ދަ ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
2014ވަނަ އަހަރުގެ ނެޝަނަލް ސްކައުޓް އެސެމްބްލީގައި އިންތިޚާބު ކުރުމަށް ހަމަޖެހިފައިވާ މަޤާމުތަކަށް ހުޅުވައިލުން

މިއެސޯސިއޭޝަންގެ އަސާސީ ގަވާއިދުގައިވާ ގޮތުގެ މަތީން ބޭއްވުމަށް ހަމަޖެހިފައިވާ، ނެޝަނަލް ސްކައުޓް އެސެމްބްލީގެ 2014ވަނަ އަހަރުގެ ބައްދަލުވުމުގައި ކުރިއަށް ގެންދިއުމަށް އެޖެންޑާ ކުރެވިފައިވާ ސްކައުޓް އެސޯސިއޭޝަންގެ އިންތިޚާބަށް ކުރިމަތިލުމަށް ފުރުޞަތު ހުޅުވާލަމެވެ.

މިއިންތިޚާބާބެހޭ ތަފުސީލު ތިރީގައި އެވަނީއެވެ.

1. ނޭޝަނަލް ސްކައުޓް އެސެމްބްލީގައި މެންބަރުން އިންތިޚާބުކުރުމަށް ހަމަޖެހިފައިވާ މަޤާމުތައް:

  • ސްކައުޓް އެސޯސިއޭޝަންގެ ރައީސް
  • ސްކައުޓް އެސޯސިއޭޝަންގެ ނައިބު ރައީސް
  • ޗީފް ކަމިޝަނަރ
  • ނޭޝަނަލް ސްކައުޓް ކައުންސިލަށް އިންތިޚާބުކުރެވޭ ފަސް މެންބަރުން

މިއިންތިޚާބުގައި ޖުމްލަ 08 މަޤާމަކަށް މެންބަރުން އިންތިޚާބުކުރުމަށް ވަނީ ހަމަޖެހިފައެވެ.

2. އިންތިޚާބަށް ކުރިމަތިލާނޭ ގޮތް:

  • ސްކައުޓް އެސޯސިއޭޝަންގެ އަސާސީ ގަވާއިދުގެ 15.10 ގައިވާ ގޮތުގެ މަތީން، މަތީގައި ދެންނެވިފައިވާ މަޤާމުތަކަށް ކުރިމަތިލުމަށް ގަސްދުކުރައްވާ ބޭފުޅުންނަށް އެބޭފުޅަކު ބޭނުންފުޅުވާ މަޤާމަކަށް، ސިޓީގެ ޒަރީޢާއިން ކުރިމަތިލުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.
  • އަދި ހަމަ އެހެންމެ، މީގެތެރެއިން ވަކިމަޤާމަކަށް ވަކި ބޭފުޅެއްގެ ނަން ހުށަހެޅުމުގެ ފުރުޞަތު ވޮރަންޓް އޮތް ކޮންމެ އަޑަލްޓް މެންބަރަކަށްމެ ލިބިގެންވެއެވެ.
  • މިގޮތުން ވަކި ފަރާތަކުން ނަން ހުށަހަޅާ ބޭފުޅުންގެ ނަން ހުށަހަޅާކަމުގެ ސިޓީއާއެކު، އެނަމެއްގެ ވެރިއަކު އެހުށަހެޅުން ޤަބޫލުކުރާކަމުގެ ސިޓީއެއް ހުށަހަޅަންވާނެއެވެ.
  • ނަންހުށަހެޅި ކަމުގައި ވިޔަސް އަދި އަމިއްލަފުޅަށް ކުރިމަތިލެއްވިކަމުގައި ވިޔަސް، އެކަމުގެ ސިޓީއާއެކު، ވާދަކުރައްވަން ގަސްދުކުރައްވާ ބޭފުޅެއްގެ ވަނަވަރު އަންގައިދޭ ލިޔުން އަދި ދރއކާޑުގެ ކޮޕީއެއް ފޮނުއްވަންވާނެއެވެ.

3. އިންތިޚާބަށް ކުރިމަތިލުމުގެ ސުންގަޑި

  • މިއިންތިޚާބަށް ކުރިމަތިލުމާއި ނަންހުށަހެޅުމުގެ އެންމެފަހު ވަގުތަކީ 09 އޮކްޓޫބަރު 2014ވާ ބުރާސްފަތި ދުވަހުގެ 14:00 އެވެ. މިވަގުތުގެ ފަހުން ހުށަހަޅުއްވާ ނަންތަކާއި ކުރިމަތިލައްވާ ފަރާތްތަކުގެ ސިޓީތައް ބަލައިނުގަނެވޭނޭ ވާހަކަ ދަންނަވަމެވެ.

4. އިންތިޚާބު ކުރިއަށްދާނޭގޮތް:

  • މިއިންތިޚާބުގައި ލުމަށް ހަމަޖެހިފައިވަނީ ސިއްރު ވޯޓެކެވެ.
  • ނެޝަނަލް ސްކައުޓް އެސެމްބްލީގެ ކޮންމެ މެންބަރަކަށް، އެސެމްބްލީގައި އެމެންބަރަކަށް ލިބޭ ގޮނޑީގެ އަދަދާ އެއްވަރަށް ވޯޓު ދެވޭނެއެވެ.  
  • މަޤާމަކަށް ކުރިމަތިލާފައިވާ އަދަދު އެމަޤާމަށް ހޮވަންޖެހޭ އަދަދަށްވުރެ އިތުރުނުވާނަމަ، އެމަޤާމަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ މެދުގައި ފެންނަ/ނުފެންނަ ވޯޓެއް ނެގޭނެއެވެ.
  • މަޤާމަކަށް ކުރިމަތިލާފައިވާ އަދަދު، އެމަޤާމަށް ހޮވަންޖެހޭ އަދަދަށްވުރެ އިތުރުވާނަމަ، އެމަޤާމަކަށް ހޮވޭނީ އެންމެ ގިނަ ވޯޓު ލިބޭ ފަރާތްތަކެވެ.
  • މިއިޢުލާނާ ގުޅިގެން ފޮނުވަންޖެހޭ ހުރިހާ ލިޔެކިޔުންތައް ފޮނުވާނީ ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޤައުމީ ހެޑްކުއާޓަރަށެވެ. އަދި އިޢުލާނާބެހޭ ގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއެސޯސިއޭޝަންގެ 3317514 ނަންބަރު ފޯނުން، ސްކައުޓް އެގްޒެކެޓިވް، އަލްފާޟިލް ޙުސައިން މުޙައްމަދު ޙަނީފާ ގުޅުއްވުން އެދެމެވެ.

ނޭޝަނަލް ސްކައުޓް އެސެމްބްލީ 2014 އާ ބެހޭގޮތުން ސްކައުޓް ގުރޫޕުތަކަށް އަންގަންޖެހޭ އެންގުންތައް ސްކައުޓް ގުރޫޕުތަކަށާއި އެގުރޫޕުތަކުގެ ލީޑަރުންނަށް، ސިޓީއާއި އެސް.އެމް.އެސް އަދި ސޯޝަލް މީޑިއާގެ ޒަރީޢާއިން އަންގަމުން ގެންދާނޭ ވާހަކަ ދަންނަވަމެވެ. އަދި  މިބައްދަލުވުމުގައި ބައިވެރިވެވޭނީ މިއެސޯސިއޭޝަންގެ މެމްބަރޝިޕް ފީއާބެހޭ ގަވާއިދުގައިވާގޮތުގެ މަތީން މެމްބަރޝިޕް ފީ ދައްކަވާފައިވާ ސްކައުޓް ގުރޫޕުތަކަށްކަމުން، މިފީ ދެއްކެވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށްވެސް ދަންނަވަމެވެ.

 

26 އޮގަސްޓް 2014
ހޯދާ