މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ
ދިވެހިރާއްޖެ
ޤާނޫނު ނަންބަރު 4/93 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ޤާނޫނު) ގެ 4 ވަނަ މާއްދާގެ ދަށުން ފެހުރިއްސަކީ ޙިމާޔަތްކޮށްފައިވާ އެއްޗެއް ކަމުގައި ހަމަޖައްސުން

ދިވެހިރާއްޖޭގެ ދިރޭ ތަކެތީގެ ބާވަތްތަކާއި ވިރާސީ ވަސީލަތްތައް ރައްކާތެރިކޮށް ދެމެހެއްޓުމަށް ޤާނޫނު އަސާސީގެ 22 ވަނަ މާއްދާ ލާޒިމުކުރާ ހިނދު، ޤާނޫނު ނަންބަރު 4/93 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު) ގެ 4 ވަނަ މާއްދާއާ ހަވާލާދީ، މި މިނިސްޓްރީއަށް ލިބިދޭ ބާރުގެ ދަށުން 16 ނޮވެމްބަރ 2023 އިން ފެށިގެން ފެހުރިއްސަކީ ޙިމާޔަތްކޮށްފައިވާ އެއްޗެއް ކަމުގައި ހަމަޖައްސައި މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރަމެވެ. އަދި ފެހުރިއްސާމެދު ޢަމަލު ކުރާނީ ގަވާއިދު ނަންބަރު: 2021/R-25(ޤުދުރަތީ ގޮތުގައި ނުވަތަ ޠަބީޢީ ގޮތުގައި ޙިމާޔަތްކޮށް ރައްކައުތެރިކުރާ ދިރޭ ތަކެއްޗާބެހޭ ގަވާއިދު) ގައިވާ ގޮތުގެ މަތިންނެވެ.

ހ. ޙިމާޔަތްކޮށް ރައްކައުތެރިކުރާ ދިރޭ ތަކެތީގެ ބާވަތުގެ ނަން: 

  1. ދިވެހިނަން:  ފެހުރިހި
  2. އިނގިރޭސި ނަން: whale shark
  3. ސައިންޓިފިކް ނަން (ޖީނަސް - ސްޕީޝީޒް ނުވަތަ ޓެކްސާ ހިމެނޭ ގޮތަށް)       Rhincodon typus 

  (Genus: Rhincodon, Species: R. typus)

ށ. ޙިމާޔަތްކޮށް ރައްކައުތެރިކުރާ ދިރޭ އެއްޗެއްގެ ގޮތުގައި ކަނޑައެޅުނު ސަބަބާއި، އެ އެއްޗެއްގައި ނުވަތަ އެ ތަކެތީގައި އެކުލެވިގެންވާ ޚާއްޞަ ސިފަތައް:

ފެހުރިއްސަކީ ދުނިޔެއިން ފެންނަ އެންމެ ބޮޑު މަހެވެ. އަދި ފެހުރިއްސަކީ ކަނޑުގެ މަތީ ފަށަލައިގައި އުޅޭ ދުނިޔޭގެ ޓްރޮޕިކަލް ސަރަހައްދުން ފެންނަ މިޔަރެކެވެ. އެހެން މިޔަރުތަކާއި ޚިލާފަށް ފެހުރިއްސަކީ ރެދަން ފަދަ ތަކެތި ކައިއުޅޭ ފިލްޓާރ ފީޑަރ އެކެވެ. އަދި މިތަކެއްޗަކީ އިންސާނުންނަށް ހަމަލާ ނުދޭ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފަތުރުވެރިކަމުގެ ދާއިރާގައި މުހިއްމު ދިރުމެއް ކަމަށް ފާހަގަވެފައިވާ ދިރުމެކެވެ. ފެހުރިހި އެންމެ ގިނައިން ދިވެހިރާއްޖެއިން ފެންނަނީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ ދަށުން ހިމާޔަތްކޮށްފައިވާ ސައުތު އަރި މެރިން ޕާކް ސަރަހައްދުންނެވެ. އަދި ފެހުރިއްސަކީ ދުނިޔޭގައި ނެތިދިއުމުގެ ބިރު ކުރިމަތިވެފައިވާ ދިރުމެކެވެ.  

ނ. ޤުދުރަތީ ގޮތުގައި ނުވަތަ ޠަބީޢީ ގޮތުގައި ޙިމާޔަތްކޮށް ރައްކައުތެރިކުރާ ދިރޭ ތަކެތީ ގޮތުގައި ކަނޑައެޅުމުން މަނާވެގެންދާ ކަންތައްތައް.

  1. ފެހުރިހި ހިފުން، ގެއްލުންދިނުން، މެރުން، އަދި ގޯނާކުރުން.
  2. ފެހުރިހި ބޭނުންކުރުން އަދި ދިރުވައި އާލާކުރުން
  3. ފެހުރިހި ވިހައި ތަންތަނާއި، އަދި އޭގެ ޠަބީޢީ ގޮތްތަކަށް ނުވަތަ ޤުދުރަތީ ނިޒާމަށް ބުރޫ އަރާނެ ފަދަ ޢަމަލެއް ކުރުން.
  4. ފެހުރިއްސާއި އޭގެ ބައިތައް އިސްތިހާރު ކުރުން.
16 ނޮވެންބަރު 2023
ހޯދާ