މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
ރާއްޖެއަށް ސައިކަލު އެތެރެކުރާ ފަރާތްތަކުގެ ސަމާލުކަމަށް

އުފެއްދި ތާރީޚުން ފެށިގެން 3 އަހަރަށްވުރެ އިތުރުވެފައިވާ މޮޓޯ ސައިކަލާއި އޮޓޯ ސައިކަލް އަދި ބޭނުންކޮށްފައި ހުންނަ މޮޓޯ ސައިކަލާއި އޮޓޯސައިކަލްގެ ތެރެއިން އިންޖީނު ކެޕޭސިޓީ 150 ކޮޑި ސެންޓިމީޓަރުން ފެށިގެން ދަށުގެ އުޅަނދަކީ ރަޖިސްޓަރީ ކޮށްނުދެވޭނެ އުޅަނދުކަމަށާއި މިގޮތުން ރާއްޖެއަށް އެތެރެކޮށްގެން ނުވާނެ އުޅަނދުކަމަށް ޤާނޫނު ނަންބަރު 5/2009 (އެއްގަމު ދަތުރުފަތުރުގެ ޤާނޫނު) ގެ ދަށުން އެކުލަވާލައި 6 މޭ 2009 ދުވަހު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައިވާ "އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓަރީކުރުމުގެ ގަވާއިދު" އާއި، 28 ސެޕްޓެންބަރު 2009 ދުވަހު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައިވާ "އެއްގަމު އުޅަނދުގެ ރޯޑްވާދިނަސް ޓެސްޓު ހެދުމުގެ ގަވާއިދު" ގައި ބަޔާންކޮށްފައިވެއެވެ.

ރާއްޖޭގެ ޤާނޫނުތަކާއި ނުވަތަ ގަވާއިދުތަކާ ޚިލާފު އެންމެހައި މުދަލާއި ތަކެތި ރާއްޖެއަށް އެތެރެވޭތޯ ބެލުމާއި އެފަދަ ތަކެތި އެތެރެވިޔަނުދީ ބެލެހެއްޓުމަކީ ކަސްޓަމްސްގެ މަސްއޫލިއްޔަތެއްކަމަށްވާތީ، އިސްވެ ދެންނެވުނު އެއްގަމު އުޅަނދާބެހޭ ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ ކަންކަން ހަނދުމަފުޅުކޮށް އަރުވަމެވެ. އަދި ރާއްޖެއަށް ސައިކަލް ގެންނަވާ ފަރާތްތަކުން، އެތަކެތި ރާއްޖެއަށް އެތެރެކުރެއްވުމުގެ ކުރިން އެތަކެއްޗަކީ އިސްވެ ދެންނެވުނު ޤަވާޢިދުތަކުގައިވާ މިންގަނޑުތަކާ ޚިލާފުނުވާ ތަކެތިކަން ކަށަވަރު ކުރެއްވުމަށްވެސް އިލްތިމާސްކުރަމެވެ. 

18 ރަމަޟާން 1435

16 ޖުލައި 2014
ހޯދާ