މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށް މޮނީޓަރިންގެ ޙާލަތަށް ގެނެވުމާއި ގުޅޭ!

ރ.އުނގޫފާރުން މަޑުއްވަރިއަށް ދަތުރުކޮށްފައިވާ ފަރާތެއް ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެން، ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ވަނީ މިރަށް މޮނިޓަރިންގެ ޙާލަތަށް ގެނެސްފައެވެ. އެހެންކަމުން ތިރީގައި މިބަޔާންކުރާ ކަންކަމަށް އެންމެހާ ރައްޔިތުން ސަމާލުކަން ދެއްވުން އެދެމެވެ.

  1. މޮނިޓަރިންގެ ޙާލަތުގައި ރަށަށް އަރާ ފޭބުމަކީ މަނާކަމެކެވެ.
  2. ޒަރޫރީ ބޭނުންތަކަށް ފިޔަވައި، ގެއިން ބޭރަށް ނުނިކުތުމާއި، ޒަރޫރީ ބޭނުމަކަށް ނިކުންނަ ނަމަވެސް، މާސްކުއެޅުމާއި، ގައިދުރުކަން ބެހެއްޓުމާއި، ގިނަގިނައިން ސައިބޯނިލައިގެން އަތްދޮވުން ނުވަތަ ސެނިޓައިޒްކުރުން ފަދަ ރައްކާތެރި ފިޔަވަޅުތައް އަޅަންވާނެއެވެ.
  3. ސްކޫލްތަކާއި ޤުރްއާން ކްލާސްތަކާއި ޓިއުޝަން ކްލާސްތައް ވަގުތީ ގޮތުން ބަންދުކުރަންވާނެއެވެ.
  4. ޓީމް ކުޅިވަރުތަކަށް ކުޅިވަރު ދަނޑުތައް ބަންދުވާނެއެވެ. އަދި ޓީމް އިވެންޓްތަކާއި ޖަލްސާތަކާއި ބައްދަލުވުންތައްވެސް، މޮނިޓަރިންގެ ޙާލަތުގައި ނުބޭއްވޭނެއެވެ.
  5. ޒަރޫރީ ބޭނުންތަކުގައި ފިހާރަތަކާއި ހޮޓާތަކަށް ވަޑައިގަންނަވާއިރު، މާސްކު އެޅުމާއި، ގައިދުރުކަން ބެހެއްޓުމާއި، އެއްފަހަރާ ވަދެވޭނެކަމަށް ކަނޑައަޅާފައިވާ އަދަދަށްވުރެ ގިނައިން ނުވަނުމާއި، ބޭނުންވާ އެއްޗެއް ނުވަތަ ޚިދުމަތް ހޯދުމަށްފަހު މަޑުނުކޮށް ގެއަށް ދާންވާނެއެވެ.
  6. ފިހާރަތަކުން ޑެލިވަރީގެ ޚިދުމަތް ދޭނަމަ، ވިޔަފާރިކުރުމަށް ޑެލިވެރީގެ ޚިދުމަތް އިޚްތިޔާރުކުރުމާއި، ހޮޓާ ރެސްޓޯރަންޓްތަކުން ޑައިން-އިން ގެ ބަދަލުގައި ޓޭކްއަވޭ ނުވަތަ ޑެލިވަރީގެ ޚިދުމަތް އިޚްތިޔާރުކުރުން އެދެވިގެންވެއެވެ.
  7. މޮނިޓަރިންގެ ޙާލަތުގައި ރަށަށް އަރާ ފޭބުން މަނާވިކަމުގައި ވީނަމަވެސް، ޞިއްޙީ އިމަރޖެންސީ ތަކުގައި އާއި ޞިއްޙީ ޚިދުމަތް ހޯދުމަށް ރަށަށް އެރޭނެއެވެ. ޒަރޫރީ ބޭނުންތަކަށް ރަށަށް ބޭނުންވާ ތަކެއްޗާއި، ކާބޯތަކެތި، ތެޔޮ، ގޭސްފަދަ ބާވަތްތައް ރަށަށް އެރުވޭނެއެވެ.
  8. މޮނިޓަރިންގައި އޮންނަ ވަގުތުތަކުގައި މިދެންނެވި ތަކެތި ގެންނަ އުޅަނދުފަހަރުގެ ފަޅުވެރިންނަކަށް ރަށަކަށް ނުފޭބޭނެއެވެ. އެހެންނަމަވެސް، ފަޅުވެރިންނަށް ބޭނުންވާ ތަކެތި ބޯޓަށް އެރުވޭނެއެވެ.
  9. ބޯޓުން ތަކެތި އަރުވާ ބޭލުމުގައި، ފަޅުވެރިންނާއި ރަށުގެ މީހުން ބައްދަލުނުވާގޮތަށް ޢަމަލުކުރަންވާނެއެވެ.
  10. ކޮވިޑް-19 އާއި ގުޅިގެން ކަރަންޓީނުވާން ރަށަށް އަންނަ ފަރާތްތަކަށް ރަށަށް އާދެވޭނީ، ޙާލަތަށް ރިއާޔަތްކުރައްވައި، އެޗް.ޕީ.އޭ އިން ދެއްވާ ޚާއްސަ ހުއްދައެއް ލިބިގެން އަންނަ ފަރާތްތަކަށެވެ.
  11. ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ފަރާތަކާއި ކޮންޓެކްޓް ވެފައިވާނަމަ، ނުވަތަ ކޮވިޑް-19 ގެ އަލާމާތްތައް ފެންނަނަމަ، ލަސްނުކޮށް ޞިއްޙީ މަރުކަޒުގެ ހޮޓްލައިން 7214669 / 6580394 އާއި ގުޅުއްވައި އެމަޢުލޫމާތު ޙިއްސާކުރަން ވާނެއެވެ.
  12. މޮނިޓަރިންގެ ޙާލަތުގައި ޞިއްޙީ މަރުކަޒުން ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށެވެ. އަދި ޑޮކްޓަރަށް ދައްކަން ބޭނުންވާ ފަރާތްތަކުން ޞިއްޙީ މަރުކަޒުގެ ހޮޓްލައިން 7214669 / 6580394 އާއި ގުޅުއްވައިގެން ކުރިއަށް ގެންދެވުމަށާއި، އިމަރޖެންސީ ޙާލަތްތަކުގައި މެނުވީ ޞިއްޙީ މަރުކަޒަށް ނުދިއުމަށް އެމަރުކަޒުން އިލްތިމާސްކުރެއެވެ.

ވީމާ މިކަންކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ. މިފަދަ ނުރައްކާތެރި ދަނޑިވަޅުގައި މިބަލިމަޑުކަމުން ސަލާމަތްކޮށްދެއްވުން އެދި މާތް ﷲ ގެ ހަޟްރަތުގައި ގިނަގިނައިން ދުޢާ ދެންނެވުމަށް އެންމެހާ ރައްޔިތުންނަށް ނަޞޭޙަތްތެރިވާ ޙާލު، އާންމު ރައްޔިތުންގެ ފަރާތުން ދެއްވާ އެއްބާރުލުމަށް ޝުކުރު ދަންނަވަމެވެ.

23 މާރިޗު 2021
ހޯދާ