ދިވެހިރާއްޖޭގެ ބާ ކައުންސިލު
ދިވެހިރާއްޖެ
ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ޤާނޫނީ ވަކީލަކު ޢައްޔަނުކުރުމަށް ބާއްވާ އިންތިޚާބު 2023

ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (މ) އަދި ޤާނޫނު ނަންބަރު: 10/2008 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު)ގެ 3 ވަނަ މާއްދާގެ 10 ވަނަ ނަންބަރުގެ ދަށުން ޤާނޫނީ ވަކީލުންގެ ތެރެއިން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ޢައްޔަނުކޮށްފައިވާ މެންބަރުގެ މަޤާމު ހުސްވެފައިވާތީ، ޤާނޫނު ނަންބަރު: 5/2019 (ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނު) ގެ 7 ވަނަ މާއްދާގެ (ތ) ގެ ދަށުން، ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ޤާނޫނީ ވަކީލުންގެ ތެރެއިން މެންބަރަކު އިންތިޚާބުކުރުމަށް ބާއްވާ އިންތިޚާބު، 7 ޑިސެންބަރު 2023 ވާ ބުރާސްފަތި ދުވަހު ބާއްވާ ގޮތަށް ހަމަޖައްސައި، ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ޤާނޫނީ ވަކީލުންގެ ތެރެއިން އިންތިޚާބުކުރެވޭ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން އެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު، 28 ނޮވެންބަރު 2023 ވާ އަންގާރަ ދުވަހުގެ 15:00 އާ ހަމައަށް ހުޅުވައިލައިފީމެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ޤާނޫނީ ވަކީލުންގެ ތެރެއިން އިންތިޚާބުކުރެވޭ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމާއި ތަކެތި ހުށަހަޅަންވާނީ ބާ ކައުންސިލަށެވެ. މި ތަކެތި ބަލައިގަންނާނީ 22 ނޮވެންބަރު 2023 ވާ ބުދަ ދުވަހުން ފެށިގެން 28 ނޮވެންބަރު 2023 ވާ އަންގާރަ ދުވަހުގެ ނިޔަލަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރުފަހު 15:00 އަށެވެ.

 ޤާނޫނު ނަންބަރު: 10/2008 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު)ގެ 5 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން، ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ޤާނޫނީ ވަކީލުންގެ ތެރެއިން އިންތިޚާބުކުރެވޭ މެންބަރުގެ މަޤާމަށް ކުރިމަތިލާ މެންބަރުގެ ކިބައިގައި އަންނަނިވި ޝަރުޠުތައް ފުރިހަމަވާންވާނެއެވެ.

  1. މުސްލިމަކު ކަމުގައިވުން؛  
  2. ދިވެހި ރައްޔިތަކު ކަމުގައިވުން، އަދި ބޭރު ޤައުމެއްގެ ރައްޔިތެއްކަމުގައި ނުވުން؛  
  3. ޢުމުރުން 30 (ތިރީސް) އަހަރު ވެފައިވުން؛  
  4. އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް، ނުވަތަ ޚިޔާނާތުގެ ކުށެއް، ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން؛  
  5. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދަށުން ނުވަތަ ޤާނޫނެއްގެ ދަށުން އިންތިޚާބު ކުރެވޭ ނުވަތަ ޢައްޔަންކުރެވޭ ސިޔާސީ މަޤާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުން؛  
  6. ސިޔާސީ ޕާޓީއެއްގެ މެންބަރު ކަމުގައި ނުވަތަ ސިޔާސީ ޕާޓީއެއްގައި ޙަރަކާތްތެރިވާ މީހަކު ކަމުގައި ނުވުން؛ އަދި  
  7. ބުއްދި ހަމައަށް ހުރި މީހަކު ކަމުގައިވުން.

 

ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ޤާނޫނީ ވަކީލަކު ޢައްޔަނުކުރުމަށް ބާއްވާ އިންތިޚާބަށް ކުރިމަތިލުމަށް އެދޭފަރާތްތަކުން، އިންތިޚާބަށް ކުރިމަތިލުމަށް އެދޭއިރު، އަންނަނިވި މަޢުލޫމާތާއި ތަކެތި ހުށަހަޅަން ވާނެއެވެ.

1)       އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފޯމު

2)       އެމީހަކު އެ އިންތިޚާބުގައި ޚާއްޞަ ލޯގޯ/ނިޝާނެއް ބޭނުންކުރުމަށް ޤަސްދުކުރާނަމަ އެ ނިޝާން/ލޯގޯ؛

3)       ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުންނާއި މޯލްޑިވްސް ކަރެކްޝަނަލް ސާރވިސް އިން ފުރިހަމަކޮށްފައިވާ ދަރަނީގެ ރެކޯޑާއި ކުށުގެ ރެކޯޑު ސާފުކޮށްފައިވާ ފޯމު؛

4)       އިންތިޚާބަށް ކުރިމަތިލާމީހާގެ ޕާސްޕޯޓް ސައިޒްގެ ކުލަ ފޮޓޯ (ޕާސްޕޯޓުގެ މިންގަނޑަށް ފެތޭ (JPEG ފޯމެޓުގައި)) ސޮފްޓް ކޮޕީއެއް.)؛

5)       އިންތިޚާބަށް ކުރިމަތިލާ މީހާގެ މަންދޫބުންގެ ގޮތުގައި އައްޔަނު ކުރާ މީހުންގެ މައުލޫމާތު ޝީޓު؛ އަދި

6)       އިދާރީ ފީގެ ގޮތުގައި ދައްކަންޖެހޭ -/5,000 (ފަސްހާސް ރުފިޔާ).

 

ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ޤާނޫނީ ވަކީލަކު ޢައްޔަނުކުރުމަށް ބާއްވާ އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާން ކުރުމަށް ހަމަޖެހިފައިވަނީ 7 ޑިސެންބަރު 2023 ވާ ބުރާސްފަތި ދުވަހުއެވެ. މި އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމާއި، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ބާ ކައުންސިލްގެ ވެބްސައިޓް maldivesbarcouncil.org އިން ޑައުންލޯޑު ކުރެވޭނެ ވާހަކަވެސް ދެންނެވީމެވެ.

7 ޖުމާދަލްއޫލާ 1445

21 ނޮވެންބަރު 2023

 

21 ނޮވެންބަރު 2023
ހޯދާ