މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
"ގާތުންދޭ ކިރުގެ ބަދަލުގައި ކުޑަކުދިންނަށް ދޭ ބާވަތްތައް ދިވެހިރާއްޖެއަށް އެތެރެކުރުމާއި، އުފެއްދުމާއި، ވިޔަފާރީގައި ބޭނުންކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދު"

އިޢުލާން

"ގާތުންދޭ ކިރުގެ ބަދަލުގައި ކުޑަކުދިންނަށް ދޭ ބާވަތްތައް ދިވެހިރާއްޖެއަށް އެތެރެކުރުމާއި، އުފެއްދުމާއި، ވިޔަފާރީގައި ބޭނުންކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދު" ގެ ދަށުން 3 އަހަރުން ދަށުގެ ކުޑަކުދިންނަށް ޙާއްޞަ ކިރުގެ ބާވަތްތަކާއި، 1އަހަރުން ދަށުގެ ކުޑަ ކުދިންނާއި މާބަނޑު އަންހެނުންނަށާއި، ގާތުންކިރުދޭ މައިންނަށް ޙާއްޞަކޮށް ތައްޔާރުކޮށްފައިވާ ކާނާގެ ބާވަތްތަކާއި އަދި ބުއްފުޅިއާއި ބުއްފުޅީގެ ތުން ވިއްކަން ބަހައްޓަންވާނީ މި ޤަވާޢިދާއި އެއްގޮތްވާ ގޮތުގެ މަތީން ރަޖިސްޓްރީކޮށް، ރަޖިސްޓްރީކުރި އުސޫލުތަކާއި ޚިލާފުނުވާ ގޮތަށެވެ. .

މި ޤަވާޢިދުގެ މަޤްޞަދަކީ ޅަފަތުގެ ކުދިން އަދި މާބަނޑު އަންހެނުންނާއި ގާތުން ކިރުދޭ މައިންގެ ދުޅަހެޔޮ ޞިއްޙަތަށާއި، ރައްކާތެރި އަދި އެދެވިގެންވާ ކާނާ ލިބިގަތުމަށް މަގުފަހިކޮށްދިނުމެވެ. މިގޮތުން މިފަދަ އުފެއްދުންތައް މާކެޓުގައި ވިއްކަން ބެހެއްޓުމުގައި ތިރީގައި ބަޔާންކޮށްފައިވާ ކަންތައްތައް ލޭބަލްގައި ހުރުން ލާޒިމްކުރެއެވެ.

  1. އުފެއްދި ތާރީޚާއި މުއްދަތު ހަމަވާ ތާރީޚު
  2. އުފެއްދި ފަރާތާއި، ބަންދުކުރި ފަރާތާއި، އެތެރެކުރި ފަރާތުގެ ނަމާއި އެޑްރެސް
  3. އެއުފެއްދުމެއްގެ މޫނުމަތީފަރާތުގައި، ހާމަކަން ބޮޑުގޮތެއްގައި، އެއުފެއްދުމެއްގެ ނަން ސާފުކޮށް ފަސޭހައިން ކިޔަން އެނގޭނެހެން ދިވެހި ނުވަތަ އިނގެރޭސި ބަހުން ލިޔެވިފައި އޮތުން
  4. ތައްޔާރުކުރާނެ ގޮތުގެ އިރުޝާދާއެކު ކާންދޭނެ ގޮތުގެ ޗާޓެއް ހިމަނާފައިވުން
  5. ކަނޑައެޅިފައިވާ ބާވަތެއްގައި ހަރުކުރެވިފައިވާ ލޭބަލެއްގައި އެއުފެއްދުމެއް ތައްޔާރުކޮށް ބޭނުންކުރާނެ ރަނގަޅުގޮތް ދެއްކުން ފިޔަވައި ބޭނުންކުރުމަށް ހިތްވަރުދޭފަދަ އެއްވެސް ބާވަތެއްގެ ފޮޓޯއެއް ނުވަތަ ކުރެހުމެއް ހިމެނިފައި ނުވުން.
  6. އެއްވެސް ބާވަތެއްގެއިންސާނުންގެ ސޫރައެއް ނުވަތަ ވާހަކަ ފޮތްތަކާއި ކާޓޫނުގައި ބޭނުންކުރާ ސިފައެއް ނުވަތަ ޖަނަވާރެއް އަދި ބުއްފުޅި އާއި ބުއްފުޅީގެ ތުންފަދަ އެއްވެސް އެއްޗެއްގެ ފޮޓޯއެއް ނުވަތަ ކުރެހުމެއް ނުވަތަ ތަޞްވީރެއް ހިމަނާފައިނުވުން.
  7. ބުއްފުޅި ބޭނުންކުރުމަށް ވާގިވެރިވާފަދަ ނުވަތަ ގާތުން ކިރުދިނުމާއި ދުރުކުރުވާފަދަ  އެއްވެސް ލިޔުމެއް ނުވަތަ ތަސްވީރެއް ބޭނުންކޮށްފައި ނެތުން.
  8. ކަނޑައެޅިފައިވާ އުފެއްދުމަކީ މައިމީހާގެ ކިރު ނުވަތަ ގާތުން ކިރުދިނުމާއި އެއްފަދަ އެއްޗެއްކަމަށް ނުވަތަ އަޅާކިޔޭވަރުގެ އެއްޗެއްކަމަށް ނުވަތަ އެއަށްވުރެ މޮޅުއެއްޗެއްކަމަށް ދޭހަވާފަދަ އިބާރާތެއް ބޭނުންކޮށްފައި ނެތުން.

އަދި މިނޫންވެސް މި ޤަވާޢިދުގެ 07ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންތައްތައް ލޭބަލްގައި ފުރިހަމަވާން ވާނެއެވެ. ނަމަވެސް މި ޤަވާޢިދުގެ ބަޔާންކޮށްފައިވާ ކަންކަމާއި އަދި ރަޖިސްޓްރީ ކުރުމުގެ އުސޫލުތަކާއި މިންގަޑުތަކާއި ޚިލާފަށް މިފަދަ ތަކެތި ވިއްކަމުންދާކަން މި އޮތޯރިޓީގެ އިންސްޕެކްޝަންތަކުން ވަނީ ފާހަގަކުރެވިފައެވެ.

ވީމާ، މަތީގައި ބަޔާންކޮށްފައިވާ ކަންތައްތަކާއި ޚިލާފަށް މިފަދަ އުފެއްދުންތައް ވިއްކަން ބެހެއްޓުމާއި، ވިއްކުމާކީ މަނާ ކަމެއް ކަމުގައި އަންގަމެވެ.

 

19 ރަޖަބު 1443ހ.

20 ފެބުރުވަރީ 2022
ހޯދާ