މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ކައުންސިލް މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު

ޤާނޫނު ނަންބަރު 13/2015 (ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ޤާނޫނު) ދަށުން އުފެއްދުމަށް ލާޒިމްކުރާ ކައުންސިލްގެ މެމްބަރުންނަށް ވުމަށް ފުރުޞަތު ހުޅުވާލުމަށް މިނިސްޓްރީގެ ނަންބަރު: QAA/1/2015/315-ފ23 (27 އޮގަސްޓު 2015) އިޢުލާނާ ގުޅުގެން އެކަށީގެންވާ އަދަދަށް އެޕްލިކޭޝަން ތިރީގައި ދަންނަވާ ދާއިރާއަށް ހުށަހަޅުއްވާފައިނުވުމުން، ޤާނޫނު ނަންބަރު 13/2015 (ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ޤާނޫނު) ގެ ދަށުން އުފެއްދުމަށް ލާޒިމްކުރާ ކައުންސިލްގެ މެމްބަރުންނަށް ވުމަށް ފުރުޞަތު އަލުން ހުޅުވާލަމެވެ.

ކައުންސިލްގެ ނަން

މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް

އެލަވަންސް

ބައިވެރިވާ ކޮންމެ ބައްދަލުވުމަކަށް ކަނޑައެޅިފައިވާ އެލަވަންސް ލިބޭނެއެވެ.

ކައުންސިލާ ކައުންސިލް މެންބަރުންގެ މައިގަނޑު މަސްއޫލިއްޔަތުތައް

ޤާނޫނު ނަންބަރު 13/2015 (ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ޤާނޫނު) ގެ 33 ވަނަ މާއްދާއާއި 77 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔާތުތައް

1. ބޭނުންވާ ދާއިރާ

ޤާނޫނުގެ 30 ވަނަ މާއްދާގެ (ހ) ގެ (5) ގައިވާ މެންބަރު (ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިން ތަމްރީނުކުރާ މަރުކަޒެއްގައި މަސައްކަތްކުރާ، ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިން ތަމްރީނުކުރާތާ މަދުވެގެން 5 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ މެޑިކަލް ނުވަތަ ޑެންޓަލްގެ ރޮނގުން ތަމްރީނު ލިބިފައިވާ މީހެއް)

ބޭނުންވާ އަދަދު

1

ތައުލީމީ ތަޖުރިބާ އަދި މަސައްކަތުގެ ތަޖުރިބާ މާކްސް ދިނުމަށް ކަނޑައަޅާފައިވާ ގޮތް

ތަޢުލީމު (މެޑިކަލް/ޑެންޓަލް ޕްރޮފެޝަން އިން ހޯދާފައިވާ ސެޓުފިކެޓު)

އެމް.ބީ.ބީ.އެސް/ޑެންޓަލް ޑިގްރީ ފެންވަރު – 30 މާކްސް

ސްޕެޝަލިސްޓް ޑިޕްލޮމާ ފެންވަރު – 40 މާކްސް

ސްޕެޝަލިސްޓް ޑިގްރީ ނުވަތަ އީކުވެލަންޓް ސެޓުފިކެޓު - 55 މާކްސް

ސަބް ސްޕެޝަލިސްޓް ޑިގްރީ ނުވަތަ އީކުވެލަންޓް ސެޓުފިކެޓު – 75 މާކްސް

މަސައްކަތުގެ ތަޖުރިބާ (ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިން ތަމްރީނުކުރާ މަރުކަޒެއްގައި މަސައްކަތްކޮށްފައިވާ ތަޖުރިބާ)

ޚިދުމަތްކޮށްފައިވާ މުއްދަތު 5 އަހަރުނަމަ - 30 މާކްސް

ޚިދުމަތްކޮށްފައިވާ މުއްދަތު 7 އަހަރުނަމަ - 40 މާކްސް

ޚިދުމަތްކޮށްފައިވާ މުއްދަތު 10 އަހަރުނަމަ - 45 މާކްސް

ޚިދުމަތްކޮށްފައިވާ މުއްދަތު 12 އަހަރުނަމަ - 50 މާކްސް

މާކްސް ދިނުމާއި އިންޓަރވިއުކުރުމުގައި ގެންގުޅޭނެ ޢާންމު މިންގަނޑު

 

  1. ހުށަހަޅާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ތެރެއިން މާކްސް ދެވޭނީ އެންމެ މަތިން ހޯދާފައިވާ ތައުލީމީ ސެޓުފިކެޓަށް އެކަންޏެވެ.
  2. ސްޕެޝަލިސްޓް ޑިގްރީ ނުވަތަ އީކުވެލަންޓް ސެޓުފިކެޓު އަދި ސަބް ސްޕެޝަލިސްޓް ޑިގްރީ ނުވަތަ އީކުވެލަންޓް ސެޓުފިކެޓު ކަމަށް ބެލެވޭނީ މޯލްޑިވްސް މެޑިކަލް ކައުންސިލްގައި އެޑިގްރީއެއް ލެވެލް ކުރެވިފައިވާ ގޮތަށެވެ.
  3. މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކަށް އިންޓަރވިއު ކުރުމަކާ ނުލައި އެ މަޤާމަށް ހޮވުނު ކަމަށް ސިލެކްޝަން ކޮމިޓީއަށް ކަނޑައެޅިދާނެއެވެ.
  4. މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ އަދަދު މަދުވުމުގެ ސަބަބުން ނުވަތަ އެހެން މަޤުބޫލު ސަބަބަކާ ގުޅިގެން، އަލުން އިޢުލާނު ކުރާގޮތަށް ކަނޑައެޅުމުގެ އިޚުތިޔާރު ސިލެކްޝަން ކޮމިޓީއަށް ލިބިގެންވެއެވެ.
  5. މަޤާމަށް ކުރިމަތިލާ ފަރާތްތަކަށް ލިބުނު މާކްސް އެއްވަރުވެއްޖެނަމަ، މަޤާމަށް ހޮވުނު ފަރާތް ކަނޑައަޅާނީ އިންޓަރވިއު ކުރުމަށްފަހުގައެވެ.

މަޤާމަށް ކުރިމަތިލާ މެންބަރުންގެ ޝަރުޠުތައް

  • ދިވެހި ރައްޔިތެއްކަމުގައި ވުން.
  • ކައުންސިލްގެ މެންބަރު ކަމުގެ މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރެވޭފަދަ ޢިލްމީ ފެންވަރާއި ލަޔާޤަތު އަދި މަސައްކަތުގެ އަޚުލާޤު ހުރި މީހަކު ކަމުގައިވުން.
  • އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން.
  • ޖިނާއި ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހެއް ކަމުގައިނުވުން.
  • ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިއެއްނަމަ، އެ ފަންނުގެ މަސައްކަތްތެރިއެއްގެ ގޮތުގައި މަސައްކަތްކުރާތާ މަދުވެގެން 5 (ފަހެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހެއް ކަމުގައިވުން.
  • ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިއެއްނަމަ، އެ ފަންނުގެ މަސައްކަތްތެރިން ޢަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑާ ޚިލާފުވެފައިވާކަމަށް ސާބިތުވެފައިވާ މީހެއް ކަމުގައިނުވުން.
  • ޞިއްޙީ ޚިދުމަތުގެ ފަންނުގައި މަސައްކަތްކުރުމުގައި އެމީހަކު ކުރި ނުވަތަ ނުކޮށް ދޫކޮށްލި ކަމަކާ ގުޅިގެން ޝަރީއަތަށް ކުށެއް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން.
  • ޞިއްޙީ ޚިދުމަތް ދެވޭ ތަނުގެ މަސްއޫލުވެރިއެއް ނުވަތަ ބޯޑު މެންބަރެއް ނުވަތަ އެހެންވެސް މަޤާމެއްގައި ހުރި މީހެއްކަމުގައި ނުވުން.
  • ޞިއްޙީ ޚިދުމަތް ދޭ ތަނެއްގެ ހިއްސާ އެމީހެއްގެ އަމިއްލަ ނަމުގައި ނުވަތަ އޭނާގެ ފަރާތުން ޢައްޔަންކޮށްފައިވާ ފަރާތެއްގެ ނަމުގައި ނުވަތަ އޭނާގެ ހިއްސާ ހިމެނޭ ކުންފުންޏެއްގެ ނަމުގައި އޮތް މީހަކު ކަމުގައި ނުވުން.
  • ޤާނޫނެއްގައި ކަނޑައެޅިފައިވާ އިންތިޚާބަކުން މަޤާމަކަށް ހޮވިފައިވާ މީހެއް ކަމުގައި ނުވުން.
  • ސިޔާސީ މަޤާމެއް ފުރަމުންދާ މީހެއްކަމުގައި ނުވުން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. މެންބަރުކަމަށް އެދި ހުށަހަޅާ ސިޓީ
  2. ތަޢުލީމީ ސެޓުފިކެޓުތައް (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް)
  3. މެންބަރުކަމަށް އެދޭ ފަރާތަށް ލިބިފައިވާ މަސައްކަތުގެ ތަޖުރިބާގެ ލިޔުންތައް (މަސައްކަތްކުރި ތަނާއި ކުރި މަސައްކަތާއި މުއްދަތު އެނގޭގޮތަށް)
  4. މަސައްކަތުގެ ދާއިރާއިން ވަކި ލައިސަންސެއް ނުވަތަ ހުއްދައެއް ލިބިގެން މަސައްކަތްކުރާ ފަރާތެއް ކަމުގައިވާނަމަ، އެފަދަ ލައިސަންސެއް ނުވަތަ ހުއްދައެއްގެ ކޮޕީ (މިސާލު: ވަކާލާތު ކުރުމުގެ ހުއްދަ)
  5. އިޤްރާރު (އިޤްރާރު ފޯމު މިނިސްޓްރީ އޮފް ހެލްތުގެ ކައުންޓަރ އަދި މިނިސްޓްރީ އޮފް ހެލްތުގެ ވެބްސައިޓުން   (www.health.gov.mv) ލިބެން ހުންނާނެ)
  6. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  7. ވަނަވަރު

ސުންގަޑި

27 ޑިސެންބަރު 2015 ގެ 13:30 ގެ ކުރިން މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ ކައުންޓަރަށް) އަށް ހުށަހެޅުއްވުން ނުވަތަ މިނިސްޓްރީގެ އީމެއިލް [email protected] އަށް ފޮނުއްވައިދެއްވުން (އީމެއިލުން ހުށަހަޅާ އެޕްލިކޭޝަންތަކަށް މިނިސްޓްރީން ލިބުނުކަން އަންގާނެކަމަށް ދަންނަވަމެވެ. ނަމަވެސް މިނިސްޓްރީން ޖަވާބެއް ނުލިބޭނަމަ މުއްދަތު ހަމަވުމުގެ ކުރިން މިނިސްޓްރީއަށް އެޕްލިކޭޝަން ލިބުނުތޯ ބެއްލެވުން އެދެމެވެ.)

އިތުރު މަޢުލޫމާތު

ޤާނޫނު ނަންބަރު 13/2015 (ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ޤާނޫނު) މިނިސްޓްރީ އޮފް ހެލްތުގެ ވެބްސައިޓުންނާއި ގެޒެޓުން ބެލެން އޮންނާނެ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވަން.

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3014468 އަދި 3014480 އެވެ.

17 ޑިސެންބަރު 2015
ހޯދާ