އަރިއަތޮޅު އުތުރުބުރީ ހިމަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް އިދާރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް އެދި ގޮވާލާ ޤަރާރު

ކައުންސިލް އިދާރާގެ އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް އެދި ގޮވާލާ ޤަރާރް

 

 މެއި 2010 ތަޞްދީޤުކުރެވުނު ޤާނޫނު ނަންބަރ 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫން) ގެ 6، 21 އަދި 39 ވަނަ މާއްދާއިން ބާރުލިބިގެން އުފައްދާފައިވާ އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލް ތަކާއި ސިޓީ ކައުންސިލްތަކަކީ، އެ ދާއިރާއަކަށް ނިސްބަތްވާ، މި ދެންނެވުނު ޤާނޫނުން މަތިކޮށްފައިވާ އެންމެހާ ޒިންމާތަށް ލާމަރުކަޒީ އުޞޫލުން ހިންގުމަށް ހަދާފައިވާ ތަންތަނެވެ. އެގޮތުން ހަމަ އެޤާނޫގައި ކައުންސިލް ތަކުގެ މަސްއޫލިއްޔަތުތަކުގައި ހިމަނާފައިވާ ކަންތައް ތަކުގެ ތެރޭގައި ރަށް ހިންގާ ތަރައްޤީކޮށް، ރައްޔިތުންނަށް ދޭންޖެހޭ އެންމާ ރަށްވެހި ޚިދުމަތްތައް ދިނުމާއި، ސަރުކާރުން ކައުންސިލްތަކަށް ހިންގުމަށް ހަވާލުކުރެވޭ ތަރައްޤީގެ މަޝްރޫޢުތައް ހިންގުމާއި، ރަށުގެ އެންމެހާ އިޖްތިމާޢީ ކަންކަން ބެލެހެއްޓުމާއި ޤައުމީ އިދާރާތަކަށް ބޭނުންވާ އެންމެހާ އެހީތެރިކަން ދިނުން ހިމެނެއެވެ.

ރައްޔިތުންނަށް ދޭންޖެހޭ އެންމެހާ ޚިދުމަތްތަކާއި ރަށުގެ ތަރައްޤީއަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތަކަކެއް ކުރުމަކީ ކައުންސިލުތަކުގެ ޒިންމާއެކެވެ. އަދި ދަޢުލަތުގެ ޤައުމީ އިދާރާތަކަށް މަތިކޮށްފައިވާ މެންޑޭޓް ތަކާއި އެ އިދާރާތަކުން ދެއްވާ ބައެއް ޚިދުމަތައް މެދުނުކެނޑި ރަށުގައި ދިނުމުގެ މަސައްކަތްތައް ކުރުމާއި ޤައުމީ އިދާރާތަކުން އެދޭ އެއްމެހައި ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަކީ ޤާނޫނު ނަންބަރ 2010/7 (އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) ގެ ދަށުން ކައުންސިލްތަކަށް ލާޒިމް ކުރާ ކަންކަމެވެ. ނަމަވެސް ކައުންސިލް ތަކުގައި ތިއްބަވާ މަދު މުވައްޒަފުން ކޮޅަކާއެކު ރައްޔިތުންނަށް ދޭންޖެހޭ އެއްމެހައި ހިދުމަތްތަށް މެދުނުކެނޑި ދިނުމަށް އެ މުވައްޒަފުންގެ ގިނަ ވަގުތުތައް ހޭދަކުރެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ 13 ވަނަ އަހަރު ގުނަމުންދާއިރު ދިވެހިރާއްޖޭ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުޞޫލުން ހިންގުމަށް ހަވާލުކޮށްފައިވާ ކައުންސިލް ތަކުގެ މުވައްޒަފުންގެ މުސާރާ އަށް އެދެވޭ ބަދަލުތަކެއް އައިސްފައެއް ނުވެއެވެ. ރަށެއްގައި ދައުލަތުގެ އެތަކެއް އިދާރާތަށް ޤާއިމް ވެފައިވާއިރު، ލާމަރުކަޒީ ގާނުނުގެ އެއްމެހައި ޒިންމާތަކެއް މަތިކުރެވިފައިވާ ކައުންސިލުތަކުގެ މުވައްޒަފުންގެ މުސާރައާއި އެލަވެންސްތައް، ރަށުގައި ގާއިމުވެފައިވާ އެހެނިހެން ހުރިހާ އިދާރާތަކުގެ މުވައްޒަފުންގެ މުސާރަ އަށްވުރެ ކުޑަ ވެފައި ފަރަޤު ބޮޑުވުމަކީ އަޅުގަނޑުމެން ނުހަނު ކަންބޮޑުވާ ކަމެކެވެ. މިކަމުގެ ސަބަބުން ކިޔަވައިގެން ތިބި ތަޖުރިބާ ހުރި ރަނގަޅު މުވައްޒަފުން ކައުންސިލުތަކުގެ ވަޒީފާތަކުން ވަކިވެ އެހެނިހެން ދާއިރާތައް އިޚްތިޔާރު ކުރާކަން ފާހަގަ ކުރަމެވެ. އަދި ކިޔަވައިގެން ތިބި ރަނގަޅު މުވައްޒަފުން ހޯދުމަށްވެސް ދަތި ކަމުގައި ފާހަގަ ކުރެވެއެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުޞޫލުން ހިންގުން ހަރުދަނާކުރުމަށް ކައުންސިލްތަކަށް ހައިބްރިޑް ސިސްޓަމް ތަޢާރަފްކޮށް ކައުންސިލްގެ މުވައްޒަފުންނަށް ވަކި އިދާރީ އޮނިގަނޑެއް ހެދިފަ ވާއިރު މިހާތަނަށް ހެދިފައިވާ އެންމެހާ އިދާރީ އޮނިގަނޑުގެ ތެރެއިން އެންމެ މުސާރަ ކުޑަ އޮނި ގަނޑަކީ ކައުންސިލްތަކުގެ މުވައްޒަފުންގެ އިދާރީ އޮނިގަނޑުކަން ފާހަގަ ކުރަމެވެ. ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތައް ބަޔާންކޮށް 1 މޭ 2022 ގައި ގެޒެޓް ކުރެވިފައިވާ އުސޫލުގައި މުއައްސަސާތައް ހަތަރު ގިންތިއަށް ގިންތި ކުރެވިފައިވާއިރު ގިންތީގެ އެންމެ ތިރިން ގިންތި ކުރެވިފާ އިދާރާތަކަކީ ލާމަރުކަޒީ އުޞޫލުން އިދާރީ ދާއިރާތައް ހިންގުމުގައި ހިމެނޭ ކައުންސިލްތަކެވެ. ހަމަ އެއައި އެކު ހަތަރުވަނަ ގިންތި ތިންބަޔަށް ބެހިފައިވާއިރު އެ ގިންތީގެވެސް އެންމެ ތިރިން ގިންތި ކުރެވިފައިވަނީ ރަށު ކައުންސިލްތަކެވެ. ޕޭ ފްރޭމް ވަރކްގެ ގިންތީގެ ތިންވަނަ ދަރަޖާގައި ސަރުކާރުގެ ވުޒާރާތައް ހިމެނިފައިވާއިރު ކައުންސިލް ތަކަކީ ދައުލަތުގެ ވުޒާރާތަކުގެތެރެއިން ގުނޭ އިދާރާތަކަކަށްވެސް ނުވެއެވެ. ދައުލަތުގެ ގިނަ ވުޒާރާތަކުގައި މަސައްކަތް ކުރާ ސިވިލް ސަރވިސް މުވައްޒަފުންނަށް އެކި ނަންނަމުގައި މުސާރާއިގެ %35 އެލަވެންސް އެއް ދެމުން ގެންދާއިރު ކައުންސިލުތަކުގެ ސިވިލް ސާރވިސް މުވައްޒަފުންނަށް މިފަދަ އެލަވެންސް ތައް ނުލިބި މުސާރާއިގެ ފަރަގު އިންތިހާ އަށް ބޮޑުވެފައިވުމަކީ ސިވިލް ސާރިވިސްގެ އެކި އިދާރާތަކުގައި އެއްހަމައެއްގައި މަސައްކަތް ކުރާ މުވައްޒަފުންގެ މެދުގައި ގެންގުޅޭ ތަފާތުކުރުމެއް ކަމުގައި މިކައުންސިލުން ދެކެމެވެ.

ކައުންސިލް އިދާރާތަކަކީ ރަށުގެ އެންމެ މަޝްޣޫލް އަދި އެންމެ ޒިންމާ ބޮޑު ތަނަށްވެފައި، ތަނުން ދެވޭ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް މުވައްޒަފުންގެ ޒިންމާތަކާއި އެކަށީގެންވާ މުސާރައެއް އެ މުވައްޒަފުންނަށް ލިބެންޖެހޭނެކަމަށް މި ކައުންސިލުން ޤަބޫލުކުރަމެވެ. ރަށު ކައުންސިލް ތަކަކީ ވަކި އޮނިގަނޑެއް އޮންނަ، ނަމަވެސް އެންމެ މުސާރަ ކުޑަ އޮނިގަނޑަށްވާތީއާއި ދައުލަތުގެ ޕޭ ފްރޭމްވަރކްގެ އުސޫލުގައި މުއައްސަސާތައް ހަތަރު ގިންތިއަށް ގިންތި ކުރެވިފައިވާއިރު ގިންތީގެ އެންމެ ތިރިން ގިންތި ކުރެވިފާ އިދާރާތަކަކީ ލާމަރުކަޒީ އުޞޫލުން އިދާރީ ދާއިރާތައް ހިމެނޭތީ އެކަން ބަދަލުކޮށް ސަރުކާރުގެ ވުޒާރާތަކުގެ ލެވަލްގައި ކައުންސިލްތައް ބަލައިގަންނަން ޖެހޭކަމަށް މި ކައުންސިލުން ދެކެމެވެ. އަދި ކައުންސިލް އިދާރާތަކުގައި މަސައްކަތްކުރާ ކޮންމެ މުވައްޒަފަކަށް އަބުރުވެރިކަމާއެކު އުޅެވޭނެ އަދި ޒިންމާތަކާ އެކަށޭނެ ބޮޑު މުސާރައެއް  ދިނުމަށް މި ކައުންސިލުން ގޮވާލަމެވެ. އަދި މުޢައްޒަފުންގެ މަސައްކަތު ފެންވަރުބަލާ އެކަށޭނެ ކުރިއެރުން ލިބޭނެގޮތައް އޮނިގަނޑު ބައްޓަން ކުރުމަށް މި ކައުންސިލުން ގޮވާލަ މެވެ.

 

 

 
30 މާރިޗު 2023
ހޯދާ