ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްކާތެރިކަމާއެކު ކުނި އުކާލުމާއި ކުނި ނައްތާލުމާއި ބެހޭ އުޞޫލު އާންމު ކުރުމާބެހޭ

އިޢުލާން

ރައްކާތެރިކަމާއެކު ކުނި އުކާލުމާއި ކުނި ނައްތާލުމާއި ބެހޭ އުޞޫލު އާންމު ކުރުމާބެހޭ:

ދާންދޫގައި ރައްކާތެރިކަމާއެކު ކުނި އުކާލުމާއި ކުނި ނައްތާލުމާއި ބެހޭ އުޞޫލުގެ 6 ވަނަ މާއްދާގެ (ނ) އިސްލާހު ކުރުމަށްފަހު މިއިއުލާނާއެކު އާންމު ކުރެވިފައިވާ ވާހަކަ މައުލޫމާތައްޓަކައި ދަންނަވަމެވެ.

އިސްލާހު ކުރެވުނު ގޮތް:

(ނ) އަމިއްލަ އަށް ކުނި ކޮށްޓަށް ކުނި ގެންދިއުމަށް ބޭނުންވާ ފަރާތްތަކުން ކުނިކޮށްޓަށް ކުނި ގެންދެވޭނީ އެފަދަ ފަރާތްތައް ދާންދޫ ކައުންސިލްގެ އިދާރާގައި ރަޖިސްޓްރީ ވުމަށް ހުށަހަޅަންޖެހޭ އެނެސްކް 3ގައިވާ ފޯމް ފުރައި އަދި ދާންދޫ ކައުންސިލްގައި ރަޖިސްރީކޮށްގެންނެވެ. މި ގޮތަށް ރަޖިސްޓްރީވާ ފަރާތްތަކުން، ކޮންމެ މަހަކުވެސް އެފަރާތެއް މި ނިޒާމުގައި ރަޖިސްޓްރީ ކުރަންވާނެއެވެ. މިގޮތަށް ރަޖިސްޓްރީވާ ފަރާތްތަކުން ކޮންމެ މަހަކު ރަޖިސްޓްރީ ވުމަށް ފޯމް ހުށަހަޅާ އިރު އެ ފޯމާއި އެކު 100.00ރުފިޔާގެ ރަޖިސްޓްރީ ފީއެއް ދާންދޫ ކައުންސިލްގެ އިދާރާއަށް ދައްކަންވާނެއެވެ. އަދި މިގޮތަށް ރަޖިސްޓްރީ ވާ ފަރާތްތަކުން ހިނގާމަހުގެ ފުރަތަމަ 3 ދުވަހުގެ ތެރޭގައި ފޯމް ހުށަހަޅަންވާނެއެވެ.

 

މި އިއުލާނު ގެޒެޓުގައި ޝާއިއު ކުރާ ދުވަހުން ފެށިގެން މި އުސޫލަށް އަމަލު ކުރެވޭނެ ކަމުގައި ދަންނަވަމެވެ.

މިހެންވެ މިވާހަކަ ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

10  ޞަފަރު 1439

30 އޮކްޓޯބަރ 2017

 

ރައްކާތެރިކަމާއެކު ކުނި އުކާލުމާއި ކުނި ނައްތާލުމާއި ބެހޭ އުޞޫލް-2017

1-ތަޢާރަފް:

(ހ) މިއީ ޤާނޫނު ނަންބަރ 7/2010 (ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު)ގެ 151 ވަނަ މާއްދާއިން ކައުންސިލަށް ލިބިދޭ ބާރުގެ ދަށުން ހަދާފައިވާ ނަންބަރ: 2014/R-239ޤަވާޢިދުގެ 13ވަނަ މާއްދާއިން ބާރު ލިބިގެން އެޤަވާޢިދު ނަގަހައްޓާ ހިންގުމަށްޓަކާ ދާންދޫ ކައުންސިލުގެ 3 ވަނަ ދައުރުގެ 6ވަނަ ޢާންމު ޖަލްސާއިން ފާސްކޮށް ޢަމަލުކުމަށް ހަދާފައިވާ ރައްކާތެރިކަމާއެކު ކުނި އުކާލުމާއި ކުނި ނައްތާލުމާއި ބެހޭ އުޞޫލެވެ.

(ށ) މިއުޞޫލުގައި ބަޔާން ވެގެންވާނީ މިނިޒާމުގެ ދަށުން އަމަލުކުރާނެ ޢާންމު އުޞޫލުތަކާއި، ރައްކާތެރި ކަމާއެކު ކުނި ނައްތާލާ ނިޒާމުގައި ބައިވެރިވާ ފަރާތްތަކާއި އަދި އެނިޒާމުގައި ބައިވެރި ނުވާ ފަރާތްތައް ޢަމަލުކުރަންވީ ގޮތުގެ އުޞޫލުތަކެވެ.

(ނ) މި އުޞޫލަށް ޢަމަލު ކުރުމަށް ފެށުމާއެކު ކައުންސިލްގެ 2 ވަނަ ދައުރުގެ 48 ވަނަ ޢާންމު ޖަލްސާއިން ފާސްކޮށް ޢަމަލުކުމަށް ހަދާފައިވާ ކުނި އުކާލުމާއި ކުނި ނައްތާލުމާއި ބެހޭ އުޞޫލު 2015 ބާޠިލުވީއެވެ.

2-ޢަމަލު ކުރަން ފަށާ ތާރީޚް:

މި އުޞޫލަށް އަމަލުކުރަން ފަށާނީ، މި އުޞޫލު ގެޒެޓްގައި ޝާއިޢު ކުރާ ދުވަހުން ފެށިގެންނެވެ.

3-މިނިޒާމުގެ ދަށުން އަމަލުކުރާނެ ޢާންމު އުޞޫލުތައް

ކުނި ކޮށްޓަށް ކުނި އެޅުމުގައި އަމަލުކުރަންޖެހޭ ގޮތް:3.1

(ހ) ރަށުގައި އުފެދޭ އަދި އުފައްދާ އެންމެހާ ކުނިބުނިތައް އުކާލުމަށް އަދި ނައްތާލުމަށް ނުވަތަ ކުނި އަންދާލައިގެން ނައްތާލުމަށް ކުނި ޖަމާކުރާނީ ކައުންސިލް އިން ކުނިމެނޭޖްކުރުމަށް ކަނޑައަޅާފައިވާ ކުނި ކޮށްޓަށެވެ.

(ށ) ކުނި ކޮށްޓަށް ކުނި އަޅަންވާނީ ތަފާތު ކުނިތައް އެޅުމަށް ނަންބޯޑު ޖަހައި ފާހަނގަކުރެވިފައިވާ ތަންތަނަށް އެއްބާވަތުގެ ކުންޏެވެ.

(ނ) ކުނީގެ ގޮތުގައި ހިމެނޭ އެއްވެސް އެއްޗެއް މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ދާންދޫ ކުނިކޮށްޓަށް ނޫންތަނަކަށް އެއްވެސް ފަރާތަކުން އަޅައިގެން ނުވާނެއެވެ. މިއާ ޚިލާފަށް ދާންދޫ ކުނިކޮށްޓަށް ފިޔަވައި އެނޫންތަނަކަށް ކުނި އަޅައިފި ނަމަ ބެލެވޭނީ މި އުޞޫލާއި އަދި ދާންދޫގައި ކުނި އުކާލުމާއި ކުނި ނައްތާލުމާއި ބެހޭ ނަންބަރ: 2014/R-239ޤަޥާޢިދާ ޚިލާފުވީ ކަމަށެވެ.

(ރ) ކުނި އެޅުމަށް ޚާއްޞަކުރެވި ކަނޑައެޅިފައިވާ ތަނަށް ކުނި ނާޅައި އެނޫންތަންތަނަކަށް އެއްވެސް ފަރާތަކުން ކުނި އަޅައިފި ނަމަ ނުވަތަ މި އުޞޫލާއި އަދި ޤަޥާޢިދުގައި މަނާކޮށްފައިވާ ކަމެއް ކޮށްފިނަމަ މި އުޞޫލާއި ޤަޥާޢިދާ ޚިލާފުވީކަމަށް ބަލައި އެފަރާތަކާއި މެދު ދާންދޫގައި ކުނި އުކާލުމާއި ކުނި ނައްތާލުމާއި ބެހޭ ނަންބަރ: 2014/R-239ޤަޥާޢިދާއި މި އުޞޫލުގެ ދަށުން ޤާނޫނީ ފިޔަވަޅު އެޅޭނެއެވެ.

މި ނިޒާމުގައި ބައިވެރިވެވޭނެގ ގޮތްތަކާއި އަދި ފީނެގޭގޮތް: 3.2

(ހ) މި ނިޒާމުގައި ބައިވެރި ވުމަށްޓަކައި، "ރައްކާތެރި ކަމާއެކު ކުނި ނައްތާލުމުގެ ނިޒާމުގައި ބައިވެރިވުމަށް އެނެކްސް 2ގައިވާ ފޯމް ފުރުމަށް ފަހު ކައުންސިލް އިދާރާއަށް ހުށަހަޅަންވާނެއެވެ.

(ށ) މިނިޒާމުގައި ބައިވެރިވާ ފަރާތްތަކުން "ކުނި އުކާލުމާއި ކުނި ނައްތާލުމުގެ ވެވޭ އުޞޫލީ އެއްބަސްވުމުގައި" ސޮއިކުރަންވާނެއެވެ.

(ނ) މި ނިޒާމުގައި ބައިވެރިވާ ފަރާތްތަކުން ތިރީގައި މިދަންނާ ފީ މަހުގެ ފީގެ ގޮތުގައި ދާންދޫ ކައުންސިލްގެ އިދާރާއަށް ދައްކަންވާނެއެވެ.

1- މީހުން ދިރި އުޅޭ ކޮންމެ  ގޭބިސީއަކުން -/150ރުފިޔާގެ މަހުފީ

2- ސަރުކާގެ ޢިމާރާތަކުން -/250ރުފިޔާގެ މަހުފީ

3- ވިޔަފާރި ފިހާރަތަކުން -/200ރުފިޔާގެ މަހުފީ

5- ކެފޭ / ރެސްޓޯރެންޓް ތަކުން -/200ރުފިޔާގެ މަހުފީ

(ރ) މި ނިޒާމުގައި ބައިވެރިވާ ފަރާތްތަކުން ދާންދޫ ކައުންސިލްގެ އިދާރާއަށް ފީ ދައްކަންވާނީ ކުރިއަށް އޮންނަ މަހުގެ ފީ ހިނގަމުންދާ ކޮންމެ މީލާދީ މަހެއް ފުރަތަމަ 10 ދުވަހުގެ ކުރިންނެވެ.

(ބ) މިނިޒާމުގައި ބައިވެރިވާ ކޮންމެ ފަރާތަކަށްވެސް ފީކާޑެއް ދާންދޫ ކައުންސިލް ދޫކޮށްފައި އޮންނާނެއެވެ. ފީދައްކަން އަންނައިރު ފީކާޑު ގެންނަންވާނެއެވެ. ފީ ދެއްކުމަށްފަހު ކޮންމެ ފަރާތަކަށްވެސް ފައިސާ ބަލައިގެންފައި ދޫކުރާ ރަސީދު ދާންދޫ ކައުންސިލް އިން ދޫކޮށް ފީކާޑުގައި ފީ ދެއްކި މަހާއި ދިމާލުގައި ދާންދޫ ކައުންސިލްގެ ސިއްކަ ޖަހައި ސޮއިކުރާނެއެވެ.

(ޅ) މި ނިޒާމުގައި ބައިވެރިވާ ފަރާތްތަކުން އެއްބަސްވުމާއި އެއްގޮތަށް ފީ ނުދައްކާނަމަ އަންނަނިވި އުޞޫލުން އެ ފަރާތެއް ޖޫރިމާނާ ކުރެވޭނެއެވެ.

1- މީހުން ދިރި އުޅޭ ކޮންމެ  ގޭބިސީއަކުން -/150ރުފިޔާގެ މަހުފީ – މި ބައިން ޖޫރިމާނާ ކުރެވޭނީ ކަނޑައެޅިފައިވާ މުއްދަތަށްވުރެ އިތުރަށް ފީނުދައްކައިދާ ކޮންމެ ދުވަހަކަށް ފީގެ %2 ގެ ރޭޓުންނެވެ.

2- ސަރުކާގެ ޢިމާރާތަކުން -/250ރުފިޔާގެ މަހުފީ – މި ބައިން ޖޫރިމާނާ ކުރެވޭނީ ކަނޑައެޅިފައިވާ މުއްދަތަށްވުރެ އިތުރަށް ފީނުދައްކައިދާ ކޮންމެ ދުވަހަކަށް ފީގެ %2 ގެ ރޭޓުންނެވެ.

3- ވިޔަފާރި ފިހާރަތަކުން -/200ރުފިޔާގެ މަހުފީ – މި ބައިން ޖޫރިމާނާ ކުރެވޭނީ ކަނޑައެޅިފައިވާ މުއްދަތަށްވުރެ އިތުރަށް ފީނުދައްކައިދާ ކޮންމެ ދުވަހަކަށް ފީގެ %2 ގެ ރޭޓުންނެވެ.

4- ކެފޭ / ރެސްޓޯރެންޓް ތަކުން -/200ރުފިޔާގެ މަހުފީ – މި ބައިން ޖޫރިމާނާ ކުރެވޭނީ ކަނޑައެޅިފައިވާ މުއްދަތަށްވުރެ އިތުރަށް ފީނުދައްކައިދާ ކޮންމެ ދުވަހަކަށް ފީގެ %2 ގެ ރޭޓުންނެވެ.

(ކ) ފީ ދެއްކުން ލަސްވެ ޖޫރިމާނާ ވެފައިވާ ފަރާތްތަކުން ދާންދޫ ކައުންސިލްގެ އިދާރާއިން ފީ ބަލައިގަންނާނީ ވެފައިވާ ޖޫރިމާނާ ފައިސާ އެކުގައެވެ.

(އ) ކުނި ނެގުމަށް ދާން ހަމަޖެހިފައިވާ ގަޑިއަކީ، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދު 8:00 އިން ފެށިގެން ހަވީރު 14:00 އާއި ދެމެދުއެވެ.

(ވ) އުކާލުމަށް ބޭނުންވާ ކުނި ހުންނަންވާނީ ގޯތިން ކަނޑައަޅާ ދޮރޯއްޓެއްގެ ކައިރީގައި ގޯތި ތެރޭގައި ފަސޭހައިން ނެގޭގޮތަށް، ފަތްކުނި، ދަނގަޑު، ޕްލާސްޓިކް، ބިއްލޫރި، އަޅިއާއި ބާކީ، ނެޕީ، އިލެކްޓްރޯނިކް ކުނި، އަދި ޑަސްބިން (ކާބޯ ތަކެއްޗާއި، ކުނިވާ ޒާތުގެ ކުނި) ވަކިވަކީން އެއްޗިއްސަށް އަޅައި ބަންދު ކުރެވި ފަސޭހައިން އުފުލައި ގެންގުޅެވޭ ގޮތަށް ބެހެއްޓިފައެވެ.

(މ) މި މާއްދާގެ (ވ) ގައި ބަޔާންކޮށްފައިވާ ގޮތަށްކުނި ވަކިވަކިން ބެހެއްޓިފައި ނެތް ނަމަ އެދުވަހަކު އެގެއަކުން ކުނި އުކާ ނުލެވޭނެއެވެ. ދެން އެގެއަކުން ކުނި އުކާލެވޭނީ މި މާއްދާގެ (ވ) ގައިވާ ގޮތަށް ކުނި ވަކިކޮށް އެކަން އިސްލާޙު ކުރުމުން ޖެހިގެން އަންނަ ދުވަހުއެވެ.

(ފ) ޚާއްޞަ ޙާލަތުގައި އުފެދޭ ކުނިބުނިތައް އުކާލެވޭނީ ދަތުރަކަށް -/50ރުފިޔާ ދާންދޫ ކައުންސިލްގެ އިދާރާއަށް ދެއްކުމުންނެވެ. (ޚާއްޞަ ޙާލަތްކަމަށް ބުނެފައި އެވަނީ މި މައްދާގެ (ވ) ގައި ބަޔާންކޮށްފައިވާ ކުނި ފިޔަވައި އެނޫން ކުނިތަކަށެވެ.)

(ދ) ރަށުގައި ކުރިއަށްދާ އެކި އެކި ޕްރޮޖެކްޓްތަކުގެ ދަށުން ކުރާމަސައްކަތުގެ ތެރެއިން އުފެދޭ ކުނިބުނިތައް އުކާލަންވާނީވެސް މި އުޞޫލުގެ ދަށުންނެވެ. މިގޮތުން މިފަދަ ދަތުރުތައް ކުރާނީ ދަތުރަކަށް -/50ރުފިޔާ ދާންދޫ ކައުންސިލްގެ އިދާރާއަށް ދެއްކުމުންނެވެ.

4- ކުނި އެންދުން:

(ހ) އެއްވެސް މީހަކަށް ދޫކޮށްފައިވާ ގޮވައްޗެއްގެ ތެރޭގައި ނުވަތަ ބަންޑާރަ ބިމެއްގައި ވިޔަސް ކުނި އަންދާނަމަ ކުނިއަންދަންވާނީ އެކަން ކުރުމުގެ ކުރިން ކައުންސިލަށް ލިޔެ ލިޔުމަކުން ހުއްދަ ހޯދައިގެން އެހެންމީހުންނަށް ދަތިނުފޯރާ ގޮތެއްގެ މަތީންނެވެ.

(ށ) ގޭސް ރައްކާކުރެވިފައިވާ ތަކެއްޗާއި، ޕްލާސްޓިކް އަދި ފައިބަރ ފަދަ ތަކެއްޗާއި އެ އެއްޗެއް އެންދުމުގެ ސަބަބުން ނުބައިވަހެއް ދުވާފާނެތަކެތި، ޞިއްޙީގޮތުން ގެއްލުން ލިބިދާނެފަދަ ތަކެތި އަމިއްލަ ގޯތީގައި އެންދުމަކީ މަނާކަމަކަށްވާތީ މިފަދަ ތަކެތި ގޯތީގައި އެންދުމަށް ދާންދޫ ކައުންސިލުން އެއްވެސް ފަރާތަކަށް ހުއްދަ ނުކުރެވޭނެއެވެ.

(ނ) މި މާއްދާގެ (ހ) އަދި (ށ) އާއި ޚިލާފުވާ ފަރާތްތަކާމެދު، މި އުޞޫލާ އަދި ޤަވާޢިދާއި ޚިލާފުވީ ކަމަށް ބަލައި އެފަރާތަކާއި މެދު ދާންދޫގައި ކުނި އުކާލުމާއި ކުނި ނައްތާލުމާއި ބެހޭ ނަންބަރ: 2014/R-239ޤަޥާޢިދާއި އަދި މި އުޞޫލުގެ ދަށުންޤާނޫނީ ފިޔަވަޅު އެޅޭނެއެވެ.

5- މި އުޞޫލާއި ޚިލާފުވުމުން އަޅާނެ ފިޔަވަޅު:

(ހ) މި އުޞޫލާއި ޚިލާފު ވުމުން ފުރަތަމަ ފަހަރަށް އެފަރާތެއް ޙާޒިރުކޮށް އެކަމާބެހޭ ސުވާލުތައްކޮށް އިޢުތިރާފް ވާނަމަ ނުވަތަ ދެ ފަރާތެއްގެ ހެކިބަސް އެކަމަކަށް ލިބިފައިވާނަމަ އެފަރާތަކަށް މި އުޞޫލާއި ޚިލާފަށް ޢަމަލުނުކުރުމަށް ފޮތުގައިލިޔެ ނަޞީޙަތްދިނުމާއެކު އެމީހަކު އެކުރިކަމެއް ރަނގަޅު ކުރުމަށް އެންގޭނެއެވެ.

(ށ) މި އުޞޫލާއި އަދި ދާންދޫގައި ކުނި އުކާލުމާއި ކުނި ނައްތާލުމާއި ބެހޭ ޤަޥާޢިދާ ޚީލާފުވާ ފަރާތްތަކަށް ފުރަތަމަ ފަހަރަށް ނަޞީޙަތްދީ ރަނގަޅުކުރުމަށް އަންގާކަމެއް ރަނގަޅު ނުކޮށްފިނަމަ  ދާންދޫގައި ކުނި އުކާލުމާއި ކުނި ނައްތާލުމާއި ބެހޭ ނަންބަރ: 2014/R-239ޤަޥާޢިދުގެ ދަށުން މި އުޞޫލާއި ޤަޥާއިދުގައި ކަނޑައެޅިފައިވާ ކަންކަމަށް ކަނޑައެޅިފައިވާ މިންވަރަށް ޤާނޫނީފިޔަވަޅު އަޅައި އެފަރާތެއް މި އުޞޫލުގައިވާ ގޮތުގެ މަތީން ޖުރިމަނާ ކުރެވޭނެއެވެ.

(ނ) މިގޮތުން މި އުޞޫލާއި ޚީލާފުވާ ފަރާތްތަކަށް ފުރަތަމަ ފަހަރަށް ނަޞީޙަތްދީ އެކުރިކުށް އިސްލާޙު ނުކޮށް ދެވަނަ ފަހަރަށް ކުށް ތަކުރާރުކޮށްފި ނަމަ އެފަރާތެއް -/500ރ (ފަސްސަތޭކަ ރުފިޔާ) އިން ޖޫރިމަނާ ކުރެވޭނެއެވެ.

(ރ) 3 ވަނަ ފަހަރަށް ކުށް ތަކުރާރު ކޮށްފި ނަމަ އެފަރާތެއް -/1500ރ (ފަނަސަތޭކަ ރުފިޔާ) އިން ޖޫރިމަނާ ކުރެވޭނެއެވެ.

(ބ) 4 ވަނަ ފަހަރަށް ކުށް ތަކުރާރު ކޮށްފި ނަމަ އެފަރާތެއް -/4000ރ (ހަތަރުހާސް ރުފިޔާ) އިން ޖޫރިމަނާ ކުރެވޭނެއެވެ.

(ޅ) 4 ފަހަރަށްވުރެ އިތުރަށް ކުށްތަކުރާރު ކުރާ ކޮންމެ ފަހަރަކު އެފަރާތެއް -/5000ރ (ފަސްހާސް ރުފިޔާ) އިން ޖޫރިމަނާ ކުރެވޭނެއެވެ.

(ކ) މި އުޞޫލާއި އަދި ޤަޥާޢިދާ ޚިލާފުވާ ފަރާތްތަކަށް އެކަމެއް ރަނގަޅުކުރުމަށް އަންގާ އެއްވެސް ކަމެއް އެފަރާތަކުން ނުކޮށް ކައުންސިލުން ރަނގަޅު ކުރަން ޖެހިއްޖެނަމަ އެކަމަކަށް ދިޔަ ޚަރަދެއް މި އުޞޫލާއި ޚިލާފުވީ ފަރާތުން ކައުންސިލަށް ދައްކަންވާނެއެވެ.

6- ރައްކާތެރިކަމާއެކު ދާންދޫގައި ކުނިނައްތާލާ ނިޒާމުގައި އަމިއްލަ އަށް ކުނި ކޮށްޓަށް ކުނި ގެންދިއުމަށް ބޭނުންވާ ފަރާތްތަކުން ޢަމަލު ކުރަންވީ ގޮތުގެ އުޞޫލު:

(ހ) މި ނިޒާމުގައި އަމިއްލަ އަށް ކުނި ކޮށްޓަށް ކުނި ގެންދިއުމަށް ބޭނުންވާ ފަރާތްތަކުން ކުނި ކޮށްޓަށް ކުނި ގެންދެވޭނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ 8:00އިން 14:00 އާއި ދެމެދުއެވެ.

(ށ) އަމިއްލަ އަށް ކުނި ކޮށްޓަށް ކުނި ގެންދިއުމަށް ބޭނުންވާ ފަރާތްތަކުން ގެންދާ ކުނި އަޅަންވާނީ ތަފާތު ކުނިތައް އެޅުމަށް ކުނިކޮށީގައި ނަންބޯޑު ޖަހައި ފާހަނގަކުރެވިފައިވާ ތަންތަނަށް އެއްބާވަތުގެ ކުންޏެވެ.

(ނ) އަމިއްލަ އަށް ކުނި ކޮށްޓަށް ކުނި ގެންދިއުމަށް ބޭނުންވާ ފަރާތްތަކުން ކުނިކޮށްޓަށް ކުނި ގެންދެވޭނީ އެފަދަ ފަރާތްތައް ދާންދޫ ކައުންސިލްގެ އިދާރާގައި ރަޖިސްޓްރީ ވުމަށް ހުށަހަޅަންޖެހޭ އެނެސްކް 3ގައިވާ ފޯމް ފުރައި އަދި ދާންދޫ ކައުންސިލްގައި ރަޖިސްރީކޮށްގެންނެވެ. މި ގޮތަށް ރަޖިސްޓްރީވާ ފަރާތްތަކުން، ކޮންމެ މަހަކުވެސް އެފަރާތެއް މި ނިޒާމުގައި ރަޖިސްޓްރީ ކުރަންވާނެއެވެ. މިގޮތަށް ރަޖިސްޓްރީވާ ފަރާތްތަކުން ކޮންމެ މަހަކު ރަޖިސްޓްރީ ވުމަށް ފޯމް ހުށަހަޅާ އިރު އެ ފޯމާއި އެކު 100.00ރުފިޔާގެ ރަޖިސްޓްރީ ފީއެއް ދާންދޫ ކައުންސިލްގެ އިދާރާއަށް ދައްކަންވާނެއެވެ. އަދި މިގޮތަށް ރަޖިސްޓްރީ ވާ ފަރާތްތަކުން ހިނގާމަހުގެ ފުރަތަމަ 3 ދުވަހުގެ ތެރޭގައި ފޯމް ހުށަހަޅަންވާނެއެވެ.

(ރ) މި ގޮތަށް ޢަމަލު ނުކުރާ ފަރާތްތަކާއި އަދި ކުނި ކޮށްޓަށް ނޫންގޮތްގޮތަށް ރަށުގެ އެތަން މިތަނަށް ކުނި އުކާ ފަރާތްތަކާއި މެދު ޢަމަލު ކުރެވޭނީ، މި އުޞޫލުގެ 5ވަނަ މާއްދާގެ (ނ)، (ރ)، (ބ)، (ޅ) އަދި (ކ) އާއި އެއްގޮތަށް އެ އަކުރުތަކުގެ ދަށުންނެވެ.

7- ޖޫރިމަނާ ފައިސާ ބަލައިގަތުން:

(ހ) މި އުޞޫލާއި އަދި ދާންދޫގައި ކުނި އުކާލުމާއި ކުނި ނައްތާލުމާއި ބެހޭ ނަންބަރ: 2014/R-239 ޤަޥާޢިދާއި ޚިލާފުވެގެން ނެގޭ އެންމެހާ ޖޫރިމަނާފައިސާ ދައްކާނީ ދާންދޫ ކައުންސިލްގެ އިދާރާއަށެވެ. ޖޫރިމަނާ ފައިސާ ދާންދޫ ކައުންސިލްގެ އިދާރާއަށް ދެއްކުމަށް ފަހު ފައިސާ ބަލައިގަތް ކަމުގެ ރަސީދު އެމީހަކު ލިބިގަންނަންވާނެއެވެ.

(ށ) ޖޫރިމަނާ ކުރެވޭ ފަރާތްތަކަށް ޖޫރިމަނާ ފައިސާ ދެއްކުމަށް ދެވޭނެ މުއްދަތަކީ ޖޫރިމަނާ ކުރާ ދުވަހުން ފެށިގެން ރަސްމީ 7ދުވަހެވެ.

(ނ) އެއްވެސް ފަރާތަކަށް، ޖޫރިމަނާ ކޮށް ޗިޓު ހަވާލުކޮށްފި ނަމަ ޖޫރިމަނާ ކުރިފަރާތަށް ޖޫރިމަނާ ޗިޓުގެ އަސްލު ހަވާލުކުރުމަށް ފަހު ޗިޓުގެ 1 ކޮޕީ ދާންދޫ ކައުންސިލްގެ އިދާރާގެ ފައިސާ އާއި ބެހޭ ބަޔަށް ހަވާލުކުރަން ވާނެއެވެ. އަދި އަނެއްކޮޕީ ދާންދޫ ކައުންސިލްގެ އިދާރާގެ އިކޮނޮމިކް ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް ޔުނިޓުގައި އޮންނަންވާނެއެވެ.

8- ޝަރީޢަތުން ބަދަލު ހޯދުން:

މި އުޞޫލާއި ޤަޥާޢިދާއި ޚިލާފުވެގެން ޖޫރިމަނާ ޗިޓް ލިބިފައިވާ ފަރާތްތަކުން ކައުންސިލަށް ދައްކަންޖެހޭ ޖޫރިމަނާ ފައިސާ، އެއްވެސް ޙާލަތެއްގައި ކަނޑައެޅޭ މުއްދަތުގެ ތެރޭގައި ނުދައްކައިފިނަމަ އެފަދަ ފަރާތްތަކާއި މެދު ކޯޓްގައި ދައުވާކޮށްގެން އެ ފައިސާ ދާންދޫ ކައުންސިލުން އެފަރާތްތަކުން އެއްފަހަރާ ހޯދޭނެއެވެ.

9- މި އުޞޫލާއި އެއްގޮތަށް ޢަމަލުކުރުން:

ދާންދޫ ކައުންސިލުން ފާސްކޮށްގެން އިތުރު ވަކިގޮތެއް ނާންގާހާ ހިނދަކު ނުވަތަ މި އުޞޫލު ބާޠިލު ނުކުރާހާ ހިނދަކު މި އުޞޫލާއި އެއްގޮތަށް ދާންދޫގައި ކުނި އުކާލުމާއި ކުނި ނައްތާލުމާއި ބެހޭ ކަންކަން ކުރުވައި މި އުޞޫލާއި ޤަވާޢިދު ތަންފީޒް ކޮށް ނަގަހައްޓައި ހިންގަމުން ގެންދިއުން ދާންދޫގައި ކުނި އުކާލުމާއި ކުނި ނައްތާލުމާއި ބެހޭ ނަންބަރ: 2014/R-239 ޤަޥާޢިދުގެ ދަށުންދާންދޫ ކައުންސިލުގެ މައްޗަށް ލާޒިމުކުރެއެވެ.

10- އުޞޫލަށް ބަދަލު ގެނައުން:

މި އުޞޫލަށް ބަދަލު ގެނެވޭނީ ދާންދޫ ކައުންސިލުން ކަނޑައަޅާ ޤަވާޢިދު ކޮމިޓީ އިން ދިރާސާކޮށް ގެންނަންޖެހޭ ބަދަލެއް ދާންދޫ ކައުންސިލްގެ އާންމު ޖަލްސާއަކަށް ހުށަހަޅައި، ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އަޣްލަބިއްޔަތުން ފާސްކޮށްގެންނެވެ.

30 އޮކްޓޫބަރު 2017
ހޯދާ