އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
އައްޑޫ ސިޓީ ކައުންސިލް (ފޭދޫ ދާއިރާ) އަދި ނ. ވެލިދޫ ކައުންސިލްގެ ބައި އިލެކްޝަން 20 ސެޕްޓެންބަރު 2014

އައްޑޫސިޓީ ކައުންސިލް (ފޭދޫ ދާއިރާ) އަދި ނ. ވެލިދޫ ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް މެންބަރުން އިންތިޚާބުކުރުމަށްޓަކައި، 2014 ސެޕްޓެންބަރު 20 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ބައި އިލެކްޝަންގެ ވޯޓު ނެގުމާއި، ވޯޓު ގުނުމުގެ ކަންތައްތައް ހިނގާގޮތް ބެލުމަށް ޝައުޤުވެރިވާ ކެންޑިޑޭޓުންގެ މަންދޫބުންނަށް 2014 އޮގަސްޓު 25 ވާ ހޯމަ ދުވަހުގެ ހެނދުނު 8:00 ން ފެށިގެން 2014 ސެޕްޓެންބަރު މަހުގެ 8 ވާ ހޯމަ ދުވަހުގެ ހަވީރު 16:00 އާ ހަމަޔަށް އެ ފުރުޞަތު ހުޅުވާލައިފީމެވެ.

ވޯޓު ނެގުމާއި، ވޯޓު ގުނުމުގެ ކަންތައްތައް ހިނގާގޮތް ބެލުމަށް އެދޭ ކެންޑިޑޭޓުންގެ މަންދޫބުންގެ އަންނިވި ޝަރުޠުތައް ހުންނަންވާނެއެވެ.

  1. އުމުރުން 18 އަހަރުވެފައިވާ މީހެއްކަމުގައި ވުން.
  2. ޖިނާއީ ކުށެއްގައި ޙުކުމް ތަންފީޒު ކުރެވެމުންދާ މީހެއްކަމުގައި ނުވުން.
  3. މި އިންތިޚާބުގެ މަސައްކަތެއްގައި އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ޙަވާލުވެގެން ހުރި މީހެއްކަމުގައި ނުވުން.
  4. ފަނޑިޔާރުން އަދި މިނިވަން މުއައްސަސާތަކުގެ ވެރިންނާއި މެންބަރުން ކަމުގައި ނުވުން.
  5. ކުށެއްގެ ތުހުމަތުގައި ބަންދު ކުރެވިފައި ހުރި މީހަކު ކަމުގައި ނުވުން.

ވޯޓު ނެގުން އޮންނަ ދުވަހު ވޯޓު ނެގުމާއި ވޯޓު ގުނުމުގެ ކަންތައްތައް ހިނގާގޮތް ބެލުމަށްޓަކައި ކޮންމެ ކެންޑިޑޭޓަކަށް، މި އިންތިޚާބުގައި ބަހައްޓާ ކޮންމެ ވޯޓު ފޮށްޓަކަށް 1 (އެކެއް) މަންދޫބަކު ޢައްޔަން ކުރެވިދާނެއެވެ.

ވޯޓު ނެގުމާއި ވޯޓު ގުނުމުގެ ކަންތައްތައް ހިނގާގޮތް ބެލުމަށް ޝައުޤުވެރިވާ ކެންޑިޑޭޓުންގެ މަންދޫބުން އިލެކްޝަންސް ކޮމިޝަނުން އެކަމަށް ކަނޑައަޅާފައިވާ އެޕްލިކޭޝަން ފޯމާއި އިޤުރާރު ފުރިހަމަ ކުރުމަށްފަހު، އެ ތަކެތި އިލެކްޝަންސް ކޮމިޝަންގެ އިދާރާއަށް ނުވަތަ އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ އަށް އަދި   ނ. ވެލިދޫ ކައުންސިލްގެ އިދާރާއަށް ހުށަހަޅަން ވާނެއެވެ.

އައްޑޫ ސިޓީ ކައުންސިލް (ފޭދޫ ދާއިރާ) އަދި ނ. ވެލިދޫ ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް މެންބަރުން އިންތިޚާބުކުރުމަށް ބާއްވާ އިންތިޚާބުގެ ވޯޓު ނެގުމާއި، ވޯޓު ގުނުމުގެ ކަންތައްތައް ހިނގާގޮތް ބެލުމަށް އެދޭ ފަރާތްތަކުން ފުރިހަމަކުރަންޖެހޭ އެޕްލިކޭޝަން ފޯމާއި އިޤުރާރު އިލެކްޝަންސް ކޮމިޝަންގެ އިދާރާއިންނާއި ، އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއިން އަދި ނ. ވެލިދޫ ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި، އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުން (www.elections.gov.mv) ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ. އެޕްލިކޭޝަން ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ  2014 އޮގަސްޓު 25 ވާ ހޯމަ ދުވަހުގެ ހެނދުނު 8:00 ން ފެށިގެން 2014 ސެޕްޓެންބަރު 8 ވާ ހޯމަ ދުވަހުގެ ހަވީރު 16:00 އަށް، އިލެކްޝަންސް ކޮމިޝަނުގެ އިދާރާއިންނާއި، އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ އަދި ނ. ވެލިދޫ ކައުންސިލްގެ އިދާރާއިންނެވެ.

އެއްވެސް ފޯމެއްގައި ފުރިހަމަ ކުރަންޖެހޭ ބައެއް ފުރިހަމަ ނުވެ ހުރިނަމަ ނުވަތަ އެ ފޯމާއެކު ހުށަހަޅަންޖެހޭ އެއްވެސް އެއްޗެއް މަދުނަމަ އެފޯމެއް ބާޠިލު ކުރެވޭނެއެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

28 ޝައްވާލް 1435 

24 އޮގަސްޓް 2014
ހޯދާ