާފު ފޮޓޯކޮޕީއަކާއެކު)

4.

ދާއިމީ އެޑްރެސް (އަތޮޅާއި ރަށާއި އެޑްރެސް، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގައިވާގޮތަށް)

5.

މިހާރު ދިރިއުޅޭ އެޑްރެސް (އަތޮޅާއި، ރަށާއި، އެޑްރެސް، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގައިވާގޮތަށް)

6.

ވޭތުވެދިޔަ 5 އަހަރުދުވަހުގެ ތެރޭގައި ދައުލަތުގެ އެއްވެސް ވަޒީފާއެއް އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި ތަންތަނުގެ ނަމާއި މަޤާމުތަކުގެ ނަން

7.

އިންތިޚާބަށް ކުރިމަތިލުމަށް އެދޭ މީހާއަށް ފޮނުވަންޖެހޭ ލިޔެކިޔުންތައް ފޮނުވާނެ ރަސްމީ އެޑްރެސް (ގުޅޭނެ ފޯނު ނަންބަރު، އީމެއިލް އެޑްރެހާއެކު)

8.

ކުރިމަތިލާ މީހާގެ އީމެއިލް އެޑްރެސް

9.

ޕާސްޕޯޓް ސައިޒުގެ 1 ފޮޓޯ (ކުލަ)

10.

ސިޔާސީ ޕާޓީއެއްގެ ފަރާތުން ކުރިމަތިލާނަމަ އެމީހަކު ތަމްސީލުކުރާ ސިޔާސީ ޕާޓީގެ ނަން

11.

އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 25 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ފުރިހަމަވާ، އެމީހެއްގެ ރަސްމީ އިންތިޚާބީ އޭޖެންޓުގެ ނަމާއި، ދާއިމީ އެޑްރެހާއި، ފޯނު ނަންބަރު، އަދި އީމެއިލް އެޑްރެސް

12.

ރަސްމީ އިންތިޚާބީ އޭޖެންޓުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު (ދިވެހިރައްޔިތެއްކަން އަންގައިދޭ މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ސާފު ފޮޓޯކޮޕީއަކާއެކު)

13.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލާ މީހުން ދައްކަންޖެހޭ -/5،000 (ފަސް ހާސް) ރުފިޔާގެ ޑިޕޮޒިޓް ފައިސާ (ނަގުދު ފައިސާއިން ނުވަތަ ބޭންކުން ގެރެންޓީކޮށްފައިވާ ޗެކަކުން)

14.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ސިޔާސީ ޕާޓީއެއްގެ ފަރާތުން ފިޔަވައި، އަމިއްލަގޮތުން ކުރިމަތިލާ މީހެއްނަމަ، އެމީހަކު ކުރިމަތިލުމަށް އެދި ހުށަހަޅާ އިންތިޚާބީ ދާއިރާއެއްގެ ޢުމުރުން 18 އަހަރު ފުރިފައިވާ މީހުންކުރެ މަދުވެގެން 50 (ފަންސާސް) މީހުން އެމީހަކަށް ތާއީދުކުރާކަން އަންގައިދިނުމުގެ ގޮތުން އެމީހުންގެ ފުރިހަމަ ނަމާއި، ދާއިމީ އެޑްރެހާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރާއި، ސޮއި، ހިމެނޭ ލިޔުން

15.

ސިޔާސީ ޕާޓީއެއްގެ ފަރާތުން ކުރިމަތިލާނަމަ އެމީހަކު ތަމްސީލުކުރާ ސިޔާސީ ޕާޓީން އެކަން ކަށަވަރުކޮށްދޭ އެ ޕާޓީގެ ޤަރާރު

16.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލާ މީހާއަކީ ސުންނަތް ޖަމާޢަތުގެ މީހެއްކަމުގެ އިޤްރާރު

17.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލާ މީހާއަކީ ބޭރުޤައުމެއްގެ ރައްޔިތެއް ނޫން ކަމުގެ އިޤްރާރު

18.

އަމިއްލަގޮތުން ކުރިމަތިލާ މީހެއްނަމަ، އެކަން ބަޔާންކޮށް އެ މީހާ ހުށަހަޅާ އިޤްރާރު. (އިންތިޚާބަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމުގައިވާ)

19.

އެމީހެއްގެ ރަސްމީ އިންތިޚާބީ އޭޖެންޓްގެ ގޮތުގައި ހުށަހަޅާފައިވާ މީހާ އެކަން ޤަބޫލުކޮށްފައިވާކަމުގެ އިޤްރާރު.

20.

އެމީހަކު އެ އިންތިޚާބުގައި ޚާއްޞަ ލޯގޯ/ނިޝާނެއް ބޭނުންކުރުމަށް ގަސްދުކުރާނަމަ އެ ނިޝާން/ލޯގޯ

21.

އެމީހަކު ވޯޓުކަރުދާހުގައި ޚާއްޞަ ލޯގޯ/ނިޝާނެއް ބޭނުންކުރުމަށް ގަސްދުކުރާނަމަ އެ ނިޝާން/ލޯގޯ

 (ކަޅާއި ހުދުން "x 2ފ"2 ސައިޒުގައި)

22.

ބޭރު ޤައުމެއްގެ ރައްޔިތަކު ދިވެހި ރައްޔިތަކަށް ވެފައިވާނަމަ، އެމީހަކު ދިވެހިރައްޔިތަކަށްވީތާ 5 (ފަހެއް) އަހަރު ވެފައިވާ ކަން އަންގައިދޭ ކަމާބެހޭ ރަސްމީ ފަރާތުގެ ލިޔުން.

23.

މި އިޢުލާންގެ 1 ވަނަ ނަންބަރުގެ (ނ) ގައި ބަޔާންކޮށްފައިވާ ޙާލަތެއްގައިވާ މީހެއްނޫންކަން ސާބިތުކޮށްދިނުމަށްޓަކައި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުންނާއި މޯލްޑިވްސް ކަރެކްޝަނަލް ސާރވިސަސްއިން ފުރިހަމަކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލާ މީހުންގެ ދަރަނީގެ ރެކޯޑާއި ކުށުގެ ރެކޯޑު ސާފުކޮށްފައިވާ ފޯމު.

24.

އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 25 ވަނަ މާއްދާގެ (ށ) ގެ 3 ގައި ބަޔާންކޮށްފައިވާ ޙާލަތެއްގައިވާ މީހެއްނޫންކަން ސާބިތުކޮށްދިނުމަށްޓަކައި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ފުރިހަމަކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލާ ކެންޑިޑޭޓުގެ ރަސްމީ އިންތިޚާބީ އޭޖެންޓުގެ ދަރަނީގެ ރެކޯޑު ސާފުކޮށްފައިވާ ފޯމު.

25.

މި އިޢުލާނުގެ 1 ވަނަ ނަންބަރުގެ (ނ) ގެ 3 ގައި ބަޔާންކޮށްފައިވާ ޙާލަތެއްގައިވާ މީހެއްނޫންކަން ސާބިތުކޮށްދިނުމަށްޓަކައި، ޖުޑީޝަލް ސަރވިސް ކޮމިޝަނުން ދޫކޮށްފައިވާ ފަނޑިޔާރެއް ނޫން ކަމުގެ ލިޔުން.

26.

ސީޑީ (ކެންޑިޑޭޓުގެ ޕާސްޕޯޓް ސައިޒުގެ ކުލަފޮޓޯއާއި، އިންތިޚާބުގައި ނިޝާނެއް/ލޯގޯއެއް ބޭނުންކުރާނަމަ އެ ނިޝާނެއް/ލޯގޯ، ވޯޓު ކަރުދާހުގައި ނިޝާނެއް/ލޯގޯއެއް ބޭނުންކުރާނަމަ، އެ ނިޝާނެއް/ލޯގޯގެ ސޮފްޓް ކޮޕީ (JPEG ފޯމެޓުގައި)، އަދި އަމިއްލަގޮތުން ކުރިމަތިލާ މީހެއްނަމަ، ތާއީދު އޮތްކަން ހާމަކުރާ 50 މީހުންގެ ފުރިހަމަނަމާއި، ދާއިމީ އެޑްރެސް އަދި އައިޑީ ކާޑުނަންބަރު (އެކްސެލް ފޯމެޓްގައި، ތާނައިން)

ރައްޔިތުންގެ މަޖިލީހުން ހުސްވެފައިވާ ދިއްގަރު ދާއިރާގެ ގޮނޑިއަށް މެންބަރަކު އިންތިޚާބުކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކަށް އެޕްލިކޭޝަން ފޯމު ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ، 2015 އެޕްރީލް 15 ވާ ބުދަ ދުވަހުގެ ހެނދުނު 8:00 ން ފެށިގެން، 2015 އެޕްރީލް 28 ވާ އަންގާރަ ދުވަހުގެ ހަވީރު 3:00 އާ ހަމަޔަށް އިލެކްޝަންސް ކޮމިޝަންގެ 5 ވަނަ ފަންގިފިލާއިންނެވެ. ސަރުކާރުގެ ރަސްމީ ބަންދު ދުވަސް ފިޔަވައި، އެހެން ދުވަސް ދުވަހު ފޯމު ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހެނދުނު 8:00 ން ހަވީރު 3:00 އާ ހަމަޔަށެވެ. ރަސްމީ ބަންދު ދުވަސް ދުވަހު ފޯމު ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ މެންދުރުފަހުގެ 2:30 ން ހަވީރު 4:30 އަށެވެ. ފޯމު ހިފައިގެން އަންނަނީ ކުރިމަތިލާ މީހާ ނޫން އެހެން މީހެއްނަމަ، ފޯމު ހިފައިގެން އަންނަ މީހެއްގެ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއްގެ އަސްލު ގެންނަންވާނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ގޮނޑިއަށް މެންބަރަކު އިންތިޚާބުކުރުމަށް ބާއްވާ ބައި-އިލެކްޝަންގެ ވޯޓު ނެގުމަށް ހަމަޖައްސާފައިވަނީ، 2015 ޖޫން 13 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 ން ހަވީރު 4:00 އަށެވެ. އަދި ވޯޓު ގުނަން ފަށާނީ ހަމަ އެދުވަހު ވޯޓު ނަގާ ނިމޭތާ 30 (ތިރީސް) މިނެޓުގެ ފަހުންނެވެ. މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާން ކުރުމަށް ހަމަޖެހިފައިވަނީ، 2015 ޖޫން 16 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:30 ގައެވެ.

ރައްޔިތުންގެ މަޖިލީހުގެ ބައި-އިލެކްޝަނަށް ކުރިމަތިލުމަށް އެދޭ މީހުން ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމާއި، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް މި ކޮމިޝަނުން ލިބެން ހުންނާނެއެވެ. އަދި މިކޮމިޝަންގެ ވެބްސައިޓް www.elections.gov.mv އިން ފޯމު ޑައުންލޯޑު ކުރެވޭނެ ވާހަކަވެސް ދެންނެވީމެވެ.

20 ޖުމާދަލްއާޚިރާ 1436

09 އޭޕްރިލް 2015
ހޯދާ