އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ

އިޢުލާން

"ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2017" ގައި ވޯޓުލާ މަރުކަޒުގައި ހަރަކާތްތެރިވާނެ އޮފިޝަލުން ހޯދުމާބެހޭ:

14 ޖަނަވަރީ 2017 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ރާއްޖެއިންބޭރާއި ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކާއި، ރިސޯޓުތަކާއި، ސިނާޢީ މަރުކަޒުތަކާއި، ޖަލުތަކުގައި ޤާއިމުކުރެވޭ ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާނެ އޮފިޝަލުން ހޯދަން އިޢުލާން ކުރަމެވެ.

ވީމާ، ތިރީގައިމިވާ ޝަރުޠުތައް ފުރިހަމަވާ ފަރާތްތަކުން މިކަމަށް ޚާއްޞަކުރެވިފައިވާ ފޯމު އޮންލައިންކޮށް ފުރިހަމަކުރުމަށްފަހު، އެ ފަރާތެއްގެ ޕާސްޕޯޓް ސައިޒުގެ ފޮޓޯއަކާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީއަކާއެކު، 2016 ނޮވެންބަރު 20 ވާ އާދީއްތަ ދުވަހުގެ 16:00 ގެ ކުރިން، http://forms.elections.gov.mv މި ލިންކު މެދުވެރިކޮށް އޮންލައިން އެޕްލިކޭޝަން ހުށަހެޅުން އެދެމެވެ. އަތޮޅުތެރޭގައިނަމަ، އޮންލައިންކޮށް އެޕްލިކޭޝަން ހުށަހެޅެން ނެތް ފަރާތްތަކުން، ސިޓީ/އަވަށު/އަތޮޅު/ރަށު ކައުންސިލްގެ އިދާރާތައް މެދުވެރިކޮށް ފޯމު ހުށަހެޅުން އެދެމެވެ.

ޝަރުޠު:

1- އުމުރުން 18 އަހަރާއި 65 އަހާރާ ދެމެދުގެ މީހެއްކަމުގައިވުން.

2- އެއްވެސް ސިޔާސީ ޕާޓީއެއްގެ އިސްމަޤާމެއް ފުރަމުންގެންދާ ނުވަތަ ސިޔާސީ ޕާޓީއެއްގެ ހަރަކާތްތަކުގައި ޢަމަލީގޮތުން ބައިވެރިވާ މީހަކަށް ނުވުން.

3- ކެންޑިޑޭޓެއްގެ މަންމައެއް، ބައްޕައެއް، ދަރިއެއް، އަންބެއް، ފިރިއެއް، އެއްބަނޑު ނުވަތަ އެއްބަފާ މީހަކަށް ނުވުން.

4- އޮފިޝަލެއްގެ މަސައްކަތްކުރެވޭނެ ތަޢުލީމާއި ތަޖުރިބާ ހުރުން.

5- ޞިއްޙީގޮތުން މިފަދަ މަސައްކަތަކަށް ޤާބިލް މީހުންކަމުގައި ވުން.

އުޖޫރަ:

- ވޯޓުލާ މަރުކަޒުގެ ވެރިޔަކަށް ހަމަޖައްސައިފިނަމަ، -/1،300 ރުފިޔާ (އެއްހާސް ތިންސަތޭކަ ރުފިޔާ) ހަމައެކަނި ވޯޓުލާ ދުވަހު.

- ވޯޓުލާ މަރުކަޒުގެ ވެރިޔާގެ އެހީތެރިޔަކަށް ހަމަޖައްސައިފިނަމަ، -/1،000 ރުފިޔާ (އެއްހާސް ރުފިޔާ) ހަމައެކަނި ވޯޓުލާ ދުވަހު.

- އޮފިޝަލުންގެގޮތުގައި ހަރަކާތްތެރިވާ އެނޫން ފަރާތްތަކަށް -/800 ރުފިޔާ (އަށްސަތޭކަ ރުފިޔާ) ހަމައެކަނި ވޯޓުލާ ދުވަހު.

- ރިޒާވް އޮފިޝަލަކަށް ހަމަޖައްސައިފިނަމަ، -/400 ރުފިޔާ (ހަތަރުސަތޭކަ ރުފިޔާ) ހަމައެކަނި ވޯޓުލާ ދުވަހު.

- ކަނޑައެޅިފައިވާ އުސޫލުން، ވޯޓުލާ ދުވަހުގެ ކެއުމާއި ސަޔަށްވާ ފައިސާ ދެވޭނެއެވެ. މި ފައިސާ ދެވޭނީ، ވޯޓުލައި ނިމުމުން، މަސައްކަތްކުރި އުޖޫރައާ އެކުގައެވެ.

- މީގެ އިތުރުން ވޯޓުލުން އޮންނަ ދުވަހުގެ ދަންވަރު 12:00 ގެ ފަހުން މަސައްކަތްކުރަން ޖެހޭނަމަ، މަސައްކަތުގައި ހޭދަވާ ކޮންމެ ގަޑިއެއްގެއިރަށް ވެރިޔާއަށް -/100 ރުފިޔާ (ސަތޭކަ ރުފިޔާ)، އެހީތެރިޔާއަށް –/75 ރުފިޔާ (ހަތްދިހަ ފަސް ރުފިޔާ)، އެހެން އޮފިޝަލުންނަށް -/50 ރުފިޔާ (ފަންސާސް ރުފިޔާ) ގެ ރޭޓުން އުޖޫރަ ދެވޭނެއެވެ.

މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުން މި މަސައްކަތަށް ޚާއްޞަކޮށްގެން ހިންގޭ 2 ދުވަހުގެ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރަން ޖެހޭނެއެވެ. މި ތަމްރީނު ފުރިހަމަނުކުރާ ފަރާތްތަކަށް، އޮފިޝަލަކަށް ވުމަށް އެދި ފޯމު ހުށަހެޅިނަމަވެސް ފުރުޞަތެއް ނުދެވޭނެއެވެ.

  • މި ތަމްރީނުތައް އޮންނާނީ، 2017 ޖަނަވަރީ 1 އިން 12 އާ ދެމެދުގައެވެ.
  • އާންމުގޮތެއްގައި ތަމްރީނުތައް އޮންނާނީ، ރަސްމީ ދުވަސްދުވަހާއި ހުކުރުދުވަހުގެ މެންދުރުފަހާއި ރޭގަނޑުގެ ވަގުތުތަކާއި، ހޮނިހިރު ދުވަސްތަކުގެ ދުވާލާއި ރޭގަނޑުގެ ވަގުތުތަކުގައެވެ.

އޮފިޝަލަކަށްވުމަށް އެދި ހުށަހަޅާ ފަރާތްތަކަށް ފުރުޞަތު ދެވޭނީ، ތަޢުލީމާއި ތަޖުރިބާއާއި، އިންތިޚާބުގެ މަސައްކަތުގައި އުޅެ ލިބިފައިވާ ތަޖުރިބާތަކަށް، ކަނޑައެޅިފައިވާ މިންގަނޑުން މާކްސް ދީގެންނެވެ. އަދި ރިސޯޓް، ސިނާޢީ މަރުކަޒު، ޖަލުތަކަށް ދާން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ރީރެޖިސްޓްރޭޝަން މަރުޙަލާގައި އެތަނެއްގައި ރީރެޖިސްޓްރީވާން ބޭނުންވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. ނަމަވެސް އެންމެ ފަހުން ބޭއްވި 3 އިންތިޚާބުގައި އެއްވެސް ސަބަބަކާހުރެ ކޮމިޝަނުން އެފަރާތްތަކަށް އިތުބާރު ގެއްލިފައިވާކަމަށް ކަނޑައަޅާފައިވާ އެއްވެސް ފަރާތަކަށް މަތިން މާކްސް ލިބުނު ކަމުގައިވީނަމަވެސް، އޮފިޝަލަކަށް ވުމަށް ފުރުޞަތެއް ނުދެވޭނެއެވެ. 

އިޢުލާނުގައި ކަނޑައަޅާފައިވާ ސުންގަޑި ހަމަވުމުން، އޮފިޝަލުން ހޮވުމުގެ މަސައްކަތް ފެށޭނެއެވެ. މި މުއްދަތުގެ ފަހުން އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކަށް ފުރުޞަތު ދެވޭނީ، ކުރިން އެޕްލައިކޮށްފައިވާ ފަރާތްތަކަށް ފުރުޞަތު ދިނުމަށްފަހުގައެވެ.

އޮބްޒާވަރ، މޮނިޓަރ، އަދި ކެނޑިޑޭޓްގެ މަންދޫބެއްގެގޮތުގައި ކުރިމަތިލާފައިވާ ފަރާތަކުން އޮފިޝަލަކަށް ކުރިމަތިލާފައި ވީނަމަވެސް، އޮބްޒާވަރ، މޮނިޓަރ އަދި މަންދޫބު ފާސް އެފަރާތަށް ދޫކުރެވޭ ހިސާބުން އޮފިޝަލްކަމުން ވަކިކުރެވޭނެއެވެ.

އޮންލައިން ފޯމާއެކު އެޓޭޗްކުރަންޖެހޭ ތަކެތި:

- ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ.

- ޕާސްޕޯޓް ސައިޒުގެ ފޮޓޯ.

- ލިބިފައިވާ ސަނަދުތަކުން އެންމެ މަތީ ސަނަދުގެ ކޮޕީ.

ނޯޓު:

މި އިޢުލާނުގައި ފޯމު ހުށަހަޅަންޖެހޭ އެންމެ ފަހުގެ ތާރީޚު އޮތްކަމުގައިވިޔަސް، މަސައްކަތަށް އެކަށޭނަ މީހުން، ބޭނުންވާ އަދަދަށް ނުލިބޭނަމަ، މީހުން ހަމަވަންދެން އޮންލައިންކޮށް އެޕްލިކޭޝަން ފޯމު ބަލައިގަންނާނެއެވެ.

6 ޞަފަރު 1438

07 ނޮވެންބަރު 2016
ހޯދާ