ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގއ. ކަނޑުހުޅުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ހިންގާ ގަވާއިދު

 ގއ. ކަނޑުހުޅުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ހިންގާ ގަވާއިދު

ފުރަތަމަ ބާބު

އާންމު މާއްދާތައް

ތަޢާރުފާއި ނަން

  1.  

(ހ)

މިއީ، ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 58-6 ވަނަ މާއްދާގެ (ހ) ގެ ދަށުން ބާރު ލިބިގެން، ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލުގެ މަޝްވަރާޔާއެކު ގއ. ކަނޑުހުޅުދޫ ކައުންސިލްގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ ހިންގުމުގައި ޢަމަލުކުރާނެ ގޮތް ބަޔާންކުރުމަށް ޓަކައި ގއ. ކަނޑުހުޅުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

 

 

(ށ)

މި ގަވާއިދަށް ކިޔަނީ، "ގއ. ކަނޑުހުޅުދޫ ކައުންސިލްގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ހިންގާ ގަވާއިދު" އެވެ.

ގަވާއިދަށް ޢަމަލުކުރަން ފެށުން

  1.  

މި ގަވާއިދަށް ޢަމަލުކުރަން ފަށާނީ، ގއ. ކަނޑުހުޅުދޫ ކައުންސިލްގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން މި ގަވާއިދު ފާސްކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި  މި ގަވާއިދު ޝާއިޢުކުރާ ތާރީޚުން ފެށިގެންނެވެ. 

މަގުސަދު

  1.  

މި ގަވާއިދުގެ މައިގަނޑު މަގުސަދުތައް ތިރީގައި މިވަނީއެވެ.

 

 

(ހ)

ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އާއި، އެ ޤާނޫނުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން ކޮމިޓީ ހިންގުން.

 

 

(ށ)

ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އާއި، އެ ޤާނޫނުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން ކޮމިޓީން ނިންމަންޖެހޭ ކަންކަން ނިންމުމަށް ކޮމިޓީން ބާއްވަންޖެހޭ ބައްދަލުވުންތައް ބޭއްވުމުގައި ޢަމަލުކުރަންޖެހޭ އިޖުރާއަތުތައް ކަނޑައެޅުން.

 

 

(ނ)

ކޮމިޓީގެ ބައްދަލުވުންތައް ހިންގުމާއި، ބައްދަލުވުންތަކުގައި ނިންމާ ނިންމުންތަކަށް ޢަމަލުކުރާނެ އުސޫލުތައް ކަނޑައެޅުމެވެ.

ދެވަނަ ބާބު

ކޮމިޓީގެ ރައީސް ނައިބު ރައީސް އަދި މެންބަރުން

ކޮމިޓީގެ ރައީސާއި ނައިބު ރައީސް

  1.  

ލޯކަލް ކައުންސިލްތަކުގެ އާންމު އިޖުރާއީ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ކޮމިޓީގެ މެންބަރުންގެ ތެރެއިން ކޮމިޓީގެ ރައީސާއި ނައިބު ރައީސް ކޮމިޓީގެ މެންބަރުން އިންތިޚާބު ކުރަންވާނެއެވެ.

ކޮމޓީގެ ރައީސާއި ނައިބު ރައީސް އިންތިޚާބުކުރާނެ ގޮތް

  1.  

(ހ)

މި ގަވާއިދުގެ 4 ވަނަ މާއްދާގައި ބަޔާކޮށްފައިވާ ފަދައިން ކޮމިޓީގެ ރައީސާއި ނައިބު ރައީސް އިންތިޚާބު ކުރާނީ ކޮމިޓީގެ އާންމު ބައްދަލުވުމެއްގައި އަންނަނިވި ގޮތުގެ މަތީންނެވެ.

 

 

 

(1)    

ކޮމިޓީގެ މެންބަރުންގެ ތެރެއިން ކޮމިޓީގެ ރައީސްކަމަށް ނުވަތަ ނައިބު ރައީސްކަމަށް އިންތިޚާބުކުރުމަށް އެދޭ މެންބަރެއްގެ ނަން ކޮމިޓީގެ އާންމު ބައްދަލުވުމަކަށް ހުށަހެޅުން؛

 

 

 

(2)    

ނަން ހުށަހެޅި މެންބަރުންގެ ތެރެއިން ކޮމިޓީގެ ރައީސާއި ނައިބު ރައީސް އިންތިޚާބު ކުރެވޭނީ، ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ މެދުގައި ނެގޭ ސިއްރު ވޯޓަކުން؛

 

 

 

(3)    

ކޮންމެ މަޤާމެއް އިންތިޚާބު ކުރުމަށް ނެގޭ ސިއްރު ވޯޓުގައި ބައިވެރިވާ ކޮންމެ މެންބަރަކަށް ދެވޭނީ 1 (އެކެއް) ވޯޓު؛

 

 

 

(4)    

ކޮމިޓީގެ ރައީސާއި ނައިބު ރައީސްކަމަށް ވޯޓަށް އަހާނީ، 2 (ދޭއް) މަޤާމަށް ވަކިވަކިން.

 

 

(ށ)

ކޮމިޓީގެ ރައީސަކު އިންތިޚާބުކުރުމަށް އެންމެ ފުރަތަމަ ބާއްވާ ބައްދަލުވުމުގައި ކޮމިޓީގެ ރައީސަކު އިންތިޚާބު ކުރެވެންދެން ރިޔާސަތު ބަހަލައްޓާނީ ކައުންސިލުގެ ރައީސެވެ.

 

 

 

(ނ)

ކޮމިޓީގެ ރައީސްގެ މަޤާމު ހުސްވެގެން ރައީސަކު އިންތިޚާބުކުރާ ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓާނީ، ކޮމިޓީގެ ނައިބު ރައީސެވެ.  ނައިބު ރައީސަކު ނެތްނަމަ، ކޮމިޓީގެ މަސްއޫލިއްޔަތުތަކާ އެ ވަގުތަކު ހަވާލުވެ ހުރި މެންބަރެކެވެ.

 

 

(ރ)

ކޮމިޓީގެ ނައިބު ރައީސަކު އިންތިޚާބުކުރާ ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓާނީ، ކޮމިޓީގެ ރައީސެވެ.

 

 

(ބ)

ކޮމިޓީގެ ރައީސްކަމަށާއި ނައިބު ރައީސްކަމަށް އިންތިޚާބުވާނީ، އެންމެ ގިނަ ވޯޓު ލިބޭ މެންބަރެކެވެ.

ރައީސް ނުވަތަ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުން

  1.  

(ހ)

ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ ރޫޙާ އެއްގޮތަށް ކޮމެޓީ ހިންގުމުގައި އިހުމާލުވަމުންދާކަމަށް ފާހަގަކުރެވިގެން ކޮމެޓީގެ ރައީސް ނުވަތަ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމުގެ ކުރިން އަންނަނިވި މަރުޙަލާތައް ފުރިހަމަކުރަން ވާނެއެވެ.

 

 

 

(1)

ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ ރޫޙާ އެއްގޮތަށް ކޮމެޓީ ހިންގުމުގައި އިހުމާލުވަމުންދިއުން ތަކުރާރުވާކަން ފާހަގަކުރެވިގެން ރައީސް ނުވަތަ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް ކޮމެޓީގެ އާންމު ބައްދަލުވުމަށް އެޖެންޑާކުރުން.

 

 

 

(2)

ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ ރޫޙާ އެއްގޮތަށް ކޮމެޓީ ހިންގުމުގައި އިހުމާލުވަމުންދާކަމަށް ފާހަގަކުރެވިގެން، އެ ކަންކަން އިޞްލާޙުކުރުމަށް ކޮމިޓީން  30 (ތިރީސް) ދުވަހުގެ ފުރުޞަތު ދިނުން.

 

 

(ށ)

މި މާއްދާގެ ދަށުން ރައީސް ނުވަތަ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް ނުވަތަ އެ ވޯޓުގެ ކުރިން ފުރިހަމަކުރަންޖެހޭ އިޖުރާއަތު ފުރިހަމަކުރުމަށް ކޮމެޓީގެ އާންމު ބައްދަލުވުމަށް މެންބަރަކު ހުށަހަޅާ ހުށަހެޅުން، އާންމު ބައްދަލުވުމަށް ކަންކަން އެޖެންޑާކުރާ އުސޫލުގެ ތެރެއިން އެޖެންޑާ ކޮށްދިނުމަކީ ކޮމެޓީގެ ރައީސް ނުވަތަ ނައިބު ރައީސް ނުވަތަ އެ ވަގުތަކު ކޮމެޓީ ހިންގުމާ ހަވާލުވެ ހުރި މެންބަރެއްގެ ޒިންމާއެކެވެ.

 

 

(ނ)

ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ ރޫޙާ އެއްގޮތަށް ކޮމެޓީ ހިންގުމުގައި ރައީސް ނުވަތަ ނައިބު ރައީސް އިހުމާލުވަމުންދާކަމަށް ކޮމެޓީގެ މެންބަރަކަށް ފާހަގަކުރެވިއްޖެނަމަ، އެ މައްސަލަ އެޖެންޑާކުރުމަށް ފޮނުވަންވާނީ، ކޮމެޓީގެ އާންމު ބައްދަލުވުމަށް ކަންކަން އެޖެންޑާކުރާ އުޞޫލާ އެއްގޮތަށެވެ.

 

 

(ރ)

ކޮމެޓީގެ ބައްދަލުވުމަށް މައްސަލަ އެޖެންޑާކުރުމަށްފަހު، ކޮމެޓީ ހިންގުމުގައި ރައީސް ނުވަތަ ނައިބު ރައީސް އިހުމާލުވިކަމަށް ފެންނަ ކަންކަން، ލިޔުމުން، ބައްދަލުވުމަށް ހުށަހަޅަންވާނެއެވެ.

 

 

(ބ)

ކޮމެޓީގެ ރައީސް ނުވަތަ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގޭނީ، ކޮމެޓީގެ އަޣުލަބިއްޔަތުން އެކަން ފާސްވުމުންނެވެ.

 

 

(ޅ)

ކޮމެޓީގެ ރައީސް ނުވަތަ ނައިބު ރައީސްކަމުގެ މަޤާމުން މެންބަރަކު ވަކިކުރި ކަމުގައި ވިޔަސް، އެ މެންބަރެއްގެ މެންބަރުކަން ދެމިއޮންނާނެއެވެ.

 

 

(ކ)

ކޮމެޓީގެ ރައީސް ނުވަތަ ނައިބު ރައީސްގެ މައްޗަށް ކޮމެޓީން އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށްފަހު، އެފަދައިން ކޮމެޓީން ފާސްކޮށްފައިވަނީ މި މާއްދާގައި ބަޔާންކޮށްފައިވާ އިޖުރާއަތުތަކާ އެއްގޮތަށްކަން ކަށަވަރުކުރުމަށް ޓަކައި، ކޮމެޓީން އެކަން ފާސްކުރާތާ ރަސްމީ 3 (ތިނެއް) ދުވަހުގެ ތެރޭގައި މި މާއްދާގެ (މ) ގައި ބަޔާންކޮށްފައިވާ ލިޔެކިޔުމާއެކު ކޮމެޓީން ކައުންސިލަށް ފޮނުވަންވާނެއެވެ. އަދި ރަސްމީ 10 (ދިހައެއް) ދުވަހުގެ ތެރޭގައި، އިތުބާރު ނެތްކަމުގެ ވޯޓު ނަގައިފައިވަނީ މި މައްދާގައި ބަޔާންކޮށްފައިވާ އިޖުރާއަތުތަކާ އެއްގޮތަށްކަން ނުވަތަ ނޫންކަން ކައުންސިލުން ކަނޑައަޅައި، ކޮމެޓީއަށް އެކަން އަންގަންވާނެއެވެ.

 

 

(އ)

މި މާއްދާގައިވާ ގޮތުގެ މަތީން ކޮމިޓީން ނިންމާ ނިންމުން ކަށަވަރުކުރުމަށް ކައުންސިލަށް ފޮނުވަންވާނީ، އަންނަނިވި ލިޔެކިޔުމާއެކުގައެވެ.

 

 

 

(1)    

 އިޞްލާޙުކުރުމަށް ބޭއްވި ބައްދަލުވުމާއި، އިތުބާރުނެތްކަމުގެ ވޯޓުނެގުމަށް ބޭއްވި ބައްދަލުވުމަށް މައްސަލަ އެޖެންޑާކޮށްދިނުމަށް އެދި ހުށަހެޅި ލިޔުންތައް؛

 

 

 

(2)    

އިޞްލާޙުކުރުމަށް ބޭއްވި ބައްދަލުވުމާއި، އިތުބާރުނެތްކަމުގެ ވޯޓުނެގުމަށް ބޭއްވި ބައްދަލުވުންތަކުގެ އެޖެންޑާތައް؛

 

 

 

(3)    

އިޞްލާޙުކުރުމަށް ބޭއްވި ބައްދަލުވުމާއި، އިތުބާރު ނެތްކަމުގެ ވޯޓުނެގުމަށް ބޭއްވި ބައްދަލުވުން ބޭއްވުމުގެ 1 (އެކެއް) ދުވަހުގެ ކުރިން ބައްދަލުވުމުގެ އެޖެންޑާ ފޮނުވިކަން އެނގޭ ލިޔެކިޔުން؛

 

 

 

(4)    

އިޞްލާޙުކުރުމަށް ބޭއްވި ބައްދަލުވުމާއި، އިތުބާރު ނެތްކަމުގެ ވޯޓުނެގުމަށް ބޭއްވި ބައްދަލުވުންތަކުގެ ޔައުމިއްޔާތައް؛

 

 

 

(5)    

އިހުމާލުވި ކަންކަން ބަޔާންކޮށް ކޮމެޓީގެ ބައްދަލުވުމަށް ހުށަހެޅުނު ލިޔުންތައް؛

 

 

 

(6)    

އިޞްލާޙުކުރަންވީ ކަންކަމާއި، އެ ކަންކަން އިޞްލާޙުކުރުމަށް ދެވޭ މުއްދަތު އަންގައި ކޮމެޓީގެ ރައީސަށް ނުވަތަ ނައިބު ރައީސަށް ހަވާލުކުރި ލިޔުން؛ 

 

 

 

(7)    

ކަމާ ގުޅޭ އެހެނިހެން ލިޔެކިޔުން.

 

 

(ވ)

މި މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތަކުގެ އިތުރަށް، އެހެން ލިޔުމެއް ނުވަތަ މަޢުލޫމާތެއް ހޯދުމަށް ކައުންސިލުން އެދިއްޖެނަމަ، އެ ލިޔުމެއް ނުވަތަ މަޢުލޫމާތެއް، ވީ އެންމެ އަވަހަކަށް ކޮމިޓީން ފޯރުކޮށްދޭންވާނެއެވެ.

 

 

(މ)

ކޮމިޓީގެ ރައީސް ނުވަތަ ނައިބު ރައީސްގެ މައްޗަށް ކޮމިޓީން އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށްފަހު، އެ ވޯޓު ނެގުމުގައި މި ގަވާއިދުގައި ބަޔާންކޮށްފައިވާ އިޖުރާއަތުތައް ފުރިހަމަކޮށްފައިވާކަން ކައުންސިލުން ކަށަވަރުކުރުމާ ހަމަޔަށް، އިތުބާރު ނެތްކަމުގެ ވޯޓު ނެގުނު ރައީސް ނުވަތަ ނައިބު ރައީސް، އޭނާގެ މަޤާމުގެ މަސްއޫލިއްޔަތުތަކާއި ޒިންމާތަކުން ވަގުތީގޮތުން ދުރުވާންވާނެއެވެ.

 

 

(ފ)

ކޮމިޓީގެ ރައީސްގެ މަސްއޫލިއްޔަތުތަކުން ވަގުތީގޮތުން ދުރުވާ މުއްދަތުގައި ކޮމިޓީގެ ހިންގުމާ ހަވާލުވެ ހުންނާނީ، ކޮމިޓީގެ ނައިބު ރައީސެވެ. އަދި ކޮމިޓީގެ ނައިބު ރައީސް ނެތް ހާލަތެއްގައި ކޮމިޓީގެ ހިންގުމާ ހަވާލުވެ ހުންނާނީ، އެ ވަގުތަކު ކޮމިޓީން ކަނޑައަޅާ މެންބަރެކެވެ.

 

 

(ދ)

ކޮމެޓީގެ ރައީސް ނުވަތަ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށްފަހު އެ މަޤާމަށް މެންބަރަކު އިންތިޚާބުކުރަންވާނީ، މި މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން، އިތުބާރު ނެތްކަމުގެ ވޯޓު ނެގުމުގައި މި ގަވާއިދުގައިވާ އިޖުރާއަތުތައް ފުރިހަމަކޮށްފައިވާކަން ކަށަވަރުކުރުމަށް ކައުންސިލަށް ފޮނުވައި، ކައުންސިލުން އެކަން ކަށަވަރުކޮށްދިނުމުންނެވެ.

 

 

(ތ)

މި މާއްދާގައި ބަޔާންކޮށްފައިވާ 30 (ތިރީސް) ދުވަހުގެ މުއްދަތު ގުނާނީ، އިޞްލާޙުކުރަންވީ ކަންކަމާއި އެ ކަންކަން އިޞްލާޙުކުރުމަށް ދެވޭ މުއްދަތު ކޮމެޓީގެ ރައީސް ނުވަތަ ނައިބު ރައީސަށް އެންގި ތާރީޚުން ފެށިގެން، ރަސްމީ ބަންދު ދުވަސްތައް ވެސް ހިމެނޭ ގޮތަށެވެ.

 

 

(ލ)

ކޮމެޓީ ހިންގުމުގައި ކޮމެޓީގެ ރައީސް ނުވަތަ ނައިބު ރައީސް އިހުމާލުވިކަމަށް ފާސްކުރި ބައްދަލުވުމުގައި ކޮމެޓީގެ ރައީސް ނުވަތަ ނައިބު ރައީސް ބައިވެރިވެފައިވާނަމަ، އިޞްލާޙުކުރުމަށް އެންގުމަށް ބައްދަލުވުމުން ނިންމިކަން، ކޮމެޓީގެ ރައީސް ނުވަތަ ނައިބު ރައީސަށް އެންގުނުކަމަށް ބެލެވޭނެއެވެ. އަދި އެކަން ބަޔާންކޮށް އަލުން ލިޔުމުން އެންގުން ލާޒިމެއް ނޫނެވެ. ނަމަވެސް، އެ ބައްދަލުވުމުގައި ރައީސް ނުވަތަ ނައިބު ރައީސް ބައިވެރިވެފައި ނުވާނަމަ، ކޮމެޓީގެ ނިންމުން ލިޔުމުން ރައީސް ނުވަތަ ނައިބު ރައީސަށް އެންގުނުކަން، ކޮމެޓީން ކަށަވަރުކުރަންވާނެއެވެ. އަދި އެ ހާލަތުގައި 30 (ތިރީސް) ދުވަހުގެ މުއްދަތު ގުނާނީ، ކޮމެޓީގެ ނިންމުން ލިޔުމުން އެންގުނު ތާރީޚުން ފެށިގެންނެވެ.

 

 

(ގ)

މި މާއްދާގެ (ލ) ގެ ދަށުން ރައީސް ނުވަތަ ނައިބު ރައީސަށް އަންގާ އެންގުމާ ހަވާލުވުމަށް ރައީސް ނުވަތަ ނައިބު ރައީސް އިންކާރުކުރާނަމަ، ލިޔުން ހަވާލުކުރަން މަސައްކަތްކުރުމުން ލިޔުމާ ހަވާލުވުމަށް އިންކާރުކުރިކަމަށް 2 (ދޭއް) ފަރާތަކުން ހެކިކޮށް ސޮއިކުރަން ވާނެއެވެ. އަދި މި ހާލަތުގައި ރައީސް ނުވަތަ ނައިބު ރައީސަށް ލިޔުމުން ހަވާލުކުރިކަމަށް ބަލައި، އެ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހުގެ މުއްދަތު ގުނޭނެއެވެ.

 

 

(ޏ)

ކޮމެޓީން ހިންގުމުގައި އިޞްލާޙުކުރަން އަންގާ ކަމެއް، އެކަން އިޞްލާޙުކުރުމަށް ދޭ މުއްދަތުގައި އިޞްލާޙުނުކުރުމާއި، ފުރަތަމަ މަރުޙަލާ ފުރިހަމަކޮށްފައިވަނިކޮށް އެފަދަ ކަމެއް ނުވަތަ  ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ ރޫޙާ ޚިލާފު އެހެން ކަމެއް ކުރުމަކީ، މި މާއްދާގެ ބޭނުމަށް، ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ ރޫޙާ އެއްގޮތަށް ކޮމެޓީ ހިންގުމުގައި އިހުމާލުވަމުންދިއުން ތަކުރާރުކުރުން ކަމުގައި ބެލެވޭނެއެވެ.

ރައީސް، ނައިބު ރައީސްގެ މަޤާމު ހުސްވުން

  1.  

(ހ)

ކޮމިޓީގެ ރައީސް ނުވަތަ ނައިބު ރައީސްގެ މަޤާމު ހުސްވެއްޖެނަމަ، ބަދަލުގައި އެއިން މަޤާމަކަށް މެންބަރަކު 30 (ތިރީސް) ދުވަހުގެ ތެރޭގައި އަލުން އިންތިޚާބު ކުރަންވާނެއެވެ.

 

 

(ށ)

މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން، ރައީސް ނުވަތަ ނައިބު ރައީސްގެ މަޤާމު ހުސްވާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި އެ މަޤާމަށް މެންބަރަކު އިންތިޚާބުކުރެވިފައި ނުވާނަމަ، އެ މަޤާމަށް މެންބަރަކު އިންތިޚާބު ކުރެވެންދެން، އެ ނޫންކަމަކާ ގުޅޭގޮތުން ކޮމެޓީގެ ބައްދަލުވުމެއްގައި މަޝްވަރާ ކޮށްގެން ނުވާނެއެވެ.

 

 

(ނ)

ކޮމިޓީގެ މަޤާމުތަކަށް އަންނަ ބަދަލުތައް ރަސްމީ 7 (ހަތެއް) ދުވަހުގެ ތެރޭގައި ކޮމިޓީ ނިސްބަތްވާ ކައުންސިލަށާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް އަންގަންވާނެއެވެ.

މެންބަރަކު މެންބަރުކަމުން ވަކިވުން

  1.  

އެއްވެސް ސަބަބަކާހުރެ މެންބަރަކު ވަކިވެއްޖެނަމަ، ރަށު ކައުންސިލް ނުވަތަ ސިޓީ  ކައުންސިލް މެދުވެރިކޮށް، ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް، ރަސްމީ 3 (ތިނެއް) ދުވަހުގެ ތެރޭގައި، ސަބަބު އެނގޭ ގޮތަށް، ލިޔުމަކުން އަންގަންވާނެއެވެ. މެންބަރަކު މެންބަރުކަމުން ވަކިވިކަމަށް ބެލެވޭނީ، ތިރީގައިވާ ގޮތުގެ މަތީންނެވެ.

 

 

(ހ)

އެ މީހަކު މެންބަރުކަމުން ވަކިވާން އެދި ކޮމިޓީއަށް އެޑްރެސްކޮށް ސިޓީ ފޮނުވުން.

 

 

(ށ)

މަޤްބޫލު އުޒުރެއް ނެތި، ވިދިވިދިގެން 5 (ފަހެއް) ޖަލްސާއަށް ހާޒިރުނުވުން. މަޤުބޫލު އުޒުރެއްކަމަށް ބެލެވޭނީ، ތިމާ ނުވަތަ ބަލަންޖެހޭ މީހަކު ބަލިވެގެން ނުވަތަ  ކޮމިޓީން ގަބޫލުކުރާ އެހެން ސަބަބެއް މެދުވެރިވުމުން.

 

 

(ނ)

މެންބަރެއްގެ ކިބައިގައި ހުރުން، ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު  ގެ  56-6 ވަނަ މާއްދާގެ (ދ) ގައި ބަޔާންކޮށްފައިވާ ފަދައިން، ޤާނޫނު ނަންބަރު 2010/10 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) ގައި  ލާޒިމުކުރާ ސިފައެއް މެންބަރެއްގެ ކިބައިން އުނިވުން.

 

 

(ރ)

މަރުވުން ނުވަތަ ކޮމިޓީގެ ވާޖިބު އަދާނުކުރެވޭ މިންވަރަށް ދާއިމަށް ނުކުޅެދުން.

ކޮމިޓީގެ ރައީސްގެ މަސްއޫލިއްޔަތު

  1.  

ކޮމިޓީގެ ރައީސްގެ މަސްއޫލިއްޔަތު ތިރީގައި މި ވަނީއެވެ.

 

(ހ)

ކޮމެޓީގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ކޮމެޓީން ނިންމާ ނިންމުންތައް ތަންފީޛުކުރުން.

 

 

(ށ)

ކޮމިޓީގެ މަގުސަދާ އެއްގޮތަށް ކޮމިޓީގެ ހަރަކާތްތައް ރާވައި ހިންގުން.

 

 

(ނ)

ކޮމެޓީގެ މަގުސަދުތައް ހާސިލުކުރުމަށް ކޮމެޓީން އެކަށައަޅާ މަސައްކަތު ތާވަލާއި ބަޖެޓުގެ މަގުސަދުތައް ހާސިލުކުރެވޭނެ ގޮތަށް ކޮމެޓީގެ މަސައްކަތްތައް ބައްޓަންކުރުން.

 

 

(ރ)

ކޮމެޓީގެ ބައްދަލުވުންތައް ގަވާއިދުން ބޭއްވުމާއި، ބައްދަލުވުންތަކުގެ ރިޔާސަތު ބެލެހެއްޓުން.

 

 

(ބ)

ކޮމެޓީގެ ހަރަކާތްތައް ހިނގަމުންދަނީ ކޮމެޓީގެ މަގުސަދާ އެއްގޮތަށްތޯ ބެލުން.

 

 

(ޅ)

ކޮމެޓީން އެކުލަވައިލަން ލާޒިމުކުރާ ޕްލޭންތަކާއި ރިޕޯޓުތައް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި، އާންމުކުރަންޖެހޭ ނިންމުންތައް އާންމުކުރާކަން ކަށަވަރުކުރުން.

 

 

(ކ)

ކޮމެޓީ ތަމްސީލުކުރަންޖެހޭ ތަންތަނުގައި ކޮމެޓީ ތަމްސީލުކުރުން.

 

 

(އ)

ކޮމެޓީ ހިނގަމުންދަނީ ޤާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީންކަން ކަށަވަރުކުރުން.

 

 

(ވ)

ކޮމެޓީގެ މާލީ ޒިންމާތައް، ގަވާއިދު ނަންބަރު 2017/R-20 (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު) އާ އެއްގޮތްވާ ގޮތުގެ މަތީން އަދާކުރަމުންދާކަން ކަށަވަރުކުރުން.

 

 

(މ)

ކޮމެޓީގެ މަސްއޫލިއްޔަތާއި ޒިންމާތަކާ ގުޅިގެން، ރައްޔިތުންނަށާއި މަސްއޫލު އިދާރާތަކަށް ޖަވާބުދާރީވުން.

 

 

(ފ)

ކޮމިޓީގެ މާލިއްޔާއިން ކުރަންޖެހޭ ޚަރަދުތައް ކުރުމުގެ ހުއްދަ ދިނުމާއި، ފައިސާގެ ކަންތައްތައް ކަނޑައެޅިފައިވާ ގަވާއިދުން ހިންގާތޯ ބެލުން.

 

 

(ދ)

ކޮމެޓީން ކަނޑައަޅާ އެހެނިހެން ކަންކަން ކުރުން.

 

 

(ތ)

ކޮމިޓީގެ މަސްއޫލިއްޔަތުތައްކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުރުން.

ކޮމިޓީގެ ނައިބު ރައީސްގެ މަސްއޫލިއްޔަތު

  1.  

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ނައިބު ރައީސްގެ މަސްއޫލިއްޔަތު، ތިރީގައި މިވަނީއެވެ.

 

 

(ހ)

ކޮމެޓީގެ މަސައްކަތްތަކާ ގުޅޭގޮތުން ކޮމެޓީގެ ރައީސަށް އެހީތެރިވެދިނުން.

 

 

(ށ)

ކޮމެޓީގެ ރައީސްގެ މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް އޭނާ ނުކުޅެދިއްޖެ ހާލަތެއްގައި، ނުވަތަ އުޒުރުވެރިވެއްޖެ ހާލަތެއްގައި، ނުވަތަ އެ މަޤާމު ހުސްވެއްޖެ ހާލަތެއްގައި، އޭނާގެ މަޤާމުގެ މަސްއޫލިއްޔަތުތައް ވަގުތީގޮތުން އަދާކުރާނީ ކޮމެޓީގެ ނައިބު ރައީސެވެ. މީގެ އިތުރުން، ކޮމެޓީގެ ރައީސް، ކޮމެޓީގެ ނައިބު ރައީސާ ހަވާލުކުރާ މަސްއޫލިއްޔަތުތައް ވެސް އޭނާ އަދާކުރަންވާނެއެވެ.

 

 

(ނ)

ކޮމެޓީން ކަނޑައަޅާ އެހެނިހެން ކަންކަން ކުރުން.

 

 

(ރ)

ކޮމިޓީގެ މަސްއޫލިއްޔަތުތައްކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުރުން.

ކޮމެޓީގެ މެންބަރުންގެ މަސްއޫލިއްޔަތު

  1.  

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުންގެ މަސްއޫލިއްޔަތުތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

 

 

(ހ)

ރަށުގެ އަންހެނުންނަށް ދަތި އުނދަގޫކޮށް ދިމާވާ ކަންކަމުގެ ވާހަކަ ނުވަތަ އެ ކަންކަމުގެ  މަޢުލޫމާތު، ކޮމެޓީގެ ސަމާލުކަމަށް ގެނައުމާއި، އެ ކަންކަން ޙައްލުކުރުމަށް މަސައްކަތްކުރުން.

 

 

(ށ)

ކޮމެޓީގެ ޖަލްސާތަކުގައި ބައިވެރިވުން.

 

 

(ނ)

ކޮމެޓީގެ މަގުސަދުތައް ހާސިލުކުރުމަށް ޓަކައި މަސައްކަތްކުރުން.

 

 

(ރ)

ކޮމެޓީން އެކުލަވައިލަންޖެހޭ ޕްލޭންތަކާއި މަސައްކަތު ތާވަލާއި ބަޖެޓު އެކުލަވައިލުމުގައި ޢަމަލީގޮތުން ބައިވެރިވުން.

 

 

(ބ)

ކޮމެޓީގެ މަސްއޫލިއްޔަތުތަކާ ގުޅިގެން ކޮމެޓީގެ ރައީސް ހަވާލުކުރާ އެހެނިހެން މަސައްކަތްތައް ކުރުން.

 

 

(ޅ)

ކޮމިޓީގެ މަސްއޫލިއްޔަތުތައްކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުރުން.

ތިންވަނަ ބާބު

ކޮމިޓީގެ ބައްދަލުވުން

ކޮމިޓީގެ ބައްދަލުވުން

  1.  

ކޮމިޓީގެ ބައްދަލުވުންތައް ބެހިގެންވަނީ، އަންނަނިވި 3 (ތިނެއް) ބާވަތުގެ މައްޗަށެވެ.

 

 

(ހ)

ކޮމިޓީގެ އާންމު ބައްދަލުވުން.

 

 

(ށ)

ކޮމިޓީގެ ކުއްލި ބައްދަލުވުން.

 

 

(ނ)

ކޮމިޓީން ކައުންސިލާއެކު ބާއްވާ ބައްދަލުވުންތައް.

ބައްދަލުވުމުގެ ޤާނޫނީ އަދަދު

  1.  

(ހ)

ކޮމިޓީގެ ބައްދަލުވުމެއް ބޭއްވޭނީ، ކޮމިޓީގެ ޖުމުލަ މެންބަރުންގެ ދެބައިކުޅައެއްބަޔަށްވުރެ ގިނަ މެންބަރުން ހާޒިރުވެ ތިބެގެންނެވެ.

 

 

(ށ)

މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޤާނޫނީ އަދަދު ހަމަނުވާނަމަ، އެ އަދަދު ހަމަވަންދެން، އެ ބައްދަލުވުމެއް މެދުކަނޑައިލުމުގެ ނުވަތަ އެހެން ވަގުތަކަށް ފަސްކުރުމުގެ އިޚްތިޔާރު، ކޮމިޓީގެ ރައީސަށް ލިބިގެންވެއެވެ.

ކޮމިޓީގެ އާންމު ބައްދަލުވުން ބާއްވާ ދުވަސް

  1.  

(ހ)

މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ކޮންމެ މަހަކު އެއްފަހަރު ކޮމިޓީގެ ތާވަލުކޮށްފައިވާ އާންމު ބައްދަލުވުމެއް ބާއްވަންވާނެއެވެ. އާންމުކޮށް ބައްދަލުވުން ބާއްވާނީ ކޮންމެ ހަފުތާއެއްގެ ބުރާސްފަތި ދުވަހުގެ 21:00 ގައެވެ.

 

 

(ށ)

ކޮމިޓީގެ ރައީސަށް ނުވަތަ ކޮމިޓީގެ މެންބަރުންގެ އަޣުލަބިއްޔަތަށް ފެނިއްޖަނަމަ، މަހަކު 1 (އެކެއް) އާންމު ބައްދަލުވުމަށް ވުރެ ގިނަ އާންމު ބައްދަލުވުން ބޭއްވުމަކަށް މި ގަވާއިދު ހުރަހެއް ނާޅައެވެ.

ކޮމިޓީގެ އާންމު ބައްދަލުވުން ބާއްވާ ތަނާއި، ވަގުތާއި، އެޖެންޑާ

  1.  

(ހ)

ބައްދަލުވުން ބާއްވާނެ ތަނާއި ވަގުތާއި އެޖެންޑާ ކަނޑައަޅާނީ، ކޮމިޓީގެ ރައީސެވެ.

 

(ށ)

ކޮމިޓީގެ އާންމު ބައްދަލުވުން ބޭއްވުމަށް ކަނޑައަޅާ ތަނާއި، ގަޑިއާއި، އެޖެންޑާ، އެ ބައްދަލުވުމެއް ބޭއްވުމުގެ މަދުވެގެން 1 (އެކެއް) ދުވަހުގެ ކުރިން، ކޮމިޓީގެ ރައީސް، ލިޔުމުން ކޮމިޓީގެ މެންބަރުންނަށް ފޮނުވަންވާނެއެވެ.

 

 

(ނ)

މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކޮމިޓީގެ އާންމު ބައްދަލުވުމުގެ އެޖެންޑާ، ބައްދަލުވުމުގެ 1 (އެކެއް) ދުވަހުގެ ކުރިން ފޮނުވި ގޮތުގެ ރިކޯޑުތައް، ކޮމިޓީގެ އިދާރީ ކަންކަމާ ހަވާލުވެ ހުންނަ ކައުންސިލުގެ މުވައްޒަފު ބަލަހައްޓަންވާނެއެވެ.

ކޮމިޓީގެ އާންމު ބައްދަލުވުމުގެ އެޖެންޑާ

  1.  

(ހ)

ކޮމިޓީއަށް ހުށަހެޅޭ ހުރިހާކަމެއް، އެ ހުށަހެޅޭ ތަރުތީބުން، ކޮމިޓީގެ ރައީސް އެޖެންޑާ ކުރަންވާނެއެވެ.

 

 

(ށ)

ކޮމިޓީގެ މެންބަރަކު، ޖަލްސާގެ އެޖެންޑާގައި ކަމެއް ހިމެނުމަށް ބޭނުންވާނަމަ، އާންމު ބައްދަލުވުން ތާވަލުކުރެވިފައިވާ ދުވަހުގެ 2 (ދޭއް) ދުވަހުގެ ކުރިން، ލިޔުމަކުން ކޮމިޓީގެ ރައީސަށް އަންގަންވާނެއެވެ.

 

 

(ނ)

ކޮމިޓީގެ ނިސްބަތްވާ ކައުންސިލުގެ ދާއިރާގެ ރައްޔިތަކު ނުވަތަ ކުންފުނި ނުވަތަ ޖަމާޢަތްތަކުން ކޮމިޓީއަށް ވަކިކަމެއް ހުށަހަޅަން ބޭނުންވާނަމަ، ކޮމިޓީ ނިސްބަތްވާ ކައުންސިލުގެ އިދާރާ މެދުވެރިކޮށް އެ ކަމެއް ކޮމިޓީއަށް ހުށަހެޅިދާނެއެވެ.

 

 

(ރ)

ސަރުކާރުގެ ފަރާތުން ކޮމިޓީއަށް ހުށަހަޅާ ކަންތައްތައް ހުށަހަޅާނީ، ޤައުމީ އިދާރާތަކުންނެވެ.

 

 

(ބ)

ކޮމިޓީގެ އާންމު ބައްދަލުވުމެއްގެ އެޖެންޑާގައި ހިމެނުމަށް ހުށަހެޅޭ ކޮންމެ މައްސަލައަކީ ވެސް، ޤާނޫނުއަސާސީއާއި، ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އާއި އެ ޤާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކުގެ ދަށުން ކޮމިޓީއަށް ބެލުމުގެ އިޚްތިޔާރާއި ބާރު އޮތް މައްސަލައަކަށް ވާންވާނެއެވެ.

ކޮމިޓީގެ ކުއްލި ބައްދަލުވުން

  1.  

އަންނަނިވި ހާލަތުންކުރެ ހާލަތެއްގައި، އެ ހުށަހެޅިފައިވާ ކަމެއް ކުރުމަށް ޓަކައި، ކޮމިޓީގެ ކުއްލި ބައްދަލުވުމެއް ބާއްވަންވާނެއެވެ.

 

 

(ހ)

ކޮމިޓީގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް، މަދުވެގެން ކޮމިޓީގެ ތިންބައިކުޅަ އެއްބައި މެންބަރުން އެދުން.

 

 

(ށ)

ކޮމިޓީގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް، ލޯކަލް ގަވަރމަންޓް އޮތޯރިޓީން އެދުން.

 

 

(ނ)

އެކަށީގެންވާ ސަބަބަކާހުރެ ކޮމިޓީގެ ރައީސަށް މިފަދަ ބައްދަލުވުމެއް ބާއްވަން ފެނުން.

ކޮމިޓީގެ ކުއްލި ބައްދަލުވުމެއް ބާއްވަން ހުށަހެޅުން

  1.  

ކޮމިޓީގެ ކުއްލި ބައްދަލުވުމެއް ބާއްވަން އެދުމުގައި، އެ ޖަލްސާއެއް ބާއްވަން ބޭނުންވާ ސަބަބާއި ތާރީޚު، ކޮމިޓީގެ ރައީސަށް ލިޔުމުން ހުށަހަޅަންވާނެއެވެ.

ކޮމިޓީގެ ކުއްލި ބައްދަލުވުން ބާއްވާ ތަނާއި، ވަގުތާއި، އެޖެންޑާ

  1.  

(ހ)

މި ގަވާއިދުގައިވާ ގޮތުގެ މަތީން، ކޮމިޓީން ބާއްވާ ކުއްލި ބައްދަލުވުން ބާއްވާނެ ތަނާއި، ވަގުތާއި، އެޖެންޑާ ކަނޑައަޅާނީ، އެ ބައްދަލުވުމެއް ބޭއްވުމަށް ހުށަހެޅި ފަރާތަކުން ލިޔުމުން ހުށަހަޅައިފައިވާ ހުށަހެޅުމާ އެއްގޮތްވާ ގޮތުގެ މަތީން، ކޮމިޓީގެ ރައީސެވެ.

 

 

(ށ)

ކޮމިޓީގެ ކުއްލި ބައްދަލުވުން ބޭއްވުމަށް ކޮމިޓީގެ ރައީސް ކަނޑައަޅާ ތަނާއި، ގަޑިއާއި، އެޖެންޑާ، ވީ އެންމެ އަވަހަކަށް، ކޮމިޓީގެ ރައީސް، ލިޔުމުން ކޮމިޓީގެ މެންބަރުންނަށް ފޮނުވަންވާނެއެވެ.

ކުއްލި ބައްދަލުވުމެއްގައި ނުނިންމޭނެ ކަންތައްތައް

  1.  

އަންނަނިވި ކަންކަމުން ކުރެ ކަމެއް ކޮމިޓީގެ ކުއްލި ބައްދަލުވުމެއްގައި ނިންމައިގެން ނުވާނެއެވެ.

 

(ހ)

ކޮމިޓީގެ ރައީސާއި ނައިބު ރައީސްގެ މަޤާމަށް މެންބަރަކު ހޮވުން. 

 

 

(ށ)

ކޮމިޓީގެ ރައީސާއި ނައިބު ރައީސްގެ އިތުބާރުނެތްކަމުގެ ވޯޓް ނެގުން.

 

 

(ނ)

ވިޔަފާރިކުރުމާއި، ދަރަންޏަށް ޒިންމާވުން.

 

 

(ރ)

ކޮމިޓީގެ ބަޖެޓް ކަނޑައެޅުމާއި، ބަޖެޓް ފާސްކުރުން.

 

 

(ބ)

ކޮމިޓީގެ ޕްލޭންތައް އެކުލަވައިލުމާއި ފާސްކުރުން.

ކޮމިޓީގެ ބައްދަލުވުންތަކުގެ ރިޔާސަތު ބެލެހެއްޓުން

  1.  

ކޮމިޓީގެ ބައްދަލުވުންތަކުގެ ރިޔާސަތު ބަލަހައްޓާނީ، ކޮމިޓީގެ ރައީސެވެ. ރައީސް ނެތް ހާލަތެއްގައި ރިޔާސަތު ބަލަހައްޓާނީ، ކޮމިޓީގެ ނައިބު ރައީސެވެ.

ކޮމިޓީގެ ބައްދަލުވުންތައް ފެށުމާއި ނިންމުން

  1.  

(ހ)

މި ގަވާއިދުގައިވާ ގޮތުގެ މަތީން ކޮމިޓީން ބާއްވާ ކޮންމެ ބައްދަލުވުމެއްގެ ފެށުމާއި ނިންމުން ބައްދަލުވުމުގެ ރިޔާސަތުން އިޢުލާނު ކުރަންވާނެއެވެ.

 

 

(ށ)

ބައްދަލުވުން ބޭއްވުމަށް ކަނޑައަޅައިފައިވާ ގަޑިޖެހުމުން، އެ ބައްދަލުވުމުގެ ޤާނޫނީ އަދަދު ހަމަވޭތޯ ރިޔާސަތުން ބަލަންވާނެއެވެ. ޤާނޫނީ އަދަދު ހަމަވާނަމަ، މެންބަރުންގެ އަދަދު ރިޔާސަތުން އިޢުލާނުކުރުމަށްފަހު ބައްދަލުވުން ފަށާނީއެވެ. ބައްދަލުވުން ފެށުމަށް ހަމަޖެހިފައިވާ ގަޑިޖެހޭއިރު ޤާނޫނީ އަދަދު ހަމަނުވާނަމަ، އެ އަދަދު ހަމަވޭތޯ 15 (ފަނަރަ) މިނިޓު ބަލަންވާނެއެވެ. މި ވަގުތު ފަހަނަޅައިދިއުމުންވެސް ޤާނޫނީ އަދަދު ހަމަނުވާނަމަ، އެކަން ރިޔާސަތުން އިޢުލާނުކުރަންވާނެއެވެ.

އެޖެންޑާ އިއްވުމާއި ފާސްކުރުން

  1.  

(ހ)

ބައްދަލުވުން ފެށުމަށްފަހު، އެ ބައްދަލުވުމަކަށް ކަނޑައެޅިފައިވާ އެޖެންޑާ ރިޔާސަތުން އިއްވަންވާނެއެވެ.

 

 

(ށ)

އެޖެންޑާގެ ތަރުތީބަށް ބަދަލު ގެނައުމަށް ކޮމިޓީގެ ބައްދަލުވުމުން ފާސްކުރެވިދާނެއެވެ.

 

 

(ނ)

އާންމު ބައްދަލުވުމުގެ 1 (އެކެއް) ދުވަހުގެ ކުރިން ފޮނުވި އެޖެންޑާގައި ނުހިމެނޭ ކަމެއް، އާންމު ބައްދަލުވުމުގެ އެޖެންޑާއަށް އިތުރެއް ނުކުރެވޭނެއެވެ. އަދި އެޖެންޑާގައި ހިމެނޭ ކަމެއް އެޖެންޑާއިން އުނިކޮށްގެން ވެސް ނުވާނެއެވެ.

އެޖެންޑާއާ ބައްދަލުވުން އެއްގޮތަށް ކުރިޔަށް ގެންގޮސް ބަހުސަށް ހުޅުވާލުން

  1.  

(ހ)

ބައްދަލުވުމުގެ އެޖެންޑާ ފާސްކުރުމަށްފަހު، އެ އެޖެންޑާގައި ކަނޑައެޅިފައިވާ ތަރުތީބުން، އެޖެންޑާގައި ހިމަނައިފައިވާ ކަންކަން، ރިޔާސަތުން ކަނޑައަޅާ ގޮތެއްގެ މަތީން ބައްދަލުވުމަށް ހުށަހަޅައި، އެ ކަމަކާބެހޭގޮތުން ބަހުސްކުރުމުގެ ފުރުޞަތު ބައްދަލުވުމުގެ ރިޔާސަތުން ހުޅުވައިލަންވާނެއެވެ.

 

 

(ށ)

މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ބަހުސްގެ ފުރުޞަތު ހުޅުވައިލުމުގައި،  މައްސަލައިގެ ކުޑަބޮޑުމިނަށް ބަލައި، މުޅި ބަހުސަށް ދެވޭނެ ޖުމުލަ ވަގުތާއި، ކޮންމެ މެންބަރަކަށް ދެވޭ ފުރުޞަތުގެ ދިގުމިން ކަނޑައެޅުމުގެ އިޚްތިޔާރު، ބައްދަލުވުމުގެ ރިޔާސަތަށް ލިބިގެންވެއެވެ. މިގޮތުގެ މަތީން ފުރުޞަތުގެ ދިގުމިން ކަނޑައަޅަން ރިޔާސަތުން ނިންމައިފިނަމަ، ބަހުސްގެ ޖުމުލަ ދިގުމިނާއި، ކޮންމެ މެންބަރަކަށް ލިބޭނެ ފުރުޞަތުގެ ދިގުމިން، ބަހުސް ފެށުމުގެ ކުރިން ރިޔާސަތުން އިޢުލާނު ކުރަންވާނެއެވެ. މިގޮތަށް  މެންބަރުންނަށް ފުރުޞަތު ދޭންވާނީ ހަމަހަމަ އުސޫލަކުންނެވެ.

ބައްދަލުވުމުގައި ވާހަކަދެއްކުމަށް ފުރުޞަތަށް އެދުން

  1.  

(ހ)

މި ގަވާއިދުގެ 24 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ބަހުސަށް ހުޅުވައިލުމުން، އެ ބައްދަލުވުމަކަށް ހުށަހެޅިފައިވާ މައްސަލައިގެ ބަހުސުގައި ބައިވެރިވާން ބޭނުންވާ މެންބަރުން، އަތް އުފުލައިގެން ރިޔާސަތަށް އެކަމަށް އެދޭނީއެވެ.

 

 

(ށ)

ބަހުސްގައި ބައިވެރިވުމަށް ފުރުޞަތަށް އެދޭ މެންބަރުންނަށް، އެ ބަހުސަކަށް ކަނޑައެޅިފައިވާ ވަގުތު ހަމަވަންދެން، ނުވަތަ ބަހުސް އެއްކޮށް ނިމެންދެން، މެންބަރުން ފުރުޞަތަށް އެދުނު ތަރުތީބުކަމަށް ރިޔާސަތަށް ނޯޓުކުރެވިފައިވާ ތަރުތީބުން، ފުރުޞަތު ދޭންވާނެއެވެ.

ބަހުސްގައި ވާހަކަދެއްކުމުގެ އަދަބުތައް

  1.  

ކޮމިޓީގެ ބައްދަލުވުންތަކުގައި ވާހަކަދެއްކުމުގައި، ކޮންމެ މެންބަރަކު ވެސް، އަންނަނިވި އުސޫލުތަކަށް ތަބާވާންވާނެއެވެ.

 

 

(ހ)

މެންބަރަކު ވާހަކަދައްކަމުންދާ ވަގުތު، އޭނާއާއި ރިޔާސަތާ ދެމެދު އެއްވެސް ހުރަހެއް ނުހުރުމާއި، މެންބަރަކު ވެސް އެ ދެމެދަށް ހުރަސް ނޭޅުން.

 

 

(ށ)

ހުށަހަޅައިފައިވާ މައްސަލައެއްގެ މައްޗަށް މެންބަރުންގެ ވާހަކަ ބިނާކުރުން.

 

 

(ނ)

އިސްލާމްދީނުގެ އަސްލުތަކާ ޚިލާފުނުވެ، ދިވެހިރާއްޖޭގެ ބަސްމޮށެ އުޅުމުގެ އަދަބުތަކަށް ޙުރުމަތްތެރިކޮށް ހިތައިގެން، ކައުންސިލާއި ކޮމިޓީގެ އެއްވެސް މެންބަރެއްގެ ޢިއްޒަތާއި ކަރާމާތަށް އުނިކަމެއް ނާންނާނޭ ގޮތުގެ މަތީން ވާހަކަދެއްކުން.

ބަހުސް ނިންމުން

  1.  

(ހ)

ކޮމިޓީގެ ބައްދަލުވުމަށް ހުށަހެޅި ބަހުސްކުރެވެމުންދާ މައްސަލައިގެ ބަހުސް ނިމުމުން، ނުވަތަ ބަހުސަށް ކަނޑައެޅިފައިވާ ޖުމުލަ ވަގުތު ހަމަވުމުން، އެ ބަހުސްކުރެވުނު މައްސަލައެއް ހުށަހެޅި މެންބަރަކަށް، ޖަވާބުދާރީވުމަށާއި ފަހުބަސް ބުނުމަށް ޓަކައި، މަދުވެގެން 3 (ތިނެއް) މިނިޓު ދޭންވާނެއެވެ.

 

 

(ށ)

މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، މައްސަލަ ހުށަހެޅި މެންބަރަށް ފަހުބަސް ބުނުމުގެ ފުރުޞަތު ރިޔާސަތުން ދިނުމާއެކު، އެ މައްސަލައެއްގެ ބަހުސް ނިމުނީއެވެ.

މެންބަރަކު ކުރިޔަށްގެންދާ ވާހަކައެއް ހުއްޓައިލުމަށް އެންގުން

  1.  

މެންބަރަކު ވާހަކަދައްކަމުން ދަނިކޮށް، އަންނަނިވި ކަންކަމުންކުރެ ކަމެއް ދިމާވެއްޖެނަމަ، އެ މެންބަރަކު ދައްކަމުންދިޔަ ވާހަކަ ހުއްޓައިލަންވާނެއެވެ.

 

(ހ)

މެންބަރަކު ދައްކާ ވާހަކައަކީ އިސްލާމްދީނުގެ އަސްލަކާ ޚިލާފުވާ ގޮތަށް ދައްކާ ވާހަކައެއްކަމަށް ރިޔާސަތަށް ފެނިގެން ވާހަކަ ހުއްޓައިލުމަށް އެންގުން.

 

 

(ށ)

މެންބަރަކު ވާހަކަދައްކަނީ ކޮމިޓީގައި ވާހަކަދެއްކުމުގެ އަދަބުތައްކަމަށް މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކަމަކާ ތަޢާރުޟުވާ ގޮތަށް ކަމަށް ރިޔާސަތަށް ފެނިގެން ވާހަކަ ހުއްޓައިލުމަށް އެންގުން.

 

 

(ނ)

މެންބަރަކު ދައްކާ ވާހަކައަކީ އެޖެންޑާގައި ހިމެނިގެންވާ ކަމަކާ ގުޅުމެއްނެތް ވާހަކައެއްކަމަށް ރިޔާސަތަށް ފެނިގެން ވާހަކަ ހުއްޓައިލުމަށް އެންގުން.

ވާހަކަ ހުއްޓައިލަން އެންގި ސަބަބު ބަޔާންކުރުން

  1.  

މެންބަރެއްގެ ވާހަކަ ހުއްޓައިލުމަށް ރިޔާސަތުން އަންގައިފިނަމަ، އެ ވާހަކައެއް ހުއްޓައިލުމަށް އަންގާ ސަބަބު، ރިޔާސަތުން ސާފުކޮށް ބަޔާންކުރަންވާނެއެވެ.

ކޮމިޓީގެ ބައްދަލުވުމެއްގައި  ކުރުން ހުއްދަނޫން ކަންކަން

  1.  

ކޮމިޓީގެ އެއްވެސް ބައްދަލުވުމެއްގައި، ކޮމިޓީގެ މެންބަރަކު، އަންނަނިވި ކަންކަމުންކުރެ ކަމެއް ކޮށްގެން ނުވާނެއެވެ.

 

 

(ހ)

މެންބަރަކު ވާހަކަދައްކަމުން ގެންދާއިރު، އޭނާއަށް އުނދަގޫވާފަދަ އެއްވެސް ކަމެއް ކުރުން.

 

 

(ށ)

ބައްދަލުވުން ހިނގަމުންދާއިރު، ކޮމިޓީގެ ޙުރުމަތް ކެނޑޭފަދަ ގޮތަށް ނޫސް މަޖައްލާފަދަ ތަކެތި ކިޔުމާއި، އެހެނިހެން މެންބަރުންނާ ވާހަކަދައްކައި ހެދުމާއި، ބައްދަލުވުމެގެ އަޑުއެހުމަށް އައިސް ތިބޭ މީހުންނަށް އިޝާރާތްކޮށް މުޢާމަލާތްކޮށްހެދުން.

 

 

(ނ)

ކޮމިޓީން ކަނޑައަޅާ ގޮތެއްގެ މަތީން، ކޮމިޓީގެ ބޭނުމަށް ފިޔަވައި، ކެސެޓް ރެކޯޑަރ، ނުވަތަ ޓޭޕް ރެކޯޑަރ، ނުވަތަ ކެމެރާ، ނުވަތަ މަންޒަރު ނުވަތަ އަޑު ރިކޯޑުކުރެވިދާނެ އެނޫންވެސް އެއްޗެހި ކޮމިޓީގެ ބައްދަލުވުންތަކުގައި ބޭނުންކުރުން.

 

 

(ރ)

މެންބަރަކު ވާހަކަދައްކަމުން ގެންދަނިކޮށް، އެ މެންބަރަކާ ރިޔާސަތާ ދެމެދު ހުރަސް އެޅުން.

 

 

(ބ)

ބައްދަލުވުމުގެ ތެރޭގައި، މޯބައިލް ފޯނުން ފޯނު ކުރުމާއި، ފޮޓޯއާއި ވީޑިއޯ ނެގުމާއި، އަޑު ރިކޯޑުކުރުން.

ކޮމިޓީގެ ބައްދަލުވުންތަކުގައި ބައިވެރިވުމުގެ ފުރުޞަތު ދިނުން

  1.  

(ހ)

ކޮމިޓީގެ ބައްދަލުވުންތަކަކީ އާންމުކޮށް ހުޅުވައިލައިގެން ބާއްވާ ބައްދަލުވުންތަކެކެވެ.

 

(ށ)

ކޮމިޓީގެ ބައްދަލުވުމުގެ އަޑުއަހަން ވަންނަ އެއްވެސް ފަރާތަކަށް ކޮމިޓީގެ ބައްދަލުވުމުގައި އެއްވެސް ވާހަކައެއް ދެއްކުމާއި، ބަހުސްގައި އެއްވެސް ހައިސިއްޔަތަކުން ބައިވެރިވުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.

 

 

(ނ)

ބައްދަލުވުމުގެ އަޑުއަހަށް ވަންނަ އެއްވެސް ފަރާތަކުން، ބައްދަލުވުން ކުރިޔަށް ގެންދިއުމަށް ދަތިވާފަދަ އެއްވެސް ޢަމަލެއް ހިންގުމަކީ މަނާ ކަމެކެވެ. އަދި މިފަދަ ޢަމަލެއް ހިންގި ކޮންމެ މީހަކު، ބައްދަލުވުން ބާއްވާ މާލަމުން ވަގުތުން ބޭރުކުރުމާއި، އޭގެ ފަހުގެ އެއްވެސް ބައްދަލުވުމަކަށް ނުވެއްދުމަށް، ނުވަތަ ވަކި މުއްދަތަކަށް އެއްވެސް ބައްދަލުވުމަކަށް ނުވެއްދުމަށް ނިންމުމުގެ އިޚްތިޔާރު، ކޮމިޓީގެ ރައީސަށް ލިބިގެންވެއެވެ.

 

 

(ރ)

ކޮމިޓީގެ ބައްދަލުވުމުގައި އެޖެންޑާކުރެވިފައިވާ ކަމަކާ ގުޅިގެން ކޮމިޓީއަށް ބޭނުންވާ މަޢުލޫމާތާއި މަޝްވަރާދެވިދާނެ އެކި ފަރާތްތަކަށް، ކޮމިޓީގެ ބައްދަލުވުންތަކުގައި ބައިވެރިވުމަށް ދަޢުވަތު ދިނުމުގެ ބާރު، ކޮމިޓީގެ ރައީސަށް ލިބިގެންވެއެވެ.

ކޮމިޓީން ކަމެއް ނިންމުން

  1.  

(ހ)

މި ގަވާއިދުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، ކޮމިޓީގެ ބައްދަލުވުމަށް ހުށަހެޅޭ ކަންކަން ނިންމޭނީ، ކޮމިޓީގެ ބައްދަލުވުމަކަށް އެ ކަމެއް ހުށަހެޅި، އެ ބައްދަލުވުމަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

 

 

(ށ)

މި މާއްދާގެ (ހ) ގައި އެހެން އޮތް ނަމަވެސް، އަންނަނިވި ކަންކަމުންކުރެ ކަމެއް ފާސްކުރެވޭނީ، މުޅި ކޮމިޓީގެ ޖުމުލަ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

 

 

 

(1)

ކޮމިޓީގެ ރައީސް ނުވަތަ ނައިބު ރައީސް މަޤާމުން ދުރުކުރުން؛

 

 

 

(2)

ވިޔަފާރިކުރުމާއި، ދަރަންޏަށް ޒިންމާވުން.

ކޮމިޓީން ކަމެއް ނިންމުމުގައި ރިޢާޔަތްކުރަންޖެހޭ ކަންތައްތައް

  1.  

ކޮމިޓީން ކަމެއް ނިންމުމުގައި ރައްޔިތުންގެ ލާބަޔާއި މަންފާއަށް އިސްކަންދޭން ވާނެއެވެ. އަދި ކޮމިޓީން ކަންކަން ނިންމަންވާނީ، ޤާނޫނުތަކާއި ގަވާއިދުތަކާއި ސަރުކާރުގެ ސިޔާސަތުތަކާއި ރަށުގެ ތަރައްޤީގެ ޕްލޭނާއި ޤައުމީ ތަރައްޤީގެ ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

ވޯޓު ދިނުން

  1.  

(ހ)

ކޮމިޓީގެ ރައީސާއި ނައިބު ރައީސް އިންތިޚާބުކުރުން ފިޔަވައި، ކޮމިޓީން ކަންކަން ނިންމުމުގައި ވޯޓު ދޭނީ، އަތް އުފުލައިގެންނެވެ.

 

 

(ށ)

ކޮމިޓީގެ ކޮންމެ މެންބަރަކަށް ވެސް، ވޯޓަށް އެހޭ ކަމެއްގައި ދެވޭނީ، 1 (އެކެއް) ވޯޓެވެ.

ވޯޓު ގުނައި ތަފުސީލު ރިކޯޑުކުރުމާއި ނަތީޖާ އިޢުލާނުކުރުން

  1.  

ވޯޓު ގުނައި، އޭގެ ތަފުސީލު ރިކޯޑު ކުރާނީ، ކައުންސިލުން ކަނޑައަޅާ ކައުންސިލް އިދާރާގެ މުވައްޒަފެކެވެ. އަދި ވޯޓުގެ ނަތީޖާ އިޢުލާނުކުރާނީ، ބައްދަލުވުމުގެ ރިޔާސަތުންނެވެ.

މަޞްލަޙަތު ފުށުއަރާ ހާލަތު

  1.  

ކޮމިޓީގެ އެއްވެސް މެންބަރެއްގެ އަނބިމީހާ، ފިރިމީހާ، ދަރިއެއް، މަންމަ، ބައްޕަ، އެއްބަނޑުއެއްބަފާ، އެއްބަނޑު ނުވަތަ އެއްބަފާ މީހެއްގެ މަޞްލަޙަތު ހިމެނޭ ނުވަތަ އެ މެންބަރެއްގެ އަމިއްލަ ފައިދާއެއް ނުވަތަ ދައުރެއް އޮތް ކަމަކާމެދު ކޮމިޓީގައި މަޝްވަރާކުރާނަމަ، ބައްދަލުވުމުގައި އެ ކަމަކާމެދު މަޝްވަރާކޮށް ގޮތެއް ނިންމުމުގައި އެ މެންބަރަކު ބައިވެރިވެގެން ނުވާނެއެވެ.

ރިޔާސަތުން ވޯޓުގައި ބައިވެރިވުން

  1.  

ކޮމިޓީން ކަމެއް ނިންމުމުގައި ރިޔާސަތަށް ވޯޓުގައި ބައިވެރިވެވޭނެއެވެ.

ނިންމުންތައް ހާމަކުރުން

  1.  

(ހ)

ކޮމިޓީން ފާސްކުރާ ޤަރާރުތަކާއި އަމުރުތަކާއި ނިންމުންތަކާއި ކަންތައްތައް އާންމުކޮށް ހާމަކުރަންވާނެއެވެ. މިގޮތަށް އާންމު ނުކުރާނަމަ، އެއީ ޞައްޙަ ޤަރާރުތަކާއި އަމުރުތަކާއި ނިންމުންތައް ކަމުގައެއް ނުބެލެވޭނެއެވެ.

 

 

(ށ)

ކޮމިޓީން ފާސްކުރާ ޤަރާރުތަކާއި އަމުރުތަކާއި ނިންމުންތަކާއި ކަންތައްތައް އާންމުކޮށް ހާމަކުރުމަށް ޓަކައި ކޮމިޓީގެ ސިއްކަ ޖެހުމަށްފަހު، ކައުންސިލުގެ އިދާރާގެ ނޯޓިސް ބޯޑާއި، ކައުންސިލުގެ ވެބްސައިޓާއި، ކޮމިޓީގެ ރަސްމީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި އާންމުކުރަންވާނެއެވެ.

 

 

(ނ)

މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކޮމިޓީގެ ޤަރާރުތަކާއި އަމުރުތަކާއި ނިންމުންތައް އާންމުކުރުމަށްފަހު، ކޮމިޓީގެ އިދާރާއިން އެކަން ރިކޯޑުކޮށް ބަލަހައްޓަންވާނެއެވެ.

ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން

  1.  

ކޮމިޓީގެ ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ތައްޔާރުކުރުމުގެ އިންތިޒާމު ހަމަޖައްސައި ކޮމިޓީގެ މެންބަރުންނަށް ފަސޭހައިން ފެންނާނޭހެން ބެލެހެއްޓުމަކީ ކައުންސިލުގެ އިދާރާގެ ސެކްރެޓަރީ ޖެނެރަލްގެ މަސްއޫލިއްޔަތެކެވެ.

ބައްދަލުވުންތަކުގެ ޔައުމިއްޔާ

  1.  

(ހ)

ކޮމިޓީގެ ކޮންމެ ބައްދަލުވުމެއްގެ ޔައުމިއްޔާ، އެ ބައްދަލުވުމެއްގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން ފާސްކޮށް އެ ޔައުމިއްޔާގައި މެންބަރުން ސޮއިކުރަންވާނެއެވެ. އެ ބައްދަލުވުމެއްގައި ކޮމިޓީން ނިންމި ކަންކަމާއި، ބައްދަލުވުމުގައި ބައިވެރިވި މެންބަރުންނާއި، ބައްދަލުވުމުގައި ބައިވެރިނުވި މެންބަރުން ބައިވެރިނުވި ސަބަބާއި، ބައްދަލުވުން ބޭއްވި ތާރީޚާއި ތަނާއި ވަގުތާއި ބައްދަލުވުމުގެ އެޖެންޑާއާއި ބައްދަލުވުމުގައި ކޮމިޓީގެ މެންބަރުންގެ އިތުރުން އެހެން ފަރާތަކުން ބައިވެރިވެފައިވާނަމަ އެކަމުގެ މަޢުލޫމާތު ބައްދަލުވުމުގެ ޔައުމިއްޔާގައި ސާފުކޮށް ބަޔާންކޮށްފައި އޮންނަންވާނެއެވެ.

 

 

(ށ)

މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ކޮމިޓީގެ ބައްދަލުވުމުގެ ޔައުމިއްޔާ ފާސްކުރުމަށް ވޯޓު ނުދޭ މެންބަރުން، ޔައުމިއްޔާ އިޞްލާޙުކުރާނެ ގޮތެއް ފާހަގަކޮށްފައި ނުވާނަމަ، ބެލެވޭނީ ޔައުމިއްޔާ ރަނގަޅުކަމަށް ރުހޭކަމަށެވެ.

ހަތަރުވަނަ ބާބު

ކޮމިޓީގެ މާލީ ކަންކަން

ބަޖެޓް އެކުލަވައިލުން

  1.  

(ހ)

މި ގަވާއިދުގެ 42 ވަނަ މާއްދާގެ (ކ) ބަޔާންކޮށްފައިވާ މަސައްކަތު ތާވަލަށް ބިނާކޮށް، ދައުލަތުން ކައުންސިލަށް ލިބޭ ހިލޭ އެހީގެ ތެރެއިން ކޮމިޓީއަށް ހަވާލުކުރާ 5% (ފަހެއް އިންސައްތަ) އާއި، ކޮމެޓީއަށް ލިބޭ އެހެނިހެން އާމްދަނީއާއި އެހެނިހެން ހިލޭއެހީއަށް ބަލައި، ކޮމެޓީގެ ބަޖެޓް އެކުލަވައިލައިފައި ކައުންސިލަށް ހުށަހަޅަންވާނެއެވެ.

 

 

(ށ)

ދައުލަތުން ދޭ ހިލޭ އެހީގެ ފައިސާއިން ކޮމެޓީގެ ބަޖެޓުން ހަރަކާތްތައް ހިންގުމަށް ފާސްކޮށް ޚަރަދު ކުރަންވާނީ، މެންބަރުންގެ އުޖޫރައަށްވާ ފައިސާ އުނިކުރުމަށްފަހުގައެވެ.

 

 

(ނ)

މި މާއްދާގެ (ހ) ގައި ކޮމެޓީއަށް ލިބޭނެކަމަށް ކަނޑައަޅާ ފާސްކޮށްފައިވާ ބަޖެޓުގައި ހިމެނޭ ފައިސާއިން އަހަރު ނިމޭއިރު ޚަރަދު ނުކުރެވޭނަމަ، އެ ފައިސާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އާމްދަނީގެ ގޮތުގައި ޖަމާކުރަންވާނެއެވެ. ނަމަވެސް ޑިސެންބަރުމަހުގެ 31 ވަނަ ދުވަހުގެ ކުރިން ގަނެފައިވާ ތަކެއްޗާއި ހޯދައިފައިވާ ޚިދުމަތާއި ގަންނަން އެއްބަސްވެފައިވާ ތަކެއްޗާއި ހޯދަން އެއްބަސްވެފައިވާ ޚިދުމަތްތަކުގެ އަގަށްވާ ފައިސާ، ޖެހިގެން އަންނަ އަހަރުގެ ޖަނަވަރީމަހުގެ 31 ގެ ކުރިން ދައްކައި ނިންމަންވާނެއެވެ.

 

 

(ރ)

މި މާއްދާގައި ބަޔާންކޮށްފައިވާ ކޮމެޓީގެ އެންމެހައި އާމްދަނީ ފައިސާ ޖަމާކުރާނީ، ކައުންސިލުގެ އެކައުންޓުގައި ކޮމެޓީއަށް ޚާއްޞަކޮށްފައިވާ ކޯޑުގައެވެ.

ކޮމިޓީގެ ހިސާބުތައް ބެލެހެއްޓުމާއި ޚަރަދުކުރުން

  1.  

(ހ)

ކޮމިޓީއަށް ލިބިދީފައިވާ ބާރުތަކުގެ ތެރެއިން މާލީ އެންމެހައި ކަންކަން ކުރަންވާނީ، ޤާނޫނު ނަންބަރު 3/2006 (ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) އާއި، ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އާއި، އެހެނިހެން ޤާނޫނުތަކާއި ގަވާއިދުތަކާ ޚިލާފުނުވާ ގޮތުގެ މަތީންނެވެ.

 

 

(ށ)

ކައުންސިލުގެ އެކައުންޓުގައި، ކޮމެޓީގެ ފަންޑުގެ ނަމުގައި ހުންނަ ފައިސާއާއި ކޮމިޓީގެ ނަމުގައި ވަކި އެކައުންޓެއްގައި ހުންނަ ފައިސާގެ ތަފުސީލު، ވިޔަ މޮޑިއުލް/ސެޕް ސިސްޓަމުގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއަށް ޚާއްޞަކޮށްފައިވާ ފަންޑުގައި ރިކޯޑުކުރަންވާނެއެވެ.

 

 

(ނ)

ކޮމެޓީގެ ފަންޑުގެ ހިސާބު ބެލެހެއްޓުމާއި، ކޮމެޓީގެ ހަރަކާތްތަކަށް ޚިދުމަތާއި މުދާ ހޯދުމުގެ ހުއްދަ (ޕީ.އޯ. އޮތަރައިޒްކުރުން) އާއި، ކޮމެޓީގެ ފަންޑުން ފައިސާ ޚަރަދުކުރުމުގެ ހުއްދަ (ޕީ.ވީ. އޮތަރައިޒް ކުރުން) ދޭނީ، ކައުންސިލުގެ އެ މަސައްކަތް ކުރުމަށް ކަނޑައަޅައިފައިވާ މުވައްޒަފުންނެވެ.

 

 

(ރ)

ކޮމެޓީގެ ފަންޑުން އެއްވެސް ޚަރަދެއް ކުރަން ހުއްދަ ދޭންވާނީ، އެ ކޮމެޓީގެ ރައީސް ނުވަތަ ކޮމެޓީން ކަނޑައަޅާ މެންބަރަކު ސޮއިކޮށްފައި ކައުންސިލަށް ފޮނުވާ މުދަލާއި ޚިދުމަތަށް އެދޭ ފޯމަކަށެވެ.

 

 

(ބ)

މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ފޯމު ލިބުމުން، ފޯމުގައި ބަޔާންކޮށްފައިވާ ޚިދުމަތް ނުވަތަ ގަންނަން އެދޭ މުދާ، ގަވާއިދު ނަންބަރު 2017/R-20 (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު) އާ އެއްގޮތަށް، ލަސްނުކޮށް ކައުންސިލުން ހޯދައިދޭންވާނެއެވެ.

 

 

(ޅ)

ވިޔަ މޮޑިއުލް ނުވަތަ ސެޕް ސިސްޓަމުގެ ތެރެއިން ޚަރަދުކުރުމަށް ގަވާއިދު ނަންބަރު 2017/R-20 (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު) އާ އެއްގޮތަށް ތައްޔާރުކުރަންޖެހޭ ލިޔެކިޔުންތައް ތައްޔާރުކުރުމާއި، ބިލުތަކަށް ފައިސާދެއްކުމާއި، ހިސާބުތައް އަދާހަމަކުރުމަކީ، ކައުންސިލުން އެ މަސައްކަތް ކުރާ މުވައްޒަފުންގެ ޒިންމާއެކެވެ.

 

 

(ކ)

ކޮމިޓީގެ ފަންޑުން ޚަރަދު ކުރަންވާނީ، ކޮމިޓީގެ މަގުސަދުތައް ހާސިލުކުރުމަށް އެކުލަވައިލާ މަސައްކަތު ތާވަލާއި ބަޖެޓުގައި ބަޔާންކޮށްފައިވާ ހަރަކާތްތަކަށެވެ.

 

 

(އ)

ކޮމެޓީގެ ފަންޑުގެ ބަޖެޓް ރިޕޯޓު، ކައުންސިލުގެ ފަރާތުން، ކޮންމެ މަހަކު، އަންހެނުންގެ ކޮމެޓީއަށް ހަވާލުކުރަންވާނެއެވެ.

ކޮމިޓީގެ ފައިސާއަށް ޒިންމާވުން

  1.  

(ހ)

ކޮމެޓީގެ ފައިސާއާއި ހިސާބުތަކާ ހަވާލުވެ ހުންނަ ކައުންސިލުގެ އިދާރާގެ މުވައްޒަފަކު އޭނާއާ ހަވާލުވެފައިވާ ފައިސާއާއި ހިސާބުތަކަށް ޒިންމާވާންޖެހޭނެއެވެ. އަދި އެފަދަ މުވައްޒަފަކަށް ކައުންސިލުގެ ވަޒީފާއިން ވަކިވެވޭނީ އޭނާ ހަވާލުވެހުރި ފައިސާއާއި ހިސާބުތައް ކައުންސިލުން ކަނޑައަޅާ ފަރާތަކާ ހަވާލުކުރުމަށްފަހުގައެވެ.

 

 

(ށ)

ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 56-6 ވަނަ މާއްދާގެ (ކ) ގެ ބޭނުމަށް، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް އާމްދަނީ ހޯދުމުގެ ގޮތުންނާއި އަންހެނުންނަށް ވަޒީފާގެ ފުރުޞަތުތަކާއި ވިޔަފާރީގެ ފުރުޞަތުތައް ފަހިކޮށްދިނުމުގެ ގޮތުން ހިންގޭ ހަރަކާތްތައް ހިންގިދާނެއެވެ.

 

 

(ނ)

މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ހަރަކާތްތައް ހިންގުމަށާއި، ކޮމެޓީން ކުރިން ކުރަމުން ގޮސްފައިވާ ހަރަކާތްތައް ހުއްޓުނަނުދީ ދެމެހެއްޓުމަށް ޓަކައި، މާލީ މަންފާއެއް ލިބިދެވޭ ގޮތަށް މީހުން ހަރަކާތްތެރިކުރެވިދާނެއެވެ.

ފަސްވަނަ ބާބު

ރިޕޯޓު ފޮނުވުމާއި ރިޕޯޓުކުރުން

ރިޕޯޓު ފޮނުވުމާއި ރިޕޯޓުކުރުން

  1.  

(ހ)

ކޮމިޓީން ކޮންމެ އަހަރަކު ވެސް ހާސިލުކުރަން ކަނޑައަޅާ ލަނޑުދަނޑިތައް، ކޮންމެ އަހަރެއްގެ ފުރަތަމަ މަހު އެކަށައަޅައި އާންމުކުރަންވާނެއެވެ. އަދި ފާއިތުވެދިޔަ އަހަރަށް ކަނޑައެޅުނު ލަނޑުދަނޑިތަކުގެ ތެރެއިން ހާސިލުކުރެވުނު މިންވަރާ ގުޅޭ ރިޕޯޓު އެކުލަވައިލައިފައި ކައުންސިލުން ކަނޑައަޅާ ތާރީޚަކަށް ހުށަހަޅަންވާނެއެވެ.

 

 

(ށ)

ކޮމިޓީގެ މަސައްކަތު ތާވަލާއި ބަޖެޓް އެކުލަވައިލައި، ކައުންސިލުން ކަނޑައަޅާ ތާރީޚަކަށް ކައުންސިލަށް ހުށަހަޅަން ވާނެއެވެ.

 

 

(ނ)

ކޮމިޓީގެ މާލިއްޔަތުގައިވާ ތަކެތީގެ އޯޑިޓް ހިސާބު ރަށު/ސިޓީ ކައުންސިލުގެ އޯޑިޓް ރިޕޯޓުގައި ހިމެނުމަށް ކައުންސިލުން ކަނޑައަޅާ ތާރީޚަކަށް ރަށު/ސިޓީ ކައުންސިލަށް ހުށަހަޅަންވާނެއެވެ.

ހަވަނަ ބާބު

މެންބަރުންގެ ހާޒިރީ

ކޮމިޓީ މެންބަރުންގެ ހާޒިރީ

  1.  

(ހ)

ކޮމިޓީގެ މެންބަރުންގެ ހާޒިރީއާ ގުޅޭގޮތުން ގަވާއިދު ނަންބަރު 2021/R-143 (ލޯކަލް ކައުންސިލުތަކުގެ އާންމު އިޖުރާއީ ގަވާއިދު) ގައި ބަޔާންކޮށްފައިވާ ފަދައިން ޢަމަލުކުރަން ވާނެއެވެ.

 

 

(ށ)

އެއްވެސް މަގުބޫލު އުޒުރަކާހުރެ އެ ހަފުތާއަކު ހާޒިރީގައި ސޮއިކުރުމަށް ހާޒިރުވެވެން ނެތްނަމަ، އެކަމަށް ކަނޑައެޅިފައިވާ ދުވަހެއްގެ ރަސްމީ ގަޑި ނިމުމުގެ ކުރިން ކޮމިޓީގެ ރައީސަށް ނުވަތަ ކޮމިޓީ ހިންގުމާ އެވަގުތަކު ހަވާލުވެހުރި މެންބަރަކަށާއި ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލްއަށް ލިޔުމުން އަންގަންވާނެއެވެ.

 

 

(ނ)

މި މާއްދާގެ (ށ) ގައި މަގުބޫލު އުޒުރެއްކަމަށް ބަޔާންކޮށްފައި އެވަނީ، ކޮމިޓީގެ އެއްވެސް މެންބަރަކު، ނުވަތަ މެންބަރެއްގެ ފިރިމީހާ، ނުވަތަ ދަރިއަކު، ނުވަތަ މަންމަ، ނުވަތަ ބައްޕަ، ނުވަތަ އެއްބަނޑުއެއްބަފާ، ނުވަތަ އެއްބަނޑު ނުވަތަ އެއްބަފާ މީހަކު ނުވަތަ ޝަރުޢީގޮތުން ބަލަދުއަރައިފައިވާ މީހަކު ބަލިވުމުން ނުވަތަ ރަސްމީ ބޭނުމަކަށް ވީއްލުމުގެ ސަބަބުން ހާޒިރު ނުވެވުމަށް ނުވަތަ މެންބަރެއްގެ އަމިއްލަ ބޭނުމަކު ކޮމެޓީން ނިންމައިގެން ރަށުން ބޭރުގައި ހުންނަ ހުރުމަށެވެ.

ކޮމިޓީގެ ބައްދަލުވުންތަކުގެ ހާޒިރީ

  1.  

ކޮމިޓީގެ ބައްދަލުވުމެއްގައި އެއްވެސް މަޤުބޫލު އުޒުރަކާހުރެ އެއްވެސް މެންބަރަކަށް ބައިވެރިނުވެވޭނަމަ، ވީ އެންމެ އަވަހަކަށް،  ކޮމިޓީގެ ރައީސަށާއި ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލްއަށް ލިޔުމުން އެކަން އަންގަންވާނެއެވެ.  

 

 

(ހ)

މި މާއްދާގެ ބޭނުމަށް މަޤުބޫލު އުޒުރެއްކަމަށް ބެލެވޭނީ، ތިމާ ނުވަތަ ބަލަންޖެހޭ މީހަކު ބަލިވެގެން ނުވަތަ ކޮމިޓީން ގަބޫލުކުރާ އެނޫންވެސް ސަބަބެއް މެދުވެރިވެގެންނެވެ.

 

 

(ށ)

ކޮމިޓީގެ ބައްދަލުވުމެއްގައި އެއްވެސް މަޤުބޫލު އުޒުރަކާހުރެ ބައްދަލުވުމެއްގައި ބައިވެރިނުވެވޭނަމަ، ވީ އެންމެ އަވަހަކަށް،  ކޮމިޓީގެ ރައީސަށާއި ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލްއަށް ލިޔުމުން އެކަން އަންގަންވާނެއެވެ.  

 

 

(ނ)

ކޮމިޓީގެ މެންބަރަކު 1 (އެކެއް) މަސްދުވަހަށްވުރެ ދިގު މުއްދަތަކަށް ރަށުން ބޭރަށް ދާންޖެހިއްޖެ ހިނދެއްގައި އެ މެންބަރެއްގެ މަސްއޫލިއްޔަތު، ކޮމިޓީގެ މަޝްވަރާއާއެކު ލިޔުމަކުން އެހެން މެންބަރަކާ ހަވާލުކުރަން ވާނެއެވެ.

ހަތްވަނަ ބާބު

                                      އެހެނިހެން ކަންކަން

ކޮމިޓީގެ އިދާރީ ހިންގުން

  1.  

(ހ)

ކޮމިޓީގެ އިދާރީ އެންމެހައި ކަންކަން ބެލެހެއްޓުމަށް ބޭނުންވާ ވަސީލަތްތަކާއި ކޮމިޓީގެ މަސައްކަތްތައް ކުރުމަށް ބޭނުންވާނެ އިދާރީ އިންތިޒާމު، ކައުންސިލުގެ ރައީސް ހަމަޖައްސައި ދޭންވާނެއެވެ. މިގޮތުން ކޮމިޓީގެ އިދާރީ މަސައްކަތްތަކާއި މާލީ މަސައްކަތްތައް ކަނޑައަޅައި، ކައުންސިލުގެ މުވައްޒަފުންގެ ވަޒީފާ ބަޔާނުގައި ހިމަނައި، ޒިންމާ ހަވާލުކުރަންވާނެއެވެ.

 

 

(ށ)

ކޮމިޓީގެ އިދާރ އެންމެހައި  ލިޔެކިޔުންތކާއި މާލީ އެންމެހައި ލިޔެކިޔުންތައް، ކައުންސިލުގެ އެހެނިހެން ލިޔުންތަކެކޭ އެއް އުސޫލުން، ރައްކައުތެރިކަމާއި ޒިންމާދާރުކަމާއެކު ކައުންސިލުން  ބަލަހައްޓަންވާނެއެވެ. އަންހެނުންގެ ކޮމިޓީގެ އެންމެހައި ލިޔެކިޔުން ހުންނަންވާނީ، އެ ކޮމިޓީގެ ބޭނުންތަކަށް ފަސޭހަކަމާއެކު ލިބޭނޭހެން އިންތިޒާމުކުރެވިފައެވެ.

 

 

(ނ)

ކޮމިޓީގެ ބައްދަލުވުންތަކުގައި، ކައުންސިލުގެ އިދާރާގެ ޒިންމާދާރުވެރިޔާ ނުވަތަ އެ މަޤާމުގެ މަސްއޫލިއްޔަތުތަކާ އެ ވަގުތަކު ހަވާލުވެހުރި ކައުންސިލުގެ އިދާރާގެ މުވައްޒަފު ނުވަތަ ކޮމިޓީގެ އިދާރީ ކަންކަން ބެލެހެއްޓުމަށް ކައުންސިލުން ކަނޑައަޅާ މުވައްޒަފަކު ބައިވެރިވާންވާނެއެވެ. ނަމަވެސް އެ ފަރާތަކަށް ކޮމިޓީން ނިންމާ ކަންކަމުގައި ވޯޓެއް ނުދެވޭނެއެވެ.

 

 

(ރ)

ކޮމިޓީގެ ހަރަކާތައް ގިނަވެ އާމްދަނީ އިތުރުވެ އިދާރީ މަސައްކަތްތައް އިތުރުވެއްޖެނަމަ، ކޮމިޓީގެ މާލީ ތަނަވަސްކަން ހުރިނަމަ، ކޮމިޓީގެ ހަރަކާތްތަކުގެ އިދާރީ މަސައްކަތްތަކަށް، ކައުންސިލުގެ މަޝްވަރާގެ މަތީން، މުވައްޒަފުން ހޯދިދާނެއެވެ.

ޖަވާބުދާރީވުން

  1.  

ކޮމެޓީގެ މަސައްކަތްތަކާ ގުޅޭގޮތުން ކައުންސިލަށާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ކޮމެޓީން ޖަވާބުދާރީވާންވާނެއެވެ.

ކޮމިޓީގެ ނަމުގައި ސޮއިކުރުން

  1.  

ކޮމިޓީން އެކި ފަރާތްތަކަށް ފޮނުވާ ސިޓީއާއި، ރިޕޯޓާއި،  ރަސްމީ އެހެނިހެން ލިޔުންތަކާއި، ކޮމެޓީގެ މަސައްކަތްތަކާ ގުޅޭގޮތުން ބޭނުންވާ މުދަލާއި ޚިދުމަތްތަކަށް އެދޭ ލިޔުންތަކުގައި  ސޮއިކުރާނީ،  ކޮމިޓީގެ ރައީސެވެ. ކޮމިޓީގެ ރައީސް ނެތް ހިނދެއްގައި، ކޮމިޓީގެ ނައިބު ރައީސެވެ. ނުވަތަ ކޮމިޓީ ހިންގުމާ އެ ވަގުތަކު ހަވާލުވެހުރި މެންބަރެކެވެ.

ކޮމިޓީގެ ލެޓަރހެޑާއި ސިއްކަ

  1.  

(ހ)

ކޮމިޓީން ފޮނުވާ ލިޔެކިޔުންތަކުގައި ބޭނުންކުރާނީ، މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ނަމޫނާ ލެޓަރ ހެޑެވެ.

 

 

(ށ)

ކޮމިޓީގެ ސިއްކައިގެ ގޮތުގައި ބޭނުންކުރާނީ، ކައުންސިލުގެ ސިއްކައެވެ.

ކޮމިޓީ މަސައްކަތްކުރާ ތަން

  1.  

ކޮމިޓީގެ މަސައްކަތްތައް ކުރާނީ، ކައުންސިލުގެ އިދާރާގައެވެ.  

ގަވާއިދު އިޞްލާޙުކުރުން

  1.  

މި ގަވާއިދު އިޞްލާޙުކުރުމުގެ ބާރު ކޮމިޓީއަށް ލިބިގެންވެއެވެ.

ގަވާއިދުގައި ނުހިމެނޭ ކަމެއް ދިމާވެއްޖެނަމަ ޢަމަލު ކުރާނޭ ގޮތް

  1.  

މި ގަވާއިދުގައި ނުހިމެނޭ ކަމެއް ދިމާވެއްޖެނަމަ، އެ ކަމެއް ނިންމާނީ، އެ ކޮމިޓީއަކާއި، ރަށު ކައުންސިލާ ނުވަތަ ސިޓީ ކައުންސިލާ މަޝްވަރާކުރުމަށްފަހު، ލޯކަލް ގަވަރމަންޓް އޮތޯރިޓީންނެވެ.

އިޖުރާއީ ގަވާއިދާ އެއްވެސް މާއްދާއެއް ފުށުއެރުން

  1.  

މި ގަވައިދުގައި ބަޔާންކޮށްފައިވާ އެއްވެސް މާއްދާއެއް ކައުންސިލުތަކުގެ އާންމު އިޖުރާއީ ގަވައިދާ ފުށުއަރައިފިނަމަ އިސްކަންދެވޭނީ، ގަވާއިދު ނަންބަރު 2021/R-143 (ލޯކަލް ކައުންސިލުތަކުގެ އާންމު އިޖުރާއީ ގަވައިދު) އަށެވެ.

މާނަ ކުރުން

55.

މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ، ތިރީގައި ބަޔާންކޮށްފައިވާ އިބާރާތްތަކަށާއި ލަފުޒުތަކަށް ދީފައިވަނީ، ތިރީގައިވާ އަކުރުތަކުގައި ބަޔާންކޮށްފައިވާ މާނައެވެ.

 

  1.  

(ހ)

"އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ" ނުވަތަ "ކޮމިޓީ" ކަމަށް ބުނެފައި އެވަނީ، ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ ދަށުން އިންތިޚާބުކޮށްފައިވާ ގއ. ކަނޑުހުޅުދޫ ކައުންސިލްގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއަށެވެ.

 

 

(ށ)

"ކައުންސިލް" ކަމަށް ބުނެފައި އެވަނީ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ނިސްބަތްވާ ރަށު ކައުންސިލަށް ނުވަތަ ސިޓީ ކައުންސިލަށެވެ.

 

 

(ނ)

"ވިޔަ މޮޑިއުލް" ކަމަށް ބުނެފައި އެވަނީ، ކައުންސިލުތަކުގެ މާލީ ކަންކަން ބެލެހެއްޓުމަށް އެކުލަވައިލައިފައިވާ ޕޯޓަލްއަށެވެ.

 

11 އޮކްޓޫބަރު 2022
ހޯދާ