އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
2023 ޖަނަވަރީ 23 ވަނަ ދުވަހު ބ. ކެޔޮދޫގައި ވެލާތަކަށް ގޯނާކުރުމާގުޅިގެން އެކަމުގައި ބައިވެރިވި ފަރާތްތައް ކުރެވިފައިވާ ޖޫރިމަނާ އިޞްލާޙް ކުރުމާގުޅޭ

ނޫސްބަޔާން

2023 ޖަނަވަރީ 23 ވަނަ ދުވަހު ބ. ކެޔޮދޫގައި ވެލާތަކަށް ގޯނާކުރުމާގުޅިގެން އެކަމުގައި ބައިވެރިވި ފަރާތްތައް ކުރެވިފައިވާ ޖޫރިމަނާ އިޞްލާޙް ކުރުމާގުޅޭ

ބ. ކެޔޮދޫގައި ވެލާތަކެއް ފަޅައިގެން އެތަކެތި ކައްކަމުންދާ ކަމަށް ޢާންމު ފަރާތަކުން ދިން މަޢްލޫމާތަށް ބަލައި، ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން 2023 ޖަނަވަރީ 23 ވަނަ ދުވަހު 16:38 ހައިއިރު ބ. ކެޔޮދޫއަށް ގޮސް ބ. ކެޔޮދޫގައި ވެލާތަކެއް ފަޅައިގެން އެތަކެތި ކައްކަމުންދިޔަ ސަރަޙައްދަށް އެޓެންޑްވެ، އެ ސީންއަށް ބިނާކޮށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ތައްޔާރުކޮށްފައިވާ ޕޮލިސް ރިޕޯޓުގައި، ސީންއަށް ދިޔަ ފުލުހުން ދީފައިވާ ބަޔާންތަކުންނާއި ސީންއިން ފެނުނު ހެކިތަކާއި އަދި ސީންގައި ވެލާތަކަށް ގޯނާކުރުމުގައި ބައިވެރިވި ފަރާތްތަކާ ސުވާލުކުރުމުން އެ ފަރާތްތަކުން އެ ވެލާތައް މަރާލައި ކެއްކުމުގައި ބައިވެރިވެފައިވާކަން ތަޙްޤީޤަށް ފާހަގަކުރެވިފައިވާކަން ވަނީ ބަޔާންކޮށްފައެވެ. އަދި، މި އެޖެންސީއާއި މާޅޮސްމަޑުލު ދެކުނުބުރީ ބަޔޮސްފިއަރ ރިޒަރވް އޮފީހުގެ ޓީމެއް އެ ސީންއަށް އެޓެންޑްވެ އެއްކުރެވުނު މަޢްލޫމާތުންވެސް އެ ފަރާތްތަކުން އެ ވެލާތައް މަރާލައި ކެއްކުމުގައި ބައިވެރިވެފައިވާކަން ވަނީ ފާހަގަކުރެވިފައެވެ.

އެހެންކަމުން، 2023 ޖަނަވަރީ 23 ވަނަ ދުވަހު ބ. ކެޔޮދޫގައި ވެލާތަކަށް ގޯނާކުރުމާގުޅިގެން ގަވާއިދު ނަންބަރު:2021/R-25 (ޤުދުރަތީ ގޮތުގައި ނުވަތަ ޠަބީޢީ ގޮތުގައި ޙިމާޔަތްކޮށް ރައްކައުތެރިކުރާ ދިރޭ ތަކެއްޗާބެހޭ ގަވާއިދު) ގެ 18 ވަނަ މާއްދާގެ (ށ) ގައި ގުދުރަތީ ގޮތުގައި ނުވަތަ ޠަބީޢީ ގޮތުގައި ޙިމާޔަތްކޮށް ރައްކައުތެރިކުރާ ދިރޭ އެއްޗަކަށް ގޯނާކޮށްފިނަމަ، 30,000/- (ތިރީސްހާސް ރުފިޔާ) އާއި 50,000/- (ފަންސާސްހާސް ރުފިޔާ) އާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރެވޭނެކަމުގައި ބަޔާންކޮށްފައިވާތީ،  ޠަބީޢީ ގޮތުގައި ޙިމާޔަތްކޮށް ރައްކައުތެރިކޮށްފައިވާ 6 (ހައެއް) ދިރޭ އެއްޗަށް ގޯނާކޮށް މަރާލުމާގުޅިގެން ބ. ކެންދޫ، ދިރިމާގެ ޢަލީ އާދަމްއާއި ބ. ކެންދޫ / ދިރިމާގެ ޙަސަން ޒަރީރުއާއި ބ. ކެންދޫ / ދިލާސާގެ ޢަބްދުﷲ ޝާހީއާއި ބ. ކެންދޫ / ދިލާސާގެ އަޙްމަދު ނާއިޝްއާއި ބ. ކެންދޫ / މުސަންމާގެ ހޫދު ފަހުދު އިދުރީސްއާއި ބ. ކެންދޫ / އަމަން އަންވަރު ޢަބްދުއްރަޙްމާންއާއި އދ. ދިގުރަށް / ނޫރާނީ ވިލާ ތަސްނީމް އަޙްމަދު ވަނީ ޖޫރިމަނާކުރެވިފައެވެ. އަދި، ޖޫރިމަނާގެ ގޮތުގައި ކޮންމެ މީހަކު ދައްކަންޖެހޭނެކަމަށް ކަނޑައެޅުނު  198,000/-ރ (އެއްލައްކަ ނުވަދިހަ އަށްހާސް ރުފިޔާ) 30 ދުވަހުގެ ތެރޭގައި މި އެޖެންސީއަށް ދެއްކުމަށް އެ ފަރާތްތަކަށް 20 ޖޫން 2023 ގައި ވަނީ އަންގާފައެވެ. އެހެންނަމަވެސް، ދިވެހި ފުލުހުންގެ ޚިދުމަތުގެ އެހީތެރިކަމާއެކު އެ ފަރާތްތަކާ ޖޫރިމަނާ ކުރެވުނުކަން އެންގި ސިޓީތައް ހަވާލުކުރުމަށް މަސައްކަތްކުރެވިފައިވީނަމަވެސް، އެ ފަރާތްތަކުން މި އެޖެންސީން ފޮނުވި ޖޫރިމަނާ ސިޓީތަކާ ހަވާލުވާން އިންކާރުކުރުމާ ގުޅިގެން 31 ޖުލައި 2023 ގައި މާޅޮސްމަޑުލު ދެކުނުބުރީ ކެންދޫ ކައުންސިލްގެ އިދާރާގެ އެހީތެރިކަމާއެކު އެ ފަރާތްތަކާ އެ ޖޫރިމަނާ ސިޓީތައް ހަވާލުކުރުމަށް ވަނީ މަސައްކަތްކުރެވިފައެވެ.

ކަންމިހެންހުރުމާއެކުވެސް، މިނިސްޓަރ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީއަށް އެ ފަރާތްތަކުން މި އެޖެންސީން އެ ފަރާތްތައް ކޮށްފައިވާ ޖޫރިމަނާއާ ގުޅޭގޮތުން ސިޓީތަކެއް ފޮނުއްވާފައިވާތީ، އެ މައްސަލަ ބައްލަވަމުން ގެންދަވާކަން 23 ޖުލައި 2023 ގައި މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީއިން މި އެޖެންސީއަށް ވަނީ އަންގާފައެވެ. މީގެ އިތުރުން، ބ. ކެޔޮދޫގައި އެ ފަރާތްތައް ވެލާތަކަކަށް ގޯނާކުރުމާ ގުޅިގެން މި އެޖެންސީން ކޮށްފައިވާ ޖޫރިމަނާ އަލުން މުރާޖާކުރުމަށް ފެންނަކަމަށް މި އެޖެންސީގެ ގަވަރނިންގ ބޯޑުން މިނިސްޓަރ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އަށް ލަފާދެއްވާފައިވާތީ، މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އިން ވަނީ މި ޖޫރިމަނާގެ މައްސަލައިގައި އެޓަރނީ ޖެނެރަލްގެ އޮފީހުގެ ލަފާ ހޯދާފައެވެ.

މި ޖޫރިމަނާއާ ގުޅިގެން 06 ސެޕްޓެމްބަރު 2023 ގައި އެޓަރނީ ޖެނެރަލްގެ އޮފީހުގެ ނަންބަރު 32-LAD/438/2023/43 ސިޓީއިން ވަނީ ޤުދުރަތީ ނުވަތަ ޠަބީޢީ ގޮތުގައި ޙިމާޔަތްކޮށް ރައްކައުތެރިކުރާ ދިރޭ އެއްޗަކަށް ގޯނާކޮށްފިނަމަ، ޖޫރިމަނާކުރެވޭނީ30,000/-  ރުފިޔާއާއި 50,000/- ރުފިޔާއާ ދެމެދުގެ އަދަދަކުން ކަމަށް ގަވާއިދު ނަންބަރު 2021/R-25 ( ޤުދުރަތީ ގޮތުގައި ނުވަތަ ޠަބީޢީ ގޮތުގައި ޙިމާޔަތްކޮށް ރައްކައުތެރިކުރާ ދިރޭ ތަކެއްޗާބެހޭ ގަވާއިދު) ގެ 18 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާތީ، އަދި، އެ ގަވާއިދުގައި ގޯނާކުރި ތަކެތީގެ އަދަދަށް ބަލައި ޖޫރިމަނާކުރެވޭ އަދަދު އިތުރު ކުރުމުގެ އުސޫލެއް ކަނޑައަޅާފައިނުވާތީ، ބ. ކޮޔޮދޫގައި ވެލަޔަށް ގޯނާކުރިކަމުގެ ހެކި ލިބިފައިވާ ކޮންމެ ފަރާތެއްވެސް ޖޫރިމަނާކުރެވޭނީ 30,000/-  ރުފިޔާއާއި 50,000/- ރުފިޔާއާ ދެމެދުގެ އަދަދަކުންކަމަށް ފެންނަކަމަށް ލަފާދީފައެވެ.

އެހެންކަމުން، ބ. ކެޔޮދޫގައި ވެލާތަކަށް ގޯނާކުރުމާ ގުޅިގެން އިސްވެދެންނެވުނު ފަރާތްތައް ކޮށްފައިވާ ޖޫރިމަނާ އަލުން މުރާޖާކުރުމަށް ފެންނަކަމަށް މި އެޖެންސީގެ ގަވަރނިންގ ބޯޑުން މިނިސްޓަރ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އަށް ދެއްވާފައިވާ ލަފަޔާއި، މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އިން މި އެޖެންސީއަށް ފޮނުވާފައިވާ މެމޯއާއި އެޓާރނީ ޖެނެރަލްގެ އޮފީހުގެ ލަފާގެ މަތިން މި އެޖެންސީން ޢަމަލުކުރަމުން އަންނަ ގަވާއިދު ނަންބަރު:2021/R-25 (ޤުދުރަތީ ގޮތުގައި ނުވަތަ ޠަބީޢީ ގޮތުގައި ޙިމާޔަތްކޮށް ރައްކައުތެރިކުރާ ދިރޭ ތަކެއްޗާބެހޭ ގަވާއިދު) ގެ 18 ވަނަ މާއްދާގެ (ށ) ގެ ދަށުން ޖޫރިމަނާ ކަނޑައަޅާނެ ގޮތުގެ އުސޫލަށް ރިޢާޔަތްކޮށް ޤުދުރަތީ ގޮތުގައި ނުވަތަ ޠަބީޢީ ގޮތުގައި ޙިމާޔަތްކޮށް ރައްކައުތެރިކުރާ 6 (ހައެއް) ވެލަޔަށް ގޯނާކޮށް މަރާލުމާގުޅިގެން ބ. ކެންދޫ، ދިރިމާގެ ޢަލީ އާދަމްއާއި ބ. ކެންދޫ / ދިރިމާގެ ޙަސަން ޒަރީރުއާއި ބ. ކެންދޫ / ދިލާސާގެ ޢަބްދުﷲ ޝާހީއާއި ބ. ކެންދޫ / ދިލާސާގެ އަޙްމަދު ނާއިޝްއާއި ބ. ކެންދޫ / މުސަންމާގެ ހޫދު ފަހުދު އިދުރީސްއާއި ބ. ކެންދޫ / އަމަން އަންވަރު ޢަބްދުއްރަޙްމާންއާއި އދ. ދިގުރަށް / ނޫރާނީ ވިލާ ތަސްނީމް އަޙްމަދު ހިމެނޭހެން، ކޮންމެ މީހަކު 33,000/-ރ (ތިރީސް ތިންހާސްރުފިޔާ) އިން ޖޫރިމަނާކުރެވިފައިވާކަމާއި، މި ޖޫރިމަނާއަށްވާ ފައިސާ 06 ސެޕްޓެމްބަރ 2023 އިން ފެށިގެން ބަންދު ދުވަސްތައް ހިމަނައިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި މި އެޖެންސީއަށް ދެއްކުމަށް އެ ފަރާތްތަކަށް ވާނީ އަންގާފައެވެ. 

އަދި ހަމައެހެންމެ، ޤާނޫނު ނަންބަރު:4/93 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު) ގެ ދަށުން ޤުދުރަތީ ގޮތުގައި ނުވަތަ ޠަބީޢީ ގޮތުގައި ޙިމާޔަތްކޮށް ރައްކައުތެރިކުރާ ދިރޭ ތަކެއްޗާ ގުޅޭގޮތުން ޢަމަލުކުރުމަށް އެކުލަވާލާފައިވާ ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ޢަމަލުކުރުމަށް ނަސޭޙަތްތެރިވެ، ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމަށް ހެދިފައިވާ ޤާނޫނާއި ގަވާއިދާ ޚިލާފު ޢަމަލުތައް ތަކުރާރު ނުކުރުމަށް އެ ފަރާތްތަކަށް ވާނީ އަންގާފައެވެ.  

07 ސެޕްޓެންބަރު 2023
ހޯދާ