މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ޚިދުމަތް ‬ހޯދުމާ ‬ބެހޭ ‬އުޞޫލު‬ (2 ވަނަ އިޞްލާޙް)

 މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ޚިދުމަތް ހޯދުމާ ބެހޭ އުޞޫލު

ތަޢާރަފް:

މިއީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ޚިދުމަތް ހޯދުމުގައި ޢަމަލުކުރާނެ ގޮތް ބަޔާންކޮށްފައިވާ އުޞޫލެވެ. ޙައްޖަށް ދާން ފައިސާ ޖަމާކުރުމުގައި ޢަމަލުކުރަންޖެހޭ ގޮތާއި، ފައިސާއާ މެދު ކަންކުރެވޭނެ ގޮތާއި، ޙައްޖުގެ ޚިދުމަތް ދިނުމުގައި ޢަމަލުކުރެވޭނެ ގޮތާއި އަދި ޙައްޖަށްދާން ގަސްދުކުރާ ފަރާތްތަކަށް ހިންގާ ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކުގައި ބައިވެރިވުމާ ބެހޭ މައުލޫމާތު މި އުޞޫލުގައި ހިމަނާފައިވާނެއެވެ.މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންއަކީ ކުންފުންޏާއި ބެހޭ ޤާނޫނޫ (ޤާނޫނު ނަންބަރު 10/96) ގެ 95 ވަނަ މާއްދާގެ ދަށުން ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ (ޤަރާރު ނަންބަރު:05/2013) އުފައްދަވާފައިވާ ދިވެހި ސަރުކާރުގެ ސަތޭކަ ޕަސެންޓު ހިއްސާ އޮންނަ ކުންފުންޏެކެވެ. މި ކުންފުންޏަށް ދިވެހިރާއްޖެއަށް ލިބޭ ޙައްޖު ކޯޓާގެ %50 ދިނުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒުންވަނީ ހަމަޖައްސާފައެވެ. މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ މަޤްޞަދުތަކުގެ ތެރޭގައި ޙައްޖަށް ދާން ގަސްދުކުރާ ފަރާތުގެ ފައިސާ އަމާނާތްތެރިކަމާއި އެކު ބަލަހައްޓާ، ލުއިފަސޭހަގޮތަކަށް ޙައްޖުގެ އަޅުކަންތައްތައް ކުރެވޭނެ މަގު ތަނަވަސްކުރުން ހިމެނެއެވެ.

02 މާޗް 2014 އިން ފެށިގެން ކޮންމެ ދިވެހި ރައްޔިތަކަށްވެސް ވެސް ޙައްޖަށް ދިއުމަށް ގަސްދުކުރާ ހިސާބުން، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގައި އެކައުންޓެއް ހުޅުވިދާނެއެވެ.

 

1. މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ މެމްބަރަކަށްވުން

(ހ) މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން މެދުވެރިކޮށް ޙައްޖަށް ދިއުމަށް ފައިސާ ދެއްކޭނީ، ހަމައެކަނި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ މެމްބަރަކަށެވެ. ކޮންމެ ވަގުތެއްގައިވެސް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ މެމްބަރަކަށްވުމަށް ހުށަހެޅިދާނެއެވެ.

(ށ) މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ މެމްބަރަކަށް ވުމަށްޓަކައި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގައި ޙައްޖު އެކައުންޓެއް ހުޅުވުމަށް ކަނޑައަޅާފައިވާ ފޯމު، 500 ރުފިޔާއާ އެކު ހުށަހެޅުމުން، ޙައްޖު  އެކައުންޓެއް ރަޖިސްޓްރީކުރެވޭނެއެވެ. އަދި އަލަށް ހުޅުވޭ ކޮންމެ އެކައުންޓެއްގައި ފޯމާއެކު އެފަރާތަކުން ދައްކާފައިވާ 500 ރުފިޔާ ޖަމާކުރެވިފައިވާނެއެވެ.   

(ނ) މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގައި އެކައުންޓެއް ހުޅުވުނުކަން ޔަޤީންކޮށްދިނުމަށްޓަކައި، އެކައުންޓު ހުޅުވާ ކޮންމެ ފަރާތަކަށްވެސް، މެމްބަރޝިޕް ރަޖިސްޓްރޭޝަން ނަންބަރެއް ދެވޭނެއެވެ.

(ރ) ޙައްޖު ދަތުރު ނިންމުމަށްފަހު، އެކައުންޓުގެ ޚިދުމަތް މެދުކަނޑާލުމަށް ފުރަންޖެހޭ ފޯމު ހުށަހަޅަންޖެހޭނެއެވެ.

(ބ) ޙައްޖަށް ދާން ބޭނުންވާ ފަރާތުގެ ބަދަލުގައި އެހެން ފަރާތަކަށްވެސް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގައި ރަޖިސްޓްރީވުމަށް ފޯމު ހުށަހެޅިދާނެއެވެ. މިފަދައިން ރަޖިސްޓްރީވުމަށް ގެންނަ ފޯމުގައި، ބަދަލުގައި ފޯމު ހުށަހަޅަން ހުއްދަދިން ކަމަށް ހެކިވާ ދެފަރާތުގެ ސޮއި އަދި އިއިޑީ ކާޑުގެ އިތުރުން، ރަޖިސްޓްރީވުމަށް ހުށަހަޅާ ފޯމު ހުށަހަޅަންޖެހޭނީ، ބަދަލުގައި ފޯމު ހުށަހަޅަން ހުއްދަދިން ކަމަށް ހެކިވާ ދެ ހެކިން ކުރެ ކޮންމެވެސް އެއް ފަރާތެކެވެ.

 

2. މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ޙައްޖަށް ގެންދާ ފަރާތްތައް އިޢުލާނުކުރުން

(ހ) މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ޙައްޖަށް ގެންދާ ފަރާތްތައް ކަނޑައަޅައި، އިޢުލާނުކުރާނީ ކޮންމެ އަހަރަކުވެސް ޙައްޖަށް އެ އަހަރަކު މީހުން ގެންދިއުމަށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ކަނޑައަޅާ އަގު އިޢުލާނުކުރުމަށްފަހު، ޖަމްލަ 52,473.75 (ފަންސާސް ދެ ހާސް ހަތަރު ސަތޭކަ ހަތްދިހަ ތިން ރުފިޔާ ހަތްދިހަ ފަސްލާރި) ދައްކާ ޚަލާސްކޮށްފައިވާ ތަރުތީބުންނެވެ.

(ށ) އެ އަހަރެއްގައި ޙައްޖަށް ދިއުމަށް ކަނޑައެޅޭ އަގު ދައްކާ ޚަލާސްކޮށްފައިވާ ފަރާތްތަކުގެ ޢަދަދުން ޙައްޖަށް ގެންދަންޖެހޭ ފަރާތްތަކުގެ ކޯޓާގެ ޢަދަދު ހަމަނުވާނަމަ، ދެން އިސްކަންދެވޭނީ އެ އަހަރެއްގައި ޙައްޖަށް ދިއުމަށް ކަނޑައެޅޭ އަގު ދައްކާ ޚަލާސްވުމަށް އެންމެ ގާތްވެފައިވާ ފަރާތްތަކަށެވެ.

(ނ) މި ނަންބަރުގެ (ށ) ގައި ބަޔާންކޮށްފައިވާ އުޞޫލުގެ މަތިން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ޙައްޖަށް ގެންދާ ފަރާތްތައް ކަނޑައަޅައި، އެފަރާތްތަކަށް، އެ އަހަރަކު ޙައްޖަށް ދިއުމަށް އެދި ދަޢުވަތެއް (އޮފަރ ލެޓަރއެއް) ފޮނުވޭނެއެވެ. މި އޮފަރ ލެޓަރ ގައި ކޮންމެ ފަރާތަކުންވެސް އެއަހަރު ޙައްޖަށް ދިއުމަށްޓަކައި ބާކީ ދައްކަންޖެހޭ ފައިސާ ގެ ޢަދަދާއި، އެ ޢަދަދު ދައްކާ ޚަލާސް ކުރަންޖެހޭ މުއްދަތު ބަޔާންކޮށްފައި ވާނެއެވެ.

(ރ) މި ނަންބަރުގެ (ނ) ގައި އެއަހަރު ޙައްޖަށް ދިއުމަށްޓަކައި ބާކީ ދައްކަންޖެހޭ ފައިސާ ޢަދަދު ކަމުގައި ބަޔާންކޮށްފައި އެވަނީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގައި ޙައްޖު އެކައުންޓު ހުޅުވުމަށްފަހު ފައިސާ ޖަމާކުރަމުން ދިޔަ ނަމަވެސް، އެއަހަރަކު ޙައްޖަށް ގެންދިއުމަށް ކަނޑައަޅައި، އިޢުލާނުކުރާ އަދަދަށް އެކައުންޓުގައި ފައިސާ ނެތް ހާލަތެއްގައި، އެއަހަރަކު ޙައްޖަށް ގެންދިއުމަށް ކަނޑައަޅައި، އިޢުލާނުކުރާ އަދަދާއި، އެ ފަރާތެއްގެ ޙައްޖު އެކައުންޓުގައި ހުރި އަދަދުގެ ތަފާތަށެވެ.

(ބ) މި ނަންބަރުގެ (ހ) ގައިވާ ގޮތުގެ މަތިން، އެއަހަރަކު ޙައްޖަށް ގެންދިއުމަށް ކަނޑައަޅާ ފަރާތްތަކަށް،  ޙައްޖަށް ދިއުމަށް އެދި ދަޢުވަތެއް (އޮފަރ ލެޓަރއެއް) ފޮނުވުމުން، އެ އަހަރު ޙައްޖަށް ދާން ބޭނުންވާ ކަމަށް ލިޔުމަކުން ޖަވާބު ދިނުމުން ފުދޭނެއެވެ.

(ޅ) އެއަހަރަކު ޙައްޖަށް ގެންދިއުމަށް ކަނޑައަޅައި، އިޢުލާނުކުރާ އަދަދަށްވުރެ ގިނައިން އެކައުންޓުގައި ފައިސާ ހުރެއްޖެނަމަ، ބާކީ ޢަދަދު އެ ފަރާތަކަށް ރައްދުކޮށްދެވޭނެއެވެ.

(ކ) މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ޙައްޖަށް ގެންދަން އޮފަރ ލެޓަރ ފޮނުވާ ފަރާތްތަކުގެ ލިސްޓަކާއި އަދި އެ އަހަރަކު ޙައްޖަށް ގެންދާ ފަރާތްތަކުގެ ފައިނަލް ލިސްޓެއް ޢާއްމުކޮށް ޝާއިޢުކުރެވޭނެއެވެ.

(އ) މި ނަންބަރުގައިވާ ގޮތުގެ މަތިން ޙައްޖަށް ދިއުމަށް ފުރުޞަތު ދެވޭ އެއްވެސް ފަރާތަކަށް، ޚާއްސަ ހާލަތެއްގައި މެނުވީ އެ ފަރާތެއްގެ ކޯޓާ، އެހެންފަރާތަކަށް ބަދަލެއް ނުކުރެވޭނެއެވެ. ޚާއްސަ ހާލަތެއްތޯ ކަނޑައަޅާނީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ޑިރެކްޓަރުންގެ ބޯޑުންނެވެ.

 

3. މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ޙައްޖަށް ދިއުމަށް ފައިސާ ޖަމާކުރުމަށް/ރައްކާކުރުމަށް ހަދާފައިވާ ޕެކޭޖުތައް

(ހ) މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ޙައްޖަށް ދިއުމަށް ފައިސާ ޖަމާކުރުމަށް/ރައްކާކުރުމަށް ކުރު މުއްދަތެއްގައި ގަނޑުކޮށް ފައިސާ ދެއްކޭ އަދި ދުރާލާ ރާވައިގެން ފައިސާ ދެއްކޭ ސޭވިންގް ޕެކޭޖުތަކެއް އިޢުލާނުކުރާނެއެވެ.

(ށ) ކުރު މުއްދަތެއްގައި ގަނޑުކޮށް ފައިސާ ދެއްކޭ ޕެކޭޖުތަކުގައި އެއްފަހަރާ ޙައްޖަށް ދިއުމަށް ދައްކަންޖެހޭ ޢަދަދު އަހަރުގެ ކޮންމެ ވަގުތަކުވެސް ދެއްކިދާނެއެވެ. މިގޮތަށް ނަގާ ފައިސާ ބެހެއްޓޭނީ ވަދީއާ ޔަދު ޟަމާނާގެ އުޞޫލުން، ގެރެންޓީއާއި އެކު ފައިސާ ރައްކާތެރިކަމާއި އެކު ބަލަހައްޓާ އުޞޫލުންނެވެ.

(ނ) ދުރާލާ ރާވައިގެން ފައިސާ ދެއްކޭ ސޭވިންގް ޕެކޭޖުތަކުގައި ޙައްޖަށް ދިއުމަށް އަގު ދައްކަންޖެހޭނީ ބައިބަޔަށް ބަހާލައިގެންނެވެ.

(ރ) މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުގެ އެކައުންޓުގައި ޖަމާކުރާ ފައިސާ، އެ ފައިސާ ޖަމާކުރާ ފަރާތަކަށް އަނބުރާ ލިބޭނީ ހަމައެކަނި ޙައްޖުގެ އަޅުކަން ކުރުން އެފަރާތަކަށް ވާޖިބު ނުވާ ޙާލަތެއް ދިމާވެއްޖެ ނަމައެވެ. ނުވަތަ އެހެން ފަރާތެއް މެދުވެރިކޮށް ޙައްޖަށް ދާން ބޭނުންވާކަން ލިޔުމަކުން ކޯޕަރޭޝަނަށް އެންގުމުންނެވެ.

(ބ) މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންއަށް ޖަމާކުރާ ފައިސާއިން އެއްވެސް އިންވެސްޓުމަންޓެއް އެކޯޕަރޭޝަނުން ކުރާނީ، އެ އިންވެސްޓްމަންޓެއް ކުރުމަށް ޑިރެކްޓަރުންގެ ބޯޑުން އެކުލަވާލާ އިންވެސްޓުމަންޓު ކޮމިޓީއިން ހުއްދަ ލިބިފައިވާ ޝަރީޢާ ހުއްދަކުރާ އިންވެސްޓުމަންޓެއްކަމަށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ގެ ޝަރީޢާ އެޑްވައިޒަރީ ކޮމިޓީން ނުވަތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޝަރީޢާ އެޑްވައިޒަރީ ކައުންސިލުން ނުވަތަ އިސްލާމީ މާލީ ޚިދުމަތެއް ފޯރުކުރާ މާލީ އިދާރާއެއްގެ ޝަރީޢާ އެޑްވައިޒަރީ ކޮމިޓީން ނިންމާފައިވާނަމައެވެ. އަދި ކޮންމެ ސޭވިންގް އެކައުންޓު ހޯލްޑަރެއްގެ އެކައުންޓުން މިގޮތުން ކުރެވޭ އިންވެސްޓުމަންޓަކުން ލިބޭ ފައިދާގެ %95 ފައިދާ ބަހާނީ އެ ސޭވިންގް އެކައުންޓު ހޯލްޑަރެއްގެ އެކައުންޓުން އިންވެސްޓުކުރެވުނު ނިސްބަތުން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގައި ސޭވިންގް އެކައުންޓު ހުޅުވާފައިވާ، އެ އިންވެސްޓުމަންޓު ކުރެވޭ ސޭވިންގް އެކައުންޓު ހޯލްޑަރުންގެ މެދުގައެވެ. މިފަދަ އިންވެސްޓުމަންޓުތަކުން ލިބޭ ގެއްލުމުގެ ޒިންމާ ނަގާނީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުންނެވެ. އަދި ޙައްޖަށް ދާން ފައިސާ ޖަމާކުރާ ފަރާތަކުން ޖަމާކޮށްފައިވާ ފައިސާގެ ޢަދަދަކަށް އެއްވެސް އުނިކަމެއް ނާންނާނެއެވެ.

(ޅ) މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންއަށް ޖަމާކުރާ ފައިސާ ބަލަހައްޓާނީ އެކަމަށް ޚާއްސަކޮށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ހުޅުވާ އެކައުންޓެއްގައި ނުވަތަ އެކައުންޓުތަކެއްގައެވެ.

(ކ) ކޮންމެ އަހަރަކުވެސް އެކައުންޓު ހުޅުވާ ފަރާތްތަކުގެ ފައިސާ އިން ޒަކާތަށް ދައްކަން ޖެހޭ މިންވަރު، އެ އެކައުންޓުގެ ވެރިފަރާތުގެ ބަދަލުގައި، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ދައްކައިދީ، ޒަކާތް ދެއްކި މިންވަރު އެނގޭފަދަ ލިޔުމެއް ޢާއްމުކުރާނެއެވެ.

(އ) މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނަށް ފައިސާ ދެއްކުމުގައި ކޯޕަރޭޝަންގެ މެމްބަރުގެ ވަޒީފާއިން ލިބޭ އާމްދަނީން ކޮންމެ މަހަކު ވަކި މިންވަރެއް ކޯޕަރޭޝަންގެ އެކައުންޓަށް ޖަމާވާގޮތަށްވެސް ހަމަޖެއްސިދާނެއެވެ.

 

4. މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ޙައްޖަށް ގެންދާ ފަރާތްތަކުގެ ކިބައިގައި ހުރުން ލާޒިމް ޝަރުތުތައް

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ޙައްޖަށް ގެންދާ ކޮންމެ ފަރާތެއްގެ ކިބައިގައިވެސް ތިރީގައިވާ ޝަރުތުތައް ފުރިހަމަވާންޖެހޭނެއެވެ.

(ހ) ދިވެހި ރައްޔިތެއްކަމުގައިވުން (ބިދޭސީއެއްނަމަ މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒުން ހުއްދަ ދޭފަރާތެއް ކަމުގައިވުން)

(ށ) 45 އަހަރުން ދަށުގެ އަންހެނަކުނަމަ ޙައްޖަށް ދެވޭނީ މަޙުރަމަކާއެކުއެވެ. (ނަމަވެސް 45 އަހަރުން ދަށުގެ އަންހެނަކަށް މަޙުރަމަކާ ނުލާ މެމްބަރެއްގެ ގޮތުގައި ރަޖިސްޓްރީވެވިދާނެއެވެ.)

(ނ) 18 އަހަރުން ދަށުގެ ކުއްޖަކު ނަމަ، ބެލެނިވެރިޔަކާއި އެކު ރަޖިސްޓްރީވުން

(ރ) ސިއްޙީގޮތުން ޙައްޖުގެ އަޅުކަން އަދާކުރެވޭނެ ފަރާތެއްކަމުގައިވުން

(ބ) ޤާނޫނީ ގޮތުން ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދަ އޮތް ފަރާތެއްކަމުގައިވުން

 

5. ޙައްޖަށް މީހުން ނެގުމުގައި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން އިސްކަންދޭނެ ފަރާތްތައް:

ތިރީގައިވާ ކަންކަމަށް ރިއާޔަތްކުރުމަށްފަހު މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުގައި ރަޖިސްޓްރީވާ ފަރާތްތަކުގެ ތެރެއިން ޙައްޖަށް މީހުން ގެންދިއުން ތަރުތީބުކުރެވިދާނެއެވެ.

(ހ) އަލަށް (ފަރުޟު) ޙައްޖަށްދާ ފަރާތަކަށް

(ށ) ޙައްޖަށް ދިއުމަށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ކަނޑައަޅާ އަގު ދައްކާ ޚަލާސްކުރާ ފަރާތްތަކަށް

 

6. މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ކޯޓާއިން އިދާރީ ކަންތައްތަކަށާއި އަދި ސަރުކާރަށް ޚާއްސަކުރާ އަދަދު

(ހ) ޙައްޖުވެރިންނަށް ޚިދުމަތްކުރުމަށްޓަކައި އެހީތެރިވެދިނުމަށް ގެންދެވޭ ފަރާތްތަކަށް، ޖުމްލަ ކޯޓާއިން ވަކި ޢަދަދެއް ޚާއްޞަކުރެވޭނެއެވެ. އެ އަދަދު ކަނޑައަޅާނީ ކޮންމެ އަހަރަކުވެސް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ޑިރެކްޓަރުންގެ ބޯޑުންނެވެ.

(ށ) މޯލްޑިވްސް ހައްޖު ކޯޕަރޭޝަނަށް ލިބޭ ޖުމްލަ ކޯޓާއިން ސަރުކާރުން ކަނޑައަޅާ ފަރާތްތަކެއް ގެންދިއުމަށް ކޮންމެ އަހަރަކުވެސް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނަށް ލިބޭ ކޯޓާގެ %1 އަށް ވުރެ އިތުރު ނޫން ޢަދަދެއް ކަނޑައެޅޭނެއެވެ. އެ އަދަދު ކަނޑައަޅާނީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ޑިރެކްޓަރުންގެ ބޯޑުންނެވެ. ނަމަވެސް މިފަދައިން ކޯޓާ އެކަށައެޅުމަށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނަށް އެދެންވާނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒުންނެވެ.

 

7. މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ހިންގާ ޙައްޖާއި ޢުމްރާއަށް ދިއުމަށް ތައްޔާރުވާ ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކުގައި ބައިވެރިވުން

(ހ) މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ހިންގާ ޙައްޖާއި ޢުމްރާއަށް ދިއުމަށް ތައްޔާރުވާ ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކުގައި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގައި ރަޖިސްޓްރީވެފައިވާ ކޮންމެ މެންބަރަކަށްވެސް ހިލޭ ބައިވެރިވުމުގެ ފުރުޞަތު އޮންނާނެއެވެ.

(ށ) މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ހިންގާ ޙައްޖާއި ޢުމްރާއަށް ދިއުމަށް ތައްޔާރުވާ ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކުގެ ތެރެއިން މަދުވެގެން އެއް ޕްރޮގްރާމުގައި އެ އަހަރަކު ޙައްޖަށް ދާން ހޮވާ ފަރާތްތަކުން ބައިވެރިވާންޖެހޭނެއެވެ. އެއީ ޙައްޖުގެ އަޅުކަމުގެ މާހައުލަށާއި، ދިމާވެދާނެ ގޮންޖެހުންތަކަށް ނަފްސު ތައްޔާރުކުރުވައި، އަޅުކަންކުރާނެ ގޮތް ދަސްކޮށްދިނުމުގެ ބޭނުމުގައެވެ.

 

8. ޚިދުމަތުގެ ފެންވަރާއި މެދު ޝަކުވާ ހުށަހެޅޭނެ ނިޒާމު

ކޮންމެ އަހަރަކުވެސް، އެއަހަރަކު މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ޙައްޖަށް މީހުން ގެންދާ އަގު އިޢުލާނުކުރުމާއި އެކު، އެ އަހަރަކު ދޭން ހަމަޖެހިފައިވާ ޚިދުމަތުގެ ފެންވަރު ހާމަކުރާނެއެވެ. އަދި މި މައުލޫމާތު ޢާއްމުކޮށް ހާމަކުރެވޭނެއެވެ. އެހެންކަމުން، ޙައްޖު ދަތުރު ނިންމުމަށް ފަހު، ރާއްޖެއަށް އެނބުރި އަންނަތާ، ދެ މަސް ދުވަހުގެ ތެރޭގައި، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ޙައްޖަށް ދިޔަ ކޮންމެ ފަރާތަކުންވެސް، ޚިދުމަތުގެ ފެންވަރު ބަލާ ފޯމު ފުރިހަމަކޮށް، އެއްވެސް ޝަކުވާއެއް އޮތް ނަމަ، މި ފޯމު މެދުވެރިކޮށް، އެ ޝަކުވާއެއް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނަށް ހުށަހަޅަންވާނެއެވެ. އަދި މިގޮތަށް ޝަކުވާ ހުށަހަޅާއިރު، އެ ފަރާތެއްގެ ނަޒަރުގައި އެ ކަމެއް އިސްލާހުކުރުމަށް ކުރަންވީ ކަންތައްތައް ބަޔާންކުރުމަކީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ބާރުއަޅާ ކަމެކެވެ.

 

9. މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ މެންބަރުކަމުން ވަކިވުމާއި މެމްބަރޝިޕް ބަދަލުކުރުން

(ހ) މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ މެމްބަރަކު ޙައްޖަށް ނުވަތަ ޢުމްރާއަށް ދިއުމުގެކުރިން މެންބަރުކަމުން ވަކިވާންޖެހޭފަދަ ޟަރޫރީ ޙާލަތެއް މެދުވެރިވެއްޖެނަމަ، އެ ޙާލަތު ބަޔާންކޮށް ވަކިވާން އެދޭކަމުގެ ސިޓީއެއް ކޯޕަރޭޝަނަށް ހުށަހަޅަންޖެހޭނެއެވެ. އަދި މިފަދަ ޙާލަތެއްގައި އެފަރާތެއްގެ އެކައުންޓުގައި ހުރި ފައިސާ އަނބުރާ ދެވޭނެއެވެ.

(ށ) މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ މެމްބަރަކު ޙައްޖަށް ނުވަތަ ޢުމްރާއަށް ދިއުމުގެކުރިން ވިޔަސް އަދި ފަހުންވިޔަސް އެފަރާތެއްގެ މެމްބަރުކަން އެހެން ފަރާތަކަށް ބަދަލުނުކުރެވޭނެއެވެ. ނަމަވެސް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ މެމްބަރަކު ޙައްޖަށް ނުވަތަ ޢުމްރާއަށް ނުދެވެނީސް ނިޔާވެއްޖެނަމަ، އެފަރާތެއްގެ ބަދަލުގައި ޙައްޖަށް ދިއުމަށް އައްޔަން ކޮށްފައިވާ ފަރާތުގެ ނަމަށް ނިޔާވާ ފަރާތުގެ އެކައުންޓު ބަދަލުކޮށްދެވޭނެއެވެ. ނިޔާވުން ފަދަ ޙާލަތެއް ދިމާވެގެން ބަދަލުގައި ޙައްޖަށް ނުވަތަ ޢުމްރާ އަށް ތިމާގެ ފަރާތުންދާނެ ފަރާތެއް އައްޔަންކުރާނީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ މެމްބަރަކަށް އެދި ހުށަހަޅާ ފޯމުގައެވެ.

(ނ) މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ މެންބަރަކަށް ޙައްޖަށް ދިއުމުގެ ފުރުޞަތު ލިބުމަށްފަހު މެންބަރުކަމުން ވަކިވާންޖެހޭފަދަ ޟަރޫރީ ޙާލަތެއް މެދުވެރިވެގެން ވަކިވާނަމަ، އެފަރާތެއްގެ އެކައުންޓުގައިވާ ފައިސާ ރައްދުކުރެވޭނީ، އެފަރާތެއްގެ ޙައްޖު ދަތުރަށް ޚަރަދުތަކެއް ކުރެވިފައިވާނަމަ އެ ޚަރަދުތަކެއް ކަނޑައި ބާކީ ހުރި ޢަދަދެވެ. އަދި އެ ފައިސާ އެ ފަރާތަކާ ޙަވާލުކުރެވޭއިރު އެ ޚަރަދުތަކުގެ ތަފްޞީލް ބަޔާންކޮށްފައިވާ ލިޔުމެއް ދެވޭނެއެވެ.

 

ނިންމުން:

މަތީގައި ބަޔާންކޮށްފައި އެވަނީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ޙައްޖަށް އަދި ޢުމްރާ އަށް ދިއުމަށް ފައިސާ ދެއްކުމާއި އަދި އެހެނިހެން ޚިދުމަތްތައް ހޯދުމާ ބެހޭ ގޮތުން މި ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން 19 އޮކްޓޯބަރ 2014 ވަނަ ދުވަހު ފާސްކޮށްފައިވާ އުޞޫލަށް އިޞްލާޙު ގެނެވި 1 މާރިޗް 2016 ގައި ގެނެވުނު އިޞްލާޙާއި 3 މާރިޗް 2017 ގައި ގެނެވުނު  އިސްލާހާއި އެކު ޝާއިޢުކުރެވުނު އުޞޫލެވެ. އަދި މި އުޞޫލަށް އެއްވެސް އުނި އިތުރެއް ގެންނަން ޖެހިއްޖެނަމަ، އެ ގެނެވުނު އިޞްލާޙު ޢާއްމުކޮށް އިޢުލާނު ކުރާނެއެވެ.

02 މޭ 2017
ހޯދާ