އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގައި ހިމާޔަތްކޮށްފައިވާ ވެލާކަހަނބުގެ ބާވަތްތަކާ ގުޅޭގޮތުން ނުރަނގަޅު މައުލޫމާތު މީޑިއާގައި ދައުރުކުރަމުން ދިއުމާގުޅޭ

ނޫސް ބަޔާން

ދިވެހިރާއްޖޭގައި ހިމާޔަތްކޮށްފައިވާ ވެލާކަހަނބުގެ ބާވަތްތަކާ ގުޅޭގޮތުން ނުރަނގަޅު މައުލޫމާތު މީޑިއާގައި ދައުރުކުރަމުން ދިއުމާގުޅޭ


          މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ފަރާތުން ތަންފީޛު ކުރަމުންދާ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އާއްމު ގަވާއިދު (ނަންބަރު: 2020/R-75) ގައި މަސްވެރިކަމުގެ ތެރޭފައި ނެގުމާއި ހިފުން މަނާ ބާވަތްތަކުގެ ތެރެއިން ވެލާކަހަނބާއި މަޑީގެ ބާވަތްތައް އުނިކުރުމާ ގުޅޭގޮތުން، ބައެއް ނޫސްތަކުގައި އާއްމު ރައްޔިތުންނަށް އޮޅޭގޮތަށް މައުލޫމާތު ފަތުރަމުންދާތީ އެކަމަށް ރިޢާޔަތްކޮށް ދަންނަވެމެވެ. އިސްވެ ބަޔާންކޮށްފައިވާ ފަދައިން މަސްވެރިކަމާ ބެހޭ ޤާނޫނުގެ ދަށުން ވެލާކަހަނބާއި މަޑީގެ ބާވަތްތައް އުނިކޮށްފައިވީނަމަވެސް، މިދިރުންތަކަކީ " ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު" (ނަންބަރު: 93/4) ގައި އަދިވެސް ހިމާޔަތްކޮށްފައިވާ ބާވަތްތަކެވެ.

          އެގޮތުން ދިވެހިރާއްޖޭގެ ކަނޑުތަކުގައި ދިރިއުޅޭ ހުރިހާ ބާވަތެއްގެ ވެލާ ކަހަނބެއްވަނީ " ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު" (ނަންބަރު: 93/4) ގެ 4 ވަނަ މާއްދާގެ (ހ) ގެ ދަށުން 04 އެޕްރީލު 2016 ގައި ޙިމާޔަތްކޮށް ނަންބަރު 72/2016/438/ECAS-438(IUL) އިޢުލާނުން އާންމުކޮށް އަންގާފައެވެ. އަދި މިއާގުޅިގެން ވެލާ ކަހަނބުގެ ބާވަތްތައް ހިފާ ގެންގުޅުމާއި އޭގެ ބިސްނެގުމާއި، ބިސްވަޅުތަކަށް ގޯނާކުރުމާއި، އޭގެ ބައިތަކުގެ ވިޔަފާރި ކުރުމާއި، އެތަކެއްޗަށް އެއްވެސް ގޯނާއެއް ކުރުމާއި، އެ ތަކެތި އާންމުކޮށް އުޅޭ މާހައުލަށް ގެއްލުން ލިބޭ ފަދަ ކަންކަން ކުރުމާއި، އެތަކެއްޗާއި، އެ ތަކެތީގެ ބިހާއި، އޭގެ ބައިތައް ބޭނުންކޮށްގެން އުފައްދާ ތަކެތި އިމްޕޯޓުކޮށް އެކްސްޕޯޓްކުރުމާއި، އެ ތަކެއްޗާއި ގުޅޭގޮތުން މި އެޖެންސީގެ ހުއްދަނެތި ދިރާސާކުރުމާއި، އެ ތަކެތި އާލާކުރުމުގެ މަސައްކަތް ކުރުމަކީ ޤާނޫނީ ގޮތުން މަނާކަމެކެވެ. އަދި މިއާޚިލާފަށް ޢަމަލުކުރާ ފަރާތްތަކާމެދު  ޤުދުރަތީ ގޮތުގައި ނުވަތަ ޡަބީޢީ ގޮތުގައި ޙިމާޔަތްކޮށް ރަށްކައުތެރިކުރާ ދިރޭ ތަކެއްޗާބެހޭ ގަވާއިދު (ނަންބަރު :(2021/R-25 ގެ ދަށުން ފިޔަވަޅު އެޅޭނެއެވެ.

         ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނާއި މި ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާއި ހިމާޔަތްކޮށްފައިވާ ދިރުންތަކާއި ގުޅޭގޮތުން މި އެޖެންސީން އަންގާ އެންގުންތަކާއި، ގާނޫނާއި ގަވާއިދުތައް ތަންފީޒުކުރުމަށް ހުރިހާ ފަރާތްތަކުގެ އެއްބާރުލުންދެއްވުން އެދެމެވެ.

14 ޖޫން 2023
ހޯދާ