ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދާންދޫ ކައުންސިލްގެ 'ހިދާއީނޫރު'ގެ ޤުރްއާން ކިލާސްތަކުގައި ކިޔެވުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލުމާބެހޭ

ދާންދޫގައި، މީސްތަކުންނަށް ކީރިތި ޤުރްއާން (ﷲގެ ކަލާމްފުޅު) ގެ ޢިލްމު އުގަންނައިދީ އަދި ޤުރްއާން ތަޖުވީދުގެ މަގުން ކިޔަވައިދީ ޤުރްއާން ހިތުދަސްކުރާ ފަރާތްތައް ރަށުން އުފައްދައި ނެރުމުގެ މަތިވެރި މަޤްޞަދުގައި، "ހިދާއީނޫރު" ގެ ނަމުގައި ދާއިމީކޮށް ޤުރްއާން ކިލާހެއް ހިންގަމުން ގެންދިއުމަށް މި ކައުންސިލުން ނިންމައިފީމެވެ.

 

މިކިލާހުގައި ކިޔަވައި ދެއްވުމަށް މި ކައުންސިލުން ގެންނަ ފުރަތަމަ މުދައްރިސަކީ މިދާއިރާއިން މަތީ ތަޢުލީމާއި ތަމްރީން އަދި ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ބޭރުގެ ޚާއްޞަ މުދައްރިސެކެވެ. މުދަރިސަކު ހޯދުމަށް މިކައުންސިލުން ކުރި ނަންބަރު: (IUL)410-A/410/2024/5  (24-01-2024) އިޢުލާނާއި ގުޅިގެން އެކަމަށް އިޖާބަދީ އެމަޤާމަށް ކުރިމަތިލީ 32 މީހުންގެ ތެރެއިން އެންމެ އެކަށީގެންވާ މީހަކު މެރިޓް އުޞޫލުން ހޯދައި ރަށަށް ގެނައުމުގެ މަސައްކަތް މިހާރު މި ކައުންސިލުން މިގެންދަނީ ކުރަމުންނެވެ.

1- ތިރީގައި މިދަންނަވަނީ ޤުރްއާން ކިލާސް ތައް ބަހާލެވޭ މައިގަޑު ބައިތަކެވެ:

1.1- ޤުރްއާން ބަލައިގެން ކިޔަވަން ދަސްކުރާ ކިލާސް

1.2- ޤުރްއާން ހިތު ދަސްކުރާ ކިލާސް

  • ކިވައިދެވޭ ބައިތައް:

1- އަކުރު

2- މަޚްރަޖު

3- ތަޖުވީދު

4- ޤިރާޢަތު

5- ޤުރްއާން

6- އިތުރުބައިތައް

 

1.3- ކިލާސްތައް ބައިކުރެވޭނީ މި ކައުންސިލުން މިއިޢުލާނާއި އެކު ޢާންމުކުރާ ގޫގްލް ލިންކް މެދުވެރިކޮށް ފޯމް ފުރާ ފަރާތްތަކުގެ ފެންވަރަށާއި އަދި ޢުމުރު ފުރާތަކަށް ބަލައިގެން، ކިލާހެއްގައި 20 ބައިވެރިންގެ ނިސްބަތުން އެކުލަވާލެވޭ ކިލާސްތަކެއްގެ ގޮތުގައިއެވެ.

1.4- މި ކިލާސް ތަކުގައި ޢުމުރުން 7 އަހަރު ފުރިފައިވާ ކޮންމެ ފަރާތަކަށްވެސް ބައިވެރިވެވޭނެއެވެ. (މިއަށްވުރެ ހަނގު އުމުރުފުރާތަކަށް މިކިލާސްތަކުގައި ޖާގަ ނުދެވޭނެއެވެ.)

1.5- މި ކިލާސްތަކުގައި 7 އަހަރުން ފެށިގެން މަތީގެ ހުރިހާ ޢުމުރުފުރާތަކަށް ވަނީ ޖާގަ ހުޅުވާލެވިފައެވެ.

1.6- މި ކިލާސްތަކުގައި ކިޔަވައިދޭނެ ގަޑިތައް ކަނޑައަޅާނީ ސްކޫލުތަކުގައި ކިޔަވާ ދަރިވަރުން ބައިވެރިވާ ނަމަ އެބައިވެރިންނަށް ސްކޫލުތަކުގެ ރަސްމީގަޑިތަކާ ފުށޫ ނާރާ ގޮތެއްގެ މަތީންނެވެ. އަދި އެނޫން ފަރާތްތަކަށް ގަޑިތައް ކަނޑައަޅާނީ ބައިވެރިވާ މީހުންނަށް ބަލައިގެން ތަރުތީބުކޮށްލެވޭ ގަޑިތަކަކަށެވެ.

1.7- މި ކިލާސްތަކުގެ ކިޔެވުން، ހުކުރު، ހޮނިހިރު ދުވަހާއި އަދި ދެ ޢީދު ދެދުވަހާއި ޙައްޖު ދުވަހާއި ރަމަޟާންމަހުގެ ފުރަތަމަ ދުވަސް ފިޔަވައި ކޮންމެ ދުވަހަކު އޮންނާނެއެވެ.

1.8- ކޮންމެ ކިލާހެއްގެ ޓައިމްޓޭބަލް ކިލާސްތައް ފެށުމުން އެ ކިލާހެއްގެ ބައިވެރިންނަށް ޙިއްސާކުރެވޭނެއެވެ.

 

2- ފީ ނެގުމަށް ހަމަޖެހިފައިވާ ގޮތް:

2.1- ކިލާހުގައި ބައިވެރިވާ ކޮންމެ ބައިވެރިއަކު ރަޖިސްޓްރީ ފީއެއްގެ ގޮތުގައި ދައްކާނީ 50.00ރ (ފަންސާސް ރުފިޔާ) ގެ ފީއެކެވެ.

2.2- ކިލާހުގައި ބައިވެރިވާ ކޮންމެ ބައިވެރިއަކު މަހު ފީއެއްގެ ގޮތުގައި ދައްކާނީ 300.00ރ (ތިންސަތޭކަ ރުފިޔާ) ގެ ފީއެކެވެ.

2.3- ކޮންމެ ދަރިވަރަކަށް ފީކާޑެއް ދެވިފައި އޮންނާނެއެވެ. ކޮންމެ މަހަކު ކައުންސިލަށް ފީ ދެއްކުމަށްފަހު ފީކާޑު ކައުންސިލުން ފުރައި ފުރިހަމަ ކުރުވަމުން ގެންދަންވާނެއެވެ.

2.4- ކިލާހަށް ވަންނައިރު ދައްކާ ރަޖިސްޓްރީ ފީ ދަކަންވާނީ ކިލާހަށް ވަންނަން ރަޖިސްޓްރީ ފޯމް ގޫގުލް ލިންކް މެދުވެރިކޮށް ފުރާއިރުގައެވެ. ފައިސާ ދެއްކި ސްލިޕް ފޯމަށް އަޕްލޯޑުކަރަން ވާނެއެވެ. 

2.5- ފުރަތަމަ މަހުގެފީ ދައްކަންވާނީ އެންމެ ލަސްވެގެން ކިލާހުގެ ކިޔެވުން ފެށުމުގެ 1 ދުވަސް ކުރިންނެވެ.

2.6- ޖެހިގެން އަންނަ މަހުގެފީ ދައްކާނީ ފުރަތަމަ މަސްނިންމައި ހިނގާ މަހުގެ ފުރަތަމަ 05 ދުވަހުގެ ތެރޭގައިއެވެ. މިއުޞޫލުން ފީ ކޮންމެ މަހަކުވެސް ނަގަމުން ދާނެއެވެ. ކޮންމެ ބައިވެރިއަކުވެސް މަހުން މަހަށް ޤަވައިދުން ފީ ދައްކަމުން ގެންދަންވާނެއެވެ. އަދި މިއީ މިކަން ކާމިޔާބުކޮށް ދެމެހެއްޓުމަށްޓަކާ ކޮންމެހެން އެންމެން ގުޅިގެން ކުރަންޖެހޭނެ ކަމެކެވެ.

2.7- ކިލާހުގެ ރަޖިސްޓްރީ ފީއާއި އަދި މަހުފީ ދައްކާނީ ދާންދޫ ކައުންސިލްގެ އިދާރާގެ (1462 REVENUE 1) 7712700358001 ނަންބަރު އެކައުންޓަށެވެ. އަދި ފައިސާ އެކައުންޓަށް ޖަމާވުމުން ދާންދޫ ކައުންސިލުން އެފައިސާ ލިބުނު ކަމުގެ ރަސީދު ހަދައި އެފަރާތަކަށް ރަސީދު ދެވޭނެއެވެ.

2.8- ކިލާހުގެ ހުރިހާ ބައިވެރިންގެ ފަރާތުން ދައްކާ ފީގެ ފައިސާ ޚަރަދުކުރެވޭނީ މިކަމަށް ގެނެސްފައި ހުންނަ މުދައްރިސްގެ މުސާރަ ދިނުމާއި މިކަމާއި ގުޅޭ ޚަރަދުތައް ކުރުމަށް އެކަންޏެވެ.

2.9- މިހަރަކާތުގެ ތެރެއިން "ހިދާއީނޫރު" އަށް ލިބޭ ފައިސާއާއި އަދި އެފައިސާއިން ކުރާ އެންމެހާ ޚަރަދު ތަކާއި އެކަންކަމުގެ ތަފްޞީލު ރިޕޯޓެއް ކޮންމެ މަހެއް ނިންމައި އެމަޢުލޫމާތު މިކައުންސިލުން ޢާންމުކުރަމުން ގެންދާނެއެވެ.

 

3- ހިދާއީނޫރު ހިންގުން

3.1- ވަކި ގޮތަކަށް ކައުންސިލުން ނިންމައި ނުއަންގާހާ ހިނދަކު "ހިދާއީނޫރު" ހިންގައި މެނޭޖްކޮށް އަދި ޤުރްއާން ކިލާސްތަކުގެ އެންމެހާ ކަންކަމާއި އަދި މި ކިލާސްތަކުގެ ބައިވެރިންގެ މެދުގައި ބާއްވާ މުބާރާތްތަކާއި އަދި ބައިވެރިންނަށް އަންނަމުންދާ ކުރިއެރުމާއި ގުޅިގެން އެމީހުން އިތުރު ހަރުފަތްތަކަކަށް ކުރިއަށް ގެންދިއުމަށް ކުރަންޖެހޭ އެންމެހާ ކަންކަން އިންތިޒާމްކޮށް ކުރިއަށް ގެންދާނީ ދާންދޫ ކައުންސިލުންނެވެ. އަދި މިކަމަށް ކައުންސިލުން ކަނޑައަޅާ ވަކި ޚާއްޞަ މުއްވައްޒަފެއްގެ ނުވަތަ މުވައްފުންތަކެއްގެ މައްޗަށް އެކުލަވާލާ ޓީމަކުންނެވެ.

3.2- މިކަންކަމަށް އެއްވެސް ބަދަލެއް ގެންނާނީ ކައުންސިލުންނެވެ.

3.3- މިކަމުގެ މަޤުޞަދު ކަމުގައިވާ ދާންދޫގައި، މީސްތަކުންނަށް ޤުރްއާނުގެ ޢިލްމު އުގަންނައިދީ އަދި ޤުރްއާން ތަޖުވީދުގެ މަގުން ކިޔަވައިދީ ޤުރްއާން ހިތުދަސްކުރާ ފަރާތްތައް ރަށުން އުފައްދައި ނެރުމުގެ މަތިވެރި މަޤްޞަދުގައި، "ހިދާއީނޫރު" ގެ ނަމުގައި ދާއިމީކޮށް ޤުރްއާން ކިލާހެއް ހިންގަމުން ގެންދާނެއެވެ.

3.4- މި މަޤްޞަދު ޙާޞިލު ކުރުމަށްޓަކާ "ހިދާއީނޫރު" ގެ ކިލާސްތައް ކުރިއަށް ގެންދިއުމާއި އަދި މިކަން އިތުރަށް ތަރައްޤީކޮށް ކުރިއަރުވައި ހިންގާނީ މި ބީދައިން މި ކައުންސިލުނެވެ.

3.5- މިކަމަށް ގެނެސްފައި ހުންނަ ޤުރްއާން މުދައްރިސް ކިޔަވައިދެއްވާނީ ދާންދޫ ކައުންސިލުން ކަނޑައަޅާ ކައުންސިލްގެ އިމާރާތެއްގައި އެކަމަށް ޚާއްޞަކޮށް ތައްޔާރުކޮށްފައިވާ ކިލާސްތަކުގައިއެވެ. އެމުދައްރިސް ގޭގެއަށް ގޮސްގެން ކިޔަވައިދީ ހެދުމުގެ ފުރުޞަތެއް ދެވިފައި ނޯންނާނެއެވެ. މި ކިލާސްތަކުގައި ކިޔަވަންބޭނުންވާ ހުރިހާ އެންމެން ކިޔަވާނީ މިކިލާސްތަކަށް ހާޒިރުވެ ކަނޑައެޅިފައިވާ ގަޑިތަކުގައި ކިލާހުގައެވެ.

3.6- ކިލާސްތަކުގެ އެންމެހާ ބައިވެރިންނަށާއި އަދި ޚާއްޞަ ގޮތެއްގައި ބޮޑެތި މީހުންނަށް މިދާއިރާއިން ކިޔަވައިދިނުމަކީ ކައުންސިލްގެ ވަރަށް ބޮޑުއަމާޒެކެވެ.

3.7- މިކަމަށް އެހެނިހެން ފަރާތްތަކުން އެހީ ހޯދުމާއި އަދި އެހެނިހެން ފަރާތްތަކުން ދެއްވާ އެހީ ލިބިގަތުމަށް ކައުންސިލުން މަރުޙަބާކިޔާނެއެވެ.

3.8- މިކަމަށް ލިބޭ އެންމެހާ ފައިސާ ބަލައިގަތުމާއި އަދި ކަމާއި ގުޅޭ ޚަރަދުކުރުމުގެ ކަންކަން ބަލަހައްޓާނީ މާލިއްޔަތު ޤާނޫނާއި ޤަވާޢިދުތަކާ އެއްގޮތަށް ސީދާ ދާންދޫ ކައުންސިލުންނެވެ.

 

މިހެންކަމުން މިއިޢުލާނާއި އެއްގޮތަށް ދާންދޫގައި ޤުރްއާން ކިޔަވައިދިނުމަށް މިކައުންސިލުން މިފަށާ "ހިދާއީނޫރު" ގެ ޤުރްއާން ކިލާސްތަކަށް ވަންނަން ޝަޢުޤުވެރިވާ ޢުމުރުން 7 އަހަރުން މަތީގެ ހުރިހާ ބައިވެރިން މި https://forms.gle/A7ec3NnNC7UtzcrZA ލިންކް މެދުވެރިކޮށް މިއަދުން ފެށިގެން ފޯމު ފުރުމަށް  ޢާންމުކޮށް އަންގައި އިޢުލާން ކުރަމެވެ. މި އިޢުލާނަކީ މި އިޢުލާނާއި އެއްގޮތްވާ ގޮތުގެ މަތީން ކަންކުރުމަށް ކައުންސިލްގެ 4 ވަނަ ދައުރުގެ 142 ވަނަ ޢާންމު ބައްދަލުވުމުގެ ބައިވެރިންގެ އިއްތިފާޤުން ފާސްކޮށްގެން ޢާންމުކޮށްފައިވާ އިޢުލާނެކެވެ.

 

ދާންދޫގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށާއި، އަދި މިކަމަށް ޝަޢުޤުވެރިވާ އެންމެހާ ފަރާތްތަކަށް މިފުރުޞަތުގައި މަރުޙަބާ ކިޔައި މިކަމުގައި ބައިވެރިވުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލަމެވެ.

ޝުކުރިއްޔާ !

20 ފެބުރުވަރީ 2024
ހޯދާ