އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
މޮނިޓަރުންނަށްވުމަށް ފުރުޞަތު ހުޅުވާލުން

މޮނިޓަރުންނަށްވުމަށް ފުރުޞަތު ހުޅުވާލުން

ރ. އަލިފުށި ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު އިންތިޚާބުކުރުމަށްޓަކައި، 4 އެޕްރީލް 2015 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ބައި އިލެކްޝަންގެ ވޯޓު ނެގުމާއި، ވޯޓު ގުނުމުގެ ކަންތައްތައް މޮނިޓަރކުރުމަށް ޝައުޤުވެރިވާ ރަޖިސްޓަރީކޮށްފައިވާ ނޫސް މަޖައްލާތަކާއި، ނޫސް އޭޖެންސީތަކަށް 2015 މާރިޗު 8 ވާ އާދީއްތަ ދުވަހުގެ ހެނދުނު 8:00 ން ފެށިގެން 2015 މާރިޗު 23 ވާ ހޯމަ ދުވަހުގެ ހަވީރު 15:00 އާ ހަމަޔަށް އެ ފުރުޞަތު ހުޅުވާލައިފީމެވެ.

މި އިންތިޚާބު މޮނިޓަރކުރުމުގެ ހުއްދަ ދެވޭނީ އަންނަނިވި ޝަރުޠު ފުރިހަމަވާ ފަރާތްތަކަށެވެ. 

  1. އުމުރުން 18 އަހަރު ފުރިފައިވާ މީހެއްކަމުގައި ވުން.
  2. ޖިނާއީ ކުށެއްގައި ޙުކުމް ތަންފީޒު ކުރެވެމުންދާ މީހެއްކަމުގައި ނުވުން.
  3. އިލެކްޝަންސް ކޮމިޝަނުން ޤަބޫލުކުރާ ޚަބަރު ފަތުރާ ވަސީލަތެއްގައި މަސައްކަތްކުރާ މީހަކު ކަމުގައިވުން.
  4. މި އިންތިޚާބުގެ މަސައްކަތެއްގައި އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ހަވާލުވެގެން ހުރި މީހެއްކަމުގައި ނުވުން.

ވޯޓު ނެގުމާއި ވޯޓު ގުނުމުގެ ކަންތައްތައް މޮނިޓަރކުރުމަށް ޝައުޤުވެރިވާ ރަޖިސްޓަރީކޮށްފައިވާ ނޫސް މަޖައްލާތަކާއި ނޫސް އޭޖެންސީތަކުން އިލެކްޝަންސް ކޮމިޝަނުން އެކަމަށް ކަނޑައަޅާފައިވާ އެޕްލިކޭޝަން ފޯމާއި އިޤުރާރު ފުރިހަމަ ކުރުމަށްފަހު، އެ ތަކެތި ސީދާ އިލެކްޝަންސް ކޮމިޝަންގެ އިދާރާއަށް ހުށަހަޅަން ވާނެއެވެ. އެޕްލިކޭޝަން ފޯމު ހުށަހަޅާއިރު، އެ ނޫސް މަޖައްލާއެއް ނުވަތަ އޭޖެންސީއެއްގެ ފަރާތުން ހުށަހަޅާ ފޯމުގެ އަދަދު ބަޔާންކޮށް އިލެކްޝަންސް ކޮމިޝަންގެ އިދާރާއަށް ސިޓީއެއް ހުށަހަޅަންވާނެއެވެ.

ވޯޓު ނެގުމާއި، ވޯޓު ގުނުމުގެ ކަންތައްތައް މޮނިޓަރކުރުމަށް ޝައުޤުވެރިވާ ރަޖިސްޓަރީކޮށްފައިވާ ނޫސް މަޖައްލާތަކާއި ނޫސް އޭޖެންސީތަކަށް ފާސްދޫކުރެވޭނީ ބަހައްޓާ ވޯޓު ފޮށީގެ އަދަދަށްވުރެ ދިހަ އިން ސައްތަ އިތުރުނުވާ ގޮތެއްގެ މަތީންނެވެ.

ރ. އަލިފުށި ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު އިންތިޚާބުކުރުމަށް ބާއްވާ ބައި އިލެކްޝަން މޮނިޓަރ ކުރުމަށް އެދޭ ފަރާތްތަކުން ފުރިހަމަކުރަންޖެހޭ އެޕްލިކޭޝަން ފޯމާއި، އިޤުރާރު އިލެކްޝަންސް ކޮމިޝަންގެ އިދާރާއިންނާއި ރ. އަލިފުށި ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި، އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުން (www.elections.gov.mv)  ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ. އެޕްލިކޭޝަން ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2015 މާރިޗު 8 ވާ އާދިއްތަ ދުވަހުން ފެށިގެން ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 ން ހަވީރު 15:00 އަށެވެ. އަދި އެޕްލިކޭޝަން ފޯމު ބަލައިގަތުމުގެ ސުންގަޑިއަކީ 2015 މާރިޗު 23 ވާ ހޯމަ ދުވަހުގެ ހަވީރު 15:00 އަށެވެ.

އެއްވެސް ފޯމެއްގައި ފުރިހަމަ ކުރަންޖެހޭ ބައެއް ފުރިހަމަ ނުވެ ހުރިނަމަ ނުވަތަ އެ ފޯމާއެކު ހުށަހަޅަންޖެހޭ އެއްވެސް އެއްޗެއް މަދުނަމަ އެފޯމެއް ބާޠިލު ކުރެވޭނެއެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

13 ޖުމާދަލްއޫލާ 1436

04 މާރިޗު 2015
ހޯދާ