މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
1436 ވަނަ އަހަރު ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމަށް ޝައުޤުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމާ ބެހޭ

އިޢުލާން

1436 ވަނަ އަހަރު ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމަށް ޝައުޤުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމާ ބެހޭ

1436 ވަނަ އަހަރު ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމަށް ޝައުޤުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ތިރީގައިވާ ގޮތުގެ މަތިން މި މިނިސްޓްރީން ހުޅުވާލަމެވެ.

1436 ވަނަ އަހަރު ދިވެހިރާއްޖެއިން ޙައްޖަށް މީހުންގެންދިއުމަށް އެދިލައްވާ ފަރާތްތަކުން، 25 ޖަނަވަރީ 2015 ވަނަ ދުވަހު ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައިވާ، ދިވެހިރާއްޖެއިން މީހުން ޙައްޖަށް ގެންދިއުމާއި ބެހޭ އުސޫލުގެ ޖަދުވަލު 1 ގައި ހިމަނާފައިވާ، ދިވެހިރާއްޖެއިން މީހުން ޙައްޖަށް ގެންދިއުމުގެ ހުއްދައަށް އެދޭ ޕްރޮޕޯސަލްގެ ނަމޫނާއާ އެއްގޮތަށް ޕްރޮޕޯސަލް ފުރިހަމަކުރައްވައި، 26 ފެބުރުވަރީ 2015 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް ޕްރޮޕޯސަލާއެކު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ޖަލްސާކުރާ މާލަމަށް ވަޑައިގެންދެއްވުމަށް ދެންނެވީމެވެ. އަދި ދިވެހިރާއްޖެއިން މީހުން ޙައްޖަށް ގެންދިއުމާ ބެހޭ އުސޫލުގެ 7 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ޕްރޮޕޯސަލް ހުށަހަޅާ ކުންފުނީގެ ފަރާތުން ޕްރޮޕޯސަލްތައް ހުޅުވާ ބައްދަލުވުމުގައި ބައިވެރިވެވޭނީ ގިނަވެގެން 2 މީހުންނަށެވެ. ޕްރޮޕޯސަލްތައް ހުޅުވުމަށްޓަކައި ބާއްވާ ބައްދަލުވުމުގައި ކޮންމެ ކުންފުންޏަކުންވެސް މަދުވެގެން އެކަކު ބައިވެރިވާންވާނެއެވެ. މިގޮތުން މި ބައްދަލުވުމުގައި ކުންފުނީގެ ފަރާތުން ބައިވެރިވާ ފަރާތެއްގެ އަތުގައި އެއީ އެ ކުންފުނިން ބައިވެރިވާ ފަރާތްކަން އަންގައިދޭ، ކުންފުނީގެ ލެޓަރ ހެޑްގައި އެކަމުގެ ހުއްދަދީފައިވާ ސިޓީއެއް ނުވަތަ ލިޔުމަކާއެކު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ޕްރޮޕޯސަލްއާ ވަކިން އޮންނަންވާނެއެވެ.

ޕްރޮޕޯސަލް ހުށަހަޅުއްވާނީ ސިޓީއުރައެއްގައި ބަންދު ކުރެއްވުމަށްފަހު ސިޓީއުރައިގެ ބޭރުގައި "1436 ވަނައަހަރު ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމުގެ ހުއްދައަށް އެދި" މިހެން ލިޔެފައެވެ. ޕްރޮޕޯސަލްތައް ހުޅުވާގޮތަށް ހަމަޖެހިފައި ވަނީ އެދުވަހުގެ 10:00ގައި، ޕްރޮޕޯސަލް ހުށަހަޅުއްވާ ބޭފުޅުންގެ ހާޒިރުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ޖަލްސާކުރާ މާލަމުގައެވެ. ކަނޑައެޅިފައިވާ ގަޑީގެ ފަހުން ގެންނަ ފޯމާއި ޕްރޮޕޯސަލް ބަލައިގަންނަ ގޮތަށް ހަމަޖެހިފައެއް ނުވެއެވެ.

މިއަހަރު ދިވެހިރާއްޖެއިން މީހުން ޙައްޖަށް ގެންދިއުމަށް ހުއްދަދިނުމަށް ކަނޑައަޅާފައިވަނީ 3 ކުންފުންޏަކަށް 1 އަހަރުގެ މުއްދަތަށެވެ.  މިފަދައިން ކުރިމަތިލައިގެން ހޮވޭ ކޮންމެ ކުންފުންޏަކަށްވެސް ދިނުމަށް ހަމަޖެހިފައިވަނީ  134 ޖާގައެވެ. އެހެންކަމުން ޕްރޮޕޯސަލް ފުރިހަމަ ކުރައްވާއިރު، އަގާއި އެހީތެރިންގެ އަދަދު ކަނޑައަޅުއްވަންވާނީ މިކަމަށް ރިޢާޔަތްކުރެއްވުމަށްފަހުގައެވެ. މީހުން ޙައްޖަށް ގެންދިއުމަށް ހުށަހަޅާ ޕްރޮޕޯސަލްތަކުގައި ޙައްޖަށް ގެންދިއުމަށް މީހެއްގެ އަތުން ނަގާ އަގު ކަމުގައި ބަޔާންކުރާ އަގަކީ އެ މަސައްކަތްކުރުމަށް އެކަށީގެންވާ އަގަކަށް ނުވާނަމަ އެ ޕްރޮޕޯސަލް ޑިސްކޮލިފައި ކުރެވޭނެއެވެ. އަދި ހުށަހަޅާ އަގުގެ އިތުރަށް އެއްވެސް މިންވަރެއްގެ ފައިސާ ފަހުން ނެގުމަކީ ޙައްޖަށް މީހުން ގެންދިއުމަށް އެ ކުންފުންޏަށް ދިން ހުއްދަ ބާޠިލުކުރެވޭނެ ކަމެއްކަން މި ފުރުޞަތުގައި ހަދުމަފުޅުކޮށް އަރުވަމެވެ. ވީމާ، މިކަމަށް ސަމާލުކަން ދެއްވައިގެން ޕްރޮޕޯސަލްތައް ހުށަހެޅުއްވުން އެދެމެވެ.

މިއަހަރު މީހުން ޙައްޖަށް ގެންދިއުމަށް ހުށަހަޅާ ޕްރޮޕޯސަލްތަކުގައި ޙައްޖަށް ގެންދިއުމަށް މީހެއްގެ އަތުން ނަގާ އަގަށް މާރކްސް ދިނުމުގައި ކަނޑައެޅިފައިވަނީ ޝަރުޠުހަމަވާ (ކޮލިފައިވާ) ފަރާތްތަކުގެ ތެރެއިން، އެ އަގެއްގައި ޙައްޖަށް މީހުން ގެންދިއުމުގެ މަސައްކަތް ކުރެވޭނެ އަދި އެކަމަށް އެކަށީގެންވާ އެންމެ ކުޑައަގެއް ހުށަހަޅާ ފަރާތަކަށް މަތިން މާރކްސް ލިބޭ ގޮތަށެވެ. ޕްރޮޕޯސަލްގެ ނަމޫނާގައި ފުރިހަމަކުރަންޖެހޭ ހުރިހާ ބައެއް ފުރިހަމަކުރުމަށް ސަމާލުކަން ދިނުން މުހިއްމުކަމުގައި ދަންނަވަމެވެ. މި މަޢުލޫމާތު ފުރިހަމަ ނުވާނަމަ ޕްރޮޕޯސަލް ޑިސްކޮލިފައި ކުރެވޭނެއެވެ. އަގެއް ބަޔާންކުރަންޖެހޭ ކޮންމެ ކަމަކަށް ވެސް އަގެއް ޖަހަންޖެހޭނެއެވެ. އަދި އަގުޖަހަންވާނީ ދިވެހި ރުފިޔާ އިންނެވެ. މިފަދައިން ޢަމަލުކޮށްފައި ނުވާނަމަ، ނުވަތަ އަގެއް ޖަހަންޖެހޭ ޚިދުމަތަކަށް "ހިލޭ" ޖަހައިފިނަމަ، ޕްރޮޕޯސަލް ޑިސްކޮލިފައިވާނެކަމުގައި ދަންނަވަމެވެ. ނަމަވެސް އެޚިދުމަތަކީ އެކުންފުންޏަކުން ނުދޭ ޚިދުމަތެއް ނަމަ އެކަން ބަޔާންކުރުމަކީ ޕްރޮޕޯސަލް ޑިސްކޮލިފައި ކުރެވޭނެ ކަމެއް ނޫނެވެ.

ޕްރޮޕޯސަލް ހުށަހެޅުމާ ބެހޭގޮތުން ބާއްވާ ޕްރީ-ބިޑް މީޓިންގ 05 ފެބުރުވަރީ 2015 ވާ ބުރާސްފަތި ދުވަހުގެ 14:00 ގައި މި މިނިސްޓްރީގެ މީޓިންގ ރޫމުގައި އޮންނާނެއެވެ. ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް މިބައްދަލުވުމުގައި ބައިވެރި ނުވެވޭނެ އެވެ. އަދި މި ބައްދަލުވުމަށް (ޕްރީ-ބިޑް މީޓިންގް އަށް) ޙާޒިރުނުވާ ފަރާތްތަކަށް 26 ފެބުރުވަރީ 2015 ވާ ބުރާސްފަތި ދުވަހު ޕްރޮޕޯސަލް ހުށަނޭޅޭނެ ކަމުގައި ދެންނެވީމެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގައި އިޢުލާނު ކުރީމެވެ.

04 ރަބީޢުލްއާޚިރު 1436

25 ޖަނަވަރީ 2015
ހޯދާ