މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ވަގުތީ ވެޓެރިނަރީ ކްލިނިކެއް ހުޅުވުމާ ގުޅޭ

      ޕެޓްގެ ގޮތުގައި އޮޅުކޮށްގެން ގޭތެރޭގައި ދިރޭ ޖަނަވާރު ގެންގުޅުމަކީ ވަރަށް ހަލުވި ދުވެއްޔެއްގައި ދުނިޔޭގެ ހުރިހާ ޤައުމެއްގައިވެސް ކުރިއަރަމުން އަންނަ މަސައްކަތެކެވެ. މިގޮތުން، ޕެޓްގެ ގޮތުގައި ބުޅާ، ދޫނި ފަދަ ދިރޭ ޖަނަވާރު ގެންގުޅުމަކީ ދިވެހިރާއްޖޭގައިވެސް ގިނަ ޢަދަދެއްގެ ޒުވާނުން ޝައުޤުވެރިކަމާއެކު ކުރަމުން އަންނަ، އަދި ހަލުވިކަމާއެކު ފުޅާވަމުންދާ މަސައްކަތަކަށްވާތީ، މިފަދަ ޖަނަވާރަށް ކުރިމަތިވާ ޞިއްޙީ ބައެއް މައްސަލަތައް ޙައްލުކޮށްދިނުމަށްޓަކައި ޖަނަވާރު ގެންގުޅޭ ފަރާތްތަކުގެ އެދުމުގެ މަތިން މިމިނިސްޓްރީގައި މަސައްކަތްކުރާ ވެޓެރިނޭރިއަން މެދުވެރިކޮށް މޯބައިލް ވެޓެރިނަރީ ސާވިސްގެ ނަމުގައި ޖަނަވާރު ގެންގުޅޭ ގޭގެއަށް ގޮސް ފަރުވާދެމުން ގެންދާތާ އަހަރުތަކެއް ވެއްޖެއެވެ. 

      ނަމަވެސް އެފަދަ ޖަނާވާރުތަކަށް ފަރުވާދިނުމުގައި ގޭގެއަށް ގޮސް ސާޖަރީތައް ހެދުމަކީ، ޞިއްޙީ މިންގަނޑުތަކަށް ނުފެތޭ ކަމަކަށްވާތީ، ގޭގޭގައި މިކަން ކުރެވޭކަށް ނޯވެއެވެ. މީގެއިތުރުން މިފަދަ ސާޖަރީތައް ހަދާއިރު ޖަނަވާރު ހޭނައްތަން ނުވަތަ އައްސިކުރަން ބޭނުންކުރަންޖެހޭ ބޭސް އަމިއްލަގޮތުން ގެންގުޅުމަކީ ކަމާގުޅުންހުރި ޤަވާޢިދުތައް ހުއްދަކުރާ ކަމަކަށް ނުވާތީ މިފަދަ ބޭސް ބޭނުންކުރަންޖެހޭ ސާޖަރީތައްވެސް  ކުރެވޭކަށް ނޯވެއެވެ. މިގޮތުން ޞިއްޙީ މިންގަނޑުތަކުން ބަލާއިރު މިފަދަ ސާޖަރީތައް ކުރަންވާނީ މިކަންކުރުމަށް ޚާއްޞަކޮށްފައިވާ ތަންތަނުގައެވެ. އަދި ހޭނެއްތުމަށާއި އައްސިކުރުމަށް ބޭނުންކުރާ ބޭސްތައް ޤަވާޢިދުން ގެންގުޅެވޭނީ ރަޖިސްޓަރީކޮށްފައިވާ ކްލިނިކެއްގައެވެ.

      މިގޮތުން، މާލޭގައި މިޚިދުމަތް ދެވޭނެ ގޮތެއް މިހާތަނަށްވެސް ނެތުމާ ގުޅިގެން މިމިނިސްޓްރީން މިހާރު ނިންމާފައިވަނީ ވިލިމާލޭގައި މިމިނިސްޓްރީގެ ނަމުގައި ހުންނަ ޢިމާރާތެއްގައި ޕެޓް ޖަނަވާރުތަކަށް މިފަދަ ފަރުވާތައް ދެވޭނެ ކްލިނިކެއް ޤާއިމުކޮށް ވަރަށް އަވަހަށް ޚިދުމަތް ދިނުމަށް ފެއްޓުމަށެވެ.

      ވީމާ، ޕެޓް ޖަނަވާރު ގެންގުޅޭ ފަރާތްތަކާއި، ޚާއްޞަކޮށް މި މިނިސްޓްރީން ފޯރުކޮށްދޭ މޯބައިލް ވެޓެރިނަރީގެ ޚިދުމަތް މިހާރުވެސް ލިބިގަންނަމުންދާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި މިވާހަކަ ދެންނެވީމެވެ.

19 ރަޖަބް 1439

5 އެޕްރިލް 2018

08 އޭޕްރިލް 2018
ހޯދާ