ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
މިިނިސްޓްރީ އޮފް ފިނޭންސްގެ ޗީފް ޕަބްލިކް އެކައުންޓަންޓްގެ މަޤާމަށް މީހަކު ހޯދުން

  އިޢުލާން 

ޗީފް ޕަބްލިކް އެކައުންޓަންޓްގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލުން

 

މިނިސްޓްރީ އޮފް ފިނޭންސްއަށް ޗީފް ޕަބްލިކް އެކައުންޓެންޓަކު ހަމަޖެއްސުމަށްޓަކައި، މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ކުރިމަތިލެއްވުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލަމެވެ.

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅު ނަމަ، ކޮމިޝަނުގެ ނަންބަރު 3307365 ފޯނަށް ގުޅުއްވުން އެދެމެވެ.

 

މަޤާމުގެ ޝަރުޠު:

އިންޓަރނޭޝަނަލް ފެޑަރޭޝަން އޮފް އެކައުންޓަންޓްސް (އައި.އެފް.އޭ.ސީ) އިން ޤަބޫލުކުރާ ޕްރޮފެޝަނަލް އެކައުންޓިންގ ބޮޑީއެއް (މިސާލު: އޭސީސީއޭ/ސީމާ/ސީޕީއޭ/ސިޕްފާ) ގެ ކޮލިފައިޑް އެކައުންޓަންޓަކަށްވުން.

އަދި

ޕަބްލިކް ފައިނޭންސްގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ އެކައުންޓިންގ ދާއިރާގައި 8 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. (މި ދެ ތަޖުރިބާގެ މުއްދަތުގެ ތެރެއިން މަދުވެގެން 2 އަހަރުދުވަހު ހިންގުމުގެ ދާއިރާއެއްގައި މަސައްކަތް ކޮށްފައިވާންވާނެއެވެ.)

  

މުސާރައާއި ޢިނާޔަތްތައް:

އަސާސީ މުސާރަ: މަހަކު -/21,000 ރުފިޔާ  

ޖޮބް އެލަވަންސް: ޗީފް ޕަބްލިކް އެކައުންޓަންޓްގެ މަޤާމުގެ "ޖޮބް އެލަވަންސް" އަކީ މަހަކު -/11,900 ރުފިޔާއެވެ.

ހާޒިރީ ޢިނާޔަތް: ޗީފް ޕަބްލިކް އެކައުންޓަންޓްގެ މަޤާމުގެ " ހާޒިރީ ޢިނާޔަތް" އަކީ މަސައްކަތް ކުރި ދުވަހަކަށް -/322 ރުފިޔާއެވެ. މި އިނާޔަތަކީ ރަސްމީ މަސައްކަތު ދުވަސްތަކުގެ ތެރެއިން މުވައްޒަފު އޮފީހަށް ޙާޟިރުވާ ކޮންމެ ދުވަހަކަށް ދެވޭނެ އިނާޔަތެކެވެ. އޮފީހަށް ޙާޟިރުވުމުގެ ތެރޭގައި ރަސްމީ މަސައްކަތު ދުވަސްތަކުގެ ތެރެއިން މުވައްޒަފު ފިޒިކަލީ އޮފީހަށް ޙާޟިރުވުމާއި، ރަސްމީ މަސައްކަތު ދުވަސްތަކުގެ ތެރެއިން އޮންލައިންކޮށް މަސައްކަތްކުރަންޖެހޭ ހާލަތްތަކުގައި އެ އިދާރާއެއްގައި ހަމަޖެހިފައިވާ އުޞޫލުން ސައިން-އިން ވެގެން ޙާޟިރުވާ ޙާޟިރުވުން ވެސް ހިމެނޭނެއެވެ. އަދި ރަސްމީ މަސައްކަތު ދުވަސްތަކުގެ ތެރޭގައި ރާއްޖޭގައި ނުވަތަ ރާއްޖޭން ބޭރަށް ކުރަންޖެހޭ ރަސްމީ ދަތުރުތަކުގެ ދުވަސްތައް ވެސް އޮފީހަށް ޙާޟިރުވާ ދުވަސްތަކުގެ ތެރޭގައި ހިމެނޭނެއެވެ.

ޗީފް ޕަބްލިކް އެކައުންޓަންޓްގެ މަޤާމަކީ ޤާނޫނު ނަންބަރު 2/2008 (ދިވެހިރާއްޖޭގެ ވަޒީފާއާބެހޭ ޤާނޫނު) ގެ 34 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހިންގުމުގެ އިސް މަޤާމުގެ ތެރޭގައި ހިމެނޭ މަޤާމެކެވެ. ވީމާ، މި މަޤާމަށް އިތުރުގަޑީގެ ފައިސާއާއި ބަންދު ދުވަހުގެ ފައިސާ ނުލިބޭނެއެވެ.

 

ކުރިމަތިލުމުގެ މުއްދަތާއި ކުރިމަތިލާނެ ގޮތް:

ޗީފް ޕަބްލިކް އެކައުންޓަންޓްގެ މަޤާމަށް ކުރިމަތިލައްވަން ބޭނުންފުޅުވާ ފަރާތްތަކުން، ތިރީގައި މިވާ ލިޔުންތައް 2023 ނޮވެންބަރ 30 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާ އަށް ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. ހުށަހަޅަންޖެހޭ ތަކެތީގެ ތެރެއިން ނަންބަރު (4)، (5)، (6) އަދި (7) ގައި ބަޔާންކޮށްފައިވާ ލިޔުންތައް ސުންގަޑި ހަމަވުމުގެ ފަހުން ބަލައި ނުގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް މަޤާމަށް އެދޭ ފަރާތްތަކުން ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމު ބަލައިގަތުމުގެ މުއްދަތު އިތުރު ކުރެވޭނެއެވެ.

 

ހުށަހަޅަންޖެހޭ ތަކެތި:

  1. " ޗީފް ޕަބްލިކް އެކައުންޓަންޓްގެ ވަޒީފާއަށް އެދޭ މަޢުލޫމާތު ފޯމު"(މި ފޯމު ކޮމިޝަނުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ކޮމިޝަނުގެ ވެބްސައިޓުން www.csc.gov.mv ޑައުންލޯޑު ކުރެވޭނެއެވެ).
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ހުށަހެޅެންނެތް ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް
  3. އިންޓަރނޭޝަނަލް ފެޑަރޭޝަން އޮފް އެކައުންޓިންގ (އައި.އެފް.އޭ.ސީ) އިން ޤަބޫލުކުރާ ޕްރޮފެޝަނަލް އެކައުންޓިންގ ބޮޑީއެއްގެ "މެމްބަރ އިން ގުޑް ސްޓޭންޑިންގ" ކަން އަންގައިދޭ، އެ ތަނެއްގެ ލިޔުން
  4. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ކަނޑައަޅާފައިވާ އިންޓަރނޭޝަނަލް ފެޑަރޭޝަން އޮފް އެކައުންޓަންޓްސް (އައި.އެފް.އޭ.ސީ) އިން ޤަބޫލުކުރާ ޕްރޮފެޝަނަލް އެކައުންޓިންގ ބޮޑީއެއްގެ މެމްބަރޝިޕް ސެޓްފިކެޓް.
  5. ޕަބްލިކް ފައިނޭންސް ނުވަތަ އެކައުންޓިންގ ދާއިރާއިން ހާޞިލުކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ:

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛ 

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

  6. ފުރިހަމަކޮށްފައިވާ އިންޓަރނޭޝަނަލް ޕަބްލިކް ސެކްޓަރ ސްޓޭންޑަރޑްސް (އިޕްސާސް) ގެ ތަމްރީނުތަކާއި ގަވަރމަންޓު ފައިނޭންސް ސްޓެޓިސްޓިކްސް (ޖީއެފް.އެސް) ގެ ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

  7. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ރ) އުވައިލައިފައިވާ ދަޢުލަތުގެ އިދާރާއެއްގައި، ނުވަތަ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ/ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ،  އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

  8. ޗީފް ޕަބްލިކް އެކައުންޓަންޓްގެ މަޤާމަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް).

  9. ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފެއް ނަމަ، ޗީފް ޕަބްލިކް އެކައުންޓަންޓްގެ މަޤާމަށް ހޮވިއްޖެނަމަ، ވަޒީފާއިން ދޫކުރުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

  10. ޗީފް ޕަބްލިކް އެކައުންޓަންޓްގެ މަޤާމަށް ކުރިމަތިލާ ފަރާތުގެ އިޤްރާރު. (ކޮމިޝަނުގެ ވެބްސައިޓުން www.csc.gov.mv ޑައުންލޯޑު ކުރެވޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކްރައިޓީރިއާ:

  1. ތަޖުރިބާ: %40 (ސާޅީސް އިންސައްތަ)

   (ހ) މަސައްކަތު ތަޖުރިބާ: ޕަބްލިކް ފައިނޭންސް / އެކައުންޓިންގ ދާއިރާގެ ތަޖުރިބާ %30 (ތިރީސް އިންސައްތަ)

   (ށ) ހިންގުމުގެ ތަޖުރިބާ: ޕަބްލިކް ފައިނޭންސް / އެކައުންޓިންގ ދާއިރާގެ ހިންގުމުގެ ތަޖުރިބާ % 10 (ދިހަ އިންސައްތަ)

  1. މަޤާމުގެ މަސައްކަތާ ގުޅޭ ތަމްރީނު: %5 (ފަސް އިންސައްތަ)
  2. އިމްތިހާނު: %20 (ވިހި އިންސައްތަ)
  3. އިންޓަރވިއު އާއި ޕްރެޒެންޓޭޝަން: %35 (ތިރީސް ފަސް އިންސައްތަ)

 

އިމްތިޙާނުކުރުމާއި، އިންޓަރވިއުއާއެކު ޕްރެޒެންޓޭޝަން ހުށަހެޅުން:

ޗީފް އެކައުންޓްސް އެގްޒެކެޓިވްގެ މަޤާމަށް މީހަކު ހޮވުމަށް މަޤާމުގެ ޝަރުޠު ހަމަވާ ފަރާތްތަކަށް އިމްތިހާނު ދިނުމާއި، އިންޓަރވިއުއަކާއެކު ޕްރެޒެންޓޭޝަން ހުށަހެޅުން 2023 ޑިސެންބަރ 06 އާއި 2023 ޑިސެންބަރ 30 އާ ދެމެދު މާލޭގައި އޮންނާނެއެވެ. މި ތާރީޚަށް ބަދަލު އަތުވެއްޖެ ނަމަ އެ ކަން މި ކޮމިޝަނުން އަންގާނެ ވާހަކަ ދަންނަވަމެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި ޕްރެޒެންޓޭޝަން ހުށަހެޅުމަށާއި އިންޓަރވިއުއަށް އަދި އިމްތިހާނަށް ހާޟިރުވުމަށް ތައްޔާރުވެގެން ތިބުމަށްވެސް ދަންނަވަމެވެ.

 

ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް އާންމުކުރުން:

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް އެންމެ ޤާބިލް ފަރާތް ހޮވުމަށް ޕޮއިންޓް ދެވުނު ގޮތުގެ ޝީޓް" އާންމުކޮށް ފެންނާނެހެން މި ކޮމިޝަނުގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ އެ ޝީޓް އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް ލިޔުމުން (އީމެއިލް ނުވަތަ ސިޓީ) މި ކޮމިޝަނަށް ހުށަހަޅަންވާނެއެވެ.          

 

23 ނޮވެންބަރު 2023
ހޯދާ