މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރުމުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކާއި ގުޅޭ

މާލޭގައި ހަދަމުންދިޔަ ޢިމާރާތެއްގައި އެކަށީގެންވާ ސަލާމަތީ ފިޔަޅުތައް އެޅުމަކާނުލައި ޢިމާރާތްކުރުމުގެ މަސައްކަތްކުރުމުގެ ސަބަބުން 16 ޑިސެމްބަރ 2018 ގައި ހިނގައިދިޔަ ހިތާމަވެރި ޙާދިޘާއާ ގުޅިގެން، މި މިނިސްޓްރީއާއި މާލޭ ސިޓީ ކައުންސިލް އަދި ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާ ގުޅިގެން މާލޭސިޓީގައި (މާލެ، ހުޅުމާލެ، ވިލިމާލެ) ޢިމާރާތްކުރުމަށް ހުއްދަ ދޫކޮށްފައިވާ ފަރާތްތަކުން ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް ކުރުމުގައި އަޅަންޖެހޭ ސަލާމަތީ ފިޔަވަޅުތައް އަޅާފައިވާ މިންވަރު ބެލުމުގެގޮތުން "ހެލްތު އެންޑް ސޭފްޓީ އިންޕެކްޝަން ޕްރޮގްރާމް 2018" ގެ ނަމުގައި ސަރވޭއެއް ކުރުމަށް 17 ޑިސެމްބަރ 2018 ގައި ވަނީ ފަށާފައެވެ.

މިގޮތުން، މާލެ، ވިލިނގިލި އަދި ހުޅުމާލޭގައި ޢިމާރާތްކުރުމުގެ މަސައްކަތްކުރަމުންދާ ގާތްގަނޑަކަށް 470 ކޮންސްޓްރަކްޝަން ސައިޓުގެ ތެރެއިން 237 ސައިޓެއްގެ އިންސްޕެކްޝަން ނިންމައި، 15 ސައިޓެއްގެ ޢިމާރާތްކުރުމުގެ މަސައްކަތް ވަގުތުން ހުއްޓާލުމަށް މި މިނިސްޓްރީން ވާނީ އަންގާފައެވެ. އަދި، އިންސްޕެކްޝަން ނިމިފައިވާ ސައިޓުތަކުގެ ތެރެއިން 163 ސައިޓެއްގެ ސަލާމަތީ ފިޔަވަޅުތައް ރަނގަޅު ކުރުމަށް އެ ސައިޓުތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް ވާނީ އަންގާފައެވެ. އެފަދަ ސައިޓުތަކުގެ ސަލާމަތީ ފިޔަވަޅުތައް ރަނގަޅު ކުރޭތޯ ބަލައި މި ސަރވޭގެ ތެރެއިން އެ ސައިޓުތައް އަލުން އިންސްޕެކްޓްކުރާނެ ވާހަކަ ދަންނަވަމެވެ. އަދި، ޢިމާރާތްކުރުމުގެ ސަލާމަތީ މިންގަނޑުތަކާ ޚިލާފަށް މަސައްކަތްކުރާކަމަށް ފާހަގަކުރެވޭ ފަރާތްތަކާމެދު މި މިނިސްޓްރީން ޤާނޫނާއި ގަވާއިދުތަކުގެދަށުން ފިޔަވަޅުއެޅުމަށް ނިންމާފައިވާ ވާހަކަ ދެންނެވީމެވެ.

މީގެ އިތުރުން، ޤާނޫނު ނަންބަރު 2017/4 (ޢިމާރާތްކުރުމުގެ ޤާނޫނު) ގެ ދަށުން މި މިނިސްޓްރީން އެކުލަވާލަންޖެހޭ ގަވާއިދުތައް އެކުލަވާލުމުގެ މަސައްކަތް ޚާއްޞަ އަހަންމިއްޔަތުކަމެއް ދީގެން ކުރިއަށްގެންދާ ވާހަކަ ދަންނަވަމަވެ. މިގޮތުން، އެ ޤާނޫނުގެ ދަށުން އެކުލަވާލަންޖެހޭ "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރުމުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކުގެ ގަވާއިދު" އެކުލަވާލައި ނިމި، ޢިމާރާތްކުރުމުގެ ދާއިރާގައި ޙަރަކާތްތެރިވާ ޕްރޮފެޝަނަލް އެސޯސިއޭޝަންތަކުގެ ޚިޔާލު ހޯދުމަށްޓަކައި އެފަރާތްތަކާއި އެ ގަވާއިދު ވަނީ ޙިއްޞާކުރެވިފައެވެ. މި ދެންނެވުނު ގަވާއިދުގެ އިތުރުންވެސް އެ ޤާނޫނުގެ ދަށުން އެކުލަވާލަންޖެހޭ އެންމެހައި ގަވާއިދުތައް އެކުލަވާލުމުގެ މަސައްކަތް ނިންމައި ވީއެންމެ އަވަސް ފުރުޞަތެއްގެ ތެރޭގައި އެ ގަވާއިދުތައް ޢާންމުކުރުމަށް މަސައްކަތްކުރަމުންދާ ވާހަކަ ދެންނެވީމެވެ.

އަދި، ޢިމާރާތްކުރުމުގެ ޤާނޫނުގެ ދަށުން އެކުލަވާލަންޖެހޭ ގަވާއިދުތައް މިހާތަނަށް އެކުލަވާލެވިފައި ނުވިނަމަވެސް، ޢިމާރާތްކުރުމާ ގުޅޭގޮތުން ޢަމަލުކުރަންޖެހޭ މިންގަނޑުތަކާއި އުޞޫލުތައް ޤާނޫނު ނަންބަރު 2008/6 (ޢާންމު ގަވާއިދުތަކާބެހޭ ޤާނޫނު) ގެ ޖަދުވަލު 1 ގައި ހިމަނާފައިވާ މާލޭ ޕްލޭނިންގ ގަވާއިދާއި ހުޅުމާލެ ޕްލޭނިންގ އަދި ޢިމާރާތްކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާތީ، އެ ގަވާއިދުތަކުގައި ބަޔާންކުރާ ސަލާމަތީ މިންގަނޑުތަކާ އެއްގޮތަށް ޢަމަލުކުރުމަށް ޢިމާރާތް ކުރުމުގެ ޞިނާޢަތުގައި މަސައްކަތްކުރާ އެންމެހައި ފަރާތްތަކަށް އަންގައި އިލްތިމާސް ކުރަމެވެ. އަދި ޢިމާރާތްކުރުމުގެ ޤާނޫނުގެ ދަށުން އެކުލަވާލަންޖެހޭ ގަވާއިދުތައް އެކުލަވާލައި، އެ ގަވާއިދުތަކަށް ޢަމަލުކުރަން ފެށުމާ ހަމައަށް ޢާންމު ގަވާއިދުތަކާބެހޭ ޤާނޫނުގެ ޖަދުވަލު 1 ގައި ހިމަނާފައިވާ ކަމާބެހޭ ގަވާއިދުތަކަށް ޢަމަލުކުރެވެމުންދާނެ ކަމުގައި ދެންނެވީމެވެ.

މި ސަރވޭ ކުރިއަށްދާއިރު، ސަރވޭކުރާ އިންސްޕެކްޓަރުންނަށް ޢިމާރާތްކުރުމުގެ ޞިނާޢަތުގައި މަސައްކަތްކުރައްވާ އެންމެހައި ފަރާތްތަކުންނާއި ގޯތި ގެދޮރުގެ ވެރިފަރާތްތަކުން އެއްބާރުލުން ދެއްވުމަށާއި، ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް ކުރަމުންދާ ތަންތަނުގައި ސަލާމަތީ ގަވާއިދުތަކާ ޚިލާފަށް މަސައްކަތްކުރަމުންދާކަން ފާހަގަކުރެވޭނަމަ، އެކަން ލަސްނުކޮށް މި މިނިސްޓްރީއަށް ނުވަތަ މާލޭސިޓީ ކައުންސިލަށް އެންގެވުމަށް އެންމެހައި ފަރާތްތަކަށް އިލްތިމާސްކުރަމެވެ.

20 ޑިސެންބަރު 2018
ހޯދާ