ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން
ދިވެހިރާއްޖެ
ސީ.އެޗް.އެސް.އީ އަށް ކުދިން ވެއްދުން

 2015 ވަނަ އަހަރު ސީ.އެޗް.އެސް.އީ އަށް ކުދިން ވެއްދުމަށް ހަމަޖެހިފައިވަނީ ތިރީގައިވާ ޝަރުޠުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. 

1- 1 މޭ 2013 ގެ ފަހުން ބައިވެރިވެފައިވާ އެސް.އެސް.ސީ އަދި ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.އީ އިމްތިޙާނުން ޖުމްލަ 5 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. މީގެތެރޭގައި ދިވެހިބަސް ނުވަތަ އިސްލާމިކް ސްޓަޑީޒާއެކު ކޮންމެވެސް 1 ސްޓްރީމެއްގެ މަދުވެގެން 2 މާއްދާ އިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

  • ސްޓްރީމް މާއްދާތައް ބެލުމުގައި ކޮމާރސް ސްޓްރީމްގެ މާއްދާތަކަށް ބެލެވޭނީ އެކައުންޓިންގ، ކޮމާރސް، ބިޒްނަސް ސްޓަޑީޒް، އިކޮނޮމިކްސް، އަދި މެތަމެޓިކްސް.
  • ސައިންސް ސްޓްރީމްގެ މާއްދާތަކަށް ބެލެވޭނީ ބަޔޮލޮޖީ، ކެމިސްޓްރީ، ފިޒިކްސް، އަދި މެތަމެޓިކްސް.
  • އާރޓްސް ސްޓްރީމްގެ މާއްދާތަކަށް ބެލެވޭނީ ހިސްޓްރީ އާއި ޖޯގްރަފީ. އާރޓްސް ސްޓްރީމްގައި ފާސްވެފައިވަނީ ހިސްޓްރީއާއި ޖޯގްރަފީގެ ތެރެއިން 1 މާއްދާއިންނަމަ، 2 ވަނަ މާއްދާއެއްގެ ގޮތުގައި އިންގްލިޝް ލޭންގްއޭޖް، އިންގްލިޝް ލިޓްރެޗަރ، އިކޮނޮމިކްސް ނުވަތަ މެތަމެޓިކްސް، މިއިން ކޮންމެވެސް 1 މާއްދާއެއް ބެލެވިދާނެއެވެ.

2- އަޚްލާޤު ރަނގަޅު ކުއްޖެއް ކަމުގައިވުން. ކުދީން ވެއްދުމުގައި ބަލާނީ ސްކޫލް ލީވިންގ ސެޓުފިކެޓުގައިވާ ދަރިވަރުގެ އަޚުލާޤާ ބެހޭ ބައިގައިވާ މަޢުލޫމާތަށާއި، މިސެންޓަރުން ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައިގެން ހޯދޭ އަޚުލާޤީ ރިޕޯޓުތަކުގެ މައްޗަށެވެ.

3- 2015 ވަނަ އަހަރުގެ ޖޫންމަހުގެ 1 އަށް 19 އަހަރު ފުރިފައިނުވުން.

4- ކައިވެންޏެއް ކޮށްފައިނުވުން.

5- މީގެ ކުރިން މަތީ ޘާނަވީއަށް ކިޔަވައިދޭ ސަރުކާރުގެ ސްކޫލެއް ނުވަތަ ސެންޓަރެއްގައި ގްރޭޑް 11 ނުވަތަ 12 ގައި ކިޔެވުމުގެ ފުރުޞަތު ދެވިފައިވާ ކުއްޖެއް ކަމުގައި ނުވުން.

މިސެންޓަރަށް ވަންނަ ދަރިވަރުންނަކީ މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ސްކޫލްތަކަށް ކަނޑައަޅުއްވާފައިވާ ގަވާއިދުތަކާއި މިސެންޓަރުގެ ގަވާއިދުތަކަށް ކިޔަމަންވާ، މިސެންޓަރުގެ ޓައިމްޓޭބަލާ އެއްގޮތަށް ކްލާސްތަކަށް ހާޒިރުވަމުންދާ އެމަހެއްގެ ހާޒިރީ %80 އަށްވުރެ ދަށްނުވާ ދަރިވަރެއްކަމުގައި ވާންވާނެއެވެ. (މިސެންޓަރުން ކަނޑައަޅާފައިވާ ގަވާއިދުތަކަށް ބަދަލުގެނައުމުގެ އިޚުތިޔާރު، ކޮންމެ ވަގުތަކުވެސް މިސެންޓަރަށް ލިބިގެން ވެއެވެ.)

މިސެންޓަރުން މިއަހަރު ޖާގަދެވޭނީ ގިނަވެގެން 550 ދަރިވަރުންނަށެވެ. 550 ކުދިންނަށްވުރެ އިތުރަށް ޝަރުޠު ފުރިހަމަވާ ކުދިން ވަންނަން އެދި ފޯމު ހުށަހަޅާފައިވާނަމަ، ކުދިން ނެގުމުގައި އެންމެ ރަނގަޅު ނަތީޖާ ލިބިފައިވާ ކުދިންނަށް އިސްކަންދެވޭނެއެވެ. މިނަތީޖާ ކަނޑައެޅުމުގައި ބެލެވޭނީ "އޯލެވަލް ނެޝަނަލް ޓޮޕްޓެން" އަށް ހޮވުމުގައި ބޭނުންކުރެވޭ މިންގަނޑެވެ.

2015 ވަނަ އަހަރު ސީ.އެޗް.އެސް.އީ އަށް ކުދިން ވެއްދުމަށް އެދޭ ފޯމު ދޫކުރާނީ 08 ފެބުރުވަރީ 2015 އިން ފެށިގެން ކޮންމެ ރަސްމީ ދުވަހެއްގެ ހެނދުނު 9:30 ން 14:30 އަށެވެ. މިމުއްދަތުގައި އެޕްލިކޭޝަން ފޯމު މިސެންޓަރުގެ ވެބްސައިޓުން (www.chse.edu.mv) ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:

1) ޖީ.ސީ.އީ، އައި.ޖީ.ސީ.އެސް.އީ އަދި އެސް.އެސް.ސީ ނަތީޖާގެ އެޓެސްޓެޑް ކޮޕީ.

2) ސްކޫލް ލީވިންގ ސެޓުފިކެޓުގެ އެޓެސްޓެޑް ކޮޕީ.

3) ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

އެޕްލިކޭޝަން ފޯމު ފުރިހަމަ ކުރުމަށްފަހު މަތީގައި ބަޔާންކުރެވިފައިވާ ތަކެއްޗާއެކު ހުށަހަޅަންޖެހޭ އެންމެ ފަހުގެ ތާރީޚަކީ 05 މާރިޗު 2015 ގެ 14:30 ގެ ނިޔަލަށެވެ.

މިތާރީޚާ ހަމައަށް ރީޗެކްގެ ނަތީޖާ ނުލިބި، ރީޗެކްގެ ކުރިން ޝަރުޠު ފުރިހަމަނުވާ ނަމަވެސް ރީޗެކަށްފަހު ޝަރުޠު ފުރިހަމަވާނެކަމަށް ލަފާކުރެވޭ ކުއްޖެއްނަމަ 05 މާރިޗު 2015 ގެ ކުރިން މިސެންޓަރަށް ސިޓީއަކުން އެކަން އަންގަންވާނެއެވެ. މިގޮތަށް ވަނުމަށް އެދި ހުށަހަޅައިފައިވާ ކުދީންގެ ރީޗެކް ނަތީޖާ ލިބުމުން މިސެންޓަރަށް ރީޗެކް ނަތީޖާ ހުށަހަޅައި، އެޕްލިކޭޝަން ފޯމު ނަގައި ފުރިހަމަ ކުރުމަށްފަހު މަތީގައި ބަޔާންކުރެވިފައިވާ ތަކެއްޗާއެކު، ރީޗެކްގެ ނަތީޖާ ދޫކުރަން ފަށާ ދުވަހުން ފެށިގެން 3 ދުވަހުގެ ތެރޭގައި ހުށަހަޅަންވާނެއެވެ.

2015 ގައި މިސެންޓަރަށް ވަދެވޭ ދަރިވަރުންގެ ލިސްޓު 18 މާރިޗު 2015 ގައި މިސެންޓަރުގެ ބޭރު ނޯޓިސްބޯޑުގައި ބެހެއްޓޭނެއެވެ.

05  ރަބީޢުލްއާޚިރު 1436

27 ޖަނަވަރީ 2015
ހޯދާ