އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ށ. މިލަންދޫ ކައުންސިލްގެ ބައި އިލެކްޝަން (7 މާރިޗު 2015)

ށ. މިލަންދޫ ކައުންސިލުން ހުސްވެފައިވާ 2 ގޮނޑިއަށް މެންބަރުން އިންތިޚާބުކުރުމަށްޓަކައި، 7 މާރިޗު 2015 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ބައި އިލެކްޝަންގެ ވޯޓު ނެގުމާއި، ވޯޓު ގުނުމުގެ ކަންތައްތައް އޮބްޒާވްކުރުމަށް ޝައުޤުވެރިވާ ސިޔާސީ ޕާޓީތަކާއި، ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ޖަމްޢިއްޔާ ޖަމާޢަތްތަކާއި، އަމިއްލަގޮތުން އެދޭ ފަރާތްތަކަށް، 2015 ފެބުރުވަރީ 8 ވާ އާދީއްތަ ދުވަހުގެ ހެނދުނު 8:00 ން ފެށިގެން 2015 ފެބުރުވަރީ 23 ވާ ހޯމަ ދުވަހުގެ ހަވީރު 15:00 އާ ހަމަޔަށް އެ ފުރުޞަތު ހުޅުވާލައިފީމެވެ.

މި އިންތިޚާބު އޮބްޒާވްކުރުމަށް ހުއްދަ ދެވޭނީ އަންނަނިވި ޝަރުޠުތައް ފުރިހަމަވާ ފަރާތްތަކަށެވެ.

  1. އުމުރުން 18 އަހަރު ފުރިފައިވާ މީހެއްކަމުގައި ވުން.
  2. ޖިނާއީ ކުށެއްގައި ޙުކުމް ތަންފީޒު ކުރެވެމުންދާ މީހެއްކަމުގައި ނުވުން.
  3. މަދަނީ ޖަމްޢިއްޔާ ޖަމާޢަތަކުން ނުވަތަ އަމިއްލަ ގޮތުން ހުށަހަޅާ ފަރާތެއްނަމަ، ސިޔާސީ ޕާޓީއެއްގެ ރަޖިސްޓަރީއެއްގައި އެމީހެއްގެ ނަން ހިމެނިފައިވާ މީހެއްކަމުގައި ނުވުން.
  4. މި އިންތިޚާބުގެ މަސައްކަތެއްގައި އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ޙަވާލުވެގެން ހުރި މީހެއްކަމުގައި ނުވުން.

ވޯޓު ނެގުމާއި ވޯޓު ގުނުމުގެ ކަންތައްތައް އޮބްޒާވްކުރުމަށް ޝައުޤުވެރިވާ ސިޔާސީ ޕާޓީތަކާއި، ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ޖަމްޢިއްޔާ ޖަމާޢަތްތަކާއި އަމިއްލަ ފަރާތްތަކުން އިލެކްޝަންސް ކޮމިޝަނުން އެކަމަށް ކަނޑައަޅާފައިވާ އެޕްލިކޭޝަން ފޯމާއި އިޤުރާރު ފުރިހަމަކުރުމަށްފަހު، އެ ތަކެތި ހުށަހަޅަންޖެހޭ ގޮތް މި ދަންނަވަނީއެވެ.

  1. ސިޔާސީ ޕާޓީތަކުން އޮބްޒާވްކުރުމަށް އެދި އެޕްލިކޭޝަން ފޯމު ހުށަހަޅާނީ ސީދާ އިލެކްޝަންސް ކޮމިޝަންގެ އިދާރާއަށެވެ. ސިޔާސީ ޕާޓީތަކުން ހުށަހަޅާ އެޕްލިކޭޝަން ފޯމުތަކާއެކު، އެ ޕާޓީގެ ފަރާތުން ހުށަހަޅާ ފޯމުގެ ޢަދަދު ބަޔާންކޮށް އިލެކްޝަންސް ކޮމިޝަންގެ އިދާރާއަށް ސިޓީއެއް ހުށަހަޅަންވާނެއެވެ.
  2. މަދަނީ ޖަމްޢިއްޔާ ޖަމާޢަތްތަކުންނާއި އަމިއްލަ ގޮތުން އޮބްޒާވްކުރުމަށް އެދޭ ފަރާތްތަކުން އެޕްލިކޭޝަން ހުށަހަޅާނީ އިލެކްޝަންސް ކޮމިޝަންގެ އިދާރާއަށް ނުވަތަ ށ. މިލަންދޫ ކައުންސިލްގެ އިދާރާއަށެވެ. މަދަނީ ޖަމްޢިއްޔާ ޖަމާޢަތްތަކުން ހުށަހަޅާ އެޕްލިކޭޝަން ފޯމުތަކާއެކު، އެ ފަރާތުން ހުށަހަޅާ ފޯމުގެ ޢަދަދު ބަޔާންކޮށް ސިޓީއެއް ހުށަހަޅަންވާނެއެވެ.

ސިޔާސީ ޕާޓީތަކަށާއި، ޖަމްޢިއްޔާ ޖަމާޢަތްތަކަށް ފާސް ދޫކުރެވޭނީ ބަހައްޓާ ވޯޓު ފޮށީގެ ޢަދަދަށްވުރެ ދިހަ އިންސައްތަ އިތުރުނުވާ ގޮތެއްގެ މަތީންނެވެ.

ށ. މިލަންދޫ ކައުންސިލުން ހުސްވެފައިވާ 2 ގޮނޑިއަށް މެންބަރުން އިންތިޚާބުކުރުމަށް ބާއްވާ ބައި އިލެކްޝަންގެ ވޯޓު ނެގުމާއި، ވޯޓު ގުނުމުގެ ކަންތައްތައް އޮބްޒާވްކުރުމަށް އެދޭ ފަރާތްތަކުން ފުރިހަމަކުރަންޖެހޭ އެޕްލިކޭޝަން ފޯމާއި އިޤުރާރު އިލެކްޝަންސް ކޮމިޝަންގެ އިދާރާއިންނާއި ށ. މިލަންދޫ ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި، އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުން(www.elections.gov.mv) ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ. އެޕްލިކޭޝަން ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2015 ފެބުރުވަރީ 8 ވާ އާދީއްތަ ދުވަހުން ފެށިގެން ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 ން ހަވީރު 15:00 އަށެވެ. އަދި އެޕްލިކޭޝަން ފޯމް ބަލައިގަތުމުގެ ސުންގަޑިއަކީ 2015 ފެބުރުވަރީ 23 ވާ ހޯމަ ދުވަހުގެ ހަވީރު 15:00 އަށެވެ.

އެއްވެސް ފޯމެއްގައި ފުރިހަމަ ކުރަންޖެހޭ ބައެއް ފުރިހަމަ ނުވެ ހުރިނަމަ ނުވަތަ އެ ފޯމާއެކު ހުށަހަޅަންޖެހޭ އެއްވެސް އެއްޗެއް މަދުނަމަ އެފޯމެއް ބާޠިލު ކުރެވޭނެއެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

17 ރަބީޢުލްއާޚިރު 1436

07 ފެބުރުވަރީ 2015
ހޯދާ