މުލަކަތޮޅު ރަތްމަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މުލަކަތޮޅު ރަތްމަންދޫ ހުޅަނގުފަރާތު އަތިރިމަތި ބޭނުންކުރުމުގެ އުޞޫލް

މުލަކަތޮޅު ރަތްމަންދޫ ހުޅަނގުފަރާތު އަތިރިމަތި ބޭނުންކުރުމުގެ އުޞޫލު

 

  1. 1.     ތައާރަފް

މިއުސޫލަކީ ހުޅަނގު ފަރާތު އަތިރިމަތި (ހުޅަނގު ފަރާތުގައި މީހުން ދިރިއުޅުމަށާއި އެކިއެކިބޭނުންތަކަށް ދޫކޮށްފައިވާ ބިންތަކުން ފެށިގެން ހުޅަނގުފަރާތު މޫދާ ދެމެދުގައިވާ ސަރަހައްދު) ބެލެހެއްޓުމަށް ހެދިފައިވާ އުސޫލެކެވެ.

  1. 2.     އުސޫލަށް ޢަމަލުކުރަން ފަށާތާރީޚް

މިއުސޫލަށް ޢަމަލުކުރަން ފަށާނީ ރަތްމަންދޫ ކައުންސިލުން މިއުސޫލު ފާސްކޮށް އާއްމުކުރާ ތާރީޚުން ފެށިގެން 30 ދުވަސް ފަހުންނެވެ.

  1. 3.     އުސޫލަށް ޢަމަލުކުރަންވީގޮތް

 

3.1.  ފާލަމާއި، ފާލަން ހިމެނޭ ސަރަހައްދު ބޭނުންކުރުން

ހ. ފާލަމާއި ފާލަން ހިމެނޭ ސަރަހައްދު

 

ފާލަމާއި ފާލަން ފިމެނޭ ސަރަހައްދު ކަމުގައި ބުނެފައި މިވަނީ ފާލަމާއި، ފާލަމުގެ އުތުރު ފަރާތާއި ދެކުނު ފަރާތުން ފާލަމުން ފެށިގެން 50 ފޫޓު އަދި ފާލަމާ ޖެހިގެންވާ ގޮންޑޮޅިން ފެށިގެން އެއްގަމަށް 50 ފޫޓެވެ.

     ށ.މުދާ އެރުވުމާއި ބެއިލުން

  • ފާލަން ހިމެނޭ ސަރަހައްދުގައި އުޅަނދަކަށް އަރުވަން ނުވަތަ އުޅަނދަކުން ބައިލާ ބަހައްޓާތަކެތި ބަހައްޓަންވާނީ ފާލަން ބޭނުންކުރާމީހުންނަށް ދަތިނުވާގޮތަށެވެ.
  • ފާލަން މަތީގައި މުދާބެހެއްޓޭނީ ގިނަވެގެން 24 ގަޑީ އިރަށެވެ. މިގޮތަށް ބަހައްޓާ މުދާ ބަހައްޓަންވާނީ ފާލަން ބޭނުންކުރާ އެހެން މީހުންނަށް ދަތިނުވާ ގޮތަށެވެ. އަދި އުޅަނދަކަށް އަރުވަން ގެންގޮސް ފާލަންހިމެނޭ ސަރަހައްދުގައި ބަހައްޓާ މުދަލާއި އުޅަނދަކުން ބައިލާ ފާލަންހިމެނޭ ސަރަހައްދުގައި ބަހައްޓާ މުދާ އެސަރަހައްދުގައި ބެހެއްޓޭނީ 24 ގަޑީއިރަށެވެ. މިމާއްދާގައި މިހެން ބުނެފައި ވީނަމަވެސް އިމާރާތް ކުރުންފަދަ މަސައްކަތްތައް ކުރުމަށް ގެންނަ މުދާ ފާލަމުން ފެށިގެން 20 ފޫޓު ދުރުގައި ބެހެއްޓިދާނެއެވެ. މިގޮތައް ބަހައްޓާ މުދާ ގިނަވެގެން 30 ދުވަސްތެރޭ ގެންގޮސް ނިންމައި ބިން ސާފުކުރަންވާނެއެވެ.
  • މުދާ ހުސްކުރުމަށް ފާލަންބޭނުންކުރާ އުޅަނދުފަހަރު މުދާ ހުސްކުރުމަށްފަހު ފާލަމުގެ ޓީބައިގައި ބިތަށް ބަނދެފައި ބޭއްވޭނީ 1 ގަޑިއިރު ވަންދެންނެވެ.
  • އެއްވެސް އުޅަނދެއް ދާއިމީކޮށް ފާލަމުގައި އަޅާފައި ބޭއްވުމަކީ މަނާކަމެކެވެ. އެއްވެސް ބޭނުމެއްގައި އުޅަނދުފަހަރު  ފާލަމުގައި އަޅާފައި ބާއްވަންވާނީ ފާލަންބޭނުން ކުރާ މީހުންނަށް ދަތި ނުވާގޮތަށެވެ.
  • ފާލަމުގައި އަޅާ އަދި ފާލަމަށް ކައިރިކުރާ އުޅަނދުފަހަރުގެ ވައު އައްސަންވާނީ، ވައު އެއްސުމަށް ޚާއްޞަކޮށްފައިވާ މޫޓުތަކަށާއި ވައު އެއްސުމަށް ޚާއްސަކޮށްފައިވާ މަޅިގަނޑުތަކަށެވެ. ފާލަމުގެ ލައިޓްޕޯސްޓްތަކުގައި ވާ އެއްސުމަކީ މަނާކަމެކެވެ.
  • ފާލަމާއި ފާލަން ހިމެނޭ ސަރަހައްދުގައި އެތަންތަން ހަޑިވާ ޒާތުގެ އެއްވެސް މަސައްކަތެއް ކޮށްގެންނުވާނެއެވެ.
  • ފާލަންބޭނުންކުރާ ފަރާތްތަކުން ފާލަންހިމެނޭ އެސަރަހައްދާއި އެސަރަހައްދު ހިމެނޭ މޫދުހަޑިވާގޮތަށް ކަރުގޮހޮރާއި، ކުނި، ތެޔޮ އަދި މިނޫނަސް ސަރަހައްދު ހަޑިވާޒާތުގެ އެއްވެސް އެއްޗެއް އެޅުމަކީ މަނާކަމެކެވެ.
  • ފާލަންސަރަހައްދުގައި ސިޔާސީ ކެންޕެއިންގެ އެއްވެސް ހަރަކާތެއް ހިންގަންވާނީ " އިންތިހާބުތަކާ ގުޅިގެން ކެންޕެއިން ކުރުމަށް އިޖުތިމާޢީ ސަރަޙައްދުތައް ބޭނުންކުރުމުގެ އުސޫލު" ގައި ބަޔާން ކޮށްފައިވާ ގޮތަށެވެ. އިންތިހާބާ ގުޅިގެންހިންގާ ހަރަކާތްތައް ފިޔަވައި އެހެން އެއްވެސް ހަރަކާތެއް ހިންގުމަށް ފާލަންހިމެނޭ ސަރަހައްދުކަމަށް މިއުސޫލުގައި ކަނޑައަޅާފައިވާ ސަރަހައްދުގައި ދަމާ ބެނާ އާއި ކެންވާސް އަދި ފޮތިފަދަ ތަކެތި ދެމުމަށްފަހު 24 ގަޑީ އިރުގެތެރޭގައި ނަގަންވާނެއެވެ.
  • ފާލަންހިމެނޭ ސަރަހައްދުގައި އެކިއެކި ކަންކަމާއި ގުޅިގެން ޖަހާ ދިދައާއި ދަމާބެނާއާއި ފޮތިފަދަ ތަކެތި ދެމޭނީ ލިޔުމުން ކައުންސިލަށް ހުށަހަޅައި އެކަމަށް ކައުންސިލުން ހުއްދަ ދިނުމުންނެވެ.

 

3.2.ފާލަމާއި ފާލަން ހިމެނޭ ސަރަހައްދު ގެ ގޮތުގައި ނުހިމެނޭ ސަރަހައްދުތައް ބޭނުންކުރުން.

 

  • ފާލަންހިމެނޭ ސަރަހައްދު ގެ ގޮތުގައި ނުހިމެނޭ ސަރަހައްދުކަމަށް މިއުސޫލުގައި ބުނެފައިވާ ސަރަހައްދަކީ މިއުސޫލުގެ އެއްވަނަ މާއްދާ ގެ (ހ) ގައި ބުނެފައިވާ ސަރަހައްދު ފިޔަވައި ހުޅަނގު ފަރާތުގައި މީހުން ދިރިއުޅުމަށާއި އެކިއެކިބޭނުންތަކަށް ދޫކޮށްފައިވާ ބިންތަކުން ފެށިގެން ހުޅަނގުފަރާތު މޫދާ ދެމެދުގައިވާ އެންމެހައި ސަރަހައްދު ތަކެވެ.
  • ފާލަން ސަރަހައްދުގެ ގޮތުގައި ނުހިމެނޭ ސަރަހައްދުތަކުގައި އެއްވެސް ފަރާތަކުން އެއްވެސް މަސައްކަތެއްކުރާނަމަ އެކަން ކައުންސިލަށް އަންގަންވާނެއެވެ.
  • ފާލަން ސަރަހައްދުގެ ގޮތުގައި ނުހިމެނޭ ސަރަހައްދުތަކުގައި ގައު އެޅުން ކާށިއެހުން ލަކުޑި ކީހުން ފަދަ މަސައްކަތް ކުރާނަމަ މަސައްކަތް ނިމުމުން ގިނަވެގެން ދެ ދުވަސްތެރޭ މަސައްކަތް ކުރި ސަރަހައްދުގައި ހުރި ތަކެތި ނަގައި ބިން ސާފު ކުރަންވާނެއެވެ.
  • މިއުސޫލުގައި އަތިރިމަތި ކަމުގައި ކަނޑައަޅާފައިވާ ސަރަހައްދުގައި އެއްވެސް ހަރަކާތެއް ހިންގުމަށް ތަކެތި ބަހައްޓައި އަދި ދިދައާއި ފޮތިބެނާފަދަ ތަކެތި ދަމަންވާނީ ލިއުމުން ކައުސިލަށް ހުށަހަޅައި އެކަމުގެ ހުއްދަ ލިބިގެންނެވެ.
  • އަތިރިމަތީގައި ދަރުބަހައްޓާނަމަ ދަރުބަހައްޓަންވާނީ އެކަމަށް ޚާއްޞަ ކޮއްފައިވާ ސަރަހައްދުގައެވެ.
  • ދަރު ބެހެއްޓުމަށް ޚާއްޞަކޮށްފައިވާ ސަރަހައްދުގައި ދަރު ބަހައްޓަން ވާނީ ކައުންސިލަށް އެންގުމަށްފަހުގައެވެ.
  • މިސަރަހައްދުގައި ބެހެއްޓޭނީ ރަށުން ބޭރަށް ފޮނުވާ ދަރު އެކަންޏެވެ.
  • ދަރު ބެހެއްޓުމަށް ޙާއްޞަ ކޮށްފައިވާ ސަރަހައްދަށް ދަރު ޖަމާކުރާތާ 30 ދުވަސްތެރޭ އެސަރަހައްދުން ދަރުތައް ނަގައި ބިންސާފުކުރުކަށްފަހު ކައުންސިލަށް އެކަން އަންގަން ވާނެއެވެ.
  • 100 ކިލޯއަށްވުރެ ގިނައިން މަސް އަތިރިމަތީގައި ކަނޑާނަމަ، ކަރުގޮހޮރު ފަދަ އުކާލަން ނަގާތަކެތި ރަށުގެ ގޮނޑުދޮށުން ފެށިގެން 150 ފޫޓު ދުރަށް މޫދަށް އުކާލަންވާނެއެވެ.
  • މޫދުން ހޮވައިގެން އަރުވާތަކެތީގެތެރެއިން އެކަކަށް އުފުލައި ގެންގުޅެވޭ ވަރުގެ ތަކެތި އަތިރިމަތީގައި ބެހެއްޓުމަކީ މަނާކަމެކެވެ.
  • މަތީގައި ބަޔާންކުރެވިފައިވާފަދަ ތަކެތި މޫދުން ހޮވައިގެން އަތިރިމަތީގައި ބަހައްޓާފައި ހުންނަ ނަމަ އިތުރަށް އެންގުމަކާނުލައި އެފަދަތަކެތި ނައްތާލުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެން ވެއެވެ.
  • މޫދުން ހޮވައިގެން އަރުވާތަކެތީގެތެރެއިން އެކަކަށް އުފުލޭވަރައްވުރެ ބަރު ތަކެތި އަތިރިމަތީގައި ބެހެއްޓޭނީ ގިނަވެގެން 10 ދުވަހަށެވެ.
  • އަތިރިމަތީގައި ކާށި، ފަން، ފުޅަފި އަދި އިހާ ފަދަތަކެތި އެއްކޮށް ފުނިޖަހާފައި ބެހެއްޓުމަކީ މަނާކަމެކެވެ. އަދި ރުއްރުކުން ވެއްޓޭ ކާށި ރުއްދޮށުގައި ގިނަދުވަސްތަކެއްވަންދެން ބަހައްޓާނަމަ އެފަދަތަކެތި ނައްތާލުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެން ވެއެވެ.
16 ނޮވެންބަރު 2023
ހޯދާ