މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވެބްސައިޓަށް ބޭނުންވާ މަޢުލޫމާތުތަކެއް ހޯދަން

ރަށުގެ ނަން: ބ. ހިތާދޫ

މި އިދާރާގެ ވެބްސައިޓަށް ބޭނުންވާ މައުލޫމާތުތަކެއް ހޯދަން ބޭނުންވާތީ، ތިރީގައި މިވާ ޓެންޕްލެޓް މައުލޫމާތު ހިމަނައިގެން ރަށު މަޢުލޫމާތުތައް ފޮނުއްވައިދެއްވުން އެދެމެވެ.

www.baa.gov.mv

ތަޢާރުފު
މިރަށަކީ އަތޮޅުވެރިކަންކުރާ ރަށް އޭދަފުށީގެ ދެކުނުން މީހުން ދިރިއުޅޭ އޭދަފުއްޓާ އެންމެ ކައިރީގައި އޮންނަ ރަށެވެ. މިރަށަކީ ބިމުގެގޮތުން ބަލާއިރު ކުޑަ ރަށެކެވެ. މިރަށުގެ ރައްޔިތުން ދިރިއުޅުމަށްކުރާ މައިގަނޑު މަސައްކަތަކީ މަސްވެރިކަމާއި، ދަނޑުވެރިކަން، ފަންގިވިނުން، އަދި ވަޒީފާ އަދާކުރުމާއި އަދި ކޮންސްޓްރަކްޝަން މަސައްކަތެވެ. މިރަށުމީހުން ކުރާ މަސްވެރިކަމުގެ ތެރޭގައި ބޮޑުކަންނެލީގެ މަސްވެރިކަމާއި، ދޮށީގެ މަސްވެރިކަން އަދި ފަރުމަސްވެރިކަން ހިމެނެއެވެ. އެންމެ ގިނަ މީހުން ކޮށްއުޅެނީ ބޮޑުކަންނެލީގެ މަސްވެރިކަމެވެ. މީގެ އިތުރުން އާމްދަނީ ހޯދުމުގެގޮތުން ބައެއް އެހެން މަސައްކަތްތައްވެސް މިރަށު މީހުން ކޮށްއުޅެއެވެ.

މިރަށަކީ މިއަތޮޅުގައި އޮޑި ދޯނިފަހަރު ގިނަ ފަޅުގެ ދަތިކަން ބޮޑު ރަށަކަށް ވުމާއެކު މި ރަށުގައި 200x700 ފޫޓުގެ ބަނދަރެއް ރައްޔިތުންގެ ބުރަ މަސައްކަތާއެކު ސަރުކާރުން ހައްދަވައި ދެއްވާފައިވެއެވެ. 1999 ގައި ހެދި މިބަނަދަރުގެ ތޮށިގަނޑު 2004 ސުނާމީގައި ވެއްޓި 2009 ގައި އަނެއްކާވެސް ބަނދަރު ތޮށިގަނޑު ޖަހައި އަލުން މިވަނީ ބަނދަރު ހެދިފައެވެ. ނަމަވެސް ބަނދަރުގެ ބޭރުތޮށިގަނޑު ހަލާކުވެފައިވާތީވެ، ބަނދަރުގެ ބޭނުން އެންމެ އެދެވޭގޮތުގައި ނުހިފޭކަން ފާހަގަކުރަމެވެ.

މިރަށަކީ ޒަމާނުއްސުރެފެށިގެން މިއަދާ ހަމައަށްވެސް ޘަޤާފީ އެކިއެކިކުޅިވަރުތައް ކުޅެމުންދާ ރަށެކެވެ. އޭގެތެރޭގައި ބޮޑުބެރު، ލަނގިރި، އީދުބޭ އެރުވުން، ދަފިނެގުން، ގާއޮޑިޖެހުން އަދި ދެލިމާލި އެރުވުމާ ބޮޑުމަސް ބޭނުން ހިމެނެއެވެ.

ކައުންސިލްގެ އިދާރާ

މިހާރު ކައުންސިލްގެ އިދާރާ ހިންގާ ޢިމާރާތަކީ ރާއްޖެތެރެ ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން ސަރުކާރުން ޢިމާރާތް ކޮށްދެއްވާފައިވާ ޢިމާރާތެކެވެ. މިރަށު ކޯޓާއި ރަށްވެހިގެ ހިމެނޭ ގޮތަށް ޢިމާރާތް ކޮށްދެއްވި މި އޮފީސް ހުޅުވައިދެއްވީ 13 އޮގަސްޓު 1993 ގައި އޭރުގެ އެޓޮލްސް މިނިސްޓަރުގެ ނައިބު މުޙަންމަދު ލަތީފެވެ. މީގެ ކުރިން ހިތާދޫ އޮފީސް ހިންގާފައިވަނީ މިރަށު ރައްޔިތުންގެ ޢިމާރާތެއްގައެވެ. އޭރުވެސް ކޯޓާއި ރަށްވެހިގެ ހުރީ އެ ޢިމާރާތުގައެވެ. 

ތަޢުލީމު

ހިތާދޫގައި މިހާރު ހުރި ހިތާދޫ ސުކޫލު ޢިމާރާތްކޮށްދެއްވީ ދިވެހި ސަރުކާރުންނެވެ. މި ސުކޫލު 12 ފެބުރުވަރީ 2000 ގައި ހުޅުވައިދެއްވީ އޭރުގެ މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ މުޙަންމަދު ލަތީފެވެ. މި ސުކޫލުގައި ގުރޭޑު 1 ން 12 އަށް ކިޔަވައިދެވެއެވެ. މި ސުކޫލުގައި އޮފީސް ބަޔަކާއި، ސުޓާފު ރޫމާއި، ކޮމްޕިއުޓަރ ލެބެއް ހުރެއެވެ. މި ޢިމާރާތް ކުރުމުގެ ކުރިން ހިތާދޫގައި ތަޢުލީމު ދެމުން ގޮސްފައިވަނީ ހިތާދޫގެ ރައްޔިތުން ހަދާފައިވާ މަދަރުސާއެއްގައެވެ.

ހިތާދޫގެ ޕްރީސުކޫލު ހިނގަމުންދަނީ ހިތާދޫގެ ޖަމްޢިއްޔާއެއްކަމަށްވާ ހިތާދޫ ޔޫތުވިންގ ޖަމްޢިއްޔާގެ ފަރާތުންނެވެ. 2007 ވަނަ އަހަރުން ފެށިގެން މިޖަމްޢިއްޔާގެ ފަރާތުން ޕްރީސުކޫލު ހިންގަމުން ދެއެވެ. މީގެއިތުރުން މިރަށުގެ ބައެއް މީސްމީހުން ކުޑަކުދިންނަށް ޤުރުއާން ކުލާސް ހިންގަމުންދެއެވެ. 

ޞިއްޙަތު

ހިތާދޫގައި ޞިއްޙީޚިދުމަތް ދިނުމުގެމަސައްކަތް ކުރިން ކުރަމުން ގޮސްފައިވަނީ ދިވެހިބޭސްވެރިންނާއި، ފޫޅުމައިންނެވެ. މިގޮތަށް ޚިދުމަތްދޭތާ އަހަރުތަކެއް ވޭތުވުމަށްފަހު، މިރަށުގައި ޞިއްޙީމަރުކަޒެއް ހުޅުވުނީ 28 އެޕްރީލް 2004 ގައެވެ. ޢިމާރާތް ހުޅުއްވައިދެއްވީ އޭރުގެ ހެލްތު މިނިސްޓަރ އޮނަރަބްލް އަލްފާޟިލް އަޙްމަދު ޢަބްދުﷲ އެވެ. މި ޢިމާރާތަކީ މ. ނޫހިރި އައްޝައިޚް ޙުސައިން ޔޫސުފް މިރަށުގައި ތަޢުލީމުދެއްވި އުއްމުލްޤުރާ ސެކަންޑްރީ ސުކޫލު ހިންގެވި ޢިމާރާތެވެ. ޞިއްޙީ ޚިދުމަތް ދިނުމަށްޓަކައި ޑޮކްޓަރަކާއި، ނަރުހުން އަދި އިތުރު މުއައްޒަފުން ތިއްބަވައެވެ. މި މަރުކަޒުގެ ޞިއްޙީ ޚިދުމަތް ދުވަހުން ދުވަހަށް ތަރައްޤީވެ، ފުޅާވަމުން އައިސްފައިވެއެވެ. މިގޮތުން މިހާރު ޢާންމު ބަލިތަކަށް ބޭނުންވާ ގިނަ ފަރުވާލިބެއެވެ. މީގެއިތުރުން ބައެއްކަހަލަ ޓެސްޓާއި، އީ.ސީ.ޖީ އަދި ވިހެއުމުގެ ޚިދުމަތާއި، ލޭއެޅުމުގެ ޚިދުމަތް ލިބެމުންދެއެވެ.

04 ޑިސެންބަރު 2014
ހޯދާ