އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ކުރެވޭ ކެމްޕެއިންއާ ގުޅޭ:

މިދުވަސްވަރަކީ، 09 ސެޕްޓެމްބަރ 2023 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބާއި ދިމާކޮށް އެކި ފަރާތްތަކުން، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ވަރަށް ފޯރިއާއެކު ކެމްޕެއިން ޙަރަކާތްތައް ކުރިޔަށްގެންދަމުންދާ ދުވަސްވަރެކެވެ. މިފަދަ ބައެއް ޙަރަކާތްތައް ކުރިއަށް ގެންދިޔުމުގައި، ދިވެހިރާއްޖޭގެ ތިމާވެށްޓަށާއި ދިރޭތަކެއްޗަށް ގެއްލުންވާގޮތްގޮތަށް ކެމްޕެއިންގެ އެކި ޙަރަކާތްތައް ކުރިޔަށް ގެންދާކަން މި އޭޖެންސީއަށް ވަނީ ފާހަގަކުރެވިފައެވެ. މިގޮތުން، ބައެއް ރަށްރަށުގައި ހެދިފައިވާ ޙިމާޔަތްކޮށްފައިވާ ގަސްގަހާގެއްސަށާއި ދުވަސްވީ ބޮޑެތި ގަސްގަހާގެއްސަށް)، ގެއްލުންވާ ގޮތަށް މޮހޮރުފަދަ ތަކެތި ޖަހައި ކެމްޕެއިން ބެނާ އަދި ފޮތިފަދަ ތަކެތި ހަރުކުރުމާއި، ޖަނަވާރާއި ރުއްގަހަށް ސްޕްރޭކޮށް ދަވާދުލުމާއި، ކެމްޕެއިން ޙަރަކާތްތަކަށް ބޭނުންކުރާ ބައެއް ލީފްލެޓާއި ޕޯސްޓަރުތަކާއި ކަރުދާސްތައް މަގުމައްޗަށް ކުނީގެގޮތުގައި އުކާލާފައި ހުންނަކަން ވަނީ ފާހަގަކުރެވިފައެވެ. މީގެ އިތުރުން، އެކި އިވެންޓްތަކުގައި ގިނަ ޢަދަދަކަށް ސިންގަލް-ޔޫޒް ޕްލާސްޓިކް ފެންފުޅި ބޭނުންކުރުމަށްފަހު ކުނީގެ ގޮތުގައި އުކާލުމަށްފަހު އެ ތަކެތި ރަނގަޅަށް މެނޭޖްނުކުރާކަންވެސް ވަނީ ފާހަގަކުރެވިފައެވެ. އަދި ހަމައެހެންމެ، ދިވެހިރާއްޖެ އުފެދިފައިވާ ގޮތުންނާއި، ރަށްތަކުގެ ރައްކާތެރިކަމަށް ނުހަނު މުހިއްމު ދައުރެއް އަދާކުރާ، ރަށްރަށުގެ ވަށައިގެން ޤުދުރަތީގޮތުން އުފެދިފައިވާ ފަރުގެ ސަރަޙައްދުތަކުގައިވާ މުރަކަތަކަށް ގެއްލުންވާގޮތަށް، ފަރުތައް ތޮރުފާ ނުވަތަ ހަލާކުކޮށްގެން، ދިދަ ޖެހުމުގެ ބޭނުމުގައި ދަގަނޑު ހޮޅި ޖެހުން ފަދަ ކަންކަން ކުރަމުންދާކަންވެސް ފާހަގަކުރެވިފައިވެއެވެ.

އެހެންކަމުން، ސިޔާސީ ޕާޓީތަކުންނާއި ކެޕްމެއިން ހަރަކާތްތައް ހިންގާ އެންމެހައި ފަރާތްތަކުން އިސްވެ ދެންނެވުނު ކަންކަމަށް ސަމާލުކަން ދެއްވާ، އެފަދަ ކަންތައްތައް ތަކުރާރުނުވާނެ ގޮތުގެ މަތިން ކެމްޕެއިން ހަރަކާތްތައް ހިންގުމަށް އިލްތިމާސްކުރަމެވެ.  

ދިވެހިރާއްޖޭގެ ޤުދުރަތީ ތިމާވެށްޓާއި، ދިރޭތަކެތީގެ މުއްސަނދިކަމާއި، ޤުދުރަތީ ވަސީލަތްތަކާއި ރީތިކަން މިހާރުގެ ޖީލުތަކަށާއި އަންނާން އޮތް ޖީލުތަކުގެ މަންފާއަށްޓަކައި ރައްކާތެރިކޮށް ދެމެހެއްޓުމަކީ ކޮންމެ ފަރުދަކުވެސް ވަރަށް ބޮޑަށް އިސްކަން ދޭންޖެހޭނެ ކަމެކެވެ. އަދި، އިޤްތިޞާދީ އަދި އިޖްތިމާޢީ ކުރިއެރުން ހޯދުމަށް ކުރެވޭ މަސައްކަތްތަކަކީ ތިމާވެށި ޙިމާޔަތްކުރެވޭ، ދެމެހެއްޓެނިވި ތަރައްޤީގެ އުސޫލުތަކުގެ މަތީން ކުރެވޭ ކަންތައްތަކެއްކަމަށް ހެދުމަށާއި، މިފަދަ ޙަރަކާތްތަކުގެ ސަބަބުން ތިމާވެށި ތަޣައްޔަރުވިޔަ ނުދިނުމަށް އެންމެން އެކީގައި މަސައްކަތްކުރުމަށް މި އޭޖެންސީއިން އިލްތިމާސްކުރަމެވެ.                       

24 އޮގަސްޓް 2023
ހޯދާ