މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް
ދިވެހިރާއްޖެ
މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކްގެ ރަޖިސްޓްރީ ބާޠިލްކުރަން ނިންމުން

އިޢުލާން

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކްގެ ރަޖިސްޓްރީ ބާޠިލްކުރަން ނިންމުން

 

ޤާނޫނު ނަންބަރު 1/2003 (ޖަމްޢިއްޔާތަކާބެހޭ ޤާނޫނު) ގެ ދަށުން ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށް ހިންގަމުންދާ ޖަމްޢިއްޔާއެއް ކަމަށްވާ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް އިން “Preliminary Assessment on Radicalization in Maldives”  ގެ ނަމުގައި ޝާއިޢުކޮށްފައިވާ ރިޕޯޓުގައި އިސްލާމް ދީނާ ޚިލާފް ވާހަކަތަކެއް ހުރިކަމަށާއި އިސްލާމް ދީނަށް ފުރައްސާރަކޮށްފައިވާ ކަމަށް ތުހުމަތުކޮށް މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން އެ ޖަމްޢިއްޔާ ވަނީ 10 އޮކްޓޯބަރ 2019 ވަނަ ދުވަހު ވަގުތީގޮތުން ސަސްޕެންޑް ކުރެވިފައެވެ.

ބުނެވިދިޔަ މައްސަލައިގައި މޯލްޑިވްސް ޕޮލިސް ސަރވިސް އާއި އަދި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އާއި ކަމާ ގުޅުންހުރި އެހެނިހެން ފަރާތްތަކާއި ގުޅިގެން ކުރެވުނު މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން މި މިނިސްޓްރީއަށް ކަށަވަރުވެފައި ވަނީ ޙަވާލާދީފައިވާ ރިޕޯޓުގައި އިސްލާމްދީނުގެ އަސްލުތަކާ ޚިލާފު ވާހަކަތަކެއް ހުރިކަމެވެ. އެހެންކަމުން ޤާނޫނު ނަންބަރު: 1/2003 (ޖަމްޢިއްޔާތަކާބެހޭ ޤާނޫނު) ގެ 19 ވަނަ މާއްދާގެ (ހ) އަދި (ށ) އާ ޙަވާލާދީ އެ ޤާނޫނުގެ 32 ވަނަ މާއްދާގެ ދަށުން، މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކްގެ ރަޖިސްޓްރީ ބާޠިލްކުރުމަށް ނިންމައި، އެކަން 05 ނޮވެމްބަރ 2019 ދުވަހު މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް އަށް ވަނީ އެންގިފައެވެ. އަދި މި ޖަމްޢިއްޔާ އުވާލުމަށްޓަކައި، މިޖަމްޢިއްޔާގެ ދަރަންޏާ މުދަލުގެ އެންމެހައި ކަންކަން ހަމަޖެއްސުމަށް، ޤާނޫނު ނަންބަރު: 1/2003 (ޖަމިއްޔާތަކާބެހޭ ޤާނޫނު) ގެ ދަށުން ހަދާފައިވާ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން 45 ދުވަހުގެ މުއްދަތެއް އެފަރާތަށް ދެވިފައިވާ ވާހަކަ، ޢާންމުކޮށް އަންގައި އިޢުލާނުކުރަމެވެ.  

8 ރަބީޢުލް އައްވަލް 1441

05 ނޮވެންބަރު 2019
ހޯދާ