ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކެލާ ލޯކަލް އޮތޯރިޓީ ކުންފުންޏާއި ކެލާ ކައުންސިލުން ހިއްސާވާ އަމިއްލަ ވިޔަފާރިތަކަށް ކެޕިޓަލްގެ ގޮތުގައި ކައުންސިލުން ހަރަދުކުރުމުގައި ޢަމަލުކުރާނެގޮތުގެ އުސޫލް

ކެލާ ލޯކަލް އޮތޯރިޓީ ކުންފުންޏާއި ކެލާ ކައުންސިލުން ހިއްސާވާ އަމިއްލަ ވިޔަފާރިތަކަށް ކެޕިޓަލްގެ ގޮތުގައި ކައުންސިލުން ހަރަދުކުރުމުގައި ޢަމަލުކުރާނެގޮތުގެ އުސޫލް

ތަޢާރުފާއި ނަން

މިއީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (ނަންބަރު 2010/7) ގެ 70 ވަނަ މާއްދާގެ (ށ) އާއި، ދައުލަތުގެ މާލިއްޔަތު ޤާނޫނު (ނަންބަރު3/2016) ގެ 52 ވަނަ މާދާއާއި، ދައުލަތުގެ މާލިއްޔަތު ގަވާއިދު (ނަންބަރު 2017/R-20) ގެ 1.02ވަނަ މާއްދާ އަދި ލޯކަލް އޮތޯރިޓީ ކުންފުނިތަކާއި، ކައުންސިލްތަކުން ހިއްސާވާ އަމިއްލަ ވިޔަފާރިތަކަށް ކެޕިޓަލްގެ ގޮތުގައި ކައުންސިލްތަކުން ޚަރަދުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލު (ނަންބަރު 2023/G-13) ގެ 3 ވަނަ މާއްދާގެ (ނ) ގައި ބަޔާން ކުރާ ކަންކަމުގެ މައްޗަށް ރިޢާޔަތްކޮށް، ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލުން ހެދިފައިވާ އުސޫލެކެވެ. 

މި އުސޫލަށް ކިޔާނީ " ކެލާ ލޯކަލް އޮތޯރިޓީ  ކުންފުންޏާއި ކެލާ ކައުންސިލުން ހިއްސާވާ އަމިއްލަ ވިޔަފާރިތަކަށް ކެޕިޓަލްގެ ގޮތުގައި ކައުންސިލުން ހަރަދުކުރުރުމުގައި ޢަމަލުކުރާނެގޮތުގެ އުސޫލް"  އެވެ.   

މަޤްޞަދު

  1. ކެލާ ކައުންސިލްގެ ތަރައްޤީގެ ޕްލޭންގައި ހިމެނޭ މަޝްރޫޢުތައް ހިންގުމަށްޓަކައި ކައުންސިލްގެ ނަމުގައި ލޯކަލް އޮތޯރިޓީ ކުންފުނި އުފައްދާ ވިޔަފާރީގެ މުޢާމަލާތް ހިންގުން.
  2. ކެލާ ކައުންސިލްގެ ތަރައްޤީގެ ޕްލޭންގައި ހިމެނޭ މަޝްރޫޢުތައް ހިންގުމަށްޓަކައި ކައުންސިލްގެ އިޙްތިސާސްގައި ހިމެނޭ އަމިއްލަ ވިޔަފާރިތަކާ ގުޅިގެން ވިޔަފާރީގެ މުޢާމަލާތް ހިންގުން.
  3. ކައުންސިލްގެ ލޯކަލް އޮތޯރިޓީ ކުންފުނީގެ އެންމެހައި މާލީކަންކަން ހިނގަމުންދަނީ ކައުންސިލްގެ މަޤްޞަދާއި އެއްގޮތަށް އަދި ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ޤަވާއިދުތަކާ އެއްގޮތަށްކަން ކަށަވަރުކުރުން.
  4.  ކައުންސިލުން ހިއްސާވާ އަމިއްލަ ވިޔަފާރިތަކުގެ އެންމެހާ މާލީކަންކަން ހިނގަމުންދަނީ ކައުންސިލްގެ މަޤްޞަދާއި އެއްގޮތަށް އަދި ދިވެހިރާއްޖޭގެ ޤާނޫނުތަކައީ ޤަވާއިދުތަކާ އެއްގޮތަށް ކަން ކަށަވަރުކުރުން.

 

ހއ. ކެލާ ލޯކަލް އޮތޯރިޓީ ކުންފުޏަށް ކެޕިޓަލްގެ ގޮތުގައި ހަރަދުކުރުން.

  1. ލޯކަލް އޮތޯރިޓީ ކުންފުންޏަށް ކެޕިޓަލްގެ ގޮތުގައި ހަރަދުކުރެވޭނީ ކުންފުންޏަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް އެންޑް ޓްރޭޑް އިން ހުއްދަ ދީފައިވާ އަންނަނިވި ވިޔަފާރިތަކަށެވެ.

     (ހ) ކޮންވެންޝަން ސެންޓަރ (ޓޫރިސްޓު ހޮޓަލާއި، ގެސްޓްހައުސްއާއި، މީޓިންގ ރޫމާއި، ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނާއި ފިހާރަ ހިމެނޭ ގޮތުން)

     (ށ) ތަޢުލީމުދޭ ތަންތަން

     (ނ) ކްލިނިކް ހޮސްޕިޓަލް

     (ރ) ގެސްޓްހައުސް ނުވަތަ ޓޫރިސްޓު ހޮޓެލް

     (ބ) ރިނިއުބަލް އެނަރޖީ

     (ޅ) ކުނިމެނޭޖް ކުރުން

     (ކ) ދަނޑުވެރިކަން (ހައިޑްރޯޕޮނިކިސް، އެކުއަރކަލްޗާރ، ވާރޓިކަލް ފާރމިން)

     (އ) މަސް ޕްރޮސެސްކުރުން، އައިސްޕްލާންޓް ޤާއިމުކުރުން

     (ވ) ސޯޝަލް ހައުސިންގ

     (މ) ދަނޑުވެރިކަން (ފުޑް ޕްރޮސެސިން، ޕެކޭޖިން ވެލިއުއެޑެޑް)

     (ފ) ބޯޓްޔާޑް ޤާއިމު ކުރުން

     (ދ) ސްލިޕްވޭ ހިދުމަތް

     (ތ) ރެކްރިއޭސަން އެންޑް ޓްއަރިސްޓް ޕާރކް

     (ލ) ޝިޕިން، ލޮޖިސްޓިކިސް، ލޯކަލް ކާރގޯ

     (ގ) މެޑިކަލް އެންޑް ސްޕޯޓްސް ޓުއަރިޒަމް

     (ޏ) ފާރމިން އެނިމަލް ހަސްބެންޑްރީ

  2. ލޯކަލް އޮތޯރިޓީ ކުންފުންޏަށް ކެޕިޓަލްގެ ގޮތުގައި ހަރަދުކުރެވޭނީ އެއަހަރެއްގެ ބަޖެޓްގައި ހަރަދުކުރާނެ އަދަދު ޖަހާ ކައުންސިލުން ފާސްކުރުމަށް ފަހުއެވެ.

  3. ލޯކަލް އޮތޯރިޓީ ކުންފުނީގެ މާލީ ހިސާބުތައް އަންނަނިވިގޮތަށް ބަރާބަރަށް ކައުންސިލަށް ހުށައަޅަންވާނެވެ.

    (ހ) ކުންފުނީގެ މުވައްޒަފުން އަދި ކުންފުނި ހިންގުމަށް ހިނގާ ރިކަރަންޓް ހަރަދުގެ ތަފްސީލް ކޮންމެ މީލާދީ މަހެއްގެ 10 ވަނަ ދުވަހުގެ ކުރިން ކައުންސިލަށް ހުށައެޅުން.

    (ށ) ކުންފުނީގެ ކެޕިޓަލް ހަރަދުގެ ތަފްސީލް ކޮންމެ 6 މަހުން  (މިލާދީ އަހަރެއްގެ ޖޫން މަހުގެ 10 އަދި ޑިސެންބަރު މަހުގެ 10 ގެ ކުރިން) ކައުންސިލަށް ހުށައެޅުން.

    (ނ) ކުންފުނީގެ ހަރު މުދަލުގެ އިންވެންޓްރީ އަދި އެހެނިހެން މުދަލުގެ ސޮޓްކް ރިޕޯޓް އަހަރަކު 1 (އެކެއް) ފަހަރު ކައުންސިލަށް ހުށައެޅުން.

    (ރ) މި އުސޫލުގައި ބަޔާންކުރާ މައުލޫމާތެއް ހޯދަން ކައުންސިލުން އެދިއްޖެނަމަ 15 ދުވަހުގެ ތެރޭ ލިއުމުން އެމައުލޫމާތެއް ކައުންސިލަށް ފޯރުކޮށްދޭން ޖެހޭނެއެވެ.

  4. ލޯކަލް އޮތޯރިޓީ ކުންފުނީގެ މާލީ ރިޕޯޓްތައް ކަނޑައެޅިފައިވާ މުއްދަތުގައި ކައުންސިލަށް ހުށަހަޅާކަން ކަށަވަރުކޮށް، އެމައުލޫމާތު ކައުންސިލާ ހިއްސާ ކުރުމަކީ ކައުންސިލްގެ ފައިނޭންސް ސެކްޝަންގެ ޒިންމާއެކެވެ.

  5. ލޯކަލް އޮތޯރިޓީ ކުންފުނީގެ މާލީ ހިސާބުތަކާއި އިދާރީ ހިންގުން ދިވެހިރާއްޖޭގެ ޤާނުނުތަކާއި ޤަވާއިދު ތަކާހިލާފުވާނަމަ، އެކަންކަން އިސްލާހުކުރުމަށް ލިއުމުން ކުންފުނީގެ ބޯޑަށް ކައުންސިލުން އަންގަވާނެވެ. އަދި ބަޔާންކުރެވިފައިވާ ކަންކަމަށް އިސްލާހީ ފިޔަވަޅު ނާޅާނަމަ ކުންފުނީގެ ބޯޑް ބަދަލުކުރުމުގެ އިހްތިޔާރު ކައުންސިލަށް އޮންނަންވާނެވެ.

  6. ކައުންސިލްގެ ޕޮކިއުމެންޓްގެ ކަންކަމަށް ލޯކަލް އޮތޯރިޓީ ކުންފުންޏަށް ކުރިމަތި ލެވޭނީ، ކުންފުންޏަށް ހުއްދަކުރާ ބާވަތުގެ ކަންކަމަށް އެކަންޏެވެ. އަދި ޕްރޮކިއުމެންޓް އިއުލާނުގައި ލޯކަލް އޮތޯރިޓީ ކުންފުންޏަށް ބައިވެރިވެވޭނެ ކަމަށް ބާޔާންކުރާ ކަންކަމަށް އެކަންޏެވެ.

  7. ރާއްޖޭގެ އަދި ރާއްޖޭން ބޭރުގެ މާލީ އިދާރާއަކުން ލޯނުގެ ގޮތުގައި ލޯކަލް އޮތޯރިޓީ ކުންފުންޏަށް ފައިސާ ނެގޭނީ، ލޯނުނަގަން ބޭނުންވާ ސަބަބާއި، ލޯނުގެ ގޮތުގައި ނަގާ މިންވަރާއި، ލޯނުގެ އިންޓަރެސްޓް ގޮތުގައި ދައްކަށްޖެހޭ މިންވަރު އަދި ލޯނުގެ މުއްދަތު އެނގޭނެ ތޮތަށް ލިއުމުން ކައުންސިލަށް ހުށައަޅާ ކައުންސިލުން ފާސްކޮށް ކައުންސިލްގެ ހުއްދަލިބިގެންނެވެ. މިގޮތަށް ނަގާ ލޯނުގެ އަދަދު ކައުންސިލްގެ ޖުމްލަ ރައުސުލްމާލަށްވުރެން ބޮޑުވެގެން ނުވާނެވެ.

  8. ހއ. ކެލާ ލޯކަލް އޮތޯރިޓީ ކުންފުންޏަކީ 0 (ސަތޭކަ ޕަސެންޓް) ކައުންސިލް ހިއްސާވާ ކުންފުޏެއް ކަމުން ލޯކަލް އޮތޯރިޓީ ކުންފުންޏށް ކެޕިޓަލްގެ ގޮތުގައި ދޫކެރެވޭ ފައިސާއަކީ ކުންފުނި އުވެންދެން ދޫކުރެވޭ ފައިސާއެކެވެ.

  9. ލޯކަލް އޮތޯރިޓީ ކުންފުނިން ކުރާ ވިޔަފާރިން ލިބޭ ނަފާގެ ސާފު ފައިދާގެ ވިހި އިންސައްތަ (%20) ކޮންމެ މިލާދީ އަހަރެއްގެ ޑިސެންބަރު މަހުގެ 10 ވަނަ ދުވަހުގެ ކުރިން އާމްދަނީގެ ގޮތުގައި ކައުންސިލަށް ޖަމާކުރަންވާނެވެ. މިގޮތަށް ނަފާގެ އިންސައްތަ ޖަމާކުރާނީ 2 (ދޭއް) އަހަރުގެ ގްރޭސް ޕީރިއަޑަކަށް ފަހުއެވެ.

  10. ލޯކަލް އޮތޯރިޓީ ކުންފުންޏަށް ކެޕިޓަލްގެ ގޮތުގައި މުދާ ދޫކުރެވޭނީ، އެމުދަލެއްގެ ވެލުއޭޝަން ހެދުމަށްފަހު، ކައުންސިލުން އެއަހަރެއްގެ ބަޖެޓްގައި ކުންފުންޏަށް ދޭންކަނޑައަޅާ އަދަދުގެ ތެރެއަށް އެމުދަލެއްގެ އަގު ހިމަނައިގެންނެވެ. މިގޮތަށް މުދާ ދޫކުރެވޭނީ ކައުންސިލުން އެމުދަލެއް ދޫކުރަން ފާސްކުރުމަށް ފަހުއެވެ.

 

ކައުންސިލުން ހިއްސާވާ އަމިއްލަ ވިޔަފާރިތަކަށް ކެޕިޓަލްގެ ގޮތުގައި ހަރަދުކުރުން.

  1. ކައުންސިލުން ހިއްސާވާ އަމިއްލަ ވިޔަފާރިތަކަށް ކެޕިޓަލްގެ ގޮތުގައި ހަރަދުކުރެވޭނީ، އަމިއްލަ ފަރާތްތަކުގެ ވިޔަފާރިތަކުން ކައުންސިލާއިއެކު ވިޔަފާރި ކުރަން ހުށައަޅާ ޕްރޮޕޯސަލްތަކަށް ބެލުމަށް ފަހުއެވެ. މި ޕްރޮޕޯސަލްގައި އަންނަނިވި ކަންކަމަށް ހިމަނަންވާނެވެ.

     ހ. ވިޔަފާރީގެ ބިޒްނަސް ޕްލޭން

     ށ. ހިނގަމުންދާ ވިޔަފާރިއެންނަމަ، އެވިޔަފާރީގެ މާލީ ހިސާބުތައް

     ނ. ވިޔަފާރިއަށް ކެޕިޓަލްގެ ގޮތުގައި ލިބޭ ފައިސާ ބޭނުންކުރާނެގޮތާއި، އަންދާޒާކުރާ ފައިދާއާއި، ފައިދާބަހާނެ ގޮތާއި، އިންވެސްޓްމެންޓްގައި ހުރި ހިރާސްތަށް އެގޭނެ ރިޕޯޓް

  2. ކައުންސިލުން ހިއްސާވާ އަމިއްލަ ފަރާތްތަކުގައި އިންވެސްޓް ކުރާނީ އެވިޔަފާރިއެއްގައި އިންވެސްޓް ކުރުމަށް ކައުންސިލުން ފާސްކުރުމަށް ފަހުއެވެ. ކައުންސިލާއި އެވިޔަފާރިއަކާމެދު ވެވޭ އެއްބަސްވުމުގައި ދެފަރާތުން ސޮއި ކުރުމަށްފަހުއެވެ. މިގޮތަށް އިންވެސްޓް ކުރެވޭނެ އެންމެބޮޑު މިންވަރަކީ އެވިޔަފާރިއެއްގެ ޖުމްލަ ކެޕިޓަލްގެ 20 (ވިހި) އިންސައްތައެވެ.

  3. ކައުންސިލުން ހިއްސާވާ އަމިއްލަ ފަރާތްތަކުގެ މާލީ ހިސާބުތައް އަންނަނިވިގޮތަށް ބަރާބަރަށް ކައުންސިލަށް ހުށައަޅަންވާނެވެ.

     ހ. ވިޔަފާރީގެ ކެޕިޓަލް ހަރަދުގެ ތަފްސީލް ކޮންމެ 6 މަހުން  (މިލާދީ އަހަރެއްގެ ޖޫން މަހުގެ 10 އަދި ޑިސެންބަރު މަހުގެ 10 ގެ ކުރިން) ކައުންސިލަށް ހުށައެޅުން.

     ށ. ވިޔަފާރީގެ ހަރުމުދަލުގެ އިންވެންޓްރީ އަދި އެހެނިހެން މުދަލުގެ ސޮޓްކް ރިޕޯޓް އަހަރަކު 1 (އެކެއް) ފަހަރު ކައުންސިލަށް ހުށައެޅުން.

  4. ކައުންސިލުން ހިއްސާވާ އަމިއްލަ ފަރާތްތަކުގެ ވިޔަފާރިތަކުން މާލީ ރިޕޯޓްތައް ކަނޑައެޅިފައިވާ މުއްދަތުގައި ކައުންސިލަށް ހުށަހަޅާކަން ކަށަވަރުކޮށް، އެމައުލޫމާތު ކައުންސިލާ ހިއްސާ ކުރުމަކީ ކައުންސިލްގެ ފައިނޭންސް ސެކްޝަންގެ ޒިންމާއެކެވެ.

  5. ކައުންސިލުން ހިއްސާވާ އަމިއްލަ ފަރާތްތަކުގެ ވިޔަފާރިތަކުގެ މާލީ ހިސާބުތަކާއި އިދާރީ ހިންގުން ދިވެހިރާއްޖޭގެ ޤާނުނުތަކާއި ޤަވާއިދު ތަކާހިލާފުވާނަމަ، އެކަންކަން އިސްލާހުކުރުމަށް ލިއުމުން އެވިޔަފާރި ކުރާފަރާތަށް ކައުންސިލުން އަންގަވާނެވެ. އަދި ބަޔާންކުރެވިފައިވާ ކަންކަމަށް އިސްލާހީ ފިޔަވަޅު ނާޅާނަމަ އަމިއްލަ ފަރާތްތަކާ ހެދިފައިވާ ވިޔަފާރީގެ އެއްބަސްވުން ބާތިލް ކުރަވޭނެއެވެ.

  6. ކައުންސިލްގެ ޕޮކިއުމެންޓް ކައުންސިލުން ހިއްސާވާ އަމިއްލަ ފަރާތްތަކުގެ ވިޔަފާރިތަކަށް ކުރިމަތި ލެވޭނީ، ޕްރޮކިއުމެންޓް އިއުލާނުގައި ކައުންސިލުން ހިއްސާވާ އަމިއްލަ ފަރާތްތަކުގެ ވިޔަފާރިތަކަށް ބައިވެރިވެވޭނެ ކަމަށް ބާޔާންކުރާ ކަންކަމަށް އެކަންޏެވެ.

  7. ކައުންސިލުން ހިއްސާވާ އަމިއްލަ ފަރާތްތަކުގެ ވިޔަފާރިތަކުގެ ނަފާއަށް ކައުންސިލަށް ލިބެންޖެހޭ ޑިވިޑެންޓް ގަވާއިދުން ކައުންސިލްގެ އާމްދަނީ އެކައުންޓަށް ޖަމާ ކުރަންވާނެއެވެ.

  8. ކައުންސިލުން ހިއްސާވާ އަމިއްލަ ފަރާތްތަކުގެ ވިޔަފާރިތަކަށް ކެޕިޓަލްގެ ގޮތުގައި މުދާ ދޫކުރެވޭނީ، އެމުދަލެއްގެ ވެލުއޭޝަން ހެދުމަށްފަހު، ކައުންސިލުން އެވިޔަފާރިއެއްގައި ހިއްސާވާ ނިސްބަތުގެ ތެރެއަށް އެމުދަލެއްގެ އަގު ހިމަނައިގެންނެވެ. މިގޮތަށް މުދާ ދޫކުރެވޭނީ ކައުންސިލުން އެމުދަލެއް ދޫކުރަން ފާސްކުރުމަށް ފަހުއެވެ.

 

އުސޫލު އިޞްލާޙުކުރުން

މި އުސޫލު އިޞްލާޙުކުރުމުގެ ބާރު ލިބިގެންވަނީ ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލަށެވެ.

 

މާނަކުރުން

މިއުސޫލުގައި ބޭނުންކޮށްފައިވާ  ލަފުޒުތަކާއި އިބާރާތް މާނަކުރާނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (ނަންބަރު 2010/7) ގެ 70 ވަނަ މާއްދާގެ (ށ) އާއި، ދައުލަތުގެ މާލިއްޔަތު ޤާނޫނު (ނަންބަރު3/2016) ގެ 52 ވަނަ މާއްދާއާއި، ދައުލަތުގެ މާލިއްޔަތު ގަވާއިދު (ނަންބަރު 2017/R-20) ގެ 1.02ވަނަ މާއްދާ އަދި ލޯކަލް އޮތޯރިޓީ ކުންފުނިތަކާއި، ކައުންސިލްތަކުން ހިއްސާވާ އަމިއްލަ ވިޔަފާރިތަކަށް ކެޕިޓަލްގެ ގޮތުގައި ކައުންސިލްތަކުން ޚަރަދުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލު (ނަންބަރު 2023/G-13) ގެ 3 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.

 

އަމަލުކުރަން ފެށުން

މިއުސޫލަށް އަމަލުކުރަން ފަށާނީ މިއުސޫލު ކައުންސިލުން ފާސްކޮށް އާންމުކުރާ ދުވަހުން ފެށިގެންނެވެ.

 

 

06 ފެބްރުއަރީ 2024

06 ފެބުރުވަރީ 2024
ހޯދާ