އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
TB. Mutha Princess”" ޓަގު ބޯޓާއި "Mutha Pride" ބާޖު ހއ. ދިއްދޫ ފަރަށް އެރުމާއި ގުޅިގެން ތިމާވެއްޓަށް ލިބުނު ގެއްލުންތަކަށް ޖޫރިމަނާކުރުން

"TB. Mutha Princess" ޓަގު ބޯޓާއި "Mutha Pride"  ބާޖު  02 މެއި 2023 ވަނަ ދުވަހު ހއ. ދިއްދޫ ފަރަށް ވަނީ އަރާފައެވެ.

މި އުޅަނދުތައް ފަރަށް  އެރުމާއި ގުޅިގެން އެ ފަރުގެ މާހައުލަށް ލިބުނު ގެއްލުންތަކަށް ޤާނޫނު ނަންބަރު:4/93 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު) ގެ ދަށުން ހެދިފައިވާ ޤަވާޢިދު ނަންބަރު:2011/R-9 (ތިމާވެށްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލުހޯދުމުގެ ޤަވާޢިދު) ގެ ދަށުން 100,000,000.00/- (އެއްސަތޭކަ މިލިއަން) ދިވެހިރުފިޔާއިން އެ އުޅަނދުގެ ވެރިފަރާތް ކަމުގައިވާ HRS Infratech Pte Ltd ވަނީ ޖޫރިމަނާކުރެވިފައެވެ. އަދި، މި އެޖެންސީއަށް 30 ދުވަހުގެ ތެރޭގައި މި ޖޫރިމަނާގެ ފައިސާ ދެއްކުމަށް އެ ފަރާތަށް ވަނީ 19 ސެޕްޓެންބަރު 2023 ގައި އެންގިފައެވެ.

މި އުޅަނދުތައް ފުންކޮށް ނިމުމުން އެ ސަރަޙައްދުގެ ތިމާވެއްޓަށް ލިބުނު ގެއްލުންތައް ބެލުމަށް މި އެޖެންސީއިން ވަނީ 12 މެއި 2023 ގައި އެ ސަރަޙައްދަށް ގޮސް އެ އުޅަނދުތަކުގެ ވެރިފަރާތުގެ ސަރވެޔަރަކާއެކު ސަރވޭކޮށްފައެވެ. މިގޮތުން، ބެލިބެލުމުން އެ ފަރުގެ 4038 އަކަމީޓަރުގެ ސަރަޙައްދަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން ވަނީ ފާހަގަކުރެވިފައެވެ. އަދި، ޤަވާޢިދު ނަންބަރު:2011/R-9 ގެ ދަށުން ތިމާވެށްޓަށް ލިބުނު ގެއްލުންތައް ބަލައި ވަޒަންކޮށް ކަނޑައެޅުނު ޖުމްލަ ޖޫރިމަނާއާއި ބަދަލުގެ ޢަދަދަކީ 101,743,400.00 (އެއްސަތޭކަ އެއްމިލިއަން ހަތްލައްކަ ސާޅީސް ތިންހާސް ހަތަރުސަތޭކަ ރުފިޔާ) އެވެ. ނަމަވެސް، ޤާނޫނު ނަންބަރު:4/93 ގެ ދަށުން ޖޫރިމަނާގެ ގޮތުގައި ކަނޑައެޅެން އޮންނަ އެންމެ ބޮޑު ޢަދަދަކީ 100 (އެއްސަތޭކަ) މިލިއަން ރުފިޔާ ކަމުގައިވާތީވެ، 100 (އެއްސަތޭކަ) މިލިއަން ރުފިޔާ ޖޫރިމަނާގެ ގޮތުގައި 30 ދުވަހުގެ ތެރޭގައި މި އެޖެންސީއަށް ދައްކާ ޚަލާސްކުރުމަށް އަންގާފައިވާނެއެވެ.

އަދި، ޤާނޫނު ނަންބަރު:4/93 ގެ 10 ވަނަ މާއްދާގެ ދަށުން ބާޖު ފަރަށް އަރައިގެން ލިބިފައިވާ ގެއްލުމުގެ ބަދަލު، ޝަރީޢަތް މެދުވެރިކޮށް ހޯދުމުގެ މަސައްކަތް އެޓަރނީ ޖެނެރަލްގެ އޮފީހާއި އެކުގައި ފެށުމަށް ކުރަންޖެހޭ ކަންތައްތައް މި މައްސަލައިގެ އިސްތިއުނާފް މަރުޙަލާއިން ނިންމާ ގޮތެއްގެ މަތިން ފެށުމަށް ވަނީ ހަމަޖެހިފައެވެ.

19 ސެޕްޓެންބަރު 2023
ހޯދާ