ކޮޅުމަޑުލު ވޭމަންޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭމަންޑޫއަށް ބިދޭސީން ގެނައުމަށް ހުއްދަ އަށް އެދޭ އުސޫލު

 

ކޮޅުމަޑުލު ވޭމަންޑޫގައި ގައި ބިދޭސީމަސައްކަތު މީހުން ގެންގުޅުމުގެ އުޞޫލު

 

  1. ތަޢާރުފާއި ނަން

މިއީ ކޮޅުމަޑުލު ވޭމަންޑޫއަށް ގެންނަ ބިދޭސީ މަސައްކަތު މީހުންނާ ބެހޭގޮތުން ޢަމަލުކުރުމަށް އެކުލަވާލާފައިވާ އުޞޫލެވެ. މި އުޞޫލަށް ކިޔާނީ "ކޮޅުމަޑުލު ވޭމަންޑޫއަށް ބިދޭސީ މަސައްކަތު މީހުން ގެންގުޅުމާބެހޭ އުސޫލު" އެވެ.

 

2.މަޤްޞަދު

މިއުޞޫލުގެ މަޤްޞަދަކީ ތ. ވޭމަންޑޫގައި މަސައްކަތް ކުރާ ބިދޭސީންގެ ދަފްތަރު އެކުލަވާލައި އެ ދަފްތަރު އަދާހަމަކުރުމުގެ ކަންތައްތައް ކުރުމާއި އެފަރާތަކުގެ އެންމެހާކަންތައްތައް ރެގިއުލޭޓްކުރުމާއި ވޭމަންޑޫގައި އުޅޭ ބިދޭސީ މީހުން ޤަވާއިދާއި އެއްގޮތަށް އުޅޭކަން ކަށަވަރު ކުރުމާއި އަދި ބިދޭސީންނާއި އަދި ބިދޭސީންނާގުޅޭ  ކަންކަމުގައި ބިދޭސީންގެ ޙައްޤުތަކާއި ރަށުގެ ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމެވެ.

3.ބިދޭސީ މަސައްކަތު

މީހުން ގެނައުމާއި ބެލެހެއްޓުން

ބިދޭސީ މަސައްކަތު މީހުން ރަށަށް ގެނައުމާއި ބެލެހެއްޓުމުގައި ޢަމަލުކުރަންވާނީ ތިރީގައި ބަޔާންކޮށްފައިވާގޮތުގެ މަތިންނެވެ. އަދި މިއުޞޫލުގައި ބަޔާން ކޮށްފައިވާ ގޮތާ ޚިލާފަށް އެއްވެސް ގެއެއްގައި ބިދޭސީ މަސައްކަތު މީހެއް ބަހައްޓައިގެން ނުވަތަ ގެންގުޅެގެން ނުވާނެވެ.

(ހ)  ބިދޭސީ މަސައްކަތު މީހުން ރަށަށް ގެންނަންވާނީ މޯލްޑިވްސް އިމިގްރޭޝަންގައި އެކުލަވާލާފައިވާ ޤާނުނާއި ޤަވާޢިދުތަކާއި އަދި "ވަޒީފާ އަދާ ކުރުމަށް ދިވެހިރާއްޖެއަށް ބިދޭސިން ގެނައުމުގެ ގަވާއިދު " އެއްގޮތަށް ރާއްޖޭގައި މަސައްކަތްކުރުމުގެ ލިޔެކިޔުންތައް ފުރިހަމަކޮށްފައިވާ ހުއްދަ އޮތް ފަރާތަކަށް ވާންވާނެއެވެ.

 

 (ށ)  މިމާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް ހުއްދަ އޮތް ބިދޭސީއަކު ރަށަށް ގެނައުމުގެ ކުރިން އެމީހާ ރަށުގައި ދިރިއުޅުމަށްޓަކައި ވޭމަންޑޫ ކައުންސިލް އިދާރާއިން ނަގަންޖެހޭ ހުއްދަ އެމީހާ ގެންނަ ފަރާތުން ނަގަންވާނެވެ.  ހުއްދައަށް އެދި ހުށަހަޅާ ފޯމް ޖަދުވަލް 1 ގައި

(ނ)   ބިދޭސީން ގެނައުމަށް ކައުންސިލުން ހުއްދަދޫކުރެވޭނީ ގެންނަ ބިދޭސީމީހާ އަސާސީ ބޭނުމެއް ފުއްދޭނެ އިންތިޒާމު ހަމަޖެހިފައިވާކަން ކައުންސިލަށް އެބިދޭސީއަކު ގެންނަފަރާތަކުން ކައުންސިލަށް ހުށަހެޅުމުން ކައުންސިލުން ބަލާ ޗެކުކުރުމަށްފަހު އެކަމަށް ހުއްދަ ދިނުމުންނެވެ.

(ރ)  މިއުޞޫލުގެ ދަށުން ގެންނަ ބިދޭސީމީހާގެ ޕާސްޕޯޓް ކޮފީ، ވާރކް ވީޒާ  އަދި ވޯރކް ޕާމިޓް ކޮޕީ އެއް ވޭމަންޑޫ ކައުންސިލް އިދާރާއަށް ހުށަހަޅަންވާނެވެ.

(ބ)  ބިދޭސީމީހާއަށް ދޭންޖެހޭ އުޖޫރަ، ވަޒީފާއާބެހޭ ޤާނޫނާ  އެއްގޮތަށް އެފަރާތަށް ކޮންމެ މަހަކުވެސް ދޭންވާނެވެ. އަދި އުޖޫރަ ނުދޭކަމުގެ ޝަކުވާ އެފަރާތުން ކައުންސިލަށް ހުށަހަޅައިފިނަމަ، ކައުންސިލް އިދާރާއިން ބަލަންޖެހޭ ބެލުންތައް ބެލުމަށްފަހު، އެކަން ކަމާބެހޭ މުއައްސަސާތަކަށް ހުށަހެޅުމުގެ އިޚްތިޔާރު ކައުންސިލް އިދާރާއަށް ލިބިގެންވެއެވެ.

(ޅ)  ބިދޭސީމީހާ ގެނައުމަށްފަހު، އޭނާ ލައްވާ މަސައްކަތްކުރެވޭނީ އަންނަނިވި ދެ ގޮތަކުންކުރެ ގޮތަކަށެވެ.

  • ކޯޓާނެގި ބޭނުމާއެއްގޮތަށް އެ ބިދޭސީ މީހާ ލައްވާ މަސައްކަތް ކުރުމަށް، ނުވަތަ
  • ކޯޓާއެއްގެ ދަށުން ރާއްޖެ ގެނެސްފައިވާ ބިދޭސީއެއް، އެހެން ފަރާތެއްގެ ވަޒީފާއަކަށް ނުވަތަ މަސައްކަތަކަށް ވީއްލުމަކީ ނުވަތަ ފޮނުވުމަކީ މަނާކަމެކެވެ.

(ކ) ދަނޑުބިމުގައި ބިދޭސީންނަށް ދަނޑުވެރިކަން ކުރެވޭނީ ބިދޭސީމީހާ ގެންނަ ފަރާތަކީ ދަނޑުވެރިކަންކުރާ ފަރާތެއްކަމުގައި ވާނަމައެވެ.

(އ)   ބިދޭސީމީހާ ރަށުގައި ހުންނައިރު ޢާމްދަނީ ހޯދުމުގެ ބޭނުމުގައި އެހެން އެއްވެސް ބާވަތެއްގެ ވިޔަފާރިއެއް އޭނާ ކޮށްގެން ނުވާނެއެވެ.

(ވ) ތ. ވޭމަންޑޫގެ އިހްތިޞާސް ތެރޭގައި ހިމެނޭ ބިމެއްގައި ބިދޭސީއަކު އަމިއްލައަށް އެއްވެސް ބާވަތެއްގެ ދަނޑުވެރިކަން ކޮށްގެން ނުވާނެއެވެ.

 (މ)  ބިދޭސީން ލައްވާ ކޮންސްޓްރަކްޝަން މަސައްކަތް ކުރެވޭނީ ކުންފުނި ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ދަށުން އެމަސައްކަތް ކުރުމަށް ކޯޓާ ނަގާފައިވާ ފަރާތްތަކަށެވެ.

(ފ)  ޤަވާޢިދާ ޚިލާފަށް އުޅޭބިދޭސީން ގްރޫޕް ހަދައިގެން ވިޔަސް އަމިއްލައަށްވިޔަސް ރަށުގައި ކޮންސްޓްރަކްޝަން މަސައްކަތް ކޮށްގެން ނުވާނެވެ. އަދި އެފަދަ މީހަކު ލައްވާ އެއްވެސް ފަރާތަކުން މަސައްކަތް ކުރުވައިގެންވެސް ނުވާނެއެވެ.

(ދ)  ރަށަށް ގެންނަ ބިދޭސީން ގެންގުޅެންވާނީ ބިދޭސީންނާއި ގުޅޭގޮތުން ރާއްޖޭގައި ޢަމަލުކުރަމުންދާ ޤާނޫނުތަކާއި ޤަވާޢިދުތަކާއި އަދި މި އުޞޫލާ އެއްގޮތަށެވެ.

(ތ)    ބިދޭސީ މީހާއަށް ރަށުގައި ދުއްވާ އެއްގަމާއި ކަނޑުގެ އުޅަނދެއް ދުއްވޭނީ އެމީހާއަކީ އެފަދަ އުޅަނދެއް ދުއްވުމަށް ޓްރާންސްޕޯޓް އޮތޯރިޓީން ދޫކުރާ އެއްގަމާއި ކަނޑުގެ އުޅަނދު ދުއްވުމުގެ ލައިސަންސްއޮތް މީހަކަށް ވުމާއެކު، އަދި އެ އުޅަނދަކާ ގުޅޭގޮތުން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ނަގަންޖެހޭ އެންމެހާ ހުއްދައެއް ނަގާފައިވާ އުޅަނދަކަށް ވާނަމައެވެ.

(ލ)  ވިޔަފާރި ކުރާ އެއްވެސް ތަނެއްގައި ބިދޭސީންނަށް ސޭޓެއްގެ ގޮތުގައި މަސައްކަތް ކޮށްގެން ނުވާނެއެވެ. 

(ގ)  ބިދޭސީން ރަށުގައި ދިރިއުޅުމުގައި އިސްލާމްދީނުގެ އުޞޫލުތަކާއި، އާންމު އިޖުތިމާޢީ މިންގަނޑުތަކާއި ސާފުތާހިރުކަމަށާއި، ދިވެހިންގެ ރީތި އާދަކާދަތަކަށް ޙުރުމަތްތެރިކޮށް ހިތަންވާނެއެވެ.

(ޏ)   ބިދޭސީން ގެންގުޅޭ ފަރާތުން އެމީހެއްގެ ބެލުމުގެ ދަށުގައި ހުންނަ ބިދޭސީމީހާގެ އެންމެހައި އަސާސީ ބޭނުންތައްބަލައި އޭނާއަށް ފޯރުކޮށްދޭންޖެހޭ އަސާސީ ޚިދުމަތްތައް ފޯރުކޮށްދޭން ޖެހޭނެއެވެ.

(ސ) ޤަވާޢިދާ ޚިލާފަށް މަސައްކަތްކުރާ ބިދޭސީމީހާ، ޤަވާޢިދާ އެއްގޮތަށް އެފަރާތެއްގެ ނަމަށް ބަދަލުކުރުމުގެ ކަންކަން މޯލްޑިވްސް އިމިގްރޭޝަނުން ކަނޑައަޅާފައިވާ ގޮތާ އެއްގޮތަށް ކުރެވިދާނެވެ.

(ޑ) މިއުޞޫލު ޢާންމުކުރާތާ 1 (އެއް) މަސްދުވަހުގެ ތެރޭގައި މިހާރު ރަށުގައިތިބި ބިދޭސީންގެ މަޢުލޫމާތު  ކައުންސިލަށް ހުށަހަޅަންވާނެވެ.

 

 

4.ފިޔަވަޅު އެޅުން

މި އުޞޫލާ ޚިލާފަށް ޢަމަލުކުރާ ފަރާތްތަކަށް ފުރަތަމަ ފަހަރަށް އިސްލާޙްވުމަށް ލިޔުމުން ނަޞޭޙަތް ދެވޭނެވެ.

މިގޮތުން ނަސޭޙަތް ދޭންވާނީ އެއް ފަހަރުއެވެ. މިގޮތުން ނަސޭޙަތް ދިނުމުން އިސްލާޙް ނުވެއްޖެނަމަ، މި އުޞޫލާއިއެއްގޮތަށް އެ ފަރާތެއް ޖޫރިމަނާ ކުރެވޭނެއެވެ.     

5. ޖޫރިމަނާކުރުން

މިއުޞޫލާ އެއްގޮތަށް  ޢަމަލުކުރުމަށް  ނަސޭޙަތްދީ  އިސްލާޙްނުވާ ފަރާތްތައް  ފުރަތަމަ ފަހަރު 1000.00 (އެއްހާސް) ރުފިޔާއަށްވުރެ ބޮޑުނޫން ޢަދަދަކުން، ދެވަނަ ފަހަރު 3000.00 (ތިންހާސް) ރުފިޔާއަށްވުރެ ބޮޑުނޫން ޢަދަދަކުން، ތިންވަނަ ފަހަރު 5000.00 (ފަސްހާސް) ރުފިޔާއަށްވުރެ ބޮޑުނޫން ޢަދަދަކުން އަދި މީގެ އިތުރުން އިތުރުވާ ކޮންމެ ފަހަރަކު 5000.00 (ފަސްހާސް) ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.

 

6.ޢަމަލުކުރަންފަށާ ތާރީޚް

މި އުޞޫލަށް އަމަލުކުރަން ފަށާނީ، މިއުޞޫލް ދިވެހިރާއްޖޭގެ ގެޒެޓްގައި ޝާއިޢުކުރާ ދުވަހުން ފެށިގެނެވެ.

 

 
09 އޮގަސްޓް 2020
ހޯދާ