އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ރިޔާސީ އިންތިޚާބު 2018 މޮނިޓަރަކަށް ވުމަށް އެދި ފޯމް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

ނަންބަރު: A)BA-2018/97)

އިޢުލާން

ރިޔާސީ އިންތިޚާބު 2018 މޮނިޓަރަކަށް ވުމަށް އެދި ފޯމް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

23 ސެޕްޓެމްބަރ 2018 ވާ އާދިއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގެ ވޯޓު ނެގުމާއި، ވޯޓު ގުނުމުގެ ކަންތައްތައް މޮނިޓަކުރުމަށް ޝައުޤުވެރިވާ ފަރާތްތަށް )ރަޖިސްޓަރީކޮށްފައިވާ ނޫސް މަޖައްލާތަކާއި ޚަބަރު ފަތުރާ އިދާރާތަކުން މޮނިޓަރ ކުރުމަށް އެދޭ ފަރާތްތައް)  14 ޖޫން 2018 ވާ ބުރާސްފަތި  ދުވަހުގެ ހެނދުނު 12:00 ން ފެށިގެން 15 އޯގަސްޓް 2018  ވާ ބުދަ ދުވަހުގެ ހަވީރު 4:00 އާ ހަމަޔަށް އެ ފުރުޞަތު ހުޅުވާލައިފީމެވެ.

މި ރިޔާސީ އިންތިޚާބު މޮނިޓަރުކުރުމުގެ ހުއްދަ ދެވޭނީ އަންނަނިވި ޝަރުޠުތައް ފުރިހަމަވާ ފަރާތްތަކަށެވެ.

  1. އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ ދިވެއްސެއް ކަމުގައިވުން.
  2. ޖިނާއީ ކުށެއްގައި ޙުކުމް ތަންފީޒު ކުރެވެމުންދާ މީހެއްކަމުގައި ނުވުން.
  3. (ހ) މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގައި ރަޖިސްޓަރީ ކޮށްފައިވާ ރޭޑިއޯ/ ޓީވީ ސްޓޭޝަންގައި މަސައްކަތް ކުރާ މީހެއްކަން އިލެކްޝަންސް ކޮމިޝަނަށް ކަށަވަރުވާ މީހެއްކަމުގައިވުން. ނުވަތަ،

(ށ) ޤާނޫނު ނަންބަރު 78/47 (ނޫސް މަޖައްލާފަދަ ތަކެތީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ނޫސް، މަޖައްލާއެއްގައި މަސައްކަތް ކުރާ މީހެއްކަން އިލެކްޝަންސް ކޮމިޝަނަށް ކަށަވަރުވާ މީހެއްކަމުގައިވުން، ނުވަތަ

(ނ) ބައިނަލްއަޤްވާމީ މީޑިއާއެއްގައި މަސައްކަތް ކުރާ މީހެއްކަން އިލެކްޝަންސް ކޮމިޝަނަށް ކަށަވަރުވާ މީހެއްކަމުގައިވުން.

 4.  ރިޔާސީ އިންތިޚާބާ ބެހޭ މަސައްކަތެއް އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ޙަވާލުވެގެން ހުރި މީހެއްކަމުގައި ނުވުން.

ވޯޓު ނެގުމާއި ވޯޓު ގުނުމުގެ ކަންތައްތައް މޮނިޓަރ ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން އިލެކްޝަންސް ކޮމިޝަނުން އެކަމަށް ކަނޑައަޅާފައިވާ އެޕްލިކޭޝަން ފޯމާއި ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި ފުރިހަމަކުރުމަށްފަހު، ހުށަހަޅަންޖެހޭ ގޮތް މި ދަންނަވަނީއެވެ.

  1. އެޕްލިކޭޝަން ފޯމުތަކާއެކު  ނޫސް މަޖައްލާ ނުވަތަ ޚަބަރު ފަތުރާ އިދާރާގެ ކަވަރިން ސިޓީއެއް އަދި މޮނިޓަރ ކުރުމަށް ހުށަހަޅާ ފަރާތް ތަކުގެ ލިސްޓުގެ ހާޑް ކޮޕީ އަކާއި އެކްސް.އެލް ފޯމެޓްގައި ސޮފްޓް ކޮފީއެއް ސީޑީގައި (ފުރިހަމަ ނަން، އައި.ޑީ ކާޑް، މިހާރު ދިރި އުޅޭ ފުރިހަމަ އެޑްރެސް، ގުޅޭނެ ނަންބަރ، ޕާސްޕޯޓް ފޮޓޯ(ޖޭ.ޕީ.ޖީ) ) އިލެކްޝަންސް ކޮމިޝަނަށް  ހުށަހަޅަންވާނެއެވެ.
  2. މޮނިޓަރ ކުރުމަށް އެދޭ ފަރާތްތަކުން މޮނިޓަރ ކުރުމަށް އެދި އެޕްލިކޭޝަން ފޯމު ފުރިހަމަ ކުރެއްވުމަށްފަހު، އިއުލާނުގައިވާ މުއްދަތު ހަމަވުމުގެ ކުރިން ހުށަހަޅުއްވާނީ މާލެއިންނަމަ، އިލެކްޝަންސް ކޮމިޝަނަށް، އަދި އަތޮޅު ނުވަތަ ސިޓީއަކުންނަމަ، އެއަތޮޅެއް ނުވަތަ ސިޓީއެއްގައި ޤާއިމްކުރެވިފައިވާ އަތޮޅު/ ސިޓީ އިލެކްޝަންސް ފޯކަލް ޕޮއިންޓަށް ނުވަތަ ރަށު/ އަވަށު އިލެކްޝަންސް ފޯކަލް ޕޮއިންޓަށެވެ.

އެއްވެސް ފޯމެއްގައި ފުރިހަމަ ކުރަންޖެހޭ ބައެއް ފުރިހަމަ ނުވެ ހުރިނަމަ ނުވަތަ އެ ފޯމާއެކު ހުށަހަޅަންޖެހޭ އެއްވެސް އެއްޗެއް މަދުނަމަ އެފޯމެއް ބާޠިލު ކުރެވޭނެއެވެ. މިގޮތުން މިކޮމިޝަނުން ބާޠިލްކުރާ ފޯމު، މުއްދަތު ހަމަވުމުގެ ކުރިން، ފުރިހަމަ ކުރުމަށްފަހު އަލުން މިކޮމިޝަނަށް ހުށަހެޅިދާނެއެވެ. 

ރިޔާސީ އިންތިޚާބުގެ  މޮނިޓަރުންގެ ފޯމް ބަލައިގަންނަން ހަމަޖެހިފައިވަނީ 14 ޖޫން 2018 ވާ ބުރާސްފަތި  ދުވަހުގެ ހެނދުނު 12:00 ން ފެށިގެން 15 އޯގަސްޓް 2018 ވާ ބުދަ ދުވަހުގެ ހަވީރު 4:00 އާ ހަމައަށެވެ.

ވޯޓު ނެގުމާއި، ވޯޓު ގުނުމުގެ ކަންތައްތައް މޮނިޓަރުކުރުމަށް ޝައުޤުވެރިވާ ރަޖިސްޓަރީކޮށްފައިވާ ނޫސް މަޖައްލާތަކާއި ނޫސް އޭޖެންސީތަކަށް ފާސްދޫކުރެވޭނީ ބަހައްޓާ ވޯޓު ފޮށީގެ ޢަދަދަށްވުރެ 10 (ދިހައެއް) އިންސައްތަ އިތުރުނުވާ ގޮތަށެވެ. އެ ޢަދަދަށްވުރެ އިތުރުވާ ފޯމުތައް ބާތިލް ވާނެއެވެ.

މި އިންތިޚާބަށް ކާޑު ދޫކުރުމަށްފަހު، ކާޑު ގެއްލިގެން ނުވަތަ އެހެންވެސް ސަބަބަކާހުރެ އަލުން ކާޑެއް ހަދައި ދެވޭނީ -/95 (ނުވަދިހަފަސް) ރުފިޔާގެ ޖޫރިމަނާއެއް އެ ކާޑަކަށް ނެގުމަށްފަހުއެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

30 ރަމަޝާނ 1439  

14 ޖޫން 2018
ހޯދާ