މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން
ދިވެހިރާއްޖެ
ގްރޭޓަރ މާލެ ސަޙަރައްދުގައި އިންޖީނުލީ އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރުމަށް ހުށަހަޅާ ގަރާޖުގެ ޞައްޙަކަން ކަށަވަރުކުރުން.

އިޢުލާން

 

އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރުމުގައި، ގަރާޖުގެ ވެރިފަރާތަށް އެނގުމަކާއި ނުލައި އެ ގަރާޖުތަކުގައި އުޅަނދު ރަޖިސްޓްރީ ކުރަމުންގެންދާ ކަމުގެ ޝަކުވާ މި މިނިސްޓްރީއަށް ލިބެމުންދާތީ، މިކަން ޙައްލު ކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް މިގެންދަނީ އަޅަމުންނެވެ.

އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީ ކުރުމުގެ ގަވާއިދުގެ 4 ވަނަ މާއްދާގެ (ރ) ގައި އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުތަކުގެ ތެރެއިން ދެ ފުރޮޅަށްވުރެ ގިނަ ފުރޮޅުލީ އުޅަނދު ރަޖިސްޓްރީ ކޮށްދެވޭނީ އެ އުޅަނދެއް ރަޖިސްޓްރީ ކުރުމަށް ލިޔުންތައް ހުށަހަޅާއިރު، ގަރާޖެއްގައި އެ އުޅަނދު ބޭއްވުމާމެދު ގަރާޖުގެ ވެރިފަރާތުގެ އިއުތިރާޟެއް ނެތްކަމުގެ ލިޔުމަކާއި، ގަރާޖުގެ ވެރިފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއަކާއި، އުޅަނދު ބާއްވާ ގަރާޖަކީ ރަޖިސްޓްރީކޮށްފައިވާ ގަރާޖެއްކަން އެނގޭނެ ލިޔުންތައް ހުށަހެޅުމުންކަމަށް ބަޔާންކޮށްފައި ވެއެވެ.

ވީމާ، އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުތަކުގެ ތެރެއިން ދެ ފުރޮޅަށްވުރެ ގިނަ ފުރޮޅުލީ އުޅަނދު ރަޖިސްޓްރީ ކުރުމުގެ މަރުޙަލާތައް ޤާނޫނާއި ގަވާއިދާ އެއްގޮތަށް، ގަރާޖުގެ ވެރިފަރާތުގެ އިޢުތިރާޟު ނުކުރާކަމުގެ ސިޓީގެ ސައްޙަކަން ކަށަވަރު ކުރުމުގެ އިތުރުން އުޅަނދު ރަޖިސްޓްރީ ކުރުމަށް ހުށަހަޅާ ގަރާޖަކީ އުޅަނދު ބޭއްވޭގޮތަށް ހުރިތަނެއްތޯ ބެލުމުގެ މަސައްކަތް ކުރިޔަށް ގެންދާނެކަން ޢާންމުކޮށް އަންގާ އިޢުލާނު ކުރީމެވެ.

24 ޝަޢުބާން 1445

05 މާރިޗު   2024

05 މާރިޗު 2024
ހޯދާ