މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ޚިދުމަތްތައް ވިޔަފާރިތަކުން ހޯދުމުންގެންދާ މައްސަލަ

ވާކް ވިސާގެ ދަށުން ދިވެހިރާއްޖޭގައި މަސައްކަތްކުރުމަށް ހުއްދަދެވިފާ އުސޫލުތަކާއި ޚިލާފަށް  މަސައްކަތަށް ފިލައިގެން އުޅޭ ބިދޭސީންގެ ޚިދުމަތް ބައެއް ވިޔަފާރިތަކުން ވަރަށް ބޮޑަށް ބޭނުންކުރަމުންދާކަން މި މިނިސްޓްރީގެ ސަމާލުކަމަށްވަނީ ގެނެވިފައެވެ. ޤާނޫނުތަކާއި، ގަވާއިދުތަކާއި އަދި އުސޫލުތަކާއި ޚިލާފަށް ވިޔަފާރިތަކުން ބިދޭސީ މަސައްކަތްތެރީންގެ ޚިދުމަތް ހޯދަމުންދިއުމަކީ، ދިވެހިރާއްޖެއަށް އެތެރެވާ ބިދޭސީ މަސައްކަތްތެރިން، ވަޒީފާދޭ ފަރާތްތަކަށް ފިލައިގެން ދިއުމާއި، ފިލައިގެން އުޅޭ ބިދޭސީން، އަމިއްލައަށް ގްރޫޕްތައް ހަދައިގެން، ވިޔަފާރިކުރުމުގެ ގަވާއިދުތަކާއި ޚިލާފަށް، ޚިދުމަތްތައް ފޯރުކޮށްދިނުމަށް މަގުފަހިވާކަމެއްކަމުގައި މި މިނިސްޓްރީއިން ދެކެމެވެ.

 

ފިލައިގެން އުޅޭ ބިދޭސީ މަސައްކަތްތެރީން ނުވަތަ ވާކް ވީސާގެ އުސޫލުތަކާއި ޚިލާފަށް ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ހަދާފައިވާ ގްރޫޕްތަކުގެ ޚިދުމަތް، ޕަބްލިކް އަދި ޕްރިވެޓް ސެކްޓަރ ވިޔަފާރިތަކުން ހޯދުމަކީ މި މިނިސްޓްރީއިން ނުހަނު ކަންބޮޑުވާކަމެއްކަމުގައި ދަންނަވަމެވެ. އަދި މަދުންނަމަވެސް ބައެއް ވިޔަފާރިތަކުން ކުރާ މިފަދަ އަމަލުތަކަކީ، ދިވެހިރާއްޖެއަށް މަސައްކަތްކުރުމަށް އެތެރެވާ ބިދޭސީ މަސައްކަތްތެރީނަށް ވަޒީފާއާބެހޭ ޤާނޫނުން ކަށަވަރުކޮށްދީފައިވާ ހައްޤުތައް ޔަޤީންކޮށްދިނުމަށް ކުރިމަތިވާ ގޮންޖެހުމެއް ކަމުގައި ދަންނަވަމެވެ. އަދި އެފަދަ ވިޔަފާރިތަކުން މިގޮތަށް ހޯދާ ޚިދުމަތްތަކަކީ، ޒިންމާ ނަގާނެ ވަޒީފާ ދޭ ފަރާތެއް ނެތުމުގެ ސަބަބުން، އިންސާނީ ވަގުފާރީގެ ޝިކާރައަކަށް ބިދޭސީ މަސައްކަތްތެރީން ހުށަހެޅިގެން ދިއުމަށް މެދުވެރިވާ ސަބަބެއްކަމުގައި މި މިނިސްޓްރީއިން ދެކެމެވެ.

 

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން މަސައްކަތްތެރީން މޯލްޑިވްސް އިމިގްރޭޝަނަށް ހުށަހަޅައިގެން ގަވާއިދާއި އެއްގޮތަށް ދިވެހިރާއްޖޭގައި މަސައްކަތްކުރާ ފަރާތްތަކަކަށް ހެދުމުގެ ފުރުޞަތު ވަޒީފާދޭ ފަރާތްތަކަށް ހުޅުވިފައި އޮތްކަން މި ފުރުޞަތުގައި ހަދުމަކޮށް އަރުވަމެވެ.

 

ވީމާ، ފިލައިގެން އުޅޭ އަދި ވަރކް ވިސާގެ ގަވާއިދުތަކާއި ޚިލާފަށް ޚިދުމަތް ފޯރުކޮށްދޭ ބިދޭސީ މަސައްކަތްތެރީންގެ ޚިދުމަތް ލިބިގަންނަ ވިޔަފާރިތައް ދެނެގަތުމުގެ މަސައްކަތް، ސަރުކާރުގެ ކަމާގުޅުން ހުރި އިދާރާތަށް ގުޅިގެން، މި މިނިސްޓްރީއިން ކުރަމުންދާނެ ވާހަކަ ދަންނަވަމެވެ. ހަމައެހެންމެ ދެންނެވުނު ފަދަ ބިދޭސީ މަސައްކަތްތެރީންގެ ޚިދުމަތްތައް ހޯދުން ހުއްޓާލުމަށް މި މިނިސްޓްރީއިން ވިޔަފާރިތަކަށް އަންގަމެވެ. އަދި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ބައިތިއްބާ، އަދި ޚިދުމަތް ހޯދާ ވިޔަފާރިތަކަކީ ކޮބައިކަން ދެނެގަނެ، އެފަދަ ވިޔަފާރިތަކާމެދު ފިޔަވަޅުއަޅާނެކަމުގައި ދަންނަވަމެވެ.

01 ޛުލްހިއްޖާ  1438

23 އޮގަސްޓް 2017
ހޯދާ