ދިވެހިރާއްޖޭގެ ބާ ކައުންސިލު
ދިވެހިރާއްޖެ
ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ޤާނޫނީ ވަކީލަކު ހޮވުމަށް ބާއްވާ އިންތިޚާބު 2019

ދިވެހިރާއްޖޭގެ ބާ ކައުންސިލު

މާލެ، ދިވެހިރާއްޖެ.

ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ޤާނޫނީ ވަކީލަކު ހޮވުމަށް ބާއްވާ އިންތިޚާބު 2019

ޤާނޫނު ނަންބަރު 5/2019 (ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނު) ގެ 69 ވަނަ މާއްދާގެ ދަށުން، ބާއްވަންޖެހޭ ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ޤާނޫނީ ވަކީލަކު ހޮވުމަށް ބާއްވާ އިންތިޚާބު 2019 ޖުލައި 27 ވާ ހޮނިހިރު ދުވަހު ބާއްވާގޮތަށް ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީން ހަމަޖައްސައިފީމެވެ.

އަދި ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ޤާނޫނީ ވަކީލަކު ހޮވުމަށް ބާއްވާ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ މީހުން އެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު، 2019 ޖުލައި 19 ވާ ހުކުރު ދުވަހުން ފެށިގެން 2019 ޖުލައި 23 ވާ އަންގާރަ  ދުވަހުގެ ހަވީރު 5:00 އާ ހަމަޔަށް ހުޅުވާލައިފީމެވެ މި އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފޯމާއި ތަކެތި ހުށަހަޅަންވާނީ ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީން މި އިންތިޚާބުގެ ކަންތައް ބެލެހެއްޓުމަށް ޤާއިމުކޮށްފައިވާ މަރުކަޒު (ބައު ޖަމާލުއްދީން، ނިކަގަސްމަގު، މާލެ) އަށެވެ. މި ތަކެތި ބަލައިގަންނާނީ 2019 ޖުލައި 21 ވާ އާދީއްތަ ދުވަހުން ފެށިގެން 2019 ޖުލައި 23 ވާ  އަންގާރަ ދުވަހުގެ ނިޔަލަށް، ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން ހަވީރު 5:00 އަށެވެ.   

މި އިންތިޚާބުގައި ބައިވެރިވުމަށް ކުރިމަތިލާ ފަރާތްތަކުގައި،  ޤާނޫނު ނަންބަރު 10/2008 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު) ގެ 5 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ އަންނަނިވި ޝަރުޠުތައް ފުރިހަމަ ވާންވާނެއެވެ.

(ހ) މުސްލިމަކު ކަމުގައިވުން؛

(ށ) ދިވެހި ރައްޔިތަކު ކަމުގައިވުން؛

(ނ) އުމުރުން 25 އަހަރު ވެފައިވުން؛

(ރ) އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް، ނުވަތަ ޚިޔާނާތުގެ ކުށެއް، ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކުކަމުގައި ނުވުން؛

(ބ) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދަށުން ނުވަތަ ޤާޏޫނެއްގެ ދަށުން އިންތިޙާބުކުރެވޭ ނުވަތަ ޢައްޔަންކުރެވޭ ސިޔާސީ މަޤާމެއް ފުރަމުންދާ މީހަކުކަމުގައި ނުވުން؛

(ޅ) ސިޔާސީ ޕާޓީއެއްގެ މެންބަރު ކަމުގައި ނުވަތަ ސިޔާސީ ޕާޓީއެއްގައި ޙަރަކާތްތެރިވާ މީހެއް ކަމުގައި ނުވުން؛ އަދި

(ކ) ބުއްދި ހަމައަށް ހުރި މީހަކު ކަމުގައިވުން.

 

ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ޤާނޫނީ ވަކީލަކު ހޮވުމަށް ބާއްވާ އިންތިޚާބަށް ކުރިމަތިލުމަށް އެދޭމީހާ، އިންތިޚާބަށް ކުރިމަތިލުމަށް އެދޭއިރު، އަންނަނިވި މަޢުލޫމާތާއި ތަކެތި ހުށަހަޅަން ވާނެއެވެ.

  1. ފުރިހަމަ ނަން.
  2. އުފަން ތާރީޚް.
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު.
  4. ދާއިމީ އެޑްރެސް (އަތޮޅާއި ރަށާއި އެޑްރެސް އެނގޭގޮތަށް).
  5. މިހާރު ދިރިއުޅޭ އެޑްރެސް (އަތޮޅާއި ރަށާއި އެޑްރެސް އެނގޭގޮތަށް).
  6. އީ މެއިލް އެޑްރެސް.
  7. ދިވެހިރާއްޖޭގެ ބާ ކައުންސިލުން އިންތިޚާބަށް ކުރިމަތިލުމަށް އެދޭމީހާއަށް ފޮނުވަންޖެހޭ ލިޔެކިއުމާއި އެންގުންތައް ފޮނުވާނެ ރަސްމީ އެޑްރެސް (ގުޅޭނެ ފޯނު ނަންބަރާއެކު).
  8. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް.
  9. ދިވެހިރާއްޖޭގައި ވަކާލާތު ކުރުމުގެ ހުއްދައިގެ ކޮޕީއެއް.
  10. އެމީހަކު އެ އިންތިޚާބުގައި ޚާއްޞަ ލޯގޯ/ނިޝާނެއް ބޭނުންކުރުމަށް ޤަސްދުކުރާނަމަ އެ ނިޝާން/ލޯގޯ
  11. ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުންނާއި މޯލްޑިވްސް ކަރެކްޝަނަލް ސާރވިސް އިން ފުރިހަމަކޮށްފައިވާ ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ޤާނޫނީ ވަކީލަކު ހޮވުމަށް ބާއްވާ އިންތިޚާބަށް ކުރިމަތިލާ މީހުންގެ ދަރަނީގެ ރެކޯޑާއި ކުށުގެ ރެކޯޑު ސާފުކޮށްފައިވާ ފޯމު.
  12.  ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުންނާއި ދިވެހިރާއްޖޭގެ ހައިކޯޓުން ފުރިހަމަ ކޮށްފައިވާ ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ޤާނޫނީ ވަކީލަކު ހޮވުމަށް ބާއްވާ އިންތިޚާބަށް ކުރިމަތިލާ މީހުންގެ ދަރަނީގެ ރެކޯޑާއި ކުށުގެ ރެކޯޑު ސާފުކޮށްފައިވާ ފޯމު.
  13. އިންތިޚާބަށް ކުރިމަތިލާ މީހާގެ ޕާސްޕޯޓު ސައިޒުގެ ކުލަ ފޮޓޯގެ ސޮފްޓް ކޮޕީ ހިމެނޭ ސީޑީ ނުވަތަ ޕެންޑްރައިވް (ޕާސްޕޯޓު މިންގަނޑަށް ފެތޭ، JPEG ފޯމެޓްގައި)
  14.  އިންތިޚާބަށް ކުރިމަތިލާ މީހާގެ މަންދޫބުންގެ ގޮތުގައި އައްޔަނު ކުރާ މީހުންގެ މައުލޫމާތު ޝީޓު.

ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ޤާނޫނީ ވަކީލަކު ހޮވުމަށް ބާއްވާ އިންތިޚާބުގެ ވޯޓު ނެގުމަށް ހަމަޖައްސާފައިވަނީ، 2019 ޖުލައި 27 ވާ ހޮނިހިރު ހެނދުނު 9:00 ން ހަވީރު 5:00 އަށެވެ. އަދި ވޯޓު ގުނަން ފަށާނީ ހަމަ އެދުވަހު ވޯޓު ނަގާ ނިމޭތާ 30 (ތިރީސް) މިނެޓުފަހުންނެވެ. ދެވަނަ ބުރަކަށް ވޯޓުލާންޖެހޭ ޙާލަތުގައި ފިޔަވައި، މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާން ކުރުމަށް ހަމަޖެހިފައިވަނީ 2019 ޖުލައި 28 ވާ އާދީއްތަ ދުވަހުގައެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ޤާނޫނީ ވަކީލަކު ހޮވުމަށް ބާއްވާ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ މީހުން ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމު، މި އިންތިޚާބުގެ ކަންތައް ބެލެހެއްޓުމަށް ޤާއިމުކޮށްފައިވާ މަރުކަޒު (ބައު ޖަމާލުއްދީން، ނިކަގަސްމަގު، މާލެ)  އިން ލިބެން ހުންނާނެއެވެ. 

މިހެންވެ، މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

15 ޛުލްޤައިދާ 1440

18 ޖުލައި   2019

18 ޖުލައި 2019
ހޯދާ