މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރް.ޓީ.އެލް) ބަހުގެ ޚިދުމަތާއި ގުޅޭ

 

އިޢުލާން

                    

        ދުވާފަރުގައި ބަސް ދަތުރުގެ ޚިދުމަތް ރަސްމީކޮށް މިހާރުވަނީ ފަށާފައެވެ. މި ޚިދުމަތަކީ ރަށުގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ދަތުރުފަތުރުގެ ވަސީލަތެއް ފޯރުކޮށްދިނުމުގެ ބޭނުމުގައި ފެށީ މުޙިއްމު ޚިދުމަތެކެވެ. މި ޚިދުމަތް ދެމެހެއްޓެނިވި ގޮތަކަށް ފޯރުކޮށްދިނުމަށްޓަކައި، ރަށުގެ ރައްޔިތުންގެ ފަރާތުން ހާއްސަ އެއްބާރުލުމަކަށް ބޭނުންވާ ބައެއް ކަންކަން ތިރީގައި މިވަނީއެވެ.

  1. 1.     މަގުތަކަށް ނިކުމެފައިވާ ގަސްގަހުގެ އަފި އަދި ރުކުގެ ފަން ކެނޑުން:

ބަސް ދަތުރުކުރާ މަގުތަކުގައި ބައެއް ތަންތަނުން ގަސްގަހާއި ރުއްރުކުގެ ފަންތަކާއި ގޮފިތައް މަގުތަކަށް ނިކުމެފައި ހުރުމުގެ ސަބަބުން ބަސް ދަތުރުކުރުމަށް ދަތިތަކާއި ހުރަސްތައް ކުރިމަތިވެއެވެ. ބަސް ދަތުރުކުރާ މަގުތައް ސާފުކޮށް ބޭއްވުމަކީ ބަސް ދަތުރުފަތުރުގެ ޚިދުމަތް ރައްކާތެރިކަމާއެކު ދެމެހެއްޓުމަށް ވަރަށް މުހިންމު ކަމެކެވެ. ގަސްގަހުގެ އަފިތަކާއި ރުކުގެ ފަންތައް މާގިނައިން މަގަށް ނިކުމެފައި ހުރުމުގެ ސަބަބުން ބަހުގެ ބޮޑު މިނާއި އުސް މިނަށް ބަލައި ބަހަށް ގެއްލުންވެ، އަދި ބަހުގައި ދަތުރުކުރާ ފަރާތްތަކަށްވެސް ނުރައްކާވުމުގެ ފުރުސަތު އެބައޮތެވެ. އެހެންކަމުން، އަމިއްލަ ގޯތިތެރޭގައި ހުންނަ ނުވަތަ އަމިއްލަ ބެލެނިވެރިކަމުގެ ދަށުގައި ހުންނަ ގަސްގަހުގެ ގޮފިތައް،ރުކުގެ ފަންތައް ބަސް ދަތުރުކުރާ މަގުތަކަށް ނިކުމެފައިވާނަމަ، ވީ އެންމެ އަވަހަކަށް އެތަކެތި ކަނޑައި ސާފުކުރުމަށް ހުރިހާ ރައްޔިތުންނަށް އަންގާ،އިލްތިމާސްކުރަމެވެ.

2.ބަސް ދަތުރުކުރުމަށް އުނދަގޫވާ ގޮތަށް ޕާކްކޮށްފައިވާ އުޅަނދުތައް ނެގުން:
ދުވާފަރުގައި ބަސް ދަތުރުކުރާ މަގުތަކުގައި، ޚާއްސަކޮށް ބަސް އެނބުރޭ ކަންކޮޅުތަކާއި، ބަސް މަޑުކުރަން ޖެހޭ ތަންތަނާއި، ހަނި މަގުތަކުގައި، އުޅަނދުތައް ޕާކްކޮށްފައި ހުރުމުގެ ސަބަބުން ބަސް ދަތުރުކުރުމަށް ވަރަށް ބޮޑަށް ހުރަސްއެޅެއެވެ. މިކަމުގެ ސަބަބުން ބަހުގެ ދަތުރުތައް ވަގުތަށް ނުކުރުމާއި، މަޑުކުރުމަށް މަޖުބޫރުވުމުގެ އިތުރުން، ބަހުގެ ޑްރައިވަރުންނަށް ބަސް ދުއްވުމަށް ގިނަގުނަ ދަތިތައް ކުރިމަތިވެއެވެ. އެހެންކަމުން، ދުވާފަރުގައި ބަސް ދަތުރުކުރާ މަގުތަކުގައި ބަހުގެ ދަތުރުފަތުރަށް ހުރަސްއެޅޭ ގޮތަށް އެއްވެސް އުޅަނދެއް ޕާކްނުކުރުމަށް އުޅަނދުފަހަރުގެ ވެރިފަރާތްތަކަށް ވަރަށް ބޮޑަށް އިލްތިމާސްކުރަމެވެ. އަދި މިހާރުވެސް މިފަދަ ގޮތަކަށް ޕާކްކޮށްފައިވާ އުޅަނދުތައް ވީ އެންމެ އަވަހަކަށް އެތަންތަނުން ނެގުމަށްވެސް ދަންނަވަމެވެ. މަގުތަކުގައި ޕާކުކުރާއިރު އެހެން އުޅަނދުތަކަށް ހުރަސްނޭޅޭ ގޮތަށް ޕާކުކުރުމަށް ސަމާލުކަން ދެއްވުން އެދެމެވެ.

3.ބަސް ސްޓޮޕްތަކުގައި ޕާކްނުކުރުން:
މީގެ އިތުރުން، ބަހަށް އަރާ ފަރާތްތައް މަޑުކުރުމަށް ކަނޑައަޅާފައިވާ ބަސް ސްޓޮޕްތަކަކީ ހަމައެކަނި ބަހަށް އަރާ ފައިބާ ފަރާތްތަކަށް ޚާއްސަކުރެވިފައިވާ ތަންތަނެވެ. ބަސް ސްޓޮޕްތަކުގައި އުޅަނދުތައް ޕާކްކޮށްފައި ހުރުމުގެ ސަބަބުން ބަހަށް އަރަން ތިބޭ ފަރާތްތަކަށް ބަހަށް އެރުމަށް ދަތިވެ، ބަސް ސްޓޮޕްގެ ބޭނުން ރަނގަޅަށް ނުހިފޭ ހާލަތް މެދުވެރިވެއެވެ. މިއީ އާންމު ފަރާތްތަކަށް ލިބިދޭންޖެހޭ އަސާސީ ޚިދުމަތަކަށް ހުރަސްއެޅުމެކެވެ. އެހެންކަމުން، މި ބަސް ސްޓޮޕްތަކުގައި އެއްވެސް އުޅަނދެއް ޕާކްނުކުރުމަށް ވަރަށް ބޮޑަށް އިލްތިމާސްކުރަމެވެ. އަދި ސްޓޮޕްތައް ކައިރީގައިވެސް ބަހުގެ ދަތުރުފަތުރަށް ހުރަސްނޭޅޭ ގޮތަށް ޕާކްކުރުމަށް ސަމާލުކަން ދެއްވުން އެދެމެވެ.

        މި ޚިދުމަތަކީ ރަށުގެ ހުރިހާ ރައްޔިތުންނަށް ފަސޭހަ ގޮތެއްގައި ލިބިގެންދާނެ ޚިދުމަތަކަށް ހެދުމަށްޓަކައި، ކޮންމެ ފަރުދެއްގެވެސް އެއްބާރުލުން ވަރަށް މުހިންމެވެ. މިކަންކަމަށް ސަމާލުކަންދީ، ބަސް ދަތުރުފަތުރުގެ ޚިދުމަތް ހަރުދަނާކުރުމަށްޓަކައި، އަޅުގަނޑުމެންނަށް އެހީތެރިވެދެއްވުމަށް ހުރިހާ ރައްޔިތުންނަށް އިލްތިމާސްކުރަމެވެ.

 

               ވީމާ ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.  

                      25 ޖުމާދަލްއާޚިރާ  1447

                       15 ޑިސެމްބަރ   2025 

15 ޑިސެންބަރު 2025
ހޯދާ