ދިވެހިރާއްޖެ
އިޢްލާން
އާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލުން: މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ބިލު
ޤާނޫނު ނަންބަރު 96/1 (މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ޤާނޫނު) އުވާލައި، މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތަކުގެ ޙައްޤުތައް ހިމާޔަތްކުރުމަށްޓަކައި ކުރިއަށްވުރެ ހަރުދަނާ އޮނިގަނޑެއް ޤާއިމުކުރުމަށްޓަކައި، އައު ބިލެއް ވަނީ އެކުލަވާލާފައެވެ.
މިބިލުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި، މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތަކުގެ ޙައްޤުތައް ކަނޑައެޅުމާއި، ވިއްކާ މުދަލެއްގައި ނުވަތަ ދެވޭ ޚިދުމަތެއްގައި ހުންނަންޖެހޭ ޝަރުޠުތައް ކަނޑައެޅުމާއި، މުދާ ވިއްކާ ފަރާތްތަކާއި ޚިދުމަތްދޭ ފަރާތްތަކުގެ ޙައްޤުތަކާއި ޒިންމާތައް ކަނޑައެޅުމާއި، މުދާ ވިއްކުމުގައި ނުވަތަ ޚިދުމަތެއްދިނުމުގައި ކުރުން މަނާކަންކަން ބަޔާންކުރުމާއި، މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ލިބިފައިވާ ބަދަލުތައް ކަނޑައެޅުން ހިމެނެއެވެ. އަދި މީގެ އިތުރުން، ރާއްޖޭގައި ފުރަތަމަ ފަހަރަށް، އިންޓަރނެޓް މެދުވެރިކޮށް މުދާ ވިއްކާ ފަރާތްތަކާއި ޚިދުމަތް ދޭ ފަރާތްތަކުން ޢަމަލުކުރަންޖެހޭ އުޞޫލުތައް ބަޔާންކުރުމަށް ލާޒިމުކުރެވޭނެއެވެ.
މިބިލު ފަރުމާ ކުރެވިފައިވަނީ، ކޯޓުން ބޭރުގައި މައްސަލަ ހައްލުކުރެވޭނެ އިންތިޒާމެއް ހިމެނޭ ގޮތަށެވެ. މުދާ ވިއްކުމާއި ޚިދުމަތްދިނުމުގައި ދިމާވާ މައްސަލަތައް ބަލާނެ ކޮންސިއުމަރ އޮމްބަޑްސްމަންގެ މަޤާމް އުފައްދައި، ކޮންސިއުމަރ އޮމްބަޑްސްމަންގެ ބާރުތަކާއި މަސްޢޫލިއްޔަތުތައް މިބިލުގައި ބަޔާންކުރެވިފައިވާނެއެވެ.
މިބިލު ޢާންމުންގެ ޚިޔާލަށް ހުޅުވާލައި، މިމިނިސްޓްރީގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާނެއެވެ. ޚިޔާލު ހުށަހަޅުއްވަން ޝައުޤުވެރިވާ ފަރާތްތަކުން، 11 މާރިޗު 2019 ވާ ހޯމަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން މި މިނިސްޓްރީގެ އީމެއިލް އެޑްރެސް،[email protected] އަށް ކޮމެންޓުތައް ފޮނުއްވައިދެއްވުން އެދި ދެންނެވީމެވެ.
26 ޖުމާދަލްއާޚިރާ 1440
03 މާރޗް 2019
|