ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނިއުކާލުމާއި ކުނި ނައްތާލުމާބެހޭ ގަވާއިދު

ކުނިއުކާލުމާއި ކުނި ނައްތާލުމާބެހޭ ގަވާއިދު

ތަޢާރުފާއި ނަން

  1.  

(ހ)

މިއީ ޤާނޫނު ނަންބަރު: 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު)ގެ 151 ވަނަ މާއްދާއިން ކައުންސިލަށް ލިބިދޭ ބާރުގެ ދަށުން، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ މަޝްވަރާއާއެކު އެމާއްދާގެ (ށ) ގެ ދަށުން ކައުންސިލުން އެކުލަވާލާފައިވާ ކުނިއުކާލުމައި ކުނި ނައްތާލުމާބެހޭ ގަވާއިދެވެ.

 

 

(ށ)

މިގަވާއިދަށް ކިޔާނީ " ކުނި އުކާލުމާއި ކުނި ނައްތާލުމުގެ ގަވާއިދު" އެވެ.

 

2.

 

މި ގަވާއިދުގެ މަގްޞަދަކީ ހއ.ކެލާގެ ގެބިސީތަކާއި، މީހުންދިރިނޫޅޭ ފަޅުތަންތަނާއި، ސައިހޮޓާ، ކެފޭ، ރެސްޓޯރަންޓްތަކާއި ގެސްޓްހައުސްތަކާއި، ފިހާރަތަކާއި، ސަރުކާރާއި އަމިއްލަ އޮފީސްތަކާއި، މިނޫންވެސް ތަންތަނުން އުފެދޭ ކުނި މެނޭޖްކުރުމުގެ ހަރުދަނާ  ނިޒާމެއް ޤާއިމުކުރުމެވެ.

ޢަމަލުކުރަން ފަށާ ތާރީޚު

3.

 

މި ގަވާއިދަށް ޢަމަލުކުރަން ފަށާނީ، މިގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ.

ކުނި މެނޭޖުކުރާނެ ތަން

4.

 

މި ގަވާއިދު ގެ ދަށުން ކުނިމެނޭޖް ކުރާނެ ތަނެއް ގޮތުގައި ހަމަޖެހިފައިވަނީ ހއ.ކެލާގައި އެންވަޔަރަމަންޓް މިނިސްޓްރީން ޤާއިމުކޮށްފައިވާ ވޭސްޓް މެނޭޖްމެންޓް ސެންޓަރެވެ.

ކުނި އުކާލުމުގެ ހިދުމަތް

5.

(ހ)

މި ގަވާއިދު ދަށުން ކުނި އުކާލުމުގެ ހިދުމަތް ދޭން ވާނީ "ކުނިމެނޭޖް ކުރުމުގެ ޕްލޭން" އާއި އެއްގޮތްވާގޮތުގެ މަތިން  ކެލާ ކައުންސިލްއިން އެކުލަވާލާ އުސޫލާއި އެއްގޮތަށް މިހިދުމަތް ދިނުމަށް ކައުންސިލްގައި ރަޖިސްޓްރީވެގެންވެ.

 

 

(ށ)

މި ޤަވާޢިދަށް ޢަމަލުކުރަން ފަށާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި "ކުނިމެނޭޖް ކުރުމުގެ ޕްލޭން" އާއި އެއްގޮތްވާގޮތުގެ މަތިން  ރަށުގެ ގޭގެއިން ކުނި ނަގާނެ އުޞޫލެއް ކައުންސިލުން ކަނޑައަޅަންވާނެއެވެ. އަދި ގޭގެއިން ކުނި ނެގުމުގެ ޚިދުމަތަށް ކައުންސިލުން ފީއެއް ނަގާނަމަ އެކަމަށް ނަގާނެ ފީގެ ޢަދަދާއި، ކުނި ނަގާނެ ގަޑިތަކާއި، ގޭގެއިން އަމިއްލައަށް ކުނި އުކާލާނަމަ އެކަމާގުޅޭ ކަންކަންވެސް އެ އުޞޫލުގައި ބަޔާންކުރަންވާނެއެވެ.

 

 

(ނ)

ރަށުގައި ގޭގެއިންނާއި ތަންތަނުން ކުނި ނަގައި ޖަމާކުރުމާއި މެނޭޖުކުރުމުގެ މަސައްކަތް ކައުންސިލުން ބޭނުންވެއްޖެ ހިނދެއްގައި ކަނޑައަޅާ އުޞޫލެއްގެ މިތިން ވަކި ފަރާތަކާ ޙަވާލުކުރުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.

ކުނި އުފުލުން

6.

(ހ)

ކުނި ގޮނޑަށް ނުވަތަ އެނޫންވެސް ތަނަކަށް ކުނި ގެންދަންވާނީ ޢާންމުންނަށް އުނދަގޫ ނުފޯރާ ގޮތަށް ރަނގަޅަށް ނިވައިކުރެވިގެންނެވެ. މީހެއްގެ އަތުންވިޔަސް ނުވަތަ ކުނި އުފުލާ ޚާއްޞަ އުޅަނދެއް، ނުވަތަ ލޮރީ ނުވަތަ ޕިކަޕު، ނުވަތަ ގާޑިއާ، ވީލްބަރޯފަދަ އެއްޗެއްގައިވެސް ކުނި ގެންދަންވާނީ އެތަކެތި މަގުމައްޗަށް ނުފައިބާނެހެން ރައްކާތެރިކޮށްގެންނެވެ. އަދި ކުނި ގެންދާ އުޅަނދު ޤަވާޢިދުން ދޮވެ ސާފުކޮށް ބަލަހައްޓަންވާނެއެވެ. އަދި ކުނި ގެންދާ އުޅަނދު ހުންނަންވާނީ ކުނީގެ ބާވަތްތައް ވަކި ކުރެވޭނެ ގޮތަށެވެ.

 

 

(ށ)

ކުނި އުފުލުމުގެ ތެރޭގައި މަގުމައްޗަށް ކުނި އެޅިއްޖެނަމަ، ވީހާވެސް އަވަހަކަށް އެތަނެއް ސާފުކުރަންވާނެއެވެ. އަދި ކުނި އެޅުނު ތަނެއް ސާފުނުކޮށްފިނަމަ މިގަވާއިދުގެ ބޭނުމަށް އެއީ މަގުމައްޗަށް ކުނި އެޅުންކަމުގައި ބެލެވޭނެއެވެ. އަދި ކައުންސިލުން އެތަނެއް ސާފުކުރުމަށް ދިޔަ ޚަރަދު، އެކަމަށް ޒިންމާވާ މީހެއް ނުވަތަ ބައެއްގެ އަތުން ނެގޭނެއެވެ.

ކުނިގޮނޑަށް ކުނި އެޅުމުގައި ޢަމަލުކުރަންޖެހޭ ގޮތް

7.

 

ކުނި މެނޭޖްކުރާ ސެންޓަރަށް ކުނި އަޅަންވާނީ އެ ސެންޓަރުގައި އެ ކުންޏެއް އެޅުމަށް ޚާއްޞަކުރެވިފައިވާ ތަނަކަށެވެ. އަދި ވަކި ބާވަތެއްގެ ކުނި އެޅުމަށް ކަނޑައެޅިފައިވާ ތަނަކަށް އެނޫން ބާވަތެއްގެ ކުނި އަޅައިފިނަމަ ކުނި އުކަން ހަމަޖެހިފައިވާ ތަން ނޫން އެހެންތަނަކަށް ކުނިއެޅީކަމުގައި ބަލައި މި ޤަވާޢިދުގެ ދަށުން ފިޔަވަޅު އެޅޭނެއެވެ.

ވޭސްޓް މެނޭޖްމަންޓް ސެންޓަރުގައި ކުނި އެންދުން

8.

 

ވޭސްޓް މެނޭޖްމަންޓް ސެންޓަރުގައި ކުނި އަންދަންވާނީ އެ ނޫން އެއްވެސް ގޮތެއް ނެތްނަމައެވެ. އަދި ކުނި އަންދަން ޖެހިއްޖެ ޙާލަތެއްގައި ކުނި އަންދަންވާނީ ކުނި މެނޭޖުކުރުމާބެހޭ ޤަވާޢިދާ އެއްގޮތްވާ ގޮތުގެ މަތިން ކަމާބެހޭ ފަރާތްތަކުގެ ހުއްދަ ލިބިގެން ޢާއްމު ޞިއްޙަތަށާއި ތިމާވެއްޓަށް އެންމެ ގެއްލުން ކުޑަވާނެ ގޮތުގެ މަތިންނެވެ. ކުނި އަންދަންވާނީ އެކަމަށް އެ ކައުންސިލުން ކަނޑައަޅާ ދުވަހެއްގައި ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތިންނެވެ. އަދި ދުވަސް ކަނޑައަޅަންވާނީ ވައި ދައުރުވާ ގޮތާއި، ކުނި މެނޭޖުކުރުމާބެހޭ ޤަވާޢިދުތަކުގައި ބަޔާންކޮށްފައިވާ މިންގަނޑުތަކަށް ބެލުމަށްފަހުގައެވެ.

އަމިއްލަ ގޯތީގައި ކުނި އެންދުން

9.

 

މި ގަވާއިދަށް ޢަމަލު ކުރަން ފެށުމަށްފަހު އެއްވެސް މީހަކު އެމީހެއްގެ އަމިއްލަ ގޯތީގައި، އަމިއްލަ ބިމެއްގައި އަވައްޓަރިންނަށް އުނދަގޫވެދާނެ ފަދަ ގޮތަކަށް ކުނި އެންދުމަކީ މަނާކަމެކެވެ.

އަމިއްލަ ގޯތީގައި ކުނި ޖަމާކުރުން

10.

(ހ)

މި ގަވާއިދަށް ޢަމަލު ކުރަން ފެށުމަށްފަހު އެއްވެސް މީހަކު އެމީހެއްގެ އަމިއްލަ ގޯތީގައި އަވައްޓަރިންނަށް އުނދަގޫވެދާނެ ފަދަ ގޮތަކަށް ކުނި ޖަމާކުރުމަކީ، ނުވަތަ އުކައިނުލައި ގިނަކުރުމަކީ މަނާކަމެކެވެ.

 

 

(ށ)

ކުނީގެ ތެރެއިން ނުބައިވަސްދުވާ ތަކެއްޗާއި، އުކައިނުލައި ހުރުމުގެ ސަބަބުން ބަލިމަޑުކަމެއް ފެތުރިދާނެ ފަދަ ތަކެތި އުކައިނުލައި 1 (އެކެއް) ދުވަހަށްވުރެ ދިގު މުއްދަތަކަށް އަމިއްލަ ގޯތީގައި ބަހައްޓައިފިނަމަ އެފަދަ ފަރާތްތަކާމެދު މި ގަވާއިދުގެ ދަށުން ފިޔަވަޅުއެޅޭނެއެވެ.

 

 

(ނ)

އަމިއްލަ ގޯތީގައި ހުންނަ ކުނި އުކާލެވެންދެންވެސް އެފަދަ ކުނި ޖަމާކޮށްފައި ބަހައްޓަންވާނީ ކުނީގެ ބާވަތްތައް ވަކިކޮށްފައެވެ.

ކުނި މެނޭޖްކުރާ ތަން ފިޔަވާ އެހެންތަނަކަށް ކުނި އެޅުން

11.

 

ކައުންސިލުން ކަނޑައަޅާ ކުނި މެނޭޖުކުރާ ތަން  ނޫން އެހެން ތަނަކަށް ކުނި އަޅައިފިނަމަ އެކަން ކުރި ފަރާތަކާއި މެދު މި ޤަވާޢިދުގެ 9 ވަނަ މާއްދާގައި ވާގޮތުގެ މަތިން ފިޔަވަޅުއެޅޭނެއެވެ.

ޖޫރިމަނާ

12.

(ހ)

މިގަވާއިދުގައި ހިމެނިފައިވާ ކަންކަމާ ޚިލާފުވާ ފަރާތްތަކާމެދު، އެހެން ޤާނޫނަކުން ނުވަތަ ގަވާއިދަކުން ވަކިގޮތަކަށް ޢަމަލުކުރުމަށް ކަނޑައެޅިފައިނުވާ ކަންކަމުގައި،ފުރަތަމަ ފަހަރު ނަސޭހަތް ދިނުމަށްފަހު، ދެވަނަ ފަހަރު ކުށް ތަކުރާރުކޮށްފިނަމަ -/1,000ރ (އެއްހާސް ރުފިޔާ)  ޖޫރިމަނާ ކުރުން؛ ތިންވަނަ ފަހަރު ތަކުރާރުކޮށްފިނަމަ -/3,000ރ (ތިންހާސް ރުފިޔާ) ޖޫރިމަނާކުރުން؛ ހަތަރު ވަނަ ފަހަރު ތަކުރާރުކޮށްފިނަމަ -/5,000ރ (ފަސްހާސް ރުފިޔާ) ޖޫރިމަނާ ކުރުން އަދި ހަތަރު ވަނަ ފަހަރަށް ވުރެ އިތުރަށް ކުށް ތަކުރާރުކުރާ ކޮންމެ ފަހަރަކު -/10,000ރ (ދިހަހާސް ރުފިޔާ) އިން ޖޫރިމަނާ ކުރުމުގެ އިޚުތިޔާރު މި ގަވާއިދުގެ ދަށުން ކައުންސިލަށް ލިބިގެންވެއެވެ.

 

 

(ށ)

މި މާއްދާގެ (ހ) ގައިވާ ކަންތައްތައް ކައުންސިލުން ރަނގަޅު ކުރަން ޖެހިއްޖެނަމަ އެކަމަށް ދިޔަ ޚަރަދު  އެކަންކުރި ފަރާތަކުން ކައުންސިލަށް ދޭންވާނެއެވެ.

 

 

(ނ)

މިގަވާއިދުގައި ހިމެނޭ އެންމެހައި ޖޫރިމަނާތަކާއި ފީތައް ދައްކަންވާނީ ކައުންސިލަށް ނުވަތަ ކައުންސިލުން ކަނޑައަޅާ ފަރާތަކަށެވެ.

ކުނީގެ ބޭނުން ހެއުގޮތުގައި ހިފުން

13.

 

ކުނިގޮނޑަށް އުކާލާ ތަކެތީގެ ތެރެއިން ކައުންސިލްގެ ނަޒަރުގައި ބޭނުން ހިފޭނޭ ތަކެތި ނަގައިގެން އެތަކެތި ވިއްކައި ނުވަތަ ބޭނުންކުރުމުގެ ހުއްދަ ކައުންސިލަށާއި ކައުންސިލުން ކަނޑައަޅާ ފަރާތަކަށް ލިބިގެންވެއެވެ.

މި ގަވާއިދުގެ ދަށުން ކަނޑައަޅާ އުޞޫލުތައް

14.

 

މި ގަވާއިދު ނަގަހައްޓާ ހިންގުމަށްޓަކައި ކައުންސިލްގެ އިޚުތިޞާޞްގެ ތެރޭގައި ހިމެނޭ ސަރަޙައްދުތަކާ ގުޅޭ ގޮތުން "ކުނިމެނޭޖް ކުރުމުގެ ޕްލޭން" އާއި އެއްގޮތްވާގޮތުގެ މަތިން ހަދަންޖެހޭ އުޞޫލުތައް މި ގަވާއިދަށް ޢަމަލުކުރަން ފަށާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ހަދައި އެ އުޞޫލުތައް ޢާންމުކޮށް ޝާއިޢުކުރަންވާނެއެވެ.

މާނަކުރުން

15.

(ހ)

"ކައުންސިލް": މިގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ، ކައުންސިލްކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (7/2010) ގެ ދަށުން އިންތިޚާބުކޮށްފައިވާ ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލަށެވެ.

 

 

(ށ)

"ކުނި މެނޭޖުކުރާ ތަން" ނުވަތަ "ކުނި މެނޭޖުކުރާ މަރުކަޒު" ކަމަށް ބުނެފައި އެވަނީ، ހއ. ކެލާ، އޮޑިބަން މަގު، އިރުމަތީ ފާރާތުގައި ގާއިމުކުރެވިފައިވާ  ކުނި މެނޭޖުކުރާ މަރުކަޒަށެވެ.

 

 

(ނ)

"ކުނި" ކަމަށް ބުނެފައި އެވަނީ، "ކުނި މެނޭޖުކުރުމާބެހޭ ގަވާއިދު"ގައި ކުނިކަމަށް މާނަކޮށްފައިވާ ތަކެއްޗަށެވެ.

 

 

(ރ)

"ކުނިމެނޭޖް ކުރުމުގެ ޕްލޭން" ކަމަށް ބުނެފައި އެވަނީ، އެންވަޔަރަންމަންޓް މިނިސްޓްރީގެ ކުނި މެނޭޖުކުރުމާއި ބެހޭ ގަވާއިދު ނަންބަރު 2013/R-58 (05 އޮގަސްޓް 2013) އަދި މި ގަވާއިދަށް ގެނެވުމު އިސްލާހް ނަންބަރު 2021/R-109 (17 އޮގަސްޓް 2021)ގެ މައްޗަށް ބިނާކޮށް ތިލަދުންމަތީ އުރުތުބުރީ ކެލާ ކައުންސިލުން އެކުލަވައިލާ "ކުނިމެނޭޖް ކުރުމުގެ ޕްލޭން" އަށެވެ.

 

 

(ބ)

މި ގަވާއިދުގައި އަމިއްލަ ގޯތިކަމުގައި ބުނެފައިއެވަނީ، މީހަކު ނުވަތަ ބަޔަކު ދިރިއުޅޭ ތަނަކަށް ނުވަތަ ރަޖިސްޓްރީ ކޮށްފައިވާ ބިމަކަށެވެ.

24 ފެބުރުވަރީ 2022
ހޯދާ