މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
އިމްޕޯޓް ޑިއުޓީ މަޢާފުކޮށްފައިވާ އިންޖީނުއަޅާ އުޅަނދުފަހަރުގެ އޮޑިވެރިން އެ އުޅަނދުފަހަރާމެދު ޢަމަލުކުރަންޖެހޭ އުސޫލު

މަސްވެރިކަމުގެ މަސައްކަތަކީ ގިނަ ފަރާތްތަކެއް އާމްދަނީ ހޯދުމަށް ކުރާ މަސައްކަތަކަށްވެފައި މިޞިނާޢަތަށް ވަންނަން ބޭނުންވާ ފަރާތްތަކަށް ލުޔެއް ދިނުމާއި މަސްވެރިކަމުގައި ޙަރަކާތްތެރިވާ ފްލީޓްގެ އަދަދު އިތުރުކުރުމާއި،  މަސްވެރިކަމުން ރާއްޖޭގެ އިޤްތިޞާދަށް ލިބޭ އާމްދަނީ އިތުރުކުރުމަށް،  އުޅަނދު ބަންނަ ފަރާތްތަކުން ކުރާ ހޭދަ ކުޑަކުރުމަށް އިންޖީނުގެ އަގުގެ އިތުރުން އިމްޕޯޓް ޑިއުޓީގެގޮތުގައި ދައުލަތަށް ދައްކާ  %20 މަޢާފުކޮށްދިނުމެވެ.

އިމްޕޯޓް ޑިއުޓީ މަޢާފުކޮށްފައިވާ އިންޖީނުއަޅާ އުޅަނދުފަހަރުގެ އޮޑިވެރިން އެ އުޅަނދުފަހަރާމެދު  ޢަމަލުކުރަންޖެހޭ އުސޫލު

1-  އިމްޕޯޓް ޑިއުޓީ މަޢާފުކޮށްފައިވާ އިންޖީނެއް އަޅަންވާނީ އިންޖީނުގެ ޑިއުޓީ މަޢާފުކޮށްދިން މީހާގެ ނަމުގައި ޓްރާންސްޕޯޓް އޮތޯރިޓީގައި ރަޖިސްޓަރީކޮށް،  މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުގައި މަސްވެރިކަމަށް  ބޭނުންކުރާ އުޅަނދެއްގެ ގޮތުގައި ރަޖިސްޓަރީ ކޮށް ނުވަތަ މަސްވެރިކަންކުރުމުގެ  ލައިސަންސް ނަގާފައިވާ އުޅަނދުފަހަރަށެވެ.

2-   އަލަށް ބަންނަ އުޅަނދެއްގައި އެޅުމަށް ޑިއުޓީ މަޢާފުކޮށްގެން ރާއްޖެއެތެރެކުރާ  އިންޖީނު، ޑިއުޓީ މަޢާފުކޮށްދޭތާ  01 އަހަރު ދުވަހުގެ ތެރޭގައި ދޯނި ބަނދެ ނިންމުމަށްފަހު އިންޖީނު އަޅައި ޓްރާންސްޕޯޓް އޮތޯރިޓީގައި ކަނޑު އުޅަނދެއްގެ ގޮތުގައި ރަޖިސްޓަރީކުރުމަށްފަހު،  މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުގައި މަސްވެރިކަމަށް  ބޭނުންކުރާ އުޅަނދެއްގެ ގޮތުގައި ރަޖިސްޓަރީކޮށް ނުވަތަ މަސްވެރިކަންކުރުމުގެ  ލައިސަންސް ނަގަންވާނެއެވެ.

3-   ބަނދެ ނިންމާފައިވާ އުޅަނދެއްގައި އަޅަން ޑިއުޓީ މަޢާފުކޮށްގެން ރާއްޖެ އެތެރެކުރާ އިންޖީނެއް ނަމަ އިންޖީނުގެ ޑިއުޓީ މަޢާފުކުރާތާ އެއްމަސް ދުވަހުގެ ތެރޭގައި އެ އިންޖީނު އަޅައި ޓްރާންސްޕޯޓް އޮތޯރިޓީގައި ކަނޑު އުޅަނދެއްގެ ގޮތުގައި ރަޖިސްޓަރީކުރުމަށްފަހު،  މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުގައި މަސްވެރިކަމަށް  ބޭނުންކުރާ އުޅަނދެއްގެ ގޮތުގައި ރަޖިސްޓަރީކޮށް ނުވަތަ މަސްވެރިކަންކުރުމުގެ  ލައިސަންސް ނަގަންވާނެއެވެ.

4-   ޑިއުޓީ މަޢާފުކުރުމަށްފަހު އިންޖީނު އަޅާފައިވާ އުޅަނދު ޓްރާންސްޕޯޓް އޮތޯރިޓީގައި ކަނޑު އުޅަނދެއްގެ ގޮތުގައި ރަޖިސްޓަރީކުރުމަށް ފަހު،  މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުގައި މަސްވެރިކަމަށް  ބޭނުންކުރާ އުޅަނދެއްގެ ގޮތުގައި ރަޖިސްޓަރީކޮށް ނުވަތަ މަސްވެރިކަންކުރުމުގެ  ލައިސަންސް ނަގައި، މަސްވެރިކަމަށް ރަޖިސްޓަރީކޮށް ނުވަތަ  މަސްވެރިކަމުގެ ލައިސަންސް ނަގާ ދުވަހުން ފެށިގެން 05 އަހަރު  މަސްވެރިކަން ނޫން އެހެން  އާމްދަނީއެއް ލިބޭކަމެއް އެ އުޅަނދުގައި ކޮށްގެންނުވާނެއެވެ.

5-  މިއެއްބަސްވުމުގެ 04 ވަނަ ނަންބަރުގައިވާ މުއްދަތު ހަމަވުމުގެ ކުރިން، އިންޖީނުގެ އިމްޕޯޓް ޑިއުޓީ މަޢާފުކޮށްފައިވާ އިންޖީނެއް އަޅާފައިވާ އުޅަނދެއް ނުވަތަ އެ އިންޖީނެއް ވިއްކާލަން އެދޭނަމަ ނުވަތަ މިމާއްދާގެ 01 ވަނަ ނަންބަރުގައިވާ ފަރާތްނޫން އެހެން ފަރާތަކަށް އެ އުޅަނދުގެ ނުވަތަ އެ އިންޖީނުގެ މިލްކުވެރިކަން ބަދަލުކުރަން އެދޭނަމަ، އެކަމުގެ ހުއްދަ ލިބޭނީ މުއްދަތުގެ ބާކީ އޮންނަ ދުވަސްތަކުގައި މިމާއްދާގެ 04 ވަނަ ނަންބަރުގައިވާ ގޮތަށް ގަވާއިދުން މަސްވެރިކަމުގައި ބޭނުންކުރުމަށް، އުޅަނދުގެ ނުވަތަ އިންޖީނުގެ މިލްކުވެރިކަން ހޯދުމަށް އެދޭފަރާތަކުން  އެއްބަސްވެ މިނިސްޓްރީގެ މިކަމާގުޅޭ ލިޔުމުގައި ސޮއިކުރުމަށްފަހުގައެވެ.

6-  ގަވާއިދުން ކޮންމެ މަހެއްގެ "ދުވަހު މަސްވެރިކަމުގެ މަޢުލޫމާތު ފޯމު" ވިދިގެން އަންނަ މަހެއްގެ 15ވަނަ ދުވަހުގެ ކުރިން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުގެ ފިޝަރީޒް މެނޭޖްމަންޓް އެޖެންސީއަށް ހުށަހަޅަންޖެހޭނެއެވެ. ގަވާއިދުން ދުވަހު މަސްވެރިކަމުގެ މަޢުލޫމާތު ފޯމު ހުށަނާޅާ ފަރާތްތަކުގެ މަސްވެރިކަމުގެ ލައިސަންސް އައު ނުކޮށްދޭ ހާލަތެއްގައި ޑިއުޓީ ދައްކަން ޖެހޭނެއެވެ.

7-   މިއެއްބަސްވުމުގެ ދަށުން ޑިއުޓީ މަޢާފުކޮށްފައިވާ އިންޖީނެއް އަޅާފައިވާ އުޅަނދެއް މަސްވެރިކަން ފިޔަވައި އާމްދަނީ ހޯދުމަށް، އެހެން މަސައްކަތެއް ކުރާކަން މިމިނިސްޓްރީއަށް ސާބިތު ވެއްޖެނަމަ ޑިއުޓީ ދައްކަން ޖެހޭނެއެވެ.

އިސްވެ ދަންނަވާފައިވާ  އުސޫލާ އެއްގޮތަށް ޢަމަލުކުރުމަށް އެއްބަސްވާ ފަރާތްތަކަށް،  މަސްވެރިކަމަށް ބަންނަ އުޅަނދުފަހަރުގައި އެޅުމަށް އިމްޕޯޓްކުރާ އިންޖީނުގެ ޑިއުޓީ މަޢާފުކޮށްދޭ ގޮތަށް ސަރުކާރުން ހަމަޖައްސަވާފައިވާތީ މިކަން އާންމުކޮށް އަންގައި އިޢުލާނުކުރީމެވެ.

14 އޭޕްރިލް 2013
ހޯދާ