މާޅޮސްމަޑުލު ދެކުނުބުރީ މާޅޮހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް އިދާރާގެ އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް އެދި ގޮވާލާ ޤަރާރު

މާޅޮސްމަޑުލު ދެކުނުބުރީ މާޅޮހު ކައުންސިލްގެ އިދާރާ

ބ.މާޅޮސް، ދިވެހިރާއްޖެ

ކައުންސިލް އިދާރާގެ އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް އެދި ގޮވާލާ ޤަރާރު

ގަރާރު ނަންބަރ: (IGR)319/319/2023/1

މެއި 2010 ތަޞްދީޤުކުރެވުނު ޤާނޫނު ނަންބަރ 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 6، 21 އަދި 39 ވަނަ މާއްދާއިން ބާރުލިބިގެން އުފައްދާފައިވާ އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލް ތަކާއި ސިޓީ ކައުންސިލްތަކަކީ، އެ ދާއިރާއަކަށް ނިސްބަތްވާ، މި ދެންނެވުނު ޤާނޫނުން މަތިކޮށްފައިވާ އެންމެހާ ޒިންމާތައް ލާމަރުކަޒީ އުޞޫލުން ހިންގުމަށް ހަދާފައިވާ ތަންތަނެވެ. އެގޮތުން ހަމަ އެޤާނޫގައި ކައުންސިލް ތަކުގެ މަސްއޫލިއްޔަތުތަކުގައި ހިމަނާފައިވާ ކަންތައްތަކުގެ ތެރޭގައި ރަށް ހިންގާ ތަރައްޤީކޮށް، ރައްޔިތުންނަށް ދޭންޖެހޭ އެންމާ ރަށްވެހި ޚިދުމަތްތައް ދިނުމާއި، ސަރުކާރުން ކައުންސިލްތަކަށް ހިންގުމަށް ހަވާލުކުރެވޭ ތަރައްޤީގެ މަޝްރޫޢުތައް ހިންގުމާއި، ރަށުގެ އެންމެހާ އިޖްތިމާޢީ ކަންކަން ބެލެހެއްޓުމާއި ޤައުމީ އިދާރާތަކަށް ބޭނުންވާ އެންމެހާ އެހީތެރިކަން ދިނުން ހިމެނެއެވެ.

ރައްޔިތުންނަށް ދޭންޖެހޭ އެންމެހާ ޚިދުމަތްތަކާއި ރަށުގެ ތަރައްޤީއަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތަކެއް ކުރުމަކީ ކައުންސިލްތަކުގެ ޒިންމާއެކެވެ. އަދި ދަޢުލަތުގެ ޤައުމީ އިދާރާތަކަށް މަތިކޮށްފައިވާ މެންޑޭޓް ތަކާއި އެ އިދާރާތަކުން ދެއްވާ ބައެއް ޚިދުމަތްތައް މެދުނުކެނޑި ރަށުގައި ދިނުމުގެ މަސައްކަތްތައް ކުރުމާއި ޤައުމީ އިދާރާތަކުން އެދޭ އެއްމެހައި ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަކީ ޤާނޫނު ނަންބަރ 7/2010 (އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ ދަށުން ކައުންސިލްތަކަށް ލާޒިމްކުރާ ކަންކަމެވެ. ނަމަވެސް ކައުންސިލް ތަކުގައި ތިއްބަވާ މަދު މުވައްޒަފުންނާއިއެކު ރައްޔިތުންނަށް ދޭންޖެހޭ އެންމެހައި ހިދުމަތްތައް މެދުނުކެނޑި ދިނުމަށް އެ މުވައްޒަފުން ގިނަ ވަގުތުތައް ހޭދަކުރެވެ.

މިގޮތުން މާޅޮސްމަޑުލު ދެކުނުބުރީ މާޅޮހު ކައުންސިލްގެ މުވައްޒަފުންނަކީ ރައްޔިތުންނަށް ދޭންޖެހޭ އެންމާ ރަށްވެހި ޚިދުމަތްތައް ދިނުމާއި، ސަރުކާރުން ކައުންސިލްތަކަށް ހިންގުމަށް ހަވާލުކުރެވޭ ތަރައްޤީގެ މަޝްރޫޢުތައް ހިންގުމާއި، ރަށުގެ އެންމެހާ އިޖްތިމާޢީ ކަންކަން ބެލެހެއްޓުމާއި ޤައުމީ އިދާރާތަކަށް ބޭނުންވާ އެންމެހާ އެހީތެރިކަން ފޯރުކޮށްދިނުމަށް ކެނޑިނޭޅި ތާއަބަދު މަސައްކަތްކުރާ ހީވާގި މުވައްޒަފުންތަކެއްކަން ފާހަގަކުރަމެވެ. އަދި ރަށުކައުންސިލާއި ލާމަރުކަޒީ ޤާނޫނުން އަދި އެކި އެކި އެހެން ޤާނޫނާއި ޤަވާއިދުތަކުން އެތަކެއް ޒިންމާތަކެއް މަތިކޮށްފައިވާކަން ފާހަގަ ކުރަމެވެ. މިގޮތުން ދަޢުލަތުގެ ވުޒާރާތަކާއި އެ ވުޒާރާތަކުގެ ދަށުގައިވާ އޮފީސްތަކުގެ މޭންޑޭޓް، ރަށު ފެންވަރުގައި ހިންގުމަށް އެކި ޤަވާއިދާއި އުސޫލުތައް ހަދައި ކައުންސިލާއި މަތިކުރަމުން ގެންދާކަން ފާހަގަ ކުރަމެވެ. މިގޮތުން ކާރިސާތަކުން ރައްކާތެރިވުމާއި، ގެވެށިއަނިޔާ ހުއްޓުވުމާއި، އަމަން އަމާންކަން ބެލެހެއްޓުމާއި ގުޅުންހުރި އެކި ޒިންމާފަދަ އެތަކެއް ޒިންމާތަކެއް ކެނޑިނޭޅި ހަވާލުކުރެވެމުން ދާކަން ފާހަގަކުރަމެވެ. އަދި މީގެ އިތުރުން ދައުލަތުގެ ވުޒާރާތަކާއި، މިނިވަން މުއައްސަސާތަކާއި، އެކި އިދާރާތަކުން ރަށްފުށުގައި ހިންގައި އެންމެހައި ޕްރޮޖެކްޓްތަކާއި، ހަރަކާތްތައް ހިންގުމުގައި ކައުންސިލްގެ މުވައްޒަފުން އެތައް ވަގުތެއް ހޭދަކުރަންޖެހޭކަން ފާހަގަ ކުރަމެވެ. ނަމަވެސް މުސާރައިގެ ގޮތުން މަތީ ގިންތީގެ އިދާރާތަކުގެ އެތަކެއް މަސައްކަތްތަކާއި، ރަށްފުށުގެ ވަކި ހާއްސަ އިތުރު އެތައް މަސައްކަތެއްމަތިކޮށް، އެ އިދާރާތަކަށް ވުރެ ކުޑަ މުސާރައެއް ކައުންސިލްތަކަށް ލިބޭގޮތަށް އޮތުމަކީ މިކައުންސިލަށް ބަލައިގަނެވޭނެ ކަމެއް ނޫނެވެ. މަތީގައިވާ ހަގީގަތަށް ރިއާޔަތްކުރަނަމަ ޕޭ ފްރޭމް ވާރކްގައި ކައުންސިލްތައް ގިންތި ކުރެވިފައި އޮންނަންވާނީ ދައުލަތުގެ ވުޒާރާތަކަށް ވުރެންވެސް މަތީގައެވެ. އެހެނީ ކައުންސިލްތަކަކީ ވުޒާރާތަކުގެ މަސައްކަތްތައް ރަށްފުށުގައި ކުރުމުގެ އިތުރުން ލާމަރުކަޒީ ޤާނޫނުން މަތިކޮށްފައިވާ އެންމެހާ ޒިންމަތަކާ ރަށްފުށުގެ އެންމެހާ ކަންތައް ބަލަހައްޓާ އިދާރާ ކަމުގައި ވާތީއެވެ.

ދިވެހިރާއްޖޭގެ އިދާރި ދާއިރާތައް ލާމަރުކަޒީއުޞޫލުން ހިންގުމުގެ 13 ވަނަ އަހަރު ގުނަމުންދާއިރު ދިވެހިރައްޖޭގެ އިދާރީ ދާއިރާތައް ލަމަރުކަޒީ އުޞޫލުން ހިންގުމަށް ޙަވާލުކޮށްފައިވާ ކައުންސިލް ތަކުގެ މުވައްޒަފުންގެ މުސާރަ އަށް އެދެވޭ ބަދަލުތަކެއް އައިސްފައެއް ނުވެއެވެ. ރަށެއްގައި ދައުލަތުގެ އެތަކެއް އިދާރާތައް ޤާއިމް ވެފައިވާއިރު، ލާމަރުކަޒީ ޤާނޫނުގެ އެންމެހައި ޒިންމާތަކެއް މަތިކުރެވިފައިވާ ކައުންސިލްތަކުގެ މުވައްޒަފުންގެ މުސާރައާއި އެލެވެންސްތައް، ރަށުގައި ގާއިމުވެފައިވާ އެހެނިހެން ހުރިހާ އިދާރާތަކުގެ މުވައްޒަފުންގެ މުސާރަ އަށްވުރެ ކުޑަ ވެފައި ފަރަޤު ބޮޑުވުމަކީ އަޅުގަނޑުމެން ނުހަނު ކަންބޮޑުވާ ކަމެކެވެ. މިކަމުގެ ސަބަބުން ކިޔަވައިގެންތިބި ތަޖުރިބާހުރި ރަނގަޅު މުވައްޒަފުން ކައުންސިލްތަކުގެ ވަޒީފާތަކަށް ކުރިމަތި ނުލުމާއި ތިބި ރަނަގަޅު މުވައްޒަފުން އެހެން އިދާރާތަކަށް ބަދަލުވުމުގެ ވިސްނުން ގެންގުޅޭކަމީ މި ކައުންސިލުން އެކަމާ ނުހަނު ކަންބޮޑުވާ ކަމެކެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމރުކަޒީ އުޞޫލުން ހިންގުން ހަރުދަނާކުރުމަށް ކައުންސިލްތަކަށް ހައިބްރިޑް ސިސްޓަމް ތަޢާރަފްކޮށް ކައުންސިލްގެ މުވައްޒަފުންނަށް ވަކި އިދާރީ އޮނިގަނޑެއް ހެދިފައި ވާއިރު މިހާތަނަށް ހެދިފައިވާ އެންމެހާ އިދާރީ އޮނިގަނޑުގެ ތެރެއިން އެންމެ މުސާރަ ކުޑަ އޮނިގަނޑަކީ ކައުންސިލްތަކުގެ މުވައްޒަފުންގެ އިދާރީ އޮނިގަނޑުކަން ފާހަގަކުރަމެވެ. ރަށްފުށުގެ އެންމެހާކަމެއް ވިލަރެސްކޮށް ބަލަހައްޓާ މުއައްސަސާގެ މުވައްޒަފުންގެ މުސާރައަށް މިފަދަ ކުޑަ އަހަންމިއްޔަތެއް ދީފައިވާކަމީ ލާމަރުކަޒީ ނިޒާމާއި ބީރައްޓެހި ކަމެއް ކަމުގައި މިކައުންސިލުން ޤަބޫލު ކުރަމެވެ.

ދައުލަތުގެ ޕޭ ފްރޭމް ވަރކްގެ މިންގަނޑުތައް ބަޔާންކޮށް 1 މޭ 2022 ގައި ގެޒެޓް ކުރެވިފައިވާ އުސޫލުގައި މުއައްސަސާތައް ހަތަރު ގިންތިއަށް ގިންތި ކުރެވިފައިވާއިރު ގިންތީގެ އެންމެ ތިރިން ގިންތި ކުރެވިފައިވާ އިދާރާތަކަކީ ލާމަރުކަޒީ އުޞޫލުން އިދާރީ  ދާއިރާތައް ހިންގުމުގައި ހިމެނޭ ކައުންސިލްތަކެކެވެ. ޕޭ ފްރޭމް ވަރކްގެ ގިންތީގެ ތިންވަނަ ދަރަޖާގައި ސަރުކާރުގެ ވުޒާރާތައް ހިމެނިފައިވާއިރު ކައުންސިލް ތަކަކީ ދައުލަތުގެ ވުޒާރާތެރެއިން ގުނޭ އިދާރާތަކަކަށްވެސް ނުވެއެވެ. ދައުލަތުގެ ގިނަ ވުޒާރާތަކުގައި މަސައްކަތް ކުރާ ސިވިލް ސަރވިސް މުވައްޒަފުންނަށް އެކި ނަންނަމުގައި މުސާރާއިގެ 35% އެލެވެންސް އެއް ދެމުން ގެންދާއިރު ކައުންސިލްގެ ސިވިލްސަރވިސް މުވައްޒަފުންނަށް މިފަދަ އެލަވެންސްތައް ނުލިބި މުސާރައިގެ ފަރަގު އިންތިހާއަށް ބޮޑުވެފައިވުމަކީ ސިވިލް ސަރވިސްގެ އެކި އިދާރާތަކުގައި އެއްމެހައި މަސައްކަތްތައް ކުރާ މުވައްޒަފުންގެ މެދުގައި ގެންގުޅޭ ތަފާތުކުރުމެއް ކަމުގައި މިކައުންސިލުން ދެކެމެވެ.

ކައުންސިލް އިދާރާތަކަކީ ރަށްފުށުގައި އެންމެ މަސްއޫލް އަދި އެންމެޒިންމާ ބޮޑު ތަނަށްވެފައި، ދެވޭ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް މުވައްޒަފުންގެ ޒިންމާތަކާއި، އެކަށީގެންވާ މުސާރައެއް އެ މުވައްޒަފުންނަށް ލިބެންޖެހޭނެކަމަށް މި ކައުންސިލުން ޤަބޫލުކުރަމެވެ. ކައުންސިލްތަކަކީ ވަކި އޮނިގަނޑެއް އޮންނަ، ނަމަވެސް އެންމެ މުސާރަ ކުޑަ އޮނިގަނޑަށްވާތީއާއި ދައުލަތުގެ ޕޭފްރޭމްވާރކްގެ އުސޫލުގައި މުއައްސަސާތައް ހަތަރު ގިންތިއަށް ގިންތި ކުރެވިފައިވާއިރު ގިންތީގެ އެންމެދަށުން ގިންތި ކުރެވިފައިވާ އިދާރާތަކަކީ ކައުންސިލްއިދާރާތަކެވެ. އެކަން ބަދަލުކޮށް ސަރުކާރުގެ ވުޒާރާތަކުގެ ލެވަލްގައި ކައުންސިލްތައް ގިންތިކުރުމަށް ގޮވާލަމެވެ. އަދި ދައުލަތުގެ ވުޒާރާތަކުގެ ސިވިލް ސަރވިސް މުވައްޒަފުންނަށް އެކި ނަންނަމުގައި ދެވޭ މުސާރައިގެ 35% އެލަވެންސް، ކައުންސިލްގެ އިދާރީ ކޮންމެ މުވައްޒަފަކަށް ދިނުމަށް މި ކައުންސިލުން ގޮވާލަމެވެ.

08 ރަމަޟާން 1444

30 މާރިޗް 2023

30 މާރިޗު 2023
ހޯދާ