މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
ދިވެހިރާއްޖޭގައި މަތީ ތަޢުލީމާ ގުޅުންހުރި ފެއަރތައް ބޭއްވުން

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން

މާލެ، ދިވެހިރާއްޖެ.

އިޢުލާން

 

ދިވެހިރާއްޖޭގައި މަތީ ތަޢުލީމާ ގުޅުންހުރި ފެއަރތައް ބޭއްވުން

 

ދިވެހިރާއްޖޭގައި ބާއްވާ ތަޢުލީމާއި ގުޅުންހުރި ފެއަރތަކަށް ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިއުކޭޝަންގެ ހުއްދަ ބޭނުންވާނެ ކަމަށް 9 ޖަނަވަރީ 2018 ގައި ވާނީ ޢާއްމުކޮށް އިޢުލާންކޮށްފައެވެ. އެހެންކަމުން، ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ މަތީ ތަޢުލީމު ދޭ ތަންތަނާއި ވަކި ޤާނޫނަކުން އެ ބޭނުމަށް އުފައްދާފައިވާ ތަންތަން ފިޔަވައި އެހެން ތަނަކުން މަތީ ތަޢުލީމުގެ ކޯސްތައް އިޝްތިހާރުކޮށް މަޢުލޫމާތު ދިނުމަށާއި، ދަރިވަރުން ހޯދުމަށް ފެއަރ ފަދަ ޙަރަކާތްތައް ހިންގަން ވާނީ އެ ކަމުގެ ހުއްދަ މި މިނިސްޓްރީން ހޯދައިގެންނެވެ. އެއީ، މަތީ ތަޢުލީމުގެ އެކިއެކި ކޯސްތަކުގައި ބައިވެރިވާން އެކި ތަންތަނަށް ދަރިވަރުން  ފޮނުވުމަށް/ ގެންދިއުމަށް އިޝްތިހާރު ކުރެވޭއިރު، އެ އިޝްތިހާރުކުރެވޭ ތަންތަނާއި ކޯސްތަކަކީ ސަރުކާރު ޤަބޫލުކުރާ މަރުކަޒަކުން ހިންގާ، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑަށް ފެތޭ ކޯސްތަކެއް ކަން ކަށަވަރުކުރުމަށާއި ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ އެއްވެސް ފެންވަރަކަށް ނުފެތޭ، ފެންވަރު ރަނގަޅު ނޫން، ސެޓްފިކެޓްތައް ހޯދުމަށް ޚަރަދުކުރެވުމުގެ ސަބަބުން ދަރިވަރުންނަށް ލިބިދާނެ ގެއްލުމަކުން ސަލާމަތް ކުރުމަށްޓަކައެވެ.

 

ސިއްޙީ ދާއިރާއާއި އޭވިއޭޝަން ދާއިރާ ފަދަ ވަކި ލައިސަންސެއް ލިބިގެން މަސައްކަތް ކުރެވޭ ދާއިރާތަކުގެ ކޯސްތައް އިޝްތިހާރު ކުރާނަމަ އެ ދާއިރާތަކާ ގުޅޭ ދައުލަތުގެ މުއައްސަސާތަކުން އެ ކޯސްތައް ޤަބޫލުކުރާކަން ޔަގީންކުރަން ވާނެއެވެ.

 

ވީމާ، އެޑިޔުކޭޝަން ފެއަރއެއް ފަދަ ތަނަކުން ދަރިވަރުން މަޢުލޫމާތު ހޯދާއިރު، އެ ޙަރަކާތެއް ބޭއްވުމަށް ހުއްދަ ލިބިފައިވޭތޯ ބަލައި، އެ ފަދަ ތަނަކުން އިޝްތިހާރު ކުރާ ކޯހެއްގައި ބައިވެރިވާ ނަމަ، އެ ކޯހުގެ ސަނަދު ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑަށް ފެތޭތޯ އާއި އެ ދާއިރާއެއްގެ ލައިސަންސް ދޫކުރާ އިދާރާއަކުން ޤަބޫލުކުރޭތޯ ބެލުމަށް ޚާއްސަ ސަމާލުކަމެއް ދޭންވާނެއެވެ.

 

17 ޖުމާދަލްއޫލާ 1440

23 ޖަނަވަރީ  2019 

23 ޖަނަވަރީ 2019
ހޯދާ