މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ދިވެހިރާއްޖެއަށް ދޫނި އެތެރެކުރުމާގުޅޭ

ދިވެހިރާއްޖެއަށް ދޫނި އެތެރެ ކުރުމާބެހޭ ގަވާއިދު ނަންބަރު: R-4/ފ2012 ގެ 4 ވަނަ މާއްދާގެ (ށ) ގެ ދަށުން  ދިވެހިރާއްޖެއަށް އެތެރެކުރެވޭ ދޫނި ވާންވާނީ ހައިލީ ޕެތޮޖެނިކް އޭވިއަން އިންފްލުއެންޒާ (HPAI) ނޫޅޭ ޤައުމަކުން އެތެރެކުރެވޭ ދޫންޏަށެވެ. މީގެ އިތުރުން، ދޫނި އެތެރެކުރާ ސަރަޙައްދަކީ ޢާންމުކޮށް ދޫންޏަށްޖެހޭ ނުރައްކާތެރި ބަލިތަކުން ރައްކާތެރިވެފައިވާ ސަރަޙައްދަކަށްވެސް ވާންޖެހެއެވެ.

މިގޮތުން، ދިވެހިރާއްޖެއަށް ދޫނި އެކްސްޕޯޓްކުރާ ބައެއް ޤައުމުތަކަކީ ދުނިޔޭގެ ޖަނަވާރުގެ ޞިއްޙަތާ ބެހޭ ޖަމްޢިއްޔާ (OIE) ގެ ފަރާތުން އެ ޤައުމުތަކުގައި ލޯ ޕެތޮޖެނިކް އޭވިއަން އިންފްލުއެންޒާ (LPAI) ފުޅާ ދާއިރާއެއްގައި އުޅޭކަމަށް ރިކޯޑު ކުރެވިފައިވާ ޤައުމުތަކެވެ. LPAI  އަކީ ކޮންމެ ވަގުތެއްގައިވެސް HPAI  އަށް ބަދަލުވެދާނެ ބައްޔެއްކަމުން، ރާއްޖެއަށް HPAI އެތެރެވިޔަ ނުދިނުމަށްޓަކައި މިއަދުން ފެށިގެން LPAI އުޅޭކަމަށް OIE ގައި ރިކޯޑުކުރެވިފައިވާ ޤައުމުތަކުން ދޫނި އެތެރެކުރުމަކީ މަނާ ކަމެއްކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

20 ރަބީޢުލްއައްވަލް 1435

21 ޖަނަވަރީ 2014
ހޯދާ