ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ދިވެހިރާއްޖެ
ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން

އިޢުލާނު

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން އިސްތިއުފާ ދެއްވާފައިވާތީ، އެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު، މިއަދުން ފެށިގެން 21 ފެބުރުވަރީ 2024 ވާ ބުދަ ދުވަހުގެ 12:00 ގެ ނިޔަލަށް ހުޅުވާލައި، އެކަން އިޢުލާނުކުރަމެވެ.

ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 9 ވަނަ މާއްދާގައި، ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ޢައްޔަންކުރާ މީހެއްގެ ކިބައިގައި، ތިރީގައިވާ ސިފަތައް ހުންނަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ.

(ހ) އިޤްތިޞާދީ، މާލީ، ވިޔަފާރި ނުވަތަ ޓެކްސްއާ ގުޅުންހުރި ދާއިރާއަކުން މާސްޓަރސް ޑިގްރީ ނުވަތަ އެއާ އެއްފެންވަރެއްގެ ސަނަދެއް ސަރުކާރު ޤަބޫލުކުރާ އިދާރާއަކުން ޙާޞިލުކޮށްފައިވުން ނުވަތަ ސަރުކާރުގެ މާލިއްޔަތާބެހޭ ދާއިރާއެއްގައި މަސައްކަތްކޮށް މަދުވެގެން 10 އަހަރުގެ ތަޖުރިބާ ލިބިފައިވުން؛

(ށ) އެހެން އެއްވެސް ވަޒީފާއެއް އަދާކުރާ މީހަކު ކަމުގައި ނުވުން؛

(ނ) ސަރުކާރުގެ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިނުވުން އަދި އެފަދަ ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ މީހަކު ކަމުގައި ނުވުން؛

(ރ) ޤާނޫނުގައި ކަނޑައެޅިފައިވާ އިންތިޚާބަކުން ހޮވާފައިވާ މަޤާމެއްގައި ހުރި މީހަކު ކަމުގައި ނުވުން؛

(ބ) ވައްކަން، ޓެކުން، ފޭރުން، މަކަރާއި ހީލަތް، ޚިޔާނާތް، ރިޝްވަތު ނުވަތަ އިހުމާލުގެ ކުށެއް ޝަރީޢަތަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން؛

(ޅ) މަސްތުވާތަކެތީގެ މައްސަލައެއްގައި ޙުކުމެއް ކޮށްފައިވާ މީހަކު ކަމުގައި ނުވުން؛

(ކ) އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރެއް ކަމުގައި ނުވުން؛

 

ވީމާ، ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ކުރިމަތިލުމަށްއެދޭ ފަރާތްތަކުން، އަންނަނިވި ލިޔުންތަކާއެކު ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހެޅުއްވުން އެދެމެވެ.

1. މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމު

2. މަޤާމަށް ކުރިމަތިލާ ފަރާތުގެ އިޤުރާރު

3. ފުރިހަމަކޮށްފައިވާ ކުށާއި ދަރަނީގެ ރެކޯޑު ފޯމު

4. ސިޔާސީ ޕާޓީއެއްގައި ރަޖިސްޓަރީ ވެފައިވޭތޯ ބެލުމަށް އިލެކްޝަންސް ކޮމިޝަނުން ސާފުކުރަންޖެހޭ ފޯމު

5. ކުރިމަތިލާ ފަރާތުގެ ވަނަވަރު (ސީ.ވީ.)

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމާއި، އިޤްރާރާއި، ކުށާއި ދަރަނީގެ ރެކޯޑް ފޯމާއި، ސިޔާސީ ޕާޓީއެއްގައި ރަޖިސްޓަރީ ވެފައިވޭތޯ ބެލުމަށް އިލެކްޝަންސް ކޮމިޝަނުން ސާފުކުރަންޖެހޭ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، 20 ފެބުރުވަރީ 2024 ވާ އަންގާރަ ދުވަހާއި އަދި 21 ފެބުރުވަރީ 2024 ވާ ބުދަ ދުވަހުގެ ހެނދުނު 08:00 އިން މެންދުރު 12:00 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ. އަދި މި ފޯމުތަކާއި އިޤްރާރު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. ވެބްސައިޓުގެ އެޑްރެހަކީ presidency.gov.mv އެވެ.

08 ފެބުރުވަރީ 2024
ހޯދާ