އަރިއަތޮޅު ދެކުނުބުރީ ދިގުރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އދ.ދިގުރަށުން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުން

އދ. ދިގުރަށު ކައުންސިލްގެ އިދާރާ

ދިގުރަށް/ ދިވެހިރާއްޖެ.

 

 ނަންބަރު: (IUL)353/353/2023/18                

                 

 

އިޢުލާން

އދ.ދިގުރަށުން ބަންޑާރަ ގޯތި ދޫކުރުން

      އަރިއަތޮޅު ދެކުނުބުރީ ދިގުރަށުން ގޯއްޗަށް އެދޭ ފަރާތްތަކަށް 06 އޭޕްރީލް 2023 އިން ފެށިގެން ބަންޑާރަ ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފީމެވެ. މިގޮތުން މި ބުރުގައި މިރަށުން ދޫކުރުމަށް ހަމަޖެހިފައި ވަނީ 2000 އަކަފޫޓުގެ 77 ގޯއްޗެވެ.

     ވީމާ، ގޯއްޗަށް އެދުމުގެ ޝަރުތުހަމަވާ ފަރާތްތަކުން "ދިރިއުޅުމަށްޓަކައި އދ. ދިގުރަށުން ބަންޑާރަ ގޯއްޗަށް އެދޭ ފޯމް" ފުރިހަމަ ކުރުމަށްފަހު 09 އޭޕްރީލް 2023 ވާ އާދީއްތަ ދުވަހުން ފެށިގެން، ބަންދު ދުވަސްތައް ހިމެނޭހެން 30 ދުވަސް ލިބޭގޮތަށް 09 މެއި 2023 ވާ އާދިއްތަ ދުވަހުގެ މެންދުރު 13:00 ގެ ނިޔަލަށް އދ.ދިގުރަށު ކައުންސިލް އިދާރާއަށް ފޯމް ހުށަހެޅުއްވުން އެދެމެވެ.

      ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ގޯއްޗަށް އެދޭ ފޯމް ރަމަޟާން މަހުގެ ދުވަސްތަކާއި ޝައްވާލު މަހުގެ ފުރަތަމަ 07 ދުވަހާއި ހަމައަށް ދޫކުރުން އޮންނާނީ ހެނދުނު 09:30 އިން 10:30 އާ ދެމެދު އަދި ފޯމު ބަލައިގަތުން އޮންނާނީ ހެނދުނު 10:45 އިން މެންދުރު 12:30 އަށެވެ. ރަމަޟާން މަހާއި ޝައްވާލު މަހުގެ 07 ވަނަ ދުވަހުގެ ފަހުން ގޯއްޗަށް އެދޭ ފޯމު ދޫކުރުން އޮންނާނީ ހެނދުނު 08:30 އިން 10:00 އާ ދެމެދު އަދި ފޯމު ބަލައިގަތުން އޮންނާނީ ހެނދުނު 10:15 އިން މެންދުރު 13:00 އަށެވެ. ގޯއްޗަށް އެދޭ ފޯމް ކައުންސިލްގެ ވެބްސައިޓް: www.dhigurah.gov.mv އިން އަދި ދިވެހި ސަރުކާރުގެ ގެޒެޓްގައި މިއިދާރާއިން ކޮށްފައިވާ އިޢުލާނާއެކު ޝާއިއުކުރެވިފައިވާނެއެވެ. އަދި ޕްރިންޓްކޮށްފައިވާ ގޯއްޗަށް އެދޭ ފޯމު -/10 ރުފިޔާގެ ރޭޓުން ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

      ކަންސިލުން ކުރިން ބުރުގައި ކުރި އިޢުލާނާއި ގުޅިގެން އެކިފަރާތްތަކުން ފޯމާއެކު ހުށަހަޅާފައިވާ ލިޔެކިއުންތަކުގެ ކޮޕީ ހޯދަން ބޭނުންވާ ފަރާތްތަކުން، އެކަމަށް އެދި މިއިދާރާއަށް ސިޓީ ލުމުން، ލިޔުންތަކުގެ ކޮޕީ ދޫކުރެވޭނެ ވާހަކަ މަޢުލޫމާތައްޓަކައި ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއިދާރާގެ ނަންބަރު: 6680631 ފޯނަށް ގުޅުއްވުން އެދެމެވެ.

 

މި އިޢުލާނާއެކު ތިރީގައިވާ ތަކެތި އެއްކަރުދާސް ކުރެވިފައިވާނެވެ. 

  1. އދ. ދިގުރަށުން ދިރިއުޅުމަށްޓަކައި ދޫކުރާ ބަންޑާރަ ގޯއްޗަށް އެދި ހުށަހަޅާ ފޯމް
  2. އދ. ދިގުރަށުން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ އުޞޫލު
  3. ގޯތި ދޫކުރާ ސަރަޙައްދު ދައްކުވައިދޭ ޗާޓު
  4. ލިބިފައިވާ އަދި ލިބެން އޮތް ބިން ދޫކޮށްލުމަށް ވެވޭ އިޤްރާރު
  5. ތަރިކަ އިޤްރާރު

  ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

15 ރަމަޟާން 1444

06 އޭޕްރީލް 2023                                      (ސޮއި)                                      

                                                     

                                                           އިބްރާހީމް ޢުޘްމާން

                                                     އދ. ދިގުރަށު ކައުންސިލްގެ ރައީސް

06 އޭޕްރިލް 2023
ހޯދާ