މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
އިޢުލާން

ރާއްޖެއަށް ފަތްކެޔޮ އެތެރެކުރުމުގައި ސެނިޓަރީ އެންޑް ފައިޓޯސެނިޓަރީ  މިންގަނޑުތައް ހިފެހެއްޓުމާ ގުޅޭ

 

ދިވެހިރާއްޖެއަށް ފަތްކެޔޮ އެތެރެކުރާ ފަރާތްތަކުން ފައިޓޯސެނިޓަރީ މިންގަނޑުތަކަށް ބެލުމެއްނެތި ރާއްޖެއަށް ފަތްކެޔޮ އެތެރެކުރާކަންވަނީ ފާހަގަކުރެވިފައެވެ.  މިގޮތުން ފަތްކެޔޮގަނޑު ބަންދުކުރަން ބޭނުންކުރާ ޕެކިންއެއްގެ ގޮތުގައި ކެޔޮގަނޑުގެ  ބޭރުގައި، ގިނައަދަދަކަށް ކެޔޮފަތް އޮޅައިގެން އެތެރެކުރުން ދަނީ އިތުރުވަމުންނެވެ. މިގޮތަށް މިކަންކުރުމުން، ފަތާއި ދަޅިފަދަ ތަކެއްޗާއެކު ފަތްކޭލަށްޖެހޭ ނުރައްކާތެރި ބަލިތައް ދިވެހިރާއްޖެއަށް އެތެރެވެ، އެބަލިތައް ރާއްޖޭގެ ފަތްކެޔޮގަސްތަކަށް ފެތުރި، ފަތްކެޔޮ ހައްދާ ފަރާތްތަކަށް ބޮޑެތި ގެއްލުން ލިބުމަކީ އެކަށީގެންވާ ކަމެކެވެ. އަދި މިދުވަސްކޮޅަކީ، ފަތްކޭލަށްޖެހޭ ނުރައްކާތެރި ބަލިތައް ދުނިޔޭގައި ފެތުރެމުންދާ ދުވަސްވަރަކަށް ވުމުން އެއްޤައުމުން އަނެއް ޤައުމަށް ފަތްކެޔޮ އެތެރެކުރުމުގައި ސަމާލުވުމަށް ދުނިޔޭގެ ކާނާއާއި ދަނޑުވެރިކަމާއި ބެހޭ ޖަމިއްޔާއާއި (އެފް.އޭ.އޯ) އަދި  ފަތްކޭލުގެ ދިރާސާކުރާ ޖަމިއްޔާތަކުންވެސް ވަނީ އިލްތިމާސްކޮށްފައެވެ. އަދި މިފަދަ ބަލިތަކުގެ ސަބަބުން ރާއްޖޭގައި އެންމެ ގިނަ ޢަދަދަކަށް ހައްދާ ފަތްކޭލުގެ ބާވަތެއްކަމުގައިވާ ކެވެންޑިޝް  ވެރައިޓީ  ނެތިގެން ހިނގައިދާނެކަމުގެ އިންޒާރުވެސް ދުނިޔޭގެ ފަތްކެޔޮ ދިރާސާކުރާ ޖަމިއްޔާތަކުން ވަނީ ނެރެފައެވެ.     

 އަދި ކެޔޮގަނޑުގެ ބޭރުގައި މިގޮތަށް ކެޔޮފަތް އޮޅައިގެން ޓްރޭޑްކުރުމަކީ ބައިނަލްއަޤުވާމީ ފެންވަރުގައި ޢަމަލުކުރަމުންދާ އިންޓަނޭޝަނަލް ޕްލާންޓް ޕްރޮޓެކްޝަން ކޮންވެންޝަންއާއި ކޮޑެކްސްއާއި އިންޓަނޭޝަނަލް ސްޓޭންޑަޑް ފޯރ ފައިޓޯސެނިޓަރީ މެޝަރސްއާވެސް ޚިލާފުކަމެކެވެ.

ވީމާ، ޤާނޫނު ނަންބަރު: 2011/12 (ގަސްގަހާގެހި ޙިމާޔަތްކުރުމުގެ ޤާނޫނު)ގެ  20 ވަނަ މާއްދާގެ (ހ) ގެ (2) އަދި (6) ވަނަ ނަންބަރަށް ޙަވާލާދީ، އެ ޤާނޫނުގެ 34 ވަނަ މާއްދާގެ (ހ)ގެ ދަށުން، އިސްވެ ދެންނެވުނުފަދަ ބަލިތައް އެތެރެވުމާއި ފެތުރުން ހުއްޓުވުމަށްޓަކައި ބޭނުންވާ ފިޔަވަޅުތައް އެޅުމުގެ ގޮތުން ފަތްކެޔޮގަނޑުގައި ކެޔޮފަތް ނުވަތަ ގަހުގެ އެއްވެސް ބާވަތެއް ނުވަތަ ބައެއް އޮޅައިގެން ޕެކްކޮށްގެން ރާއްޖެ އެތެރެކުރުމަކީ މަނާކަމެއް ކަމުގައި ދެންނެވީމެވެ.

 

13 ނޮވެންބަރު 2017
ހޯދާ