ލޯކަލް ގަވަރންމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
މަސައްކަތުގެ ތަޖުރިބާ ހޯދުމުގެ ފުރުޞަތު

ލޯކަލް ގަވަރމަންޓް އޮތޯރިޓީއާއި ލޯކަލް ކައުންސިލްތަކުގައި މަސައްކަތްކޮށް ދިވެހިރާއްޖޭގައި ލޯކަލް ޑިމޮކްރަސީއާއި ލޯކަލް ގަވަރނަންސް ނިޒާމު ބައްޓަން ކުރެވިފައިވާގޮތާއި، އެނިޒާމު ކުރިއަރައި ފައްކާވަމުންދާގޮތާއި، އެނިޒާމަށް އަންނަމުންދާ ބަދަލު ދެނެގަނެ ތަޖުރިބާ ހޯދުމުގެ ފުރުޞަތު ދިވެހިންނަށާއި ބިދޭސީންނަށް ހުޅުވާލަމެވެ.

މިފުރުޞަތަކީ ޓާޝަރީ ލެވެލްގައި ކިޔަވަމުންދާ ދަރިވަރުންނަށާއި ދަސްވެނިންނަށް ކްލާސްރޫމް މާޙައުލުގައި ދަސްކުރާ އެއްޗެއްގެ އިތުރުން މަސައްކަތު މާޙައުލުގައި މަސައްކަތްކޮށް، ބޭނުންވާ ހުނަރާއި މަސައްކަތުގެ ތަޖުރިބާ ލިބިގެންދާނެ ފުރުޞަތެކެވެ. މިފުރުޞަތު އަމާޒުކުރެވިފައިވާ ފަރާތްތަކަކީ:

- ޔުނިވަރސިޓީ ދަރިވަރުން - މަތީ ތަޢުލީމާއި ތަމްރީނު ދޭ މަރުކަޒުތަކުގެ ދަސްވެނިން

- މަތީ ޘާނަވީ ސްކޫލް ނިންމާ ދަރިވަރުން

ތަޖުރިބާ ހޯދުމުގެގޮތުން މަސައްކަތް ކުރާނީ ލޯކަލް ގަވަރމަންޓް އޮތޯރިޓީގައި އަދި/ނުވަތަ ކައުންސިލެއްގައެވެ. މަސައްކަތްކުރުމުގެ އެންމެ ކުރު މުއްދަތަކީ 3 މަސްދުވަހެވެ. އަދި އެންމެ ދިގު މުއްދަތަކީ 18 މަސްދުވަހެވެ. މިމުއްދަތުގައި މަސައްކަތްކުރާ ގަޑިއަކީ ރަސްމީގަޑިއެވެ. ދަތުރުގެ ޚަރަދާއި، ހުރުމާއި ކެއުމާއި އަދި އެހެނިހެން ޚަރަދުތައް ހަމަޖެއްސުމުގައި ޒިންމާވާނީ ތަޖުރިބާ ހޯދުމުގެ ގޮތުން މަސައްކަތްކުރާ ފަރާތުންނެވެ.

ގަވަރނަންސް އަދި ލޯކަލް ޑިމޮކްރަސީގެ ދާއިރާއިން ވަޒީފާ ހޯދުމަށްޓަކައި މަސައްކަތުގެ ތަޖުރިބާ ހޯދުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކަށް މިއީ އަގުހުރި ފުރުޞަތެކެވެ.

ހުންނަންޖެހޭ ޝަރުޠުތައް:

މިކަމަށް ކުރިމަތިލައްވާ ފަރާތްތަކަކީ އަމިއްލައަށް މަސައްކަތްކުރުމާއި އެހެންމީހުންނާ ގުޅިގެން މަސައްކަތްކުރުމުގެ ޤާބިލުކަންހުރި ފަރާތްތަކަށް ވާންޖެހޭނެއެވެ. މީގެ އިތުރުން:

  • މަތީ ތަޢުލީމު ހާސިލުކޮށްފައިވާ ނުވަތަ މަތީތަޢުލީމު ހާސިލު ކުރަމުންދާ ނުވަތަ މަތީ ތަޢުލީމު ކައިރި މުސްތަޤްބަލެއްގެ ތެރޭގައި ހޯދުމަށް ގަސްދުކުރާ ފަރާތަކަށްވުން.
  • ކޮމްޕިއުޓަރަށް އަހުލުވެރި ފަރާތަކަށްވުން.

މިނިވަންކަމާއެކު މަސައްކަތްކުރުމާއި އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރުމުގެ ޤާބިލުކަން ހުރުން.

ހުށަހެޅުން:

މިމަސައްކަތާބެހޭ އިތުރު މަޢުލޫމާތު މިއޮތޯރިޓީގެ ވެބްސައިޓް www.lga.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ. އަދި މިކަމަށް ކުރިމަތިލައްވާ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ވަނަވަރު، ލިބިފައިވާ ތަޖުރިބާއާއި ތަޢުލީމު ހިމެނޭގޮތަށް، ސިޓީއާއެކު މިއޮތޯރިޓީގެ އީ-މެއިލް: [email protected] އަށް ނުވަތަ ރިސެޕްޝަނަށް ހުށަހެޅުއްވުން އެދެމެވެ. މަސައްކަތުގެ ތަޖުރިބާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަރވިއު ކުރެވޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާއެވެ.

01 ޑިސެންބަރު 2014
ހޯދާ