އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
ނޫސްބަޔާން - "Olympic Kandilo" ނަކަމަށް ކިޔާ ބާޖު ޏ.ފުވައްމުލައް ފަރަށް އުރުމާ ގުޅިގެން ތިމާވެއްޓަށް ލިބުނު ގެއްލުންތަކަށް ޖޫރިމަނާ ކުރުން

ނޫސްބަޔާން

"Olympic Kandilo"ނަކަމަށް ކިޔާ ބާޖު ޏ.ފުވައްމުލައް ފަރަށް އުރުމާ ގުޅިގެން ތިމާވެއްޓަށް ލިބުނު ގެއްލުންތަކަށް ޖޫރިމަނާ ކުރުން

 

ޏ ފުވައްމުލައް އިރު-ދެކުނު ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ މަޝްރޫޢުގެ ބޭނުމަށް ހަދާފައިވާ ވަގުތީ ޖެޓީއަށް، މެއިންލޭންޑް ޝީޕިންގ ޕްރައިވެޓް ލިމިޓެޑްގެ އެޖެންޓްކަމުގެ ދަށުން ދިވެހިރާއްޖެއަށް ހިލަ ހިފައިގެން އައިސްފައިވާ “Olympic Kandilo” ނަމަކަށް ކިޔާ ބާޖަށް ބަރުކޮށްފައިވާ ހިލަތައް ބޭލުމަށްޓަކައި އެ ޖެޓީއާ ކައިރި ކުރުމުގެ ތެރޭގައި 07 ޖުލައި 2023 ވަނަ ދުވަހު ޏ. ފުވައްމުލަކު ފަރަށް އުރި އެ ބާޖަށް ބަރުކޮށްފައިވާ ބޮޑު ހިލަތައް ޏ. ފުވައްމަލަކު ފަރު މައްޗަށްވަނީ އެޅިފައެވެ.

ދެންނެވުނު ހާދިޘާއާ ގުޅިގެން ފަރަށް ލިބިފައިވާ ގެއްލުންތައް ބަލައި ވަޒަންކުރުމަށް 22 ޖުލައި 2023 ގައި އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީން އެ ބާޖު ފަރަށް އުރި، ބާޖަށް ބަރުކޮށްފައިވާ ހިލަތަށް އެޅިފައިވާ ސަރަޙައްދަށް ޒިޔާރަތްކޮށް ކުރިޔަށް ގެންގޮސްފައިވާ ސާރވޭއިން ޏ. ފުވައްމުލަކު ފަރުގެ 4306 (ހަތަރުހާސް ތިންސަތޭކަ ހައެއް) އަކަމީޓަރުގެ ސަރަޙައްދަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމާއި، ފަރުމައްޗަށް ފޭބި ހިލަތަކުން ފަރުގެ އެ ސަރަޙައްދު ވަރަށް ބޮޑަށް ހަލާކުވެފައިވާކަން ވަނީ ދެނެގަނެވިފައެވެ.

ގަވާއިދު ނަންބަރު 2011/R-9 (ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖުރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދު) ގެ ދަށުން ޏ. ފުވައްމުލައް ފަރުގެ ތިމާވެއްޓަށް ލިބުނު ގެއްލުންތައް ބަލައި ވަޒަންކޮށް ކަނޑައެޅުނު ޖޫރިމަނާއާއި ބަދަލުގެ އަދަދަކީ 162,745,500/-ރ (އެއްސަތޭކަ ފަސްދޮޅަސް ދެ މިލިއަން ހަތްލައްކަ ސާޅީސް ފަސްހާސް ފަސްސަތޭކަ ރުފިޔާ) ކަމުގައި ވީނަމަވެސް ޤާނޫނު ނަންބަރު: 4/93 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު) ގެ ދަށުން ޖޫރިމަނާގެ ގޮތުގައި ކަނޑައެޅެން އޮންނަ އެންމެ ބޮޑު އަދަދަކީ 100,000,000/-ރ (އެއްސަތޭކަ މިލިއަން ރުފިޔާ) ކަމުގައިވާތީވެ، އެއްސަތޭކަ މިލިއަން ރުފިޔާ އިން "Olympic Kandilo" ނަމަކަށް ބާޖުގެ ވެރިފަރާތް ޖޫރިމަނާ ކުރެވިފައިވާކަމާއި، ޖޫރިމަނާއަށްވާ ފައިސާ ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ދައްކައި ޚަލާސްކުރުމަށް އެ ބާޖުގެ ވެރި ފަރާތްކަމުގައިވާ AFRICEAN PTE. LTD. އަށް 13 ޑިސެމްބަރު 2023 ގައި ވަނީ އެންގިފައެވެ.

އަދި، ޤާނޫނު ނަންބަރު: 4/93 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު) ގެ 10 ވަނަ މާއްދާގެ ދަށުން ބާޖުގެ ފަރަށް އުރިގެން ފަރަށް ލިބިފައިވާ ގެއްލުމުގެ ބަދަލު، ޝަރީޢަތް މެދުވެރިކޮށް ހޯދުމުގެ މަސައްކަތް މި ޖޫރިމަނާއާ ގުޅިގެން އިސްތިއުނާފު މަރުޙަލާ ނިމުމުން އެޓާރނީ ޖެނެރަލް އޮފީހާ ގުޅިގެން ކުރިޔަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. 

13 ޑިސެންބަރު 2023
ހޯދާ