ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ. ކެލާ ދަނޑުބިމުގެ ސަރަހައްދުން އަލަ ކޯރު ކޮނުމަށް ބިން ދޫކުރުމާއި ފަތްކެޔޮ އިންދާ ހެއްދުން އަދި ދަނޑުވެރިކަން ކުރުމައްޓަކައި ދިގުމުއްދަތައް ބިން ދޫކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލް

ހއ. ކެލާ ދަނޑުބިމުގެ ސަރަހައްދުން އަލަ ކޯރު ކޮނުމަށް ބިން ދޫކުރުމާއި ފަތްކެޔޮ އިންދާ ހެއްދުން އަދި ދަނޑުވެރިކަން ކުރުމައްޓަކައި ދިގުމުއްދަތައް ބިން ދޫކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލް

 

1.     ތައާރަފް އާއި ނަން

މިއީ ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން   ހިންގުމުގެ  ޤާނޫނު)ގެ 151 ވަނަ މާއްދާއިން ތިލަދުންމަތީ އުތުރުބުރީ ކެލާކައުންސިލަށް ލިބިދޭ ބާރުގެ ދަށުން، ހެދިފައިވާ އުސޫލެކެވެ. މި އުޞޫލުގެ ތެރެއިން އަލަކޯރު ކޮނުމަށް ދޫކުރާ ބިން ފިޔަވައި އެހެން ބިންތައް ދޫކުރުމަށް ހަމަޖެހިފައިވަނީ ކުލީބިމުގެ ގޮތުގައެވެ.

މި އުޞޫލަށް ކިޔާނީ " ހއ. ކެލާ ދަނޑުބިމުގެ ސަރަހައްދުން އަލަ ކޯރު ކޮނުމަށް ބިން ދޫކުރުމާއި ފަތްކެޔޮ އިންދާ ހެއްދުން އަދި ދަނޑުވެރިކަން ކުރުމައްޓަކައި ދިގުމުއްދަތައް ބިން ދޫކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލް" މިހެންނެވެ.

 

2.     މަޤްސަދު

މި އުސޫލުގެ މަޤްސަދަކީ ކެލާގެ ރައްޔިތުންނަން އަލަ ކޯރު ހެދުމާއި ފަތްކެޔޮ އިންދުމުގައި ފަސޭހަވާނެ ގޮތަކަށް ބިން އިންތިޒާމު ކޮށްދިނުމާއި އަލަ އަދި ފަތް ކޭލަކީ ކެލާގައި ޢާންމުކޮށް ހައްދަމުންދާ ބާވަތްތަކަކަށް ވާތީވެ ވީހާ ގިނަބަޔަކަށް މިކަން ކުރުމަށް ފުރުސަތު ފަހި ކޮށްދިނުމާއިއެކު ފުޅާ ދާއިރާގައި ދަނޑުވެރިކަން ކުރަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ފަހިކޮށްދިނުމެވެ.  

 

3. އަމަލު ކުރަންފަށާ ތާރީޚް

މި އުޞޫލަށް ޢަމަލުކުރަން ފަށާނީ، މިޢުޞޫލް ކައުންސިލުން ފާސްކޮށް ޢާއްމުކުރާ ދުވަހުން ފެށިގެންނެވެ.

 

އަލަ ކޯރު ކޮނުމަށް ބިން ދޫކުރުން

4. އަލަކޯރު ހެދުން

(ހ) އަލަ ކޯރު ހެދުމަށް ބިން ދޫކުރުމަށް ހަމަޖެހިފައިވަނީ ކެލާ ދެކުނު ކޮޅު އަދި ތޮށިމަތިން ކައުންސިލުން ކަނޑައަޅާ ވަކި ސަރަހައްދު ތަކަކުންނެވެ.

(ށ) މި ގޮތުން އަލަކޯރު ހެދުމަށްޓަކައި ކޮންމެ ގޭބީސީއަކަށް ދިނުމަށް ހަމަޖެހިފައިވަނީ 200 (ދުއިސައްތަ) އަކަފޫޓްގެ ބިމެކެވެ.

(ނ) އަދި މިބިމަކީ ހިލޭ ކޮންމެގެއަކަށް ދޫކުރެވޭ ބިމެކެވެ.

(ނ) އަދި މި އުޞޫލް ޢާންމުކުރާ ދުވަހު ދަނޑުމަތީ މަގުތަކަށް އަރާ އަލަކޯރުތަކާއި އަދި ކައުންސިލުގެ ބޭނުމަށް ބިންނެގުމަށް ހަމަޖެހިފައިވާ ސަރަހައްދު ތަކުގައިވާ އެންމެހާ އަލަކޯރުތައް އެތަކެތީގެ ވެރިން އެތަކެތި ގެންގޮސް ކޯރުތައް ފަސް އަޅާ ފޮރުވަންވާނެއެވެ.

(ރ) އަދި ނުފޮރުވާ ހުންނަ އެންމެހާ އަލަކޯރުތައް ކައުންސިލުން ކަނޑައަޅާ މުއްދަތުގެ ތެރޭ ފޮރުވާ އެތަންތަނުގެ ބިން ސާފުކޮށް އެއްވަރު ކުރަންވާނެއެވެ.

 

5. ބަދަލު ދިނުމާއި ބިން ދެއްކުން

(ހ) ކައުންސިލްގެ ބޭނުމަށާއި ދަނޑުބިމުގެ މަގު ހެދުމަށްޓަކައި ނެގޭ އަލަކޯރުތަކުގެ ތެރެއިން ކައުންސިލްގައި ރަޖިސްޓްރީ ކޮށްފައިވާ އެންމެހާ އަލަކޯރުތައް ކައުންސިލުން ނައްތާލަންވާނީ ނުވަތަ ފޮރުވާލަން ވާނީ އެކަމަށް އެކަށޭނެ ބަދަލު ދިނުމަށްފަހުގައެވެ.

(ށ) އަދި މި އުޞޫލްގެ 5 ވަނަ ނަމްބަރުގެ (ހ) ގައި ބަޔާން ކޮށްފައިވާ އަލަ ކޯރުތައް ފިޔަވާ އިތުރު އަލަ ކޯރުތަކަށް ބަދަލު ދީގެން ނުވާނެއެވެ. ނަމަވެސް އުޞޫލްގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކައުންސިލުން ފާސްކޮށް އަލަކޯރުތައް ފޮރުވުމަށް މުއްދަތެއް ދިނުން މި އުޞޫލް ހުރަހެއް ނާޅައެވެ.

 

6. އަލަކޯރު ކޮނުމަށް ދޫކުރެވޭ ބިމުގެ ސަރުތު ހަމަވާ ފަރާތްތައް ކަނޑައެޅުން

(ހ) މި އުޞޫލްގެ ތެރެއިން ދޫކުރުމަށް ހަމަޖެހިފައިވާ އަލަކޯރުތައް ދޫކުރުމަށް ހަމަޖެހިފައިވާނީ ކައުންސިލަށް އެކަމަށް އެދޭ ފޯމު ހުށަހެޅުމުން ޝަރުތު ފުރިހަމަވާ ފަރާތްތަކުގެ ތެރެއިން އަލަކޯރު ދޫކުރެވެންހުރި ބިމުގެ ނިސްބަތުންނެވެ. އަދި ބިމުގެ އަދަދަށްވުރެ ގިނައިން ބިމަން އެދި ހުށަހަޅާފައިވާނަމަ ޝަރުތު ފުރިހަމަވާ ފަރާތްތަކުގެ މެދުގައި ގުރުއަތުލައިގެންނެވެ.

 

7.  އަލަކޯރު ހެދުމަށް ގޭބީސީ އަށް ދޫކުރެވޭ ދަނޑު ލިބުމަށް ޝަރުތު ފުރިހަމަ ނުވާ ގޭބީސީތައް

(ހ) ގޭބީސީއަށް މިހާރު ދޫކުރެވިފައިވާ ދަނޑު ބިމުގެ ތެރެއިން ދަނޑުބިން ލިބި އެ ބިމުގައި އަލަކޯރެއް ނުވަތަ އަލަކޯރުގެ ކޮންމެވެސް ވަރެއް އޮތް ގެބީސީތައް

(ށ) 7 ވަނަ ޕޮއިންޓް (ހ) ބުނާ ފަރާތްތަކުންވެސް އެ ދަނޑުގައި އޮތް އަލަކޯރު ފޮރުވާލުމަށްފަހު ކައުންސިލަށް އަލަދަނޑު ހޯދުމަށް ފޯމު ހުށަހަޅާފިނަމަ މި އުޞޫލްގެ ތެރެއިން ޝަރުތު ފުރިހަމަވާނެއެވެ.

(ނ) ގޭބީސީ އަކީ މީހުން ދިރިއުޅޭ ގޭބީސީއަކަށް ނުވުން ( މީހުން މާނަކުރަނީ އެގެއެއްގެ ރަޖިސްޓްރީ ވެފައިވާ އެގެއެއްގެ ރައްވެހިން އެކަނި)

(ރ) އުމުރުން 65 އަހަރުން މަތީގެ މީހެއް ކަމުގައި ނުވުން

 

8.  އަލަކޯރު ހެދުމަށް ދޫކުރެވޭ ބިން ބެލެހެއްޓުން

(ހ) އަލަކޯރު ހެދުމަށް ދޫކުރެވޭ 200 ( ދުއިސައްތަ) އަކަފޫޓް ގެ ބިން ރަޖިސްޓްރީ ކޮށްދިނުމަށް ހަމަޖެހިފައިވަނީ ބިމާއި ގުޅިގެން ހެދިފައިވާ އެންމެހާ މަގުތައް ސާފުކޮށް އަލަކޯރު ކޮނެ ކައުންސިލައް ދެއްކުމުންނެވެ.

(ށ) އަލަކޯރު ހެދުމަށް ރަޖިސްޓްރީ ކޮށްދެވޭ ބިން ކައުންސިލުގެ ބޭނުމަކަށް ނަގަންޖެހިއްޖެނަމަ ބިމުގައި ކޮށްފައިވާ މަސައްކަތުގެ ތެރެއިން އިންދާފައިވާ އަލަ ގަސްތަކަށް އެކަށީގެންވާ ބަދަލު ދޭންވާނެއެވެ.

 

ފަތްކެޔޮ އިންދުމަށް ބިން ކުއްޔައް ބިންދޫކުރުން

9. ފަތްކެޔޮ އިންދުމަށް ބިން ދޫކުރުން

ފަތްކެޔޮ އިންދުމަށް ބިން ދޫކުރުމަށް ހަމަޖެހިފައިވަނީ ކައުންސިލުން ކަނޑައަޅާ ވަކި ސަރަހައްދު ތަކަކުންނެވެ. ފަތްކެޔޮ އިންދުމަށް ދޫކުރާ ބިމުގެ ސައިޒު ކަނޑައަޅާނި އެސަރަހައްދަކުން ލިބެންހުރި ހުސްބިންތަކުގެ ސައިޒައް ބަލައި ކެޔޮ އިންދޭނެ އެކަށީގެންވާ ޖާގަ ލިބޭ ނަމައެވެ.

 

10. ފަތްކެޔޮ އިންދާ ބިމަށް އެދި ހުށަހެޅުން

(ހ) ފަތްކެޔޮ އިންދުމަށްޓަކައި ކައުންސިލުން ކަނޑައަޅާ ބިންތައް އެންމެންނަށް ހަމަހަމަ އުޞޫލަކުން ދިނުމަށްޓަކައި ބިން ފާހަގަކޮށް، ފާހަގަ ކުރި ބިމުގެ ބޮޑުމިން އެނގޭނެ ގޮތަށް ޢާންމުކޮށް އިޢުލާން ކުރަންވާނެއެވެ.

 

11. ބީލަމަށް ހުޅުވާލުން

(ހ) މިގޮތަށް ބީލަމަށް ހުޅުވާލެވޭ ބިންތަކަށް ފޯމުލުމަށްޓަކައި 7 (ހަތެއް) ދުވަހައްވުރެ ކުރު ނޫން މުއްދަތެއް ބިޑް ހުށަހަޅާ ފަރާތްތަކަށް ދޭންވާނެއެވެ.

(ށ) އަދި ބިން ނީލަމަށް ހުޅުވާލުމުގެ ކުރިން ބިމުގެ ކުރެހުމެއް ހަދައި ސައިޒު އެނގޭނެ ގޮތަށް މިންތައްޖަހާ ބިން އޮތް ސަރަހައްދު އެނގޭނެ ގޮތަށް ލިޔުމެއް ތައްޔާރު ކުރަންވާނެއެވެ.

(ނ) މިގޮތުން ނީލަމަށް ހުޅުވާލެވޭ ބިންތަކުގެ ތެރެއިން ކޮންމެ ގެއަކަށްވެސް ދިނުމަށް ހަމަޖެހިފައިވަނީ 1 ބިމެވެ.

 

12. ބިމުގެ ބޮޑުމިން އަދި އަގު

(ހ) ފަތްކެޔޮ އިންދުމަށް ކޮންމެ ގެއަކަށް ދެވޭނެ ބިމުގެ ބޮޑުމިން ކަނޑައަޅާނީ އެވަގުތަކު ކުއްޔައް ދޫކުރުމަށް ކަނޑައެޅޭ ބިންތަކުގެ ބޮޑުމިނަން ބަލައި އެކަށޭނެ ބިން ލިބޭނޭ ގޮތުގެ މަތިންނެވެ.

(ށ) އަދި ބިމުގެ ކުލީގެ ގޮތުގައި ދައްކަން ޖެހޭ އަގަކީ އަކަފޫޓަކަށް 0.05 ލާރި އެވެ.

 

13. ބިން ބެލެހެއްޓުން

(ހ) ފަތްކެޔޮ އިންދުމަށް ދޫކުރެވޭ ބިން ރަޖިސްޓްރީ ކޮށްދިނުމަށް ހަމަޖެހިފައިވަނީ ބިންސާފުކޮށް ބިމާއި އިންވެގެންވާ މަގުތައް ސާފު ކުރުމަށް ފަހުގައެވެ.

(ށ) އަދި މިގޮތަށް ފަތްކެޔޮ އިންދުމަށް ދޫކުރެވޭ ބިމުގެ ސަރަހައްދުގައި އިންދާފައިވާ ބޮޑެތި ރުއްގަސް ކަނޑައި އެތަކެއްޗައް ގެއްލުން ވާފަދަ ޢަމަލެއް ކުރުމަކީ މި އުޞޫލުން ހުއްދަ ކުރާކަމެއް ނޫނެވެ. އަދި މިފަދަ ކަމެއް ކޮށްގެން ޝަކުވާ ހުށަހަޅާފިނަމަ އެކަމުގެ ސަބަބުން ގެއްލުން ލިބުނު ފަރާތައް ގެއްލުމުގެ ބަދަލު މި ޢަމަލު ކުރި ފަރާތުން ދޭންވާނެއެވެ. އަދި މިގޮތައް ދޭންޖެހޭ ބަދަލުގެ އަގު ކަނޑައަޅާނީ ކައުންސިލްގެ އަގު ކޮމެޓީ އިންނެވެ.

(ނ) ފަތްކެޔޮ އިންދުމަށް ބިން ނަގާ ފަރާތުގެ އިހުމާލުން މިފަދަ ކަމެއް ހިނގައި އަދި ބަދަލުގެ ގޮތުގައި ކަނޑައަޅާ ފައިސާ 7 ދުވަހުގެ ތެރޭ ނުދައްކާފިނަމަ އެފަރާތައް ފަތްކެޔޮ އިންދުމަށް ދޫކުރެވިފައިވާ ދަނޑު ކެންސަލްކޮށް އަލުން އެ ދަނޑު ބީލަމަށް ލާންވާނެއެވެ.

(ރ) ފަތްކެޔޮ އިންދުމަށް ދޫކުރެވޭ ބިމާއި ގުޅިފައިވާ އެންމެހާ މަގުތަކާއި ގޯޅި ފަދަ ތަންތަން ސާފުކޮށް ކުނިކަހައި ބެލެހެއްޓުމަކީ ބިން ކުއްޔައް ހިފާފަރާތުގެ ޒިންމާއެކެވެ. އަދި މިއާއި ޚިލާފަށް ޢަމަލު ކުރަމުންދާނަމަ ފުރަތަމަ 7 ދުވަހުގެ ނޯޓިސްދީ ސާފުކުރުމަށް އަންގާ ސާފު ނުކުރާނަމަ 3 ދުވަހުގެ ނޯޓިސްދީ ސާފުކުރުމަށް އަންގާ އަދި -/300 ރުފިޔާ އާއި -/1000 ރުފިޔާގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.

(ބ) ފުރަތަމަ ފަހަރު ޖޫރިމަނާ ކުރުމަށް ހަމަޖެހިފައިވަނީ -/300 ރުފިޔާއިން އަދި ތަކުރާރުވާ ކޮންމެ ފަހަރަކު -/300 ރުފިޔާ އިތުރުކުރަމުން ގޮސް 5 ފަހަރައްވުރެ އިތުރުވާނަމަ ދެން އެފަރާތެއް ޖޫރިމަނާ ކުރެވޭނީ ކޮންމެ ފަހަރަކު /-1000 ރުފިޔާއިންނެވެ. އަދި މިގޮތަށް ކުރެވޭ ޖޫރިމަނާތައް ދެއްކުމަށްޓަކައި ދެވޭނެ އެންމެ ދިގު މުއްދަތަކީ 10 ދުވަހެވެ. އަދި މި މުއްދަތުގެ ފަހުން ނުދައްކާ ހުންނަ ފައިސާގެ ކަންކަން ނިންމުމަށްޓަކައި ޝަރުޢީ ކޯޓަކަށް މައްސަލަ ހުށަހެޅުމާއިއެކު ބިން ކުއްޔައް ދޫކޮށްފައިވާ ފަރާތުން ބިން ވަކި ކުރެވޭނެއެވެ.

 

ދަނޑު ބިމުގެ ސަރަހައްދުން ކުލީ ބިމުގެ ގޮތުގައި ބިން ދޫކުރުން

14. ތައާރަފް ނަން

 (ހ) ދަނޑުބިމުގެ ސަރަހައްދުން ކުލީ ބިން ދޫކުރުމުގެ ބޭނުމަކީ ދަނޑުވެރިކަން ކުރަން ބޭނުންވާ ގިނަފަރާތްތަކަށް އެފުރުސަތު ފަހި ކޮށްދިނުމާއި  ފުޅާ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ދިމާވެފައިވާ ބިމުގެ ދަތިކަން ހައްލުކޮށްދިނުމެވެ.

(ށ) ދަނޑު ބިމުގެ ސަރަހައްދުން ކުލީ ބިމުގެ ގޮތުގައި ބިން ދޫކުރުމަށް ހަމަޖެހިފައިވަނީ ކައުންސިލުން އެކަމަށް ދޫކުރާ ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތު ފުރިހަމަވާ ފަރާތްތަކަށެވެ.

15. ޝަރުތު ފުރިހަމަވާ ފަރާތްތައް ކަނޑައެޅުން

(ހ) އެއްފަރާތައްވުރެ ގިނަފަރާތުން އެއް ބިމެއް ކުއްޔައް ހިފަން ބޭނުން ވެއްޖެ ހާލަތެއްގައި ބިން ކުއްޔައް ދޫކުރުމަށް ހަމަޖެހިފައިވަނީ ޝަރުތު ހަމަވާ ފަރާތްތަކުގެ މެދުގައި ލެވޭ ގުރުއަތަކުންނެވެ. 

(ށ) މި އުޞޫލުގެ ދަށުން ފުޅާ ދާއިރާގައި ދަނޑުވެރިކަން ކުރުމަށް ބޭނުންވާ ފަރާތްތަކަށް ފުރުސަތު ދިނުމުގެ ގޮތުން އެއްފަރާތަކަށް އެއް ބިމައްވުރެ ގިނަ ބިންވެސް ކުއްޔައް ހިފިދާނެއެވެ.

16. ބިމުގެ ބޮޑުމިން އަދި އަގު

(ހ) މިގޮތަށް ދޫކުރެވޭ ބިމުގެ ބޮޑުމިނަކީ 5،000 އަކަފޫޓާއި 20،000 އަކަފޫޓާއި ދެމެދު އަދަދެވެ.

(ށ) އަދި ބިމުގެ ކުލީގެ ގޮތުގައި ދައްކަން ޖެހޭ އަގަކީ އަކަފޫޓަކަށް 0.05 ލާރި އެވެ.

17.  ބިން ބެލެހެއްޓުން

(ހ) މިގޮތަށް ކުއްޔައް ދޫކުރެވޭ ބިންތަކުގައި އިމާރާތް ކުރެވޭނީ ބިމުގެ %3 އެވެ.

(ށ) އަދި ބިމާއި ގުޅިފައިވާ އެންމެހާ މަގުތަކާއި ގޯޅިތައް ކުނިކަހާ ސާފުކޮށް ބެލެހެއްޓުމަކީ ބިން ކުއްޔައް ހިފާ ފަރާތުގެ ޒިންމާއެކެވެ.

(ނ) އަދި މި ބިންތަކަކީ ދަނޑުވެރިކަން ކުރުމަށް ދޫކުރެވޭ ބިންތަކަކަށް ވާތީވެ މި ބިންތަކުގައި ފަތްކެޔޮ، ރުއްގަސް އިންދުމަކީ މަނާކަމެކެވެ.

(ރ) އަދި މިގޮތަށް ދަނޑުވެރިކަން ކުރަން ދޫކުރެވޭ ބިމުގެ %70 އަބަދުވެސް އޮންނަންވާނީ ނަޅާ ސާފުކުރެވިފައެވެ.

 

18. ދަނޑު ބިމުގެ ކަން އެޅުމާއި ރަޖިސްޓްރީ ކުރުން

(ހ) ކައުންސިލުން ދަނޑުބިން ދައްކާ ދުވަހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭ ދަނޑުބިމުގައި ކަން އަޅަންވާނެއެވެ.

(ށ) އަދި ކަން އަޅާދިނުމަށް ހަމަޖެހިފައިވަނީ ދަނޑުގެ އެތެރެ %70 ވިނަ ނޮޅާ އަދި ދަނޑާއި އިންވެގެންވާ މަގުތަކާއި ގޯޅި ވިނަ ނޮޅާ ސާފުކުރުމަށްފަހު ކައުންސިލައް ދެއްކުމުންނެވެ.

(ނ) ކުއްޔައް ހިފާ ބިން ރަޖިސްޓްރީ ކުރާ ދުވަހުން ފެށިގެން 2 (ދޭއް) މަސްދުވަހުގެ ތެރޭ ދަނޑު ވަށާ ފެންސް ނުވަތަ ދައު ޖަހާ އިން ވަކި ކުރަން ވާނެއެވެ.

19. ކުލީ ދަނޑުގެ ގޮތުގައި ދަނޑު ދޫކުރުން

(ހ) ކުއްޔައް ދަނޑު ދޫކުރަންވާނީ ހއ. ކެލާ ކައުންސިލާއި ދަނޑު ދޫކުރެވޭ ފަރާތާއި ދެމެދު އެއްބަސްވުމެއް ހެދުމަށް ފަހުގައެވެ.

(ށ) އަދި މި އެއްބަސްވުމުގައި ކުލީގެ މުއްދަތު ކުއްޔައް ހިފާ އަގު އަދި ބިމުގެ ބޮޑުމިން އެނގޭނެ ކުރެހުމަކާއި، ބިން އޮތް ސަރަހައްދު ދައްކުވައިދޭ ޗާޓެއް އަދި އަގު ކުއްޔައް ދޫކުރެވޭ މުއްދަތު މަދުވެގެން ހިމަނާފައި އޮންނަންވާނެއެވެ.

(ނ) ބިން ކުއްޔައް ހިފާފަރާތުން ބިން ބަލަހައްޓަމުން ނުދާނަމަ މި އުޞޫލުގެ ދަށުން ކުއްޔައް ހިފި ފަރާތައް ބިން ސާފުކުރުމަށް ނުވަތަ އެމައްސަލައެއް ހައްލުކުރުމަށް 7 ދުވަހުގެ މުއްދަތު ދޭންވާނެއެވެ. އަދި މި މުއްދަތުގެ ތެރޭ އެކަން ރަނގަޅު ކޮށްފައިނުވާނަމަ އެކަން ރަނގަޅު ކުރުމަށް އިތުރު 3 ދުވަހުގެ މުއްދަތު ދިނުމަށްފަހު އެ މުއްދަތުގެ ތެރޭ ރަނގަޅު ކޮށްފައި ނުވާނަމަ 500 ރުފިޔާ އާއި 1،500 ރުފިޔާ އާއި ދެމެދު އަދަދަކުން ޖޫރިމަނާ ކުރުމާއިއެކު ބިން ސާފުކުރުމަށް އިތުރު 5 ދުވަހުގެ މުއްދަތު ދެވޭނެއެވެ. އަދި މި 5 (ފަހެއް) ދުވަހުގެ މުއްދަތު ތެރޭ ޖޫރިމަނާ ދެއްކުމާއި އެކު ބިން ސާފު ކޮށްފައި ނުވާނަމަ ބިމާއި ގުޅިގެން ވެވިފައިވާ އެއްބަސްވުން ބާތިލްކޮށް ކުއްޔައް ހިފި ފަރާތުން ބިން ވަކި ކުރަންވާނެއެވެ.

(ރ) ޖޫރިމަނާ ކުރެވޭ އަދަދު ކަނޑައަޅާނީ ފުރަތަމަ ފަހަރު -/500 އަދި ދެވަނަ ފަހަރު -/1،000 ރުފިޔާ އަދި 3 ވަނަ ފަހަރު -/1،500 ރުފިޔާ އަދި އިތުރުވާ ކޮންމެ ފަހަރަކު -/1،500 ރުފިޔާ ދައްކާގޮތަށެވެ.

 20. އުޞޫލާއި ޚިލާފުވުން

މި އުޞޫލާއި ޚިލާފުވާ ފަރާތްތަކަށް ދޫކޮށްފައިވާ ބިންތައް ކައުންސިލައް ނެގޭނެއެވެ. އަދި މިފަދަ ފަރާތްތަކަށް މި އުޞޫލުގެ ތެރެއިން ދޫކުރެވުނު ބިމެއް އުޞޫލާއި ޚިލާފުވެގެން ވަކިކުރަން ޖެހިއްޖެނަމަ އަލުން މިފަދަ އެހެން ބިމަކަށް ފޯމު ހުށަހެޅޭނީ ނުވަތަ އެފަރާތަކަށް ދެން ބިން ދޫކުރެވޭނީ އެންމެ ފަހުން ދޫކުރި ބިން ވަކިކުރެވުނު ދުވަހުން ފެށިގެން  2 (ދޭއް) އަހަރު ދުވަސް ހަމަވުމަށް ފަހުގައެވެ.

16 އޭޕްރިލް 2024
ހޯދާ